ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު ފިލްމު “1942: އެ ލަވް ސްޓޯރީ” 8K ކޮލިޓީގައި އަލުން ސިނަމާތަކަށް
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ ތާރީޚީ ކާމިޔާބު ފިލްމު “1942: އެ ލަވް ސްޓޯރީ” އާބާތުރަ ފިލުވައި، އެންމެ ޒަމާނީ 8K ކޮލިޓީގައި މި މަހުގެ 21 ވަނަ ދުވަހު އަލުން ސިނަމާތަކުގައި ދައްކަން ތައްޔާރުވެއްޖެއެވެ.

ޕީ.ވީ.އާރު އައިނޮކްސް (PVR INOX) އިން ރިލީޒްކުރާ މި ފިލްމަކީ 1994 ވަނަ އަހަރު މަޝްހޫރު ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްރާ އުފެއްދި ފިލްމެކެވެ. އަނިލް ކަޕޫރާއި މަނީޝާ ކޮއިރާލާ މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގެ ދުވަސްވަރުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

މި ފިލްމު އަލުން ދައްކާއިރު، ވިޝުއަލްތައް 8K އަށް ބަދަލުކޮށް، އަޑުތައް ވަނީ 5.1 ސަރައުންޑް ސައުންޑަށް ރީމާސްޓަރ ކޮށްފައެވެ. މި މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ޕްރަސާދު ލެބްސް އާއި އިޓަލީގެ މަޝްހޫރު ފިލްމު ރެސްޓޯރޭޝަން ފެސިލިޓީއެއް ކަމަށްވާ “ލިމޭޖިން ރިޓްރޮވާޓާ” ގުޅިގެންނެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ސަންޖޭ ލީލާ ބަންސާލީ، ޝިވް ކުމާރު ސުބްރަމާނިއަމް އަދި ވިދޫ ވިނޯދު ޗޯޕްރާއެވެ. އަދި ޑައިލޮގްތައް ލިޔެފައިވަނީ ކާމްނާ ޗަންދްރާއެވެ.

މި ފިލްމު އަލުން ނެރުމަކީ، ފިލްމު ރިލީޒްކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ދުނިޔެ ދޫކުރި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އާރް.ޑީ ބާމަންގެ ހަނދާންތައް އާކުރުމަށް ކުރެވޭ ކަމެއްވެސް މެއެވެ. “އޭކް ލަޅްކީ ކޯ ދޭކާ” އަދި “ކުޗް ނާ ކަހޯ” ފަދަ ޒަމާންވީ ރީތި ލަވަތަކަކީ އޭނާގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްރާ ބުނި ގޮތުގައި، މި ފިލްމަކީ އިންޑިއާގައި އެންމެ ފުރަތަމަ ޑޮލްބީ ސައުންޑް ބޭނުންކޮށްގެން އުފެއްދި ފިލްމެވެ. ނަމަވެސް އެ ދުވަސްވަރު ސިނަމާތަކުގެ ފެންވަރު ހުރިގޮތުން ފިލްމުގެ އަސްލު އަޑާއި ކުލަތައް ބެލުންތެރިންނަށް އެންމެ ފުރިހަމައަށް ތަޖުރިބާ ނުކުރެވޭ ކަމަށާއި، މި ފަހަރު ބެލުންތެރިންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  ޝިވާންގީގެ ރޯލު ފުރަތަމަ ލިބުނީ މަނީޝާއަކަށް ނޫން

ޖެކީ ޝްރޮފް އަދި އަނޫޕަމް ކޭރުވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު އަލުން ސިނަމާއަށް އަންނާތީ، މިއީ ބޮލީވުޑްގެ ރީތި ހަނދާންތަކެއް އާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ޕީ.ވީ.އާރު އައިނޮކްސް އިން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top