ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ފަނަރަވަނަ މެޗުން އެސްބީއައި އަދި ސޯޅަވަނަ މެޗުން އެރީނާ ހޮޓެލްސް މޮޅުވެއްޖެއެވެ. މި މުބާރާތުގެ ހަ މެޗު ރޭގައި ކުޅެފައިވާއިރު، ރޭ ކުޅެވުނު ހަ މެޗުގެ ތެރެއިން ފަހު ދެ މެޗަށް ބަލާލާއިރު:
މެޗު 15
ފަނަރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ އެއްވަނައިގައި އޮތް ބަރޮސް މޯލްޑިވްސް އާއި ތިންވަނައިގައި އޮތް އެސްބީއައި އެވެ. ފުރަތަމަ މެޗުން ފަސޭހަކަމާއިއެކު ބަރޮސް މޮޅުވިއިރު، އެސްބީއައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
ފަސޭހަކަމާއިއެކު ބަރޮސް މޮޅުވާނެ ކަމަށް ބެލެވުނު މި މެޗުގައި ފެނުނީ އެހެން މަންޒަރެކެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެ ހަތަރުވަނަ މިނެޓުގައި، މުޙައްމަދު ނަޒީހު ޖަހައިދިން ލަނޑުން ބަރޮސް ލީޑު ނެގި ނަމަވެސް، ފަހަތުން އަރައި ތިން ލަނޑު ޖަހައި އެސްބީއައި މި މެޗު ކާމިޔާބު ކުރިއެވެ. މެޗުގެ ކުރީކޮޅު ބަރޮސް އިން ލީޑު ނެގި ނަމަވެސް، މާ ގިނައިރެއްނުވެ އެސްބީއައި ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ނުވަވަނަ މިނިޓްގައި އުނޭސް އަޙްމަދު ޖަހައިދިން ލަނޑުންނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި އެސްބީއައި އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން އުފައްދަމުން ދިޔަ ހަމަލާތައް ހުއްޓުވުމުގައި ބަރޮސްއަށް ކާމިޔާބު ހޯދުނީ 24 ވަނަ މިނިޓާއި ހަމައަށެވެ. 25 ވަނަ މިނެޓުގައި ޢަބްދުﷲ ތަހުޝީނު ނަގައިދިން ލީޑު 37 ވަނަ މިނެޓުގައި އޭނާ ފުޅާކޮށްދިނެވެ. ލަނޑު ޖަހާނެ ފުރުސަތު ބަރޮސްއަށް ވެސް ލިބުނު މި މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
3ـ1 އިން އެސްބީއައި މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޢަބްދުﷲ ތަހުޝީން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ތަހުޝީން / ފޮޓޯ: ކުލަބް މޯލްޑިވްސް އެފްބީ
މެޗު 16
ސޯޅަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގެ ފުލުގައި އޮތް ޔޫރޯ ރެކްރިއޭޝަން އާއި އެރީނާ ހޮޓެލްސް އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް މި އަހަރު ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު، ޔޫރޯ ރެކްރިއޭޝަން ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ހޯދުމަށް ނުކުތް އެރީނާ ހޮޓެލްސްއަށް މި މެޗުން މޮޅެއް ހޯދުން އޮތީ ވަރަށް މުހިންމުވެފައެވެ.
ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެރީނާ ހޮޓެލްސް މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ގިނަ ވަގުތު މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ އެރީނާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ކުރެވޭވަރުވީ ހާފުގެ ފަހުކޮޅު އެވެ. 19 ވަނަ މިނެޓުގައި އެރީނާއަށް ލީޑު ނަގައިދިނީ އިސްމާއިލް ނަޒީހް އެވެ.
ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ އެރީނާ ހޮޓެލްސް އެވެ. ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ ޔޫރޯ ރެކްރިއޭޝަންގެ ގޯލް ފޫއަޅުވާލުމަކީ ފަސޭހަކަމަކަށް ނުވި ނަމަވެސް މެޗުގެ ފަހުކޮޅު އެރީނާ ހޮޓެލްސްއިން ވަނީ އެކަން ކޮށްފައެވެ. 39 ވަނަ މިނިޓްގައި އަޙްމަދު ހާފިޒް އެރީނާ ހޮޓެލްސްގެ ދެވަނަ ލަނޑު ޖަހައިދިންއިރު، ފަހު މިނިޓްގައި ޙަސަން އިމްރާން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.
3-0 އިން އެރީނާ ހޮޓެލްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެރީނާ ހޮޓެލްސްގެ ފަހު ލަނޑު ޖަހައިދިން ޙަސަން އިމްރާން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޙަސަން އިމްރާން / ފޮޓޯ: ކުލަބް މޯލްޑިވްސް އެފްބީ
މި މުބާރާތުގެ ހަތަރު މެޗު މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުތަކަކީ:
20:10 – ލިއޯ އެފްސީ އާއި އެޕޯލޯ
20:10 – ސިލްވަރ ސޭންޑްސް އާއި އާރުއޯއެލް
21:45 – އާރުސީސީ އާއި މެޑްޓެކް
21:45 – ވިލާ އާއި މީޑިއާނެޓް
