ނާއިލްގެ ދުނިޔެ
މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއިން، އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުންނަ ކުޑަ ކޮފީ ފިހާރައެއްގެ ތެރޭގައި ނާއިލް އިނީ ވަރަށް މަސައްކަތުން ކަރުދާސް ބޯޓެއް ހަދާށެވެ. އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދިޔަ ނަމަވެސް، ނާއިލްގެ މޫނުމަތިން ފެންނަނީ ހަތް އަހަރުގެ ކުޑަކުއްޖެއްގެ ކިބައިގައި ހުންނަ ފަދަ މައުސޫމްކަމެވެ.
“ބައްޕާ! ބައްޕާ! ބަލާބަލަ އަހަރެން ކުރެހި އެތި،” ހަތް އަހަރުގެ އައިނީ ދުވެފައި އައިސް ނާއިލްގެ ގައިގައި ބައްދާލިއެވެ.
ނާއިލް ހީނލިއެވެ. “މި… މި.. މިއީ ވަރަށް ރީ… ރީ…..ތި މަޅެއް. އަ… އަ… އައި… އައިނީއަށް އެނގޭތަ؟ މި…މި…މިއަށް… މިއަށްވުޅެ ރީ….ރީ…ރީރީރީތިވާނީ ހަމަ… ހަމަ… ހަމް.. ހައެކަނި އައިނީ،” ނާއިލް ވަރަށް އުނދަގުލުން ބުންޏެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހުންނަ ތުރުތުރުލުމާއި، ލަފުޒުތައް އަތުރާލާ ގޮތުން އޭނާގެ ސިކުނޑީގެ ހެދިބޮޑުވުމުގައި އުނިކަމެއް ހުރިކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ނަމަވެސް، އޭނާގެ ހިތަކީ އެހެން އެއްވެސް މީހަކަށްވުރެ ބޮޑު، އޯގާތެރި ހިތެކެވެ.
ނާއިލްއަކީ “އޯޓިޒަމް” ނުވަތަ ސިކުނޑީގެ ހެދިބޮޑުވުމުގެ ތަފާތުކަމެއް ހުންނަ މީހެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުމަކީ އައިނީއެވެ. އައިނީގެ މަންމަ، މާޔާ، މީގެ އަހަރުތަކެއް ކުރިން ނާއިލްއާއި އައިނީ ދޫކޮށްލާފައި ދިޔައީ އާއިލީ މަޖުބޫރުކަމެއްގެ ތެރެއިންނެވެ. އޭގެ ފަހުން ނާއިލް، އައިނީ ބޮޑުކުރީ އޭނާގެ ކުޑަކުޑަ އާމްދަނީންނާއި، އޭނާގެ ދޮންބެމެންގެ އެހީތެރިކަމާއެކުގައެވެ.
“ބައްޕާ، މިއަދު ސްކޫލުން ބުނީ ބައްޕަ ކޮންމެހެންވެސް މާދަމާ ސްކޫލަށް އަންނަންވާނެއޭ،” އައިނީ ބުންޏެވެ.
ނާއިލް ކުޑަކޮށް ހާސްވިއެވެ. “ކީކީ… ކީއް-ކީއްވެ؟ އާ-އާ…އަނެއްކާ ބާބާ-ބާ… ބައްޕަ ކުރި ކަކަކަ… ކަމަ.. ކަމަކުންތަ؟”
އައިނީ ހީނލާފައި ނާއިލްގެ އަތުގައި ހިފާލިއެވެ. “ނޫނޭ ބައްޕާ. މާދަމާއަކީ ބެލެނިވެރިންގެ ދުވަސް. އަހަރެން ބޭނުމީ އަހަރެންގެ ބައްޕަ އެންމެންނަށް ދައްކާލަން.”
އަޑީގެ ތޫފާން
މާލޭގެ އެންމެ އުސް އެއް އިމާރާތެއްގެ މަތީ ބުރީގައި ހުރި އޮފީހެއްގައި، ރާއްޖޭގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާ، އަޙްމަދު ތައުފީޤު އިނީ ފުން ވިސްނުމެއްގައެވެ. އޭނާއަކީ މާޔާގެ ބައްޕައެވެ. މާޔާ ނިޔާވިތާ މިހާރު ހަ މަސް ވެއްޖެއެވެ. މާޔާގެ މަރުގެ ކުރިން އޭނާގެ އެންމެ ފަހުގެ އެދުމަކީ އޭނާގެ ދަރިފުޅު އައިނީ ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުވުމެވެ.
“ސަރ، އެ މީހާގެ މައުލޫމާތު ލިބިއްޖެ،” ތައުފީޤުގެ ސެކްރެޓަރީ ބުންޏެވެ. “އޭނާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް. އޭނާގެ އަތުގައި ދަރިއަކު ބެލޭނެ އެއްވެސް ގާބިލުކަމެއް ނެތް.”
ތައުފީޤުގެ މޫނުމަތިން ފެނުނީ ހަރުކަށިކަމެވެ. “އަހަރެންގެ މާޔާގެ ދަރިފުޅު އެކަހަލަ މީހެއްގެ އަތްމަތީގައި ބޮޑުވާކަށް އަހަރެން ބޭނުމެއް ނޫން. އޭނާއަކަށް ނޭނގޭނެ ކުއްޖަކަށް ބޭނުންވާ ތައުލީމާއި، މުސްތަގުބަލު ބިނާކޮށްދޭކަށް. އަހަރެން އައިނީ ބޭނުން. ކޮންމެ އަގަކަށްވެސް.”
މި ނިންމުމާއެކު، ނާއިލްގެ ހަމަޖެހިފައިވާ ދިރިއުޅުމަށް ބޮޑު ތޫފާނެއް އަންނަން ތައްޔާރުވިއެވެ.
ނުޒްހާ – ހަރުކަށި ވަކީލު
ނުޒްހާއަކީ މާލޭގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ ހަރުކަށި އެއް ވަކީލެވެ. އޭނާގެ ދިރިއުޅުމަކީ ހަމައެކަނި ގާނޫނާއި، މޮޅުވުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އިހުސާސްތަކަކީ ކޯޓު ރޫމުގައި އެއްވެސް ޖާގައެއް އޮތް އެއްޗެއް ނޫނެވެ.
އެއްދުވަހަކު، ނުޒްހާގެ އޮފީހަށް ނާއިލް ވަދެގެން އައީ ރޮމުންނެވެ. އޭނާގެ އަތުގައި އޮތީ ކޯޓުން ފޮނުވާފައިވާ ޗިޓެކެވެ. އައިނީގެ ބެލެނިވެރިކަމުގެ މައްސަލައެވެ.
“ޕް-ޕްޕް….ޕް…ޕްލީޒް… ޕް-ޕްލީޒް މޭ-މޭމޭ-މޭޑަމް. އަ-އާ-އަހަރެންގެ އައި-އައިނީ އާ-އާ-އަތުލަން އެ އު-އު-އުޅެނީ. އަ-އާ-އަހަރެން އައި-އައިނީ ނޫ-ނޫ-ނުލާ ކި-ކީ-ކީ-ކީނެއް އު-އު-އުޅޭނީ.؟” ނާއިލް ގިސްލަމުން ބުންޏެވެ.
ނުޒްހާ ފޫހިކަމާއެކު ނާއިލްއަށް ބަލާލިއެވެ. “ބަލަ ކަލެއަށް ކިހިނެއް ދަރިއަކު ބެލޭނީ؟ ކަލޭގެ އަމިއްލަ ކަންތައްވެސް ކަލެއަށް ރަނގަޅަކަށް ނުކުރެވޭނެހެން ހީވަނީ،” ނުޒްހާ ހަރުކަށިކަމާއެކު ބުންޏެވެ.
ނާއިލް އިސްދަށަށް ޖަހާލިއެވެ. ” އަ-އާ-އަހަރެން… އަ-އާ-އަހަރެން މޮޅެއް ނޫން. އެ-އެ-އެކާ-އެކަމަކު އަ-އާ-އަހަރެން އައި-އައިނީ ދެކެ ވަ-ވާ-ވަރަށް ޅޯބިވޭ. އައި-އައިނީވެސް ބޭ-ބޭ-ބޭނުމީ އަ-އާ-އަހަރެން.”
ނުޒްހާ އެ ފުރަތަމަ ބައްދަލުވުމުގައި ނާއިލް ފޮނުވާލީ އެއީ “ބޭކާރު ކޭސްއެއް” ކަމަށް ބުނެފައެވެ. ނަމަވެސް، އެރޭ ނުޒްހާއަށް ނިދޭގޮތެއް ނުވިއެވެ. ނާއިލްގެ ލޮލުން ފެނުނު އެ މައުސޫމްކަމާއި، އޭނާގެ ދަރިފުޅަށްޓަކައި ހުރި އިހުލާސްތެރިކަން ނުޒްހާގެ ހިތުގައި ބިންވަޅު ނެގިފައި ހުއްޓެވެ.
ކޯޓުގެ ފުރަތަމަ ދުވަސް
ކޯޓު ރޫމް އޮތީ ހަމަހިމޭންވެފައެވެ. އެއްކޮޅުގައި ތައުފީޤުގެ ވަރުގަދަ ވަކީލުންގެ ޓީމެވެ. އަނެއްކޮޅުގައި ނާއިލް އިނީ އިސްދަށަށް ޖަހައިގެންނެވެ. އޭނާގެ ކައިރީގައި ނުޒްހާ އިނީ ފޯނާ ކުޅޭށެވެ. އޭނާ މި ކޭސްއާ ހަވާލުވީ ނާއިލްގެ ބޭބެ ކުރި އާދޭހެއްގެ ސަބަބުންނެވެ.
“އިއްޒަތްތެރި ފަނޑިޔާރު،” ތައުފީޤުގެ ވަކީލު ފެށިއެވެ. “މި ކުއްޖާގެ ބައްޕައަކީ ނަފްސާނީ ގޮތުންނާއި ސިކުނޑީގެ ގޮތުން ނުކުޅެދޭ މީހެއް. އޭނާގެ ސިކުނޑީގެ އުމުރަކީ ހަތް އަހަރު. ހަތް އަހަރުގެ ކުއްޖަކަށް، ހަތް އަހަރުގެ އެހެން ކުއްޖަކު ބެލޭނީ ކިހިނެއްތޯ؟މި ކުއްޖާއަށް ބޭނުންވަނީ މަތީ ފެންވަރުގެ ތައުލީމާއި، ރަނގަޅު މާހައުލެއް. އެކަން ކޮށްދެވޭނީ އޭނާގެ ކާފަ އަޙްމަދު ތައުފީޤަށް.”
ނާއިލް އިނީ ބިރުން ތުރުތުރު އަޅާފައެވެ. އޭނާ ކޯޓު ރޫމުގެ އެކި ދިމަދިމާއަށް ބަލަމުން ދިޔައެވެ. އޭނާގެ ދަރިފުޅު އައިނީ އިނީ ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެންނެވެ.
ގާޒީ ނުޒްހާއާ ދިމާއަށް ބަލާލިއެވެ. “ދިފާއީ ވަކީލު، ކަމަނާގެ ބަހަކީ ކޮބައިތޯ މިކަމުގަ؟”
ނުޒްހާ މަޑުމަޑުން ތެދުވިއެވެ. އޭނާގެ އާދައިގެ ހަރުކަށިކަމެއް މިފަހަރު ނެތެވެ. “މަނިކުފާނު، އިންސާނަކު ބޮޑުވުމަށް ބޭނުންވަނީ ހަމައެކަނި ފައިސާއާއި މުދަލެއް ނޫން. ބޭނުންވަނީ ލޯބި. ނާއިލްއަކީ ފަހަރުގައި އިނގިރޭސި ބަހުން ވާހަކަދައްކަން ނޭނގޭ މީހަކަށް ވެދާނެ. ނުވަތަ ހިސާބު އިލްމުގައި މޮޅު މީހަކަށް ނުވެދާނެ. އެކަމަކު އޭނާއަށް ލޯބިދޭން އެނގޭ. އައިނީއަށް އެންމެ އުފާވެރިކަން ލިބެނީ އޭނާގެ ބައްޕަގެ ގާތުގަ ހުރެގެން.”
ކޯޓުގެ ތެރޭގައި ބަހުސް ހޫނުވަމުން ދިޔައެވެ. ތައުފީޤުގެ ފަރާތުން ނާއިލްއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުރި މީހެއްކަން ސާބިތުކުރުމަށް ތަފާތު ޑޮކްޓަރުންގެ ރިޕޯޓުތައް ހުށަހެޅިއެވެ.
ބައްޕަގެ އިމްތިހާން
“ނާއިލް، ކޮޅަށް ތެދުވެލައްވާ،” ގާޒީ އެންގިއެވެ.
ނާއިލް ތެދުވިއެވެ. އޭނާގެ އަތްތިލައިން ދާހިއްލަމުން ދިޔައެވެ.
“ނާއިލްއަށް އެނގޭތަ އައިނީ ބޮޑުވެގެން ވާން ބޭނުންވަނީ ކާކަށްކަން؟” ތައުފީޤުގެ ވަކީލު ސުވާލުކުރިއެވެ.
“އާ-އާނ… އައި-އައިނީ ބޭ-ބޭ-ބޭބޭ-ބޭނުމީ… އައި-އައިނީ ބޭ-ބޭނުމީ ޑޯ-ޑޯޑޯ-ޑޮކް-ޑޮކްޓަރަކަށް ވޫ-ވާން. އޭ-އޭއޭނާ ބު-ބު-ބުނީ ބަ-ބަ-ބައްޕަ ބަ-ބަބަލިވީމަ ބަބަ-ބަލާނީ އޭ-އޭ-އޭނާއޭ،” ނާއިލް ހިނިތުންވުމަކާއެކު ބުންޏެވެ.
“އެހެންވީމާ، އައިނީ ޑޮކްޓަރަކަށް ހަދަން ކިހާ ފައިސާއެއް ހަރަދުވާނެކަން ނާއިލްއަށް އެނގޭތަ؟ ކަލޭ މަހަކު ހޯދާ ފަސް ހާސް ރުފިޔާއިން އެކަން ކުރެވޭނެތަ؟” ވަކީލު ހަޅޭއްލަވައިގަތެވެ.
ނާއިލް މާޔޫސްވިއެވެ. އޭނާ އިސްދަށަށް ޖަހާލިއެވެ. “ފަ-ފަ-ފައި-ފައިސާ… ފައި-ފައިސާ އަ-އަ-އަހަރެން ހޯ-ހޯ-ހޯދާނަން. އަ-އަހަރެން ރޭ-ރޭ-ރޭގަނޑުވެސް މަ-މަ-މަމަސައްކަތް ކު-ކު-ކުރާނަން. ޕް-ޕް-ޕްލީޒް، އަ-އަހަރެންގެ އައި-އައިނީ އަ-އަ-އަތު-އާތުލާނުލާ.”
މި މަންޒަރު ބަލަން ހުރި ނުޒްހާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ މީގެ ކުރިން ދުވަހަކުވެސް ކޭސްއެއްގެ ތެރެއަށް މިހާ ބޮޑަށް ވަދެވިފައެއް ނުވެއެވެ. އޭނާ ނިންމީ ކޮންމެ ގޮތަކުންވެސް ނާއިލްއަށް އޭނާގެ ދަރިފުޅު ހޯދައިދޭށެވެ.
ބަދަލުވަމުންދާ އިހުސާސްތައް
މައްސަލަ ދިގުލައިގެން ދިޔަވަރަކަށް، ނުޒްހާ ނާއިލްގެ ދިރިއުޅުމާ ވަރަށް ގާތްވިއެވެ. އޭނާ ނާއިލްގެ ގެއަށް ޒިޔާރަތްކުރަން ފެށިއެވެ. މާލޭގެ ހަނި ގޯޅިއެއްގައި ހުރި އެ ކުޑަ ކޮޓަރީގައި ނާއިލް އައިނީއަށްޓަކައި ތައްޔާރުކޮށްފައިވާ ދުނިޔެ ފެނިފައި ނުޒްހާ ހައިރާންވިއެވެ.
ފާރުތަކުގައި ހުރީ އައިނީ ކުރަހާފައިވާ ކުރެހުންތަކެވެ. އެއް ކަނެއްގައި ހުރި ކުޑަ މޭޒުމަތީގައި ހުރީ އައިނީގެ ފޮތްތަކެވެ. ނާއިލް ކޮންމެ ރެއަކު އައިނީއަށް ވާހަކަ ކިޔައިދެއެވެ. އެއީ ހަމައެކަނި ވާހަކައެއް ނޫނެވެ؛ އެއީ ލޯތްބާއި އުއްމީދުގެ ދުނިޔެއެކެވެ.
“ނު-ނޫ-ނު-ނުޒްހާ މޭ-މޭ-މޭޑަމް، ކޮ-ކޮ-ކޮފީއެއް ބޯލާނަންތަ؟” ނާއިލް އޯގާތެރިކަމާއެކު އެހިއެވެ.
ނުޒްހާ ހިނިތުންވެލިއެވެ. “އާނ، ބޯލާނަން. ނާއިލް، ކީއްވެ ތައުފީޤު ސަރއާ ވާހަކަދައްކައިގެން މިކަން ހައްލު ނުކުރީ؟ އޭނާއަކީ އައިނީގެ ކާފައެއްނު؟”
ނާއިލްގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުނެވެ. “އޭ-އޭ-އޭނާ ބެބެ-ބޭ-ބޭނުމީ އައި-އައިނީ ގެ-ގެ-ގެންގޮސް ބޭ-ބޭ-ބޭ-ބޭރަށް ފޮނު-ފޮނު-ފްފް-ފޮނުވާލަން. އޭ-އޭ-އޭނާ ބު-ބު-ބުނީ-ނީ އަ-އަ-އަހަރެން ކަކަ-ކަހަ-ކަ-ކަހަލަ މީ-މީ-މީހަކު އައި-އައިނީގެ ބަބަ-ބަ-ބައްޕައަކަށް ހު-ހުރު-ހު-ހު-ހުރުމަކީ އައި-އައިނީއަށް ލި-ލި-ލިބޭ ހު=ހު-ހުތުރެކޭ. އޭ-އޭ-އެ-އެކަމަކު އައި-އައިނީ ބު-ބު-ބުނީ ބާ-ބާ-ބަ-ބައްޕަގެ އާ-އަ-އަ-އަތުގަ ހީ-ހި-ހި-ހިފާލީމަ ބީ-ބި-ބިރު ކޭ-ކެ-ކެ-ކެނޑެޔޭ.”
ނުޒްހާގެ ހިތަށް އަސަރުކުރިއެވެ. އޭނާގެ އަމިއްލަ ބައްޕައަކީ މުއްސަނދި މީހެކެވެ. ނަމަވެސް އޭނާގެ ބައްޕަ ދުވަހަކުވެސް ނުޒްހާގެ އަތުގައި ހިފާލާފައެއް ނުވެއެވެ. އޭނާއަށް ލިބުނީ ހަމައެކަނި ފައިސާއެވެ.
ކޯޓުގެ އެންމެ ފަހުގެ ހަރުފަތް
ކޯޓުގެ އެންމެ ފަހު ދުވަހެވެ. ތައުފީޤުގެ ފަރާތުން ވަރަށް ވަރުގަދަ ހެކިތަކެއް ހުށަހެޅިއެވެ. ނާއިލްއަށް އައިނީގެ ސްކޫލް ފީ ނުދެއްކިގެން އުޅުނު ދުވަސްތަކުގެ ރެކޯޑުތަކެވެ. އަދި ނާއިލް މަގުމަތީގައި އުޅެނިކޮށް އޭނާއަށް މީހުން މަލާމާތްކުރާ މަންޒަރުތަކެވެ.
“އިއްޒަތްތެރި ގާޒީ،” ނުޒްހާ ފަހު ބަސް ބުނަން ތެދުވިއެވެ. “އަޅުގަނޑު މިއަދު ގާނޫނީ ފޮތްތަކަކުން ވާހަކައެއް ނުދައްކާނަން. އަޅުގަނޑު ބޭނުމީ އައިނީއާ ސުވާލުކޮށްލަން.”
ގާޒީ ހުއްދަ ދިނުމުން އައިނީ ކޯޓު ރޫމަށް ވަދެގެން އައެވެ. އޭނާ ފުރަތަމަވެސް ބަލާލީ ނާއިލްއަށެވެ. ނާއިލް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ހިނިތުންވެލިއެވެ.
“އައިނީ،” ނުޒްހާ މަޑުމަޑުން އެހިއެވެ. “ކާފަ ބޭނުންވަނީ އައިނީ އޮސްޓްރޭލިއާއަށް ގެންގޮސް، ވަރަށް ބޮޑު ގެއެއްގައި ބަހައްޓައިގެން، ވަރަށް ގިނަ ކުޅޭ އެއްޗެހި ހޯދައިދީގެން ކިޔަވައިދޭން. އެކަމަކު ބައްޕަ ގާތުގައި ހުރިއްޔާ އެ އެއްޗެއްސެއް ނުލިބޭނެ. އައިނީ ބޭނުމީ ކޮން ގޮތެއް؟”
ކޯޓު ރޫމުގައި އޮތީ މަރުފަދަ ހިމޭންކަމެކެވެ. ތައުފީޤު އުންމީދާއެކު އައިނީއަށް ބަލާލިއެވެ.
އައިނީ ނާއިލްގެ އަތުގައި ބާރަށް ހިފާލިއެވެ. “އަހަރެން ބޭނުމީ އަހަރެންގެ ބައްޕަ. ބޮޑު ގެއެއްގަ ބިރުގަނެފަ ހުރުމަށްވުރެ، ބައްޕަގެ ކުޑަ ކޮޓަރީގަ ހުރުން މާ އުފާވެރި. ބައްޕައަކީ އަހަރެންގެ ހީރޯ. ބައްޕަ ކަހަލަ މީހަކަށް ވާން އަހަރެން ބޭނުމީ. އެއީ ބައްޕަ ދުވަހަކުވެސް ދޮގެއް ނުހަދާނެތީ. ބައްޕަ އަބަދުވެސް ލޯބިވާނެތީ.”
ނިންމުން
ގާޒީ އޭނާގެ ހުކުމް އިއްވަން ފެށިއެވެ. “ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި، ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނަށް ރިއާޔަތްކުރާއިރު، ކުއްޖެއްގެ އެންމެ ބޮޑު މަސްލަހަތަކީ އޭނާގެ އުފާވެރިކަން. މާލީ ތަނަވަސްކަމަކީ ބެލެނިވެރިކަން ކަނޑައެޅުމުގެ ހަމައެކަނި އުސޫލެއް ނޫން.”
“މި ކޯޓުން ނިންމަނީ، އައިނީގެ ބެލެނިވެރިކަން ނާއިލްއަށް ދިނުމަށް. ނަމަވެސް، އައިނީގެ ތައުލީމާއި ސިއްހީ ކަންކަމަށް ތައުފީޤުގެ އެހީތެރިކަން ލިބޭނެ އިންތިޒާމެއް ހަމަޖައްސަންވާނެ. އަދި ކޮންމެ ހަފްތާއަކު އެއްފަހަރު ކާފައާ ބައްދަލުކުރުމުގެ ފުރުސަތު ދޭންވާނެ.”
ކޯޓު ރޫމުން ނުކުތްއިރު، ތައުފީޤުގެ ލޮލުން ކަރުނަ ފޭދުނެވެ. އޭނާއަށް އެނގިއްޖެއެވެ. އޭނާގެ ދަރިފުޅު މާޔާ ނާއިލް ދެކެ ލޯބިވީ ސަބަބެވެ. އެއީ ނާއިލްގެ ހިތުގެ ސާފުކަމެވެ.
ނުޒްހާ ނާއިލްގެ ކައިރިއަށް އައެވެ. “ނާއިލް، ކަލޭ މިއަދު އަހަންނަށް ވަރަށް ބޮޑު ފިލާވަޅެއް ދަސްކޮށްދީފި. ލޯތްބަކީ ހުރިހާ އެއްޗަކަށްވުރެ ބާރުގަދަ އެއްޗެއްކަން.”
ނާއިލް ހީނލިއެވެ. “އަ-އަ-އާ-އައަހަރެން… މީ-މީ-މީ-މަ-މަގޭ ހާ-ހާ-ހާލަ-ހާލަތޭ. އަ-އަ-އަހަންނަކީ އަ-އަ-އާ-އަ-އައިނީގެ ބަ-ބާ-ބަ-ބައްޕަ.”
އައިނީއާއި ނާއިލް އަތްގުޅުވާލައިގެން މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއިން ހިނގާފައި ދިޔައިރު، އޮއްސެމުންދިޔަ އިރުގެ ރަންދަޅަ އެމީހުންގެ މޫނަށް އެޅިފައި ހުއްޓެވެ. މިއަދު އެމީހުންގެ ހިތުގައި އޮތީ ބަޔާންކުރަންދަތި އުފާވެރިކަމެކެވެ.
އާ ފެށުމެއް
މައްސަލަ ނިމުނުތާ ތިން މަސް ފަސްވެގެން ދިޔައިރު، ނާއިލްގެ ދިރިއުޅުމަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ތައުފީޤު މިހާރު ހަފްތާއަކު ދެ ފަހަރު އައިނީއާ ބައްދަލުކުރަން ނާއިލްގެ ގެއަށް އާދެއެވެ. އޭނާގެ ހަރުކަށިކަން މިހާރު ވަނީ މަޑުމޮޅިކަމަށް ބަދަލުވެފައެވެ.
“ނާއިލް، އަހަރެން މާޔާގެ ކޮޓަރީގައި ހުރި ބައެއް އެއްޗެހި ގެނައިން،” ތައުފީޤު އެއްދުވަހަކު ފޮށްޓެއް ހިފައިގެން އައިސް ބުންޏެވެ. “އޭގައި ހުންނާނެ ނާއިލްއާއި މާޔާގެ ބައެއް ފޮޓޯތައްވެސް.”
ނާއިލް އެ ފޮޓޯތަކަށް ބަލާލިއެވެ. “މާ-މާ-މާމާ-މާޔާ… މާ-މާ-މާޔާ އާ-އަ-އައަބަދުވެސް ބު-ބު-ބުބުނާނެ އަ-އައ-އަ-އައިނީ ވާ-ވާ-ވާނީ ވަވަ-ވަ-ވަރަށް މޮ-މޮ-މޮޅު ކުކު-ކު-ކުއްޖަކަށޭ. އާ-އަ-އަ-އައިނީގެ ކާ-ކާ-ކާ-ކާފަ މިހާރު އަ-އަ-އައިނީދެކެ ލޯ-ލޯ-ލޯލޯ-ލޯބިވޭތަ؟”
ތައުފީޤު ނާއިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “އާނ ނާއިލް. އަހަރެން މިއަދު ގަބޫލުކުރަން، މާޔާ ނާއިލް އިޚްތިޔާރު ކުރީ ކީއްވެގެންކަން. ނާއިލްއަކީ ދުނިޔެވީ ހީލަތްތެރިކަމެއް ނެތް، ސާފު ހިތެއްގެ ވެރިއެއް.”
ނުޒްހާވެސް މިހާރު އެ އާއިލާގެ ގާތް މީހަކަށް ވެއްޖެއެވެ. އޭނާ ކޯޓު މައްސަލަތަކުގެ ހާސްކަމުން ދުރުވެލުމަށްޓަކައި، ހަފްތާ ބަންދުގައި ނާއިލްމެންނާއެކު ވަގުތު ހޭދަކުރެއެވެ. އޭނާ ދަނީ ނާއިލްއަށް ބައެއް އަސާސީ ކަންކަން ދަސްކޮށްދެމުންނެވެ.
ލޯތްބަކީ ކާމިޔާބީ
އަހަރުތަކެއް ފާއިތުވެގެން ދިޔައެވެ. މިއަދަކީ އައިނީގެ ސާނަވީ ތައުލީމު ނިންމި ރަސްމިއްޔާތު އޮތް ދުވަހެވެ. މުޅި ހޯލުގައި މީހުން ފުރިފައި އޮތްއިރު، އެންމެ ކުރީ ސަފުގައި ނާއިލް އިނީ ފަޚުރުވެރިކަމާއެކުގައެވެ. އޭނާގެ އެއްފަރާތުގައި ނުޒްހާ އަދި އަނެއް ފަރާތުގައި ތައުފީޤު އިނެވެ.
“އެންމެ މޮޅު ދަރިވަރުގެ ވަނަ ހޯދީ… އައިނީ ނާއިލް!” މައިކުން އިިއުލާން ކުރިއެވެ.
އައިނީ ސްޓޭޖަށް އެރިއިރު، މުޅި ހޯލު އަތްތިލަބަޑީގެ އަޑުން ގުގުމާލިއެވެ. އޭނާ އަތުގައި އޮތް ތަށި ހިފައިގެން މައިކު ކައިރިއަށް ޖެހިލިއެވެ.
“މި ކާމިޔާބީގެ ހުރިހާ ޝަރަފެއް ދޭނީ އަހަރެންގެ ބައްޕައަށް،” އައިނީ ބުންޏެވެ. “ބައެއް މީހުން ބުނޭ އަހަރެންގެ ބައްޕައަކީ ތަފާތު މީހެކޭ. އެކަމަކު އަހަންނަށް އެނގޭ ކަމަކީ، ބައްޕަގެ އެ ތަފާތުކަމުގެ ސަބަބުން އަހަންނަށް ދުނިޔޭގެ އެއްވެސް ކުއްޖަކަށް ނުލިބޭ ފަދަ މައުސޫމް ލޯތްބެއް ލިބުނުކަން. ބައްޕާ، ބައްޕަ ބުނަމެއްނު މީ މަގޭ ހާލަތޭ؟ އަހަރެން ބޭނުމީ ބުނެލަން، އަހަރެން ބޭނުމީވެސް ހަމަ ތިޔަ ކަހަލަ ބައްޕައެކޭ.”
ނާއިލްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭދުނެވެ. އޭނާ ކޮޅަށް ތެދުވެ، އަތުން ހިތުގެ ބައްޓަން ހަދާލާފައި އައިނީއަށް ދައްކާލިއެވެ. އެއީ އެ ދެބަފައިންގެ މެދުގައި އޮންނަ ސިއްރު ބަހެކެވެ. “އަހަރެން އައިނީދެކެ ވަރަށް ލޯބިވޭ” ބުނާ ބަހެވެ.
މުޅި މުޖުތަމައު މިއަދު ނާއިލްއަށް އިހުތިރާމް ކުރެއެވެ. އޭނާއަކީ ނުކުޅެދޭ މީހެއްގެ ގޮތުގައި ދެކުނު ދުވަސްތައް ފާއިތުވެ، އޭނާއަކީ ލޯތްބާއި ކެތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި އެންމެން ގަބޫލުކޮށްފިއެވެ.
ނުޒްހާ ނާއިލްގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. “ނާއިލް، ކަލޭ ހަގީގަތުގައިވެސް ދުނިޔެ ބަދަލުކޮށްފި.”
ނާއިލް ހިނިތުންވެލަމުން އުޑާ ދިމާއަށް ބަލާލިއެވެ. މާޔާ އުޑުމަތިން އޭނާއަށް ބަލަހައްޓައިގެން ހިނިތުންވެފައި ހުރި ކަހަލައެވެ. ނާއިލް މަޑުމަޑުން އަމިއްލަ ނަފްސަށް ބުނެލިއެވެ.
“އާނ، މީ މަގޭ ހާލަތޭ. އަދި އަހަރެން މިގޮތުގައި ހުރިކަމަށްޓަކައި މިއަދު ވަރަށް އުފާވޭ.”
— ނިމުނީ —
