🍿 ޑައިރެކްޓަރު ލުއީ ލެޓެރިއަރ އާއި ފިލްމުގެ ތަރިން ތިޔަބޭފުޅުންގެ ހިތުގައި އުފެދޭ އެންމެ ފުން ސުވާލުތަކަށް ޖަވާބު ދެނީ.
“ދަ ލާސްޓް ހައުސް” ފިލްމުގައި ފެނިގެންދަނީ ޑެލްގާޑޯގެ އާއިލާ އެމީހުންގެ ގެއިން ނުކުންނަން ކުރާ މަސައްކަތެވެ. ނަމަވެސް، ފެންނަން ނެތް ބާރަކުން ގޭގެ ހުރިހާ ދޮރުތަކާއި ކުޑަދޮރުތަކެއް ވަނީ ބަންދުކޮށްފައެވެ. މި ހާދިސާ މުޅި އަވަށްޓެރި ސަރަހައްދަށް ކުރިމަތިވެފައިވާއިރު، ބޭރުގައި ހުއްޓުމެއްނެތި ވެހެމުންދާ ވާރޭގެ ތެރެއިން ހިޔަނިތަކެއް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އެކަމުގެ އެއްވެސް ތަފްސީލެއް ނޭނގި އޭން (ގްރެޓާ ލީ) އާއި، ޖޭސަން (ވެގްނާ މައުރާ) އަދި އެމީހުންގެ ދަރިން ކަމަށްވާ ގްރަހަމް އާއި ރޫތު ތިބީ ގޭގައި ބަންދުވެފައެވެ.
މި އާއިލާ ބަންދުކޮށްގެން ގެންގުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ އެހެން އެންމެންނަށްވުރެ ކުރިން ރޫތަށް އެ މަޚްލޫޤުން ދެނެގަނެވުނީ ކީއްވެގެން ހެއްޔެވެ؟ އަދި އެ ސޫފިތައް މި އާއިލާއަށް ގެއްލުމެއް ނުދީ ދޫކޮށްލީ ކީއްވެ ހެއްޔެވެ؟ ފިލްމުގެ އެންމެ ފަހު ސިކުންތުގައި “ހަލޯ” އޭ ބުނެ ގޮވާލަނީ ކާކު ހެއްޔެވެ؟ މި ހުރިހާ ސުވާލެއްގެ ޖަވާބު، ކަނޑުގެ އަޑީގައިވާ ގޮތް ނޭނގޭ ދިރުންތަކުން ފެށިގެން ފިލްމު ނިމޭއިރު ފެންނަ ފެންބޮޑުވުމުގެ މަންޒަރުތަކާ ހަމައަށް، ޑައިރެކްޓަރު ލުއީ ލެޓެރިއަރ އާއި ފިލްމުގެ ފަންނާނުން ކިޔައިދެއެވެ. މީގެ އިތުރުން “ޗިމްނީ ފިޝިންގ” ނުވަތަ ދުންހޮޅިން މަސްބޭނުމުގެ މާނައަކީ ކޮބައިކަންވެސް އެނގިގެންދާނެއެވެ.
“ދަ ލާސްޓް ހައުސް” ބަލާ ނިމުމުން ތިޔަބޭފުޅުންގެ ހިތުގައި އުފެދިފައިވާނެ ތަފާތު ސުވާލުތަކުގެ ޖަވާބުތަކަށް ތައްޔާރުވެލައްވާށެވެ.
މި ފިލްމުގައި ފެންނަ މަޚްލޫޤުންނަކީ ކޮބާ؟
ގޭގައި މީހުން ބަންދުކޮށްގެން އުޅެނީ ދުނިޔޭން ބޭރުގެ ނުވަތަ އެހެން ޕްލެނެޓެއްގެ ބައެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް ލެޓެރިއަރ ބުނާ ގޮތުގައި އެއީ އިންސާނުންނަށްވުރެ މާ ކުރިއްސުރެ މި ބިމުގައި އުޅެމުންދާ ކަނޑުގެ އަޑީގެ ގަދީމީ މަޚްލޫޤުންތަކެކެވެ. “އެތަކެތި މިތަނުގައި އުޅޭތާ އިންސާނުންނަށްވުރެ މާ ގިނަ ދުވަސްވެއްޖެ. އަސްލު މިއީ އެސޫފިތަކުގެ ދުނިޔެ،” އޭނާ ބުންޏެވެ. އިންސާނުން ދުނިޔޭގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ތިމާވެށި ތަޣައްޔަރުކޮށް، ދުނިޔޭގެ ހޫނުމިން މަތިކޮށް “ކަނޑުތައް ކައްކަން” ފެށުމުން، އެ މަޚްލޫޤުން ކަނޑުގެ އަޑިން ބޭރަށް ނުކުތީއެވެ.
މި މަޚްލޫޤުން ފަރުމާކުރުމުގައި ލެޓެރިއަރ އާއި ޕްރޮޑަކްޝަން ޑިޒައިނަރު ކެވިން ޖެންކިންސް ބޭނުންވީ، އާންމުކޮށް ފެންނަ ކަނޑުގެ ސޫފިތަކާ ތަފާތު، ސިއްރުވެރި ސިފައެއް ގެނައުމަށެވެ. ޖެންކިންސް މި ސިފަ ކުރަހާލީ ވަރަށް އަވަހަށެވެ. އޭނާ ބުނި ގޮތުގައި އެއީ ފެނުގެ ތެރޭގައި އޮޮމާންކޮށް ދަތުރުކުރާ، ނެށުންތެރިއަކާ އެއްފަދައިން އޭގެ “ޓެންޓަކްލްސް” ނުވަތަ ފައިތަކުގެ އެހީގައި ކޮޅަށް ހުރެވޭ، ދެފައިޖަހާފައި ހުންނަ އިންސާނަކާ ވައްތަރު ގޮތަކަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.
މި މަޚްލޫޤުން ފަރުމާކުރީ ކިހިނެއް؟
މި މަޚްލޫޤުންގެ ސިއްރުވެރިކަން ދެމެހެއްޓުމަކީ ޑައިރެކްޓަރުގެ ވަރަށް ބޮޑު އަމާޒެކެވެ. ބެލުންތެރިންނަށް އެ ސޫފިތަކުގެ ފުރިހަމަ ސިފަ އެއްކޮށް ދެއްކުމުގެ ބަދަލުގައި، ކުޑަ މިންވަރެއް ދައްކައިގެން ބެލުންތެރިންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް އޭނާ އިސްކަންދިނެވެ. މީގެ ކުރިން އުފައްދާފައިވާ “ޖޯސް” އާއި “އޭލިއަން” ފަދަ ފިލްމުތަކުން މިކަމަށް އިންސްޕިރޭޝަން ހޯދިއެވެ.
މި މަންޒަރުތައް ހަގީގީ ގޮތަކަށް ދެއްކުމަށްޓަކައި، ސިލިކޯން ބޭނުންކޮށްގެން މަޚްލޫޤުގެ މޮޑެލްއެއް ހަދައި، އޭގެ ތެރެއަށް މީހަކު ވަދެ ހަރަކާތްތެރިވާ ގޮތަށް ތައްޔާރުކުރިއެވެ. ފެންބޮޑުވެފައިވާ ގޭގެ ހަނި ތަންތަނުގައި މި މޮޑެލް ބޭނުންކޮށްގެން މަންޒަރުތައް ނެގުމަށްފަހު، ވިޝުއަލް އިފެކްޓްސް ބޭނުންކޮށްގެން ފުރިހަމަކުރިއެވެ.
ލެޓެރިއަރ ތަފްސީލުކޮށްދިން ގޮތުގައި، މިއީ އިންސާނުންގެ ދުނިޔެއަށް ބަޔަކު އަރައިގަތުމުގެ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެ މަޚްލޫޤުންގެ އަމިއްލަ ދުނިޔެ އިންސާނުންގެ އަތުން އަތުލުމެވެ. އަދި އިންސާނުންނަކީ މި ދުނިޔޭގައި އުޅޭ “ބޭރުގެ ބައެއް” ނުވަތަ އޭލިއަނުންކަން އިހުސާސްކޮށްދިނުމެވެ.
އާއިލާ އެ ގޭގައި ބަންދުވެފައި ތިބީ ކިހާ ދުވަހަކު؟
ޑެލްގާޑޯ އާއިލާ އެ ގޭގައި ފަސް އަހަރަށްވުރެ ގިނަ ދުވަހު ބަންދުވެފައި ތިއްބެވެ. ފިލްމުގެ މެދުތެރެއިން ކުއްލިއަކަށް ވަގުތު ފަހަތަށް ސޮއްސާލައި، ފަސް އަހަރު ފަހުގެ މަންޒަރުތައް ފެނިގެންދެއެވެ. ލެޓެރިއަރ ބުނާ ގޮތުގައި ވަގުތަށް އައި މި ބަދަލު ދެއްކުމަށްޓަކައި ފިލްމު ނެގި ކެމެރާގެ ކޮލިޓީއަށްވެސް ބަދަލުތަކެއް ގެނައެވެ.
މި މުއްދަތުގެ ތެރޭގައި ގޭގެ ހާލަތަށް އައި ބަދަލުތައް ދެއްކުމަށްޓަކައި ޕްރޮޑަކްޝަން ޓީމުން ވަރަށް ބޮޑު މަސައްކަތެއް ކުރިއެވެ. ގޭގެ ފާރުތަކާއި، ފަރުނީޗަރުތައް ބޭނުންކޮށްގެން އާއިލާއިން ދިރިއުޅުމަށް ކުރި މަސައްކަތްތައް ދެއްކުމަށްޓަކައި، ސެޓު ތައްޔާރުކުރީ ވަރަށް ބޮޑަށް ރޭވިގެންނެވެ. ފަސް އަހަރު ވީއިރު، ގޭގެ ގިނަ ތަކެތި ވަނީ އާ ތަކެތި އުފެއްދުމަށާއި ސަލާމަތްވުމަށްޓަކައި ބޭނުންކޮށްފައެވެ.
އާއިލާގެ ކުޑަ ދެ ދަރިންގެ ރޯލު ފިލްމުގެ ކުރީކޮޅު ކުޅުނު ކުދިންގެ ބަދަލުގައި، ފަސް އަހަރު ފަހުގެ މަންޒަރުތަކަށް އުމުރުން ދޮށީ ކުދިން ބޭނުންކުރިއެވެ. އަދި ބޮޑެތި މީހުންގެ ރޯލު ކުޅުނު ތަރިންވެސް، ގިނަ ދުވަހު ބަނޑުހައިހޫނުކަމާއި ނަފްސާނީ ބަލިމަޑުކަމުގައި އުޅޭ މީހުންގެ ސިފަ ގެނައުމަށް މަސައްކަތް ކުރިއެވެ.
އެހާ ގިނަ ދުވަހު އެމީހުން ސަލާމަތުން ތިބީ ކިހިނެއް؟
މީގެ އެންމެ ބޮޑު ސިއްރަކީ ގޭގެ ދުންހޮޅިއެވެ. ގޭގެ ހުރިހާ ދޮރެއް ބަންދުވެފައި ހުއްޓަސް، ދުންހޮޅީގެ މަތިގަނޑު ނެއްޓިގެން ދިއުމުން ކުޑަ ހުޅުވުމެއް ލިބުނެވެ. އެއީ މީހަކަށް ނުކުމެވޭވަރުގެ ބޮޑު ހުޅުވުމެއް ނޫން ނަމަވެސް، ޖޭސަން އެ ތަން ބޭނުންކޮށްގެން މަސް ބޭނުމާއި، ޖަނަވާރު ހިފުމުގެ މަސައްކަތް ކުރިއެވެ. މިއަށް ފިލްމުގެ ޓީމުން ކިޔަނީ “ޗިމްނީ ފިޝިންގ” އެވެ.
މީގެ އިތުރުން ގޭގެ ތެރޭގައި ގަސް ހައްދައި، ބައިސްކަލުގެ ބައިތަކާއި، ވެކިއުމް ކްލީނަރު ފަދަ ތަކެތި ބޭނުންކޮށްގެން ފެން ހޯދުމުގެ ނިޒާމުތައް އެމީހުން ގާއިމުކުރިއެވެ. މި އާއިލާ ސަލާމަތުން ބޭތިއްބުމަށްޓަކައި ސަަވައިވަލް ކޮންސަލްޓަންޓެއްގެ އެހީތެރިކަންވެސް ހޯދިއެވެ.
ފިލްމު ނިމޭއިރު މަޚްލޫޤުން ދޮރުތައް ހުޅުވައިދިނީ ކީއްވެ؟
މަޚްލޫޤުން ޑެލްގާޑޯ އާއިލާ ދޫކޮށްލީ، ޖޭސަން އެތަކެއްޗާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމުންނެވެ. މުޅި ފިލްމުގައިވެސް ޖޭސަން މަސައްކަތް ކުރީ ބާރުގެ ބޭނުންކޮށްގެން ކަންކަން ހައްލުކުރުމަށެވެ. ނަމަވެސް، އެ މަޚްލޫޤުން ބޭނުންވަނީ ހަމަލާދިނުމުގެ ބަދަލުގައި މުއާމަލާތްކުރަންކަން ރޫތަށް ވިސްނުމުން، ޖޭސަން އޭނާގެ ދަރިފުޅަށް އިތުބާރުކޮށް ހަތިޔާރު ބެހެއްޓިއެވެ.
ލެޓެރިއަރ ބުނާ ގޮތުގައި، މިސާލަކަށް، އެ މަޚްލޫޤުން ބޭނުންވީ އިންސާނުން އެކަކު އަނެކަކާ އަދި ތިމާވެއްޓާ އެކު އޮންނަ ގުޅުން ރަނގަޅުކޮށް، ގުޅިގެން ދިރިއުޅެން ދަސްކުރުމަށެވެ. އަނިޔާވެރިކަމުގެ ބަދަލުގައި އިތުބާރާއި އެކުވެރިކަން އިޚްތިޔާރު ކުރުމުން، އިންސާނުންނަށް ބަދަލުވެވިދާނެކަން އެ ސޫފިތަކަށް ސާބިތުވެ، އެ އާއިލާ ދިރިހުރުމުގެ ފުރުސަތު ދިނީއެވެ.
ފެނުގެ އަޑީގެ މަންޒަރުތައް ކުޅުނީ ކިހިނެއް؟
ފިލްމު ނިމޭއިރު އޭން ގޭގެ ނަރުދަމާ ނިޒާމުގެ ތެރެއަށް ފީނަންޖެހޭ މަންޒަރުތަކަކީ ހަގީގީ ފެންގަނޑެއްގެ ތެރޭގައި ނަގާފައިވާ މަންޒަރުތަކެކެވެ. ލެޓެރިއަރ ބޭނުންވީ މި މަންޒަރުތައް ވީހާވެސް ހަގީގީ ގޮތަކަށް ދެއްކުމަށެވެ. އެހެންކަމުން، “ބްލޫ ސްކްރީން” ބޭނުންކުރުމުގެ ބަދަލުގައި، ފެން އަޅާފައިވާ ބޮޑެތި ޓޭންކުތަކެއްގެ ތެރޭގައި ގޭގެ ސެޓުތައް ހަދައިގެން މަންޒަރުތައް ނެގިއެވެ.
މިކަމަށްޓަކައި ފިލްމުގެ ތަރިންނަށް ފީނުމުގެ ޚާއްޞަ ތަމްރީނުތަކެއް ދިނެވެ. މާސްކާއި ފުޅި ނެތި ފެނުގެ އަޑީގައި ގިނަވަގުތު މަސައްކަތްކުރަން އެމީހުން ދަސްކުރިއެވެ. ފެންގަނޑު ކިލަނބުކޮށް ދެއްކުމަށްޓަކައި ބްރޮކޮލީ ބޭނުންކުރި ކަމަށްވެސް ޑައިރެކްޓަރު ހާމަކުރިއެވެ. މިކަމުގެ ސަބަބުން ސެޓުގައި ނުބައި ވަހެއް ހުރި ނަމަވެސް، ކެމެރާއަށް އެ މަންޒަރުތައް ފެނުނީ ވަރަށް ފުރިހަމަކޮށެވެ.
ރޫތަށް އެ މަޚްލޫޤުންގެ ކަންކަން އެނގެނީ ކިހިނެއް؟
ރޫތަކީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ކުއްޖެއް ނޫނެވެ. ނަމަވެސް، އޭނާގެ ހުންނަ ފުން ވިސްނުމާއި، ކަންކަމަށް ހުޅުވިފައިވާ ސިކުނޑީގެ ސަބަބުން އެހެން މީހުންނަށް ނުފެންނަ ކަންކަން އޭނާއަށް ދެނެގަނެވެއެވެ. ބޮޑެތި މީހުން އާއިލާ ރައްކާތެރިކުރުމުގެ ފިކުރުގައި ތިއްބައި، ރޫތަށް އެ ސޫފިތަކުގެ ހަރަކާތްތަކުން އެތަކެތީގެ މަގުސަދު ދެނެގަނެވުނީއެވެ.
ދުނިޔޭގައި އެހެން ބަޔަކު ސަލާމަތުން އެބަތިބިތަ؟
އާނއެކެވެ. ލެޓެރިއަރ ގަބޫލުކުރާ ގޮތުގައި އުސް ސަރަހައްދުތަކާއި ބޮޑެތި އިމާރާތްތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ސަލާމަތުން ތިބޭނެއެވެ. ފިލްމުގައި އެހެން މީހުންނަށްވީ ގޮތް ސީދާކޮށް ނުދެއްކި ނަމަވެސް، ޑެލްގާޑޯ އާއިލާއަކީ ދުނިޔޭގައި ބާކީ ތިބި ހަމައެކަނި ބައެއް ނޫނެވެ.
ފިލްމުގެ އެންމެ ފަހުން “ހަލޯ” އޭ ބުނަނީ ކާކު؟
ފިލްމު ނިމެން އުޅެނިކޮށް ރޫތު ރޭޑިއޯއިން ސަލާމަތުން ތިބި ބަޔަކު އެބަތިބިތޯ އެހުމުން، މީހަކު “ހަލޯ” އޭ ބުނާ އަޑު އިވެއެވެ. ލެޓެރިއަރ އެއީ ކާކުގެ އަޑެއްކަން ސީދާ ހާމައެއް ނުކުރެއެވެ. ނަމަވެސް، އޭނާ ބުނީ އެއީ ވަރަށް މަޝްހޫރު “އައިކޮނިކް” މީހެއްގެ އަޑު ކަމަށެވެ. އެއީ ކާކުކަން ބެލުންތެރިންނަށް ދުވަހަކުވެސް ޔަގީނެއް ނުވާނެއެވެ.
“ދަ ލާސްޓް ހައުސް” މިހާރު ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭނެއެވެ.
