ދިވެހި ސުޕަރނެޗުރަލް ހޮރޯ ފީޗަރ ފިލްމު “ސަމްރާ” 2026 ވަނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ. ކޭ.ޒެޑް.ޕީ އެންޓަޓައިންމަންޓުން އުފައްދާ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2026 ގައެވެ. ސިނަމާތަކުގެ ބަދަލުގައި، މި ފިލްމު އާންމުންނަށް ފެންނާނީ ކޭ.ޒެޑް.ޕީ އެންޓަޓައިންމަންޓުގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ. މިއީ ފިލްމު އުފެއްދި ޓީމުގެ ފުރަތަމަ މަސައްކަތް ކަމަށްވާތީ، ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ފިލްމު ބަލާލުމުގެ ފުރުސަތު ދިނުމަކީ ޔޫޓިއުބް އިޚްތިޔާރުކުރި އެއް ސަބަބެވެ.
1 ގަޑިއިރާއި 37 މިނެޓުގެ މި ފިލްމަކީ ޑައިރެކްޓަރުގެ ގާތް ރަހުމަތްތެރިއަކަށް ދިމާވި ހާދިސާއަކުން އިންސްޕަޔަރވެގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ މައިގަނޑު މައުޟޫއަކީ ބިރުވެރިކަމާއި، ޖިންނި މޮޔަވުމާއި، އީމާންތެރިކަމުގެ އިތުރުން ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކެވެ.
ޒެން އަހުމަދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރީ އާމިނަތު ރިޝްމާއެވެ. ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެންދާނީ ރަޝްފާ ފާރޫގް (ސަމްރާ)، ޒެން އަހުމަދު (އިމްރާން) އަދި އާމިނަތު ޝަފްގާ (ޝާޔަން) އެވެ. މީގެ އިތުރުން މުހައްމަދު ނާވީ (ޒާހިރު)، ޒުހުދާ އަޙްމަދު(މަންމަ – ނިޝާ)، ޝާދިޔާ ޖައުފަރު (އައިލެންޑް ސިސްޓަރ)، ޖުވައިރިޔާ މުޙައްމަދު (އައިލެންޑް ސިސްޓަރ)، އަހުމަދު ޔާސިރު (ގާޒީ) އަދި އަހުމަދު އިބްރާހިމް (ޖިންނި / ބީޗް ކަޕްލް) ފަދަ ތަރިން ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެއެވެ.
ޕޯސްޓް-ޕްރޮޑަކްޝަންގެ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ މި ފިލްމުގައި ވިޝުއަލް އިފެކްޓްސްއާއި އިނގިރޭސި ސަބްޓައިޓްލްސް ވެސް ހިމެނެއެވެ.
View this post on Instagram
ސިނަޕްސިސް:
“ސަމްރާ” އަކީ ބުނެދޭން ނޭނގޭ ފަދަ ސިއްރުވެރި ހާދިސާތަކެއްގެ ތެރެއިން، ކަންތައްތައް މަޑުމަޑުން ބިރުވެރި ނާމާން މިސްރާބަކަށް ބަދަލުވެގެންދާ ގޮތް ދައްކުވައިދޭ ވާހަކައެކެވެ. މި ވާހަކައިގެ ކެރެކްޓަރުން އާދަޔާ ހިލާފު ކަންތައްތަކެއްގެ ތެރެއަށް ގެނބެމުންދާއިރު، ބިރުވެރިކަމާއި، ނުބައި ބާރުތަކުގެ ނުފޫޒާއި، އީމާންތެރިކަމުގެ އިތުރުން ހަގީގަތާ ދެމެދު އޮންނަ ފަރަގު އޮޅުންބޮޅުންވާން ފަށައެވެ. ހިތްނުތަނަވަސްކުރުވާ ފަދަ ކަންތައްތަކަކުން ފެށޭ މި ހާދިސާތައް، އެންމެ ފަހުން ބަދަލުވެގެންދަނީ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމަށާއި ސަލާމަތްވުމަށްޓަކައި ކުރެވޭ ބިރުވެރި ހަނގުރާމައަކަށެވެ. “ސަމްރާ” ގެ މައިގަނޑު އަސާސަކީ، ނުބައި ބާރުތަކެއްގެ ދަށަށް ކަންތައްތައް ދިއުމުން ދެން ވާނެ ގޮތްތަކާއި، ހުރިހާ ކަމެއް އަތުން ބީވެގެންދާ ވަގުތު އީމާންތެރިކަން ދެމެހެއްޓިދާނެތޯ ކުރެވޭ ސުވާލުގެ މައްޗަށެވެ.
ޕްރޮޑިއުސަރުން
– އާމިނަތު ރިޝްމާ
– ޒެން އަހުމަދު
– އެލިއޯނާ ޕެޓްރީސް ކަބަލްޔެސް
ފިލްމު އުފެއްދި ފަރާތްތަކުން ބުނާ ގޮތުގައި “ސަމްރާ” އަކީ ހަމައެކަނި ފިލްމެއް ނޫނެވެ. އެއީ އެ ޓީމުން ކުރި ބުރަ މަސައްކަތާއި އުނގެނުނު އާ ކަންތައްތަކެއްގެ ނަތީޖާއެވެ. އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ މި ޓީމުގެ އުންމީދަކީ މި ފިލްމުގެ ޒަރީއާއިން ބެލުންތެރިންނާ ގާތް ގުޅުމެއް އުފެދި، ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ދިވެހި ސިނަމާއަށް ގެނެސްދިނުމެވެ.
@muniavasSAMRA Stills – kzp.entertainment5♬ original sound – MUNIAVAS
