ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް، އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރުން މަނާކުރިތާ 10 އަހަރު ފަހުން، އެ ނިންމުމާމެދު އޭނާގެ ހިތުގައި އޮތް ޝުއޫރުތައް ފާޅުކޮށްފިއެވެ.
ދާދި ފަހުން ކްރިސް ފޭޑްއަށް ދިން އިންޓަވިއުއެއްގައި އާތިފް ބުނީ، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން 2016 ވަނަ އަހަރު އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނުން ޕާކިސްތާނުގެ ފަންނާނުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރި ކަމަށެވެ. މީގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާގެ ފަންނާނުން އެ ޤައުމުގައި މަސައްކަތްކުރުން މަނާކޮށްފައެވެ.
އާތިފް ބުނި ގޮތުގައި އިންޑިއާގައި މަސައްކަތްކުރުން މަނާވި ނަމަވެސް، އޭނާގެ ފޭނުން އަދިވެސް ވީޕީއެން ބޭނުންކޮށްގެންނާއި ސީޑީ ކޮޕީ ކޮށްގެންވެސް އޭނާގެ ލަވަތައް އަޑުއަހަމުންދެއެވެ.
“އަހަރެން ޕައިރަސީއަށް ހިތްވަރެއް ނުދެން. އެކަމަކު މިއުޒިކަކީ އޭގެ މަންޒިލަށް ދާނެ އެއްޗެއް.” އޭނާ ބުންޏެވެ.
މި އިންޓަވިއުގައި އާތިފް ވަނީ އޭނާ ބޭންކުރި މީހުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ އެ ބޭންގެ ސަބަބުން އޭނާއަށް އަމިއްލަ މިއުޒިކް އުފެއްދުމަށާއި، އަމިއްލަ ނަފުސު އިތުރަށް ދެނެގަތުމަށް ފުރުސަތު ލިބުނު ކަމަށެވެ.
“އަހަރެން އެތަނުގައި (އިންޑިއާގައި) މަސައްކަތް ކުރާކަށް ހަނދާނެއް ނުވޭ، އެކަމަކު ފޭނުން މަތިން ވަރަށް ހަނދާންވޭ.” އާތިފް ބުންޏެވެ.
އާތިފް އަސްލަމަކީ ބޮލީވުޑްގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. 2005 ވަނަ އަހަރު “އާދަތު” އިން ފެށިގެން “ވޯ ލަމްހޭ”، “ތޭރޭ ބިން”، “ޕެހެލީ ނަޒަރު މޭ”، “ޖީނޭ ލަގާ ހޫން” އަދި “ބޭއިންތެހާ” ފަދަ އެތައް ހިޓް ލަވަތަކެއް އޭނާ ވަނީ ކިޔައިދީފައެވެ. އޭނާގެ ފުރިހަމަ އަޑުގެ ސަބަބުން ފިލްމްފެއާ އެވޯޑްގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ ނޮމިނޭޝަންސްތައް ވެސް އެތައް ފަހަރަކު އޭނާއަށް ލިބިފައިވެއެވެ.
