ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ގްލޯބަލް ސްޓާރ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، އެކަޑަމީ އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު އެކްޓަރު ރަސަލް ކްރޯއާއެކު އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
“ބްލޫ ފްލައި” ގެ ނަން ދެވިފައިވާ މި ސައިންސް ފިކްޝަން އެކްޝަން ތުރިލާ ޑައިރެކްޓް ކުރަނީ “ޕްރެޑޭޓާސް” އާއި “ސްޓްރޭންޖާ ތިންގްސް” އިން މަޤުބޫލުކަން ހޯދި ނިމްރޯޑް އެންޓަލްއެވެ. މި ފިލްމުގެ މައިގަނޑު މަސައްކަތްތައް މިއަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އދ. ގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެނަކު، ކޮންގޯގައި ކުރިއަށްދާ ސިއްރު “ބްލެކް-އޮޕްސް” މިޝަނެއްގައި ބައިވެރިވާން ޖެހުމުން ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. މި މިޝަނުގެ ބޭނުމަކީ ދުނިޔޭގައި ނެތްކަމަށް ބުނާ ސިއްރު މަތިންދާބޯޓެއް ހޯދުމެވެ. ނުރައްކާތެރި ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކުރަމުންދާއިރު، މި ޓީމަށް ހާމަވާ ބޮޑެތި ސިއްރުތަކާއެކު މުޅި މިޝަން ފުރާނައަށް ނުރައްކާވާ ފަދަ ހަނގުރާމައަކަށް ބަދަލުވެގެންދެއެވެ.
“ބްލޫ ފްލައި” ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ޑޭވިޑް ފްރިޖެރިއޯ އާއި ވިލިއަމް ޔޫބޭންކް އަދި ކާލައިލް ޔޫބޭންކްއެވެ. މި ފިލްމުގެ ވިޔަފާރި މުއާމަލާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައެވެ.
ހައިލޭންޑް ފިލްމް ގްރޫޕްގެ ސީއީއޯ އޭރިއަން ފްރޭޒާ ވިދާޅުވީ، ރަސަލް ކްރޯ އާއި ޕްރިޔަންކާ ފަދަ މޮޅު ތަރިންނާއެކު މި ފިލްމު ވެގެންދާނީ “އެރައިވަލް” ފަދަ އަސަރުގަދަ އަދި ޝައުޤުވެރި ފިލްމަކަށް ކަމަށެވެ. ޑައިރެކްޓަރު ނިމްރޯޑްވެސް ވަނީ މިފަދަ ވަރުގަދަ ޓީމަކާއެކު މަސައްކަތްކުރަން ލިބުމުން އެކަމާ އުފާކުރާކަން ހާމަކޮށްފައެވެ.
ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑްގައި ބާރުމިނެއްގައި ކުރިއަށްދާއިރު، މިއީ އޭނާގެ ކެރިއަރުގައި އިތުރުވެގެންދާ ވަރަށް މުހިންމު ފިލްމަކަށް ވެގެންދާނެއެވެ. ރަސަލް ކްރޯ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ “ނިއުރެމްބާގް” އިންނެވެ.
