ހަނި ގޯޅީގެ ތެރެއިން އުފަންވި އުންމީދު
މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއިން، ހެންވޭރުގެ ހަނި ގޯޅިއެއްގައި ހުރި އިހުގެ މުސްކުޅި ގެއެކެވެ. އެ ގޭގެ ފާރުތަކުން ފެންނަން ހުރި ރެނދުތަކާއި، ބާވެފައިވާ ދޮރުތަކުން ކިޔައިދެނީ އެތައް އަހަރެއްގެ ތާރީޚެވެ. އެއީ އާދަމްފުޅުގެ އާއިލާ ދިރިއުޅޭ “ވެލިރެސްވިލާ” އެވެ. އާދަމްފުޅަކީ މަސައްކަތު މީހެކެވެ. އޭނާގެ އަތްފައިގެ ބާރުން ހޯދާ ކުޑަ އާމްދަނީން އޭނާގެ ބޮޑު އާއިލާ ބަލަހައްޓަމުން ދިޔައީ ނުހަނު ކެތްތެރިކަމާއެކުގައެވެ.
އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ގޭގެ ފެންޑާގައި ހުރި ޖޯލިފަތީގައި އާދަމްފުޅުގެ އަނބިމީހާ، ޒުލޭޚާ އިނީ ފުން ވިސްނުމެއްގައެވެ. އޭނާގެ އުނގުގައި އޮތީ އޭނާގެ ހަގު ދަރިފުޅު، އިފްނާޒެވެ. އިފްނާޒް އުފަންވީއްސުރެ އޭނާގެ ހަށިގަނޑުގެ ހަރަކާތްތައް ހުންނަނީ އެހެން ކުދިންނާ ތަފާތުގޮތަކަށެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އޭނާގެ އަތްފައިގެ ކޮންޓްރޯލެއް އޭނާގެ އަތަކު ނޯވެއެވެ.
“ޒުލޭޚާ، މިހާރުވެސް ތި އިނީ އެ ކަމާ ވިސްނަންތަ؟” އާދަމްފުޅު ގެއަށް ވަދެގެން އަންނަމުން އެހިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.
ޒުލޭޚާ ފުން ނޭވައެއް ދޫކޮށްލިއެވެ. “އާދަމްފުޅާ، ޑޮކްޓަރުން ބުނަނީ އިފްނާޒްގެ ސިކުނޑި ރަނގަޅެއް ނޫނޭ. އެކަމަކު އަހަރެންގެ ހިތް ބުނަނީ ތަފާތު ވާހަކައެއް. އޭނާގެ ލޮލުން ފެންނަ ކޮންމެ ބެލުމަކީ އޭނާ ކޮންމެވެސް އެއްޗެއް ބުނަން އުޅޭކަމުގެ ހެއްކެއް.”
އާދަމްފުޅު އިށީނދެލިއެވެ. “މީހުން ބުނާ އެއްޗަކަށް ބަލާނެ ކަމެއް ނެތް. އަހަރެމެންނަށް އޮތީ މާތްﷲ އަށް ވަކީލުކޮށް، މި ކުއްޖާއަށް ލޯބި ދިނުން. މިއީ އަހަރެމެންނަށް ކުރިމަތިވި އިމްތިހާނެއް.”
އިފްނާޒްގެ އުމުރުން ފަސް އަހަރުވީ އިރުވެސް، އޭނާއަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ ހަށިގަނޑު ހުންނަނީ އަބަދުވެސް ތުރުތުރުލާ ހާލަތެއްގައެވެ. އަވަށްޓެރިންނާއި ތިމާގެ މީހުން ދެކޭގޮތުގައި އިފްނާޒަކީ “ބޯ ހަމަނުޖެހޭ” ކުއްޖެކެވެ. އެކަމަކު ޒުލޭޚާ އެކަން ގަބޫލެއް ނުކުރެއެވެ. އޭނާ އަބަދުވެސް އިފްނާޒާ ވާހަކަދައްކައެވެ. ފޮތްތަކުން ފޮޓޯ ދައްކައި، ދުނިޔޭގެ ކަންކަން ކިޔައިދެއެވެ.
އެއްދުވަހަކު، އާދަމްފުޅުގެ އެހެން ދަރިން ގޭގެ ތަޅުންގަނޑުމަތީގައި އިށީނދެގެން ތިބެ ފިލާ އަޅަމުން ދިޔައެވެ. އެއީ އޭރު މާލޭގެ މަދަރުސާތަކުގައި ކިޔަވައިދޭ ގޮތެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ފިލައަކާއި ބޯކަރުދާސް ކޮޅެއް އޮތެވެ. އިފްނާޒް އޮތީ ކައިރީގައި ބާއްވާފައެވެ. އޭނާގެ ލޮލުގެ ކަޅި ދައުރުވަމުން ދިޔައީ ކޮއްކޮމެން ލިޔަމުންދާ އަކުރުތަކަށެވެ.
ކުއްލިއަކަށް، އެންމެން ހައިރާންކޮށްލި ކަމެއް ހިނގިއެވެ. އިފްނާޒް އޭނާގެ ކަނާތު ފައި މަޑުމަޑުން ހަރަކާތްކުރަން ފެށިއެވެ. އޭނާގެ ފައިގެ އިނގިލިތަކުގެ ދެމެދުގައި ބޯކަރުދާސް ކޮޅެއް ހިފަހައްޓަން އޭނާ މަސައްކަތް ކުރިއެވެ.
“މަންމާ… ނިކަން ބަލާބަލަ! އިފްނާޒް ކޮއްކޮ ކީއްކުރަން އެ އުޅެނީ؟” ދޮށީ ދަރިފުޅު، އިސްމާޢީލް ހަޅޭއްލަވައިގަތެވެ.
ޒުލޭޚާ ދުވެފައި އައެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާ އިފްނާޒްގެ ކައިރީގައި އިށީނދެ، އޭނާއަށް ހިތްވަރު ދިނެވެ. “ދަރިފުޅާ، ކުރިއަށް ދޭ. މަންމަ މިހިރީ ކައިރީގަ.”
އިފްނާޒްގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު އަޒުމެކެވެ. އޭނާގެ މުޅި ހަށިގަނޑު ދާތަކުން ތެމެމުން ދިޔައިރުވެސް، އޭނާގެ ކަނާތު ފައިގެ ބާރުގައި އެ ކަރުދާސްކޮޅު ބޭނުންކޮށްގެން ތަޅުންގަނޑުމަތީގައި އަކުރެއް އަޅަން މަސައްކަތް ކުރިއެވެ. ވަރަށް ގިނަ އިރުގެ މަސައްކަތަށްފަހު، ތަޅުންގަނޑުމަތީގައި ފެންނަން އޮތީ އަކުރެކެވެ.
“މ” (މީމު).
ޒުލޭޚާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ އިފްނާޒް ގައިގައި ބާރަށް ބައްދާލިއެވެ. “އާދަމްފުޅާ! ބަލާބަލަ! އަހަރެމެންގެ ދަރިފުޅު ލިޔެފި. އޭނާގެ ސިކުނޑި ހަމަޖެހޭ. އޭނާ އެ ބުނީ ‘މަންމަ’!”
އެ ދުވަހަކީ އިފްނާޒްގެ ހަޔާތުގެ އާ ބާބެއް ފެށުނު ދުވަހެވެ. މުޅި ގޯޅިތެރޭގައި އެ ޚަބަރު ފެތުރުނެވެ. ބައެއް މީހުން އެއީ އިއްތިފާގެއް ކަމަށް ބުނި ނަމަވެސް، ޒުލޭޚާއަށް އެނގެނީ އެއީ އޭނާގެ ދަރިފުޅުގެ ތޫނުފިލިކަން ކަމެވެ.
ތަފާތުވުމުގެ ހިތްދަތިކަން
އަހަރުތައް ފާއިތުވަމުން ދިޔައެވެ. އިފްނާޒް ބޮޑުވަމުން އައީ އޭނާގެ ކަނާތު ފަޔަކީ އޭނާގެ އެންމެ ބޮޑު ބާރުކަމުގައި ހަދައިގެންނެވެ. އޭނާ މިހާރު އެ ފައިން ކުރަހައެވެ. ކުލަ ޖައްސައެވެ. އޭނާގެ ކުރެހުންތަކުން ފެންނަނީ މާލޭގެ މޫދާއި، އުޑުމައްޗާއި، އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ހުންނަ ޝުޢޫރުތަކެވެ.
ނަމަވެސް، މުޖުތަމައުގެ ތެރޭގައި އޭނާއަށް އޮތް ގޮންޖެހުންތައް ކުޑައެއް ނޫނެވެ. އެއީ 1980 ގެ އަހަރުތަކެވެ. މާލޭގެ މަގުތަކަކީ މިހާރު ފެންނަ ފަދަ އޮމާން މަގުތަކެއް ނޫނެވެ. ވެލި ލާފައިވާ މަގުތަކުގައި ފުރޮޅުލީ ގޮނޑިއެއްގައި އުޅުމަކީ ބޮޑު ތަކުލީފެކެވެ.
އެއްދުވަހަކު، އިފްނާޒްގެ ބޭބެމެން ބޭރުގައި ފުޓުބޯޅަ ކުޅެން ތިއްބެވެ. އިފްނާޒް އިނީ ގޭގެ ދޮރުމަތީގައި އޭނާގެ ފުރޮޅުލީ ގޮނޑީގައެވެ. އޭނާގެ ލޮލުގައި ވަނީ ކުޅިވަރުގެ ތެރޭގައި ބައިވެރިވުމުގެ ފުން އެދުމެކެވެ. ކުއްލިއަކަށް ބޯޅަ އައިސް އިފްނާޒްގެ ފައިދަށަށް މަޑުޖެހުނެވެ.
“އޭ އިފްނާޒް! ބޯޅަ ޖަހާބަލަ!” ކައިރީގައި ހުރި ކުއްޖަކު މަލާމާތުގެ ރާގަކަށް ބުންޏެވެ.
“އޭނައަށް ކިހިނެއް ބޯޅަ ޖެހޭނީ. އަމިއްލައަށް ކޮޅަށްވެސް ހުރެވޭ ގޮލައެއް ނޫން އެއީކީ…. ހައްހައްހާ!” އަނެއް ކުއްޖަކު އެ މަލާމާލުގައި ބައިވެރިވިއެވެ.
އިފްނާޒްގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. އޭނާގެ ކަނާތު ފައިން ނިކަން ބާރަށް ބޯޅައިގައި ޖެހިއެވެ. ބޯޅަ ގޮސް ވަނީ މަގުގެ އަނެއްފަރާތުގައި ހުރި ފާރުގެ ކަނަށެވެ. އެންމެން ހައިރާންވެ އަންތަރީސްވިއެވެ. އެއީ ހަމައެކަނި ބޯޅައެއްގައި ޖެހުމެއް ނޫނެވެ. އެއީ “އަހަރެންވެސް މިއީ އިންސާނަކީމޭ، އަހަރެންނަށްވެސް ކަންކަން ކުރެވޭނެއޭ” ބުނެ އިފްނާޒް ދިން ވަރުގަދަ މެސެޖެކެވެ.
އިފްނާޒްގެ ބައްޕަ، އާދަމްފުޅު، ބައެއް ފަހަރު އިފްނާޒްގެ މި ހާލަތާމެދު މާޔޫސްވެއެވެ. އޭނާގެ ހިތުގައި އޮންނަނީ އޭނާ މަރުވުމަށްފަހު އިފްނާޒަށް ވާނެ ގޮތަކާމެދު އޮންނަ ބިރެވެ.
“ޒުލޭޚާ، އަހަރެމެން މުސްކުޅިވީމާ މި ކުއްޖާ ބަލާނީ ކާކު؟ އޭނާއަށް އަމިއްލަ ފައިމައްޗަކަށް ނުތެދުވޭނެ،” އާދަމްފުޅު ބުންޏެވެ.
އެމީހުންގެ ކައިރީގައި އޮވެ އިފްނާޒް މި ވާހަކަ އަޑުއެހިއެވެ. އޭނާގެ ލޮލުން ކަރުނަ ފޭދުނެވެ. އޭނާ ބޭނުންވީ ބައްޕައަށް ސާބިތުކޮށްދޭށެވެ. އޭނާއަކީ ބުރައެއް ނޫންކަމެވެ. އެރޭ އިފްނާޒް ނުނިދައެވެ. އޭނާ އޭނާގެ ކަނާތު ފައިން ފަރުމާކުރަމުން ދިޔައީ އޭނާގެ އަމިއްލަ ދުނިޔެއެވެ. އޭނާ ލިޔަން ފެށިއެވެ. އޭނާގެ އިހުސާސްތައް ކަރުދާހުގައި ސިފަކުރަން ފެށިއެވެ.
ފަރުވާގެ އާ އުންމީދެއް
ދުވަސްތައް ފާއިތުވަމުން ގޮސް އިފްނާޒް ޒުވާން އުމުރަށް އެޅިއެވެ. މިހާރު އޭނާއަކީ މާލޭގެ ބައެއް މީހުން ދަންނަ “ކުރެހުންތެރިޔާ” އެވެ. އެ ދުވަސްވަރު މާލެއަށް އައި އިންޑިޔާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝަރީފާ، އިފްނާޒްގެ ހުނަރު ފެނިފައި އޭނާއަށް އެހީތެރިވާން ނިންމިއެވެ.
ޑރ. ޝަރީފާ އިފްނާޒްގެ ގެއަށް ޒިޔާރަތް ކުރިއެވެ.
“ޒުލައިޚާ، އިފްނާޒް ކާ ދިމާގް ބޮހޮތު ތޭޒް ހޭ. އުސޭ ސްޕީޗް ތެރަޕީ އޯރް ފިޒިއޮތެރަޕީ ކީ އާވަޝީކްތާ ހޭ. މެއިނ އުސްކީ ސަހަޔަތާ ކަރޫނގާ”
(ޒުލޭޚާ، އިފްނާޒްގެ ސިކުނޑި ވަރަށް ރަނގަޅު. އޭނާއަށް ބޭނުންވަނީ ސްޕީޗް ތެރަޕީއާއި ފިޒިއޮތެރަޕީ. އަހަރެން އޭނާއަށް އެހީވާނަން).
މިއީ އާދަމްފުޅުގެ އާއިލާއަށް ލިބުނު ބޮޑު އުފަލެކެވެ. އިފްނާޒް ޑޮކްޓަރާ އެކު މަސައްކަތް ފެށިއެވެ. އެއީ ވަރަށް އުނދަގޫ މަސައްކަތެކެވެ. އެންމެ ލަފުޒެއް ބުނުމަށްޓަކައިވެސް އެތައް ގަޑިއިރެއްގެ މަސައްކަތް ބޭނުންވިއެވެ.
“ކިޔާބަލަ، ‘މަން-މަ’…” ޑރ. ޝަރީފާ މަޑުމަޑުން ބުންޏެވެ.
އިފްނާޒް އޭނާގެ މޫނުގެ މަސްތަކަށް ބާރުލިއެވެ. އޭނާގެ ދާތައް އޮހެމުން ދިޔައެވެ. “މަ… މަ…” އޭނާއަށް ބުނެވުނެވެ. ޒުލޭޚާގެ މޫނުމަތިން ފެނުނީ އުފާވެރިކަމުގެ ކަރުނައެވެ.
މި ދުވަސްވަރު އިފްނާޒްގެ ހިތުގައި ޑރ. ޝަރީފާއަށްޓަކައި ޚާއްޞަ ލޯތްބެއް އުފެދުނެވެ. އޭނާ ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށްޓަކައި ޅެންތައް ލިޔަން ފެށިއެވެ. އޭނާގެ ކަނާތު ފައިން ލިޔުނު އެ ޅެންތަކުގައި ވަނީ ފުން މާނަތަކެކެވެ.
ނަމަވެސް، އެއްދުވަހަކު ޑރ. ޝަރީފާ އޭނާގެ ކައިވެނި ހަމަޖެހުނު ވާހަކަ ބުނުމުން، އިފްނާޒްގެ ދުނިޔެ ބަދަލުވިއެވެ. އޭނާ ބޮޑު ކެންޓީނެއްގެ ތެރޭގައި އިނދެ، އޭނާގެ ރުޅިގަނޑު ބޭރުކޮށްލިއެވެ. އޭނާ ހަޅޭއްލަވައި، މޭޒުމަތީގައި ހުރި އެއްޗެހި އުކާލިއެވެ.
“ކީއްވެ؟ ކީއްވެ މަށަށް މިހެން މިވީ؟” އޭނާގެ ހިތް ބުނަމުން ދިޔައެވެ. އޭނާއަށް އިހުސާސްވީ އޭނާގެ ނުކުޅެދުންތެރިކަމުގެ ހިތްދަތިކަމެވެ. އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލި، އަމިއްލައަށް މަރުވާންވެސް މަސައްކަތް ކުރިއެވެ.
ކާމިޔާބީގެ އުސްމިން
އިފްނާޒްގެ މަންމަ، ޒުލޭޚާ، އިފްނާޒް އެ ހާލަތުން ނެރުމަށްޓަކައި ނުހަނު މަސައްކަތް ކުރިއެވެ. “ދަރިފުޅާ، ކާމިޔާބަކީ ހަމައެކަނި ހިނގާބިނގާވެ އުޅުމެއް ނޫން. ކާމިޔާބަކީ ހިތުގެ ވަރުގަދަކަން. ދަރިފުޅުގެ އަތުގައި އެބައޮތް މުޅި ދުނިޔެއަށް ދައްކާލެވޭނެ ހުނަރެއް. އެ ހުނަރު ބޭނުންކުރޭ.”
އިފްނާޒް އަލުން ތެދުވިއެވެ. އޭނާ ނިންމީ އޭނާގެ އަމިއްލަ ޙަޔާތުގެ ވާހަކަ ލިޔާށެވެ. އޭނާގެ ކަނާތު ފައިން، އަކުރަކަށްފަހު އަކުރެއް ޓައިޕްރައިޓަރެއްގައި ޖަހަން ފެށިއެވެ. އެއީ އަހަރުތަކެއްގެ ބުރަ މަސައްކަތެވެ. މާލޭގެ ހަމަހިމޭން ރޭތަކުގައި، އޭނާގެ ކޮޓަރިން އިވެނީ ޓައިޕްރައިޓަރުގެ “ޓަކް ޓަކް” އަޑެވެ.
އެންމެ ފަހުން، އޭނާގެ ފޮތް “އަހަރެންގެ ކަނާތު ފައި” ނިމުނެވެ. އެ ފޮތް ޝާއިއުކުރުމަށްފަހު، މުޅި ރާއްޖޭގެ މަގުބޫލުކަން ލިބުނެވެ. އިފްނާޒަކީ މިހާރު ހަމައެކަނި ނުކުޅެދޭ ކުއްޖެއް ނޫނެވެ. އޭނާއަކީ ގައުމީ ފެންވަރުގެ އަދީބެކެވެ.
ފޮތް ނެރުމުގެ ޖަލްސާ ބޭއްވުނީ މާލޭގެ ބޮޑު ހޯލެއްގައެވެ. އާދަމްފުޅާއި ޒުލޭޚާ ތިބީ ފަޚުރުވެރިކަމާއެކު ކުރީ ސަފުގައެވެ. އިފްނާޒް އޭނާގެ ފުރޮޅުލީ ގޮނޑީގައި ސްޓޭޖަށް އެރިއެވެ. އޭނާ މައިކް ކައިރިކޮށްލިއެވެ. އޭނާގެ އަޑު ތުރުތުރުލައެވެ، ނަމަވެސް އެ އަޑުގައި ވަނީ ބާރެވެ.
“އަހަރެން… އަހަރެން މިއީ… އިންސާނެއް. އަހަރެންގެ ކަނާތު ފަޔަކީ… އަހަރެންގެ ދުނިޔެ.”
މުޅި ހޯލު އަތްތިލަބަޑީގެ އަޑުން ގުގުމާލިއެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ ފޭދުނެވެ.
އެރޭ ގެއަށް ދިޔަ މަގުމަތީގައި، އިފްނާޒަށް ބައްދަލުވީ މަރިޔަމްއާއެވެ. މަރިޔަމްއަކީ އިފްނާޒްގެ ފޮތް ކިޔައިގެން އޭނާއަށް ތައުރީފުކުރަން އައި ނަރުހެކެވެ.
“އިފްނާޒް، ތިޔައީ އަހަރެން މިހާތަނަށް ދުށް އެންމެ ހިތްވަރުގަދަ މީހާ،” މަރިޔަމް ބުންޏެވެ.
އިފްނާޒް ހިނިތުންވެލިއެވެ. އޭނާއަށް އެނގުނެވެ. އޭނާގެ ހަޔާތުގެ އަސްލު ދަތުރު މި ފެށުނީއެވެ.
ނިންމުން
މިއަދު އިފްނާޒްގެ ވާހަކައަކީ ކޮންމެ ދިވެއްސަކަށްވެސް ހިތްވަރެކެވެ. އޭނާ ސާބިތުކޮށްދިނީ ހަށިގަނޑުގެ ނުކުޅެދުންތެރިކަމަކީ ހުވަފެންތަކުގައި ކުލަޖެއްސުމަށް އޮތް ހުރަހެއް ނޫންކަމެވެ. މާލޭގެ ހަނި ގޯޅިތަކުން ފެށުނު އެ ދަތުރު، މިއަދު ވަނީ މުޅި ދުނިޔެއަށް ނަމޫނާއަކަށް ވެފައެވެ. އިފްނާޒާއި މަރިޔަމްގެ ކައިވެންޏާއެކު، އޭނާގެ ހަޔާތަށް އިތުރު އުޖާލާކަމެއް އައެވެ. އޭނާގެ ކަނާތު ފަޔަކީ ހަމައެކަނި ހަށިގަނޑުގެ ގުނަވަނެއް ނޫނެވެ. އެއީ އޭނާގެ މިނިވަންކަމާއި، އޭނާގެ އުންމީދެވެ.
— ނިމުނީ —
