ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއައިބީ އާއި މާކޯ ކުއާޓާރ ފައިނަލަށް
ފޮޓޯ: ސެކްޓާ ލީގު - އެފްބީ

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ކުއާޓާރ ފައިނަލަށް އެމްއައިބީ އާއި މާކޯ ރެކްރިއޭޝަން ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންގެ ފަހު ހަތަރު މެޗު ރޭ ވަނީ ކުޅެފައެވެ. ރޭ ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ފަހު ދެ މެޗަށް ބަލާލާއިރު:

ރައުންޑް އޮފް ސިކްސްޓީން މެޗު 7

ރައުންޑް އޮފް ސިކްސްޓީންގެ ހަތްވަނަ މެޗުގައި ބައްދަލުކުރީ އެމްއައިބީ އާއި މީޑިއާނެޓެވެ. މި މެޗުގައި ބައްދަލުކުރާ އެމްއައިބީ ގުރޫޕް އޭގެ ދެވަނަ ހޯދިއިރު، މީޑިއާނެޓަކީ ގުރޫޕް އީގެ ދެވަނަ ޓީމެވެ.

ގުރޫޕް ސްޓޭޖްގައި ރަނގަޅު ކުޅުމެއް ދެއްކި އެމްއައިބީގެ ފަރާތުން މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ފެނުނުއިރު، ގުރޫޕް ސްޓޭޖްގައި މީޑިއާނެޓުން ދެއްކި ކުޅުން މި މެޗުގައި ތަކުރާރު ކުރެވޭ ގޮތެއް ނުވިއެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެމްއައިބީން ލީޑު ނަގާފައިވަނީ ހަތްވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނާއިޝް އިބްރާހީމެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މީޑިއާނެޓްގެ ހާފުގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިން ކުރިޔަށް ޖެހި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ މީޑިއާނެޓަށް ލިބުނު ފުރުސަތު މަދުއިރު އެއިން ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އެމްއައިބީންނެވެ. މި ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހިއިރު، މީޑިއާނެޓަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. އެމްއައިބީގެ ދެވަނަ ލަނޑު ނާއިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޝިނާން ޝަރީފެވެ. މި ނަތީޖާއާއެކު ނިމިދާނެކަމަށް ބެލެވުނު މެޗުގެ ފަހު ސިކުންތުކޮޅުތެރޭ މުޙައްމަދު ނާއިޝް ވަނީ އެމްއައިބީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މިވެސް ކިޔާލަން:  އިމިގްރޭޝަނުން ފެން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލިއިރު، ޓީމް އެފްއެސްއެމްއަށް ވެސް ފަސޭހަ މޮޅެއް

3-0 އިން އެމްއައިބީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ނާއިޝް އިބްރާހީމެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނާއިޝް އިބްރާހީމް / ފޮޓޯ: ސެކްޓާ ލީގު – އެފްބީ

ރައުންޑް އޮފް ސިކްސްޓީން މެޗު 8

ރައުންޑް އޮފް ސިކްސްޓީންގެ އަށްވަނަ މެޗުގައި ބައްދަލުކުރީ އެރީނާ ހޮޓެލްސް އާއި މާކޯ ރެކްރިއޭޝަން އެވެ. ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި މާކޯ ރެކްރިއޭޝަން ދެވަނަ ބުރުން ޖާގަ ހޯދިއިރު، އެރީނާ ހޮޓެލްސްއަކީ ގުރޫޕް ޑީގެ ދެވަނަ ޓީމެވެ.

އެންމެ ފަހުގެ ޗެމްޕިއަންއާ ދެކޮޅަށް ނުކުތް މާކޯ ރެކްރިއޭޝަންއަކީ މި މުބާރާތަށް އާ ޓީމެއް ނަމަވެސް، މުބާރާތުގައި އެ ޓީމުން ދައްކަމުން އައި މޮޅު ކުޅުން މި މެޗުގައި ވެސް ވަނީ ދައްކާފައެވެ. އަދި މެޗުގެ ކުރީކޮޅު ލީޑު ވެސް ނަގާފައެވެ. ތިންވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އިޔާދެވެ. ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރަމުންދިޔަ އެރީނާ ހޮޓެލްސްއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް ޢަލީ ޔަޒީދު ވަނީ މާކޯ ރެކްރިއޭޝަންގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި އެރީނާ ހޮޓެލްސްއިން ކުޅުން ރަނގަޅުކޮށް ދެ ލަނޑު ޖެހިއިރު، މާކޯ ރެކްރިއޭޝަންއިން ވެސް ދެ ލަނޑު ޖެހިއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޙަސަން އިމްރާން އާއި ހުސައިން ރިފާންގެ ލަނޑުން އެރީނާ ހޮޓެލްސް ނަތީޖާ ހަމަހަމަކޮށް އުންމީދު އާކުރިއެވެ. 33 ވަނަ މިނިޓްގައި ޔޫހް ނަސީރު ޖަހައިދިން ލަނޑުން ދެވަނަ ފަހަރަށް މާކޯ ރެކްރިއޭޝަން ލީޑު ނެގިއިރު، މެޗުގެ ފަހު މިނިޓްގައި މުޙައްމަދު އިޔާދު އޭނާގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްލިއެވެ.

މިވެސް ކިޔާލަން:  އަނޫޕަމާގެ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން އަނޫޕަމާއަށް ޝައްކުވެއްޖެ

4-2 އިން މާކޯ ރެކްރިއޭޝަން މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު އިޔާދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އިޔާދު / ފޮޓޯ: ސެކްޓާ ލީގު – އެފްބީ

މި މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުތައް އޮންނާނީ 10 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top