ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ހޯކްސް އާއި ވެލިގާ ހޯދައިފި އެވެ. މި މުބާރާތުގެ ކުއާޓާރ ފައިނަލް ހަތަރު މެޗު 10 އޮގަސްޓްގައި ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ހޯކްސް އާއި އެމްއޭޑަބްލިޔޫސީ ބައްދަލުކުރިއިރު ދެވަނަ މެޗުގައި ބައްދަލުކުރީ ލިއޯ އެފްސީ އާއި ކުލަބް ވެލިގާ އެވެ. އެރޭ ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗަށް ބަލާލާއިރު:
ކުއާޓާރ ފައިނަލް މެޗު 1
ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޯކްސް އާއި ޓީމް އެމްއޭޑަބްލިޔޫސީ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މި ދެ ޓީމަކީ ވެސް މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައިވާ ދެ ޓީމެވެ. މުބާރާތުގެ ބޮޑެތި ބާރުތަކުގެ ގޮތުގައި ބެލެވެމުން އައި މި ދެ ޓީމުގެ ކުރިމަތިލުން ފޯރިގަދަވެފައި ވާދަވެރިވާނެކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.
މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ހާފުގެ މެދަކާއި ހިސާބުން ހޯކްސްއިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ލީޑު ނެގީ ހޯކްސްއިން އެވެ. އުލާން ފޮނުވާލި ބޯޅަ އެމްއޭޑަބްލިޔޫސީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ނުކުތް ވަގުތު، ގޯލު ކުރިމަތިން އޭރިޔާ ބޭރުން ވަރަށް ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމް އެވެ.
މި ލަނޑާއިއެކު ހޯކްސްގެ ހަމަލާތައް ވަރުގަދަވީއިރު ގާތްގާތުގައި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ އެމްއޭޑަބްލިޔޫސީއަށް ފުރުސަތެއް ނުދީ ހޯކްސްއިން އެދިޔަ ބާރުމިނުގައި އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. 11 ވަނަ މިނިޓްގައި ހޯކްސްގެ ލީޑު ފުޅާކޮށްދިނީ މުޙައްމަދު ނާއިމް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ހޯކްސްއިން އިތުރު ލަނޑެއް ޖެހިއެވެ. އަޙްމަދު އައިހަމް މި ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގަ އެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ހޯކްސްއިން ނެވެ. ނަތީޖާ ހަމަހަމަކުރުމަށް އިތުރު ހިތްވަރެއްލައި އެމްއޭޑަބްލިޔުސީން މަސައްކަތް ކުރި ނަމަވެސް، ހޯކްސްގެ ފަހަތް ފެނުނީ އެއަށްވުރެ ވަރުގަދަކޮށެވެ. އެމްއޭޑަބްލިޔޫސީން އުފައްދަމުންދިޔަ ހަމަލާތައް ދިފާއުކުރަމުން، ހަމަލާތައް އުފައްދަމުންދިޔަ ހޯކްސްއިން ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖެހި އެވެ. 30 ވަނަ މިނިޓްގައި ހޯކްސްއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ތޯހިރު އެވެ. ތޯހިރު މި ލަނޑު ޖަހާފައިވަނީ އުލާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އެމްއޭޑަބްލިޔޫސީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ ހޯކްސްއިން ހަތަރު ލަނޑު ޖެހި ފަހުން ނެވެ.
4-1 އިން ހޯކްސް މޮޅުވެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު އައިހަމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު އައިހަމް / ފޮޓޯ: ސެކްޓާ ލީގު – އެފްބީ
ކުއާޓާރ ފައިނަލް މެޗު 2
ކުއާޓާރ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލިއޯ އެފްސީ އާއި ކުލަބް ވެލިގާ އެވެ. ގުރޫޕް ސްޓޭޖްގެ މެޗުތަކާއި ރައުންޑް އޮފް ސިކްސްޓީން މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިއޯ އެފްސީއަށް މި މެޗުގައި އެ ކުޅުން ތަކުރާރު ކުރެވޭގޮތެއް ނުވި އެވެ. ގުރޫޕް ސްޓޭޖްގައި އެންމެ އެދެވޭ ކުޅުން ނުދެއްކުނު ނަމަވެސް، ރައުންޑް އޮފް ސިކްސްޓީންގައި މޮޅު ކުޅުމެއް ދެއްކި ވެލިގާއިން މި މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
ލިއޯ އެފްސީގެ ހަމަލާތައް ހުއްޓުވުމާއި ހަމަލާތައް އުފެއްދުމުގައި ވެލިގާއިން ކާމިޔާބު ހޯދި މި މެޗަކީ ފޯރިގަދަ ވާދަވެރިކަން ބޮޑު މެޗެކެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ހަމަލާތައް އުފެއްދުމެކޭ އެއްގޮތަށް ހަމަލާތައް ހުއްޓުވުމުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއް ޓީމަކަށް ވެސް ނުހިފުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުސަތެއް ލިއޯ އެފްސީއަށް ލިބި ކާމިޔާބު ނުކުރެވި ދިޔަ އެވެ. ގާތްގާތުގައި ފުރުސަތުތައް ފަހިކުރި ލިއޯ އެފްސީން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސޮފްވާން އަދްނާން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވެލިގާ ޓީމުގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް ޖެހި އޭރިޔާ ބޭރުން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ވެލިގާއަށް އެކަން ކާމިޔާބުވީ ދެވަނަ ހާފުގެ ފަހުކޮޅު އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު މަނާލް އިބްރާހިމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ އައްޒާމް ލިއޯ އެފްސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތްކުރި ވަގުތު ކީޕަރުގެ ފައިގައި ޖެހިފައި ނުކުތް ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ވެލިގާއިން މި މެޗު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ނަތީޖާ ހަމަހަމަވެފައި އޮތުމުން ކުރިޔަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް 4-5 އިން ކާމިޔާބުކޮށްގެން ނެވެ.
5-6 އިން ވެލިގާ މޮޅުވެ ސެމީ ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު މަނާލް އިބްރާހިމް އެވެ.
