ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޫޙް – ޗެޕްޓަރ 18
މުނިއަވަސް ގްރެފިކްސް

ބަހުގައި ދިން މާބޮނޑި

ޖެހިގެން އައި ދުވަހުގެ ހެނދުނު ފެށިގެން ދިޔައީ، މުޅި ރޭގަނޑު ކިޔާރާގެ ހުވަފެންތަކުގައި ދައުރުވަމުންދިޔަ ހިތްގައިމު ކަމެއްގެ ތެރެއިންނެވެ.
އޭނާއަށް ހޭލެވުނީ އެލާމްވުމުގެ މާ ކުރިންނެވެ. އިރުކޮޅަކަށް، އެނދުގެ ހުދު ފޮތިގަނޑުގެ ދަށުގައި އޭނާ ހިމޭނުން އޮތެވެ. ކޮޓަރީގެ ފަރުދާގެ ތެރެއިން ފޭދިގެން އައި ހެނދުނުގެ ފަނޑު އަލިކަން ފާރުތަކަށް އެޅިފައިވާއިރު، އޭނާ ބަލަން އޮތީ ސީލިންގަށެވެ. ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބިފައިވީ ނަމަވެސް، ހަނދާނުގެ ކޮޅެއްގައި އެއްޗެއް އުނދަގޫ ކުރަމުން ދިޔަ ކަހަލައެވެ.

އެވަގުތު ފޯނު ވައިބްރޭޓް ވިއެވެ. ކިޔާރާ ފޯނަށް އަތް ދިއްކޮށްލީ ފޫހި ގޮތަކަށެވެ. ހީކުރީ ހޮސްޕިޓަލުގެ ޑިއުޓީއަށް އައި ބަދަލެއް ނުވަތަ ނަރުހެއްގެ މެސެޖެއް ކަމަށެވެ. ނަމަވެސް، ފޯނުގެ ސްކްރީނުން ފެންނަން އޮތީ އެންމެ ދެތިން ބަހެކެވެ.

“ބާއްޖަވެރި ހެނދުނެއް، ކިޔާރާ.”

އޭނާއަށް ސްކްރީނަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި ހިނިތުންވެލެވުނެވެ. އެއީ ވަރަށް ކުޑަކުޑަ ކަމެކެވެ. އާދައިގެ ދެތިން ބަހެވެ. ނަމަވެސް، އެ ބަސްތަކުން ހިތަށް ވެރިވި އިޙުސާސް ބަޔާންކުރަންވެސް ދަތިވިއެވެ.

އެ މެސެޖު ހުޅުވާލުމުގެ ކުރިން އޭނާ އިރުކޮޅަކު މަޑުކޮށްލިއެވެ. އަދި ދެވަނަ ފަހަރަށް ކިޔާލިއެވެ. ހީވަނީ އެ ބަސްތަކުގެ މާނަ ބަދަލުވެދާނެތީ ބަލާލިހެންނެވެ. ނަމަވެސް އެއަކަށް ބަދަލެއް ނައެވެ.

“ބާއްޖަވެރި ހެނދުނެއް، ކިޔާރާ.”

އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން ކޮންޓްރޯލްކުރަން އުޅެއުޅެ އޭނާ ނާކާމިޔާބުވިއެވެ.

އެވަގުތު މާޒީގެ ހަނދާނެއް އާލާވިއެވެ. ކޮލެޖު ދުވަސްވަރެވެ. އޭރުގެ ޒުވާން ކިޔާރާ، ކޮލެޖުގެ ބްރޭކް ގަޑީގައި އޭނާގެ ބެޗްގެ ކުދިންނާއެކު އިށީނދެގެން އިނެވެ. އެކުދިން ދައްކަމުން ދިޔައީ ލޯބީގެ ވާހަކަތަކާއި، އިރުއަރަންވާއިރު ފިރިހެން ކުދިން ފޮނުވާ މެސެޖުތަކުގެ ވާހަކައެވެ. އެވަގުތު ކުރި ސަމާސާއާއި ހީނހެދި އަޑު އޭނާގެ ކަންފަތުގައި ގުގުމާލިއެވެ.

“ކިޔާރާއަކަށް މި އިޙުސާސްތަކެއް ނޭނގޭނެ.” އެކަކު ބުންޏެވެ.

“ކީއްވެ؟”

“އެ ހިތް ތެޅޭގޮތާއި، އުފާވާވަރެއް..”

އަނެއް ކުއްޖަކު ހިނިގަނޑެއް ޖަހާލިއެވެ.

“ހެނދުނު ހޭލާއިރު އަންނަ މެސެޖުތަކާއި، ކުއްލިއަކަށް ލިބޭ މާބޮނޑިތަކާއި، ލޯބީގެ ސިޓީތައް.. އަދި ކްލާސް ނިމޭއިރު ބޭރުގައި މީހަކު އިންތިޒާރުގައި ހުރުން.”

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 16

ދެން އެތަނުން ކުއްޖަކު ކިޔާރާއަށް ބަލާލާފައި ބުންޏެވެ. އެ ބަސްތައް ކިޔާރާގެ ހިތުގައި ކިހާ ފުންކޮށް ބަދަލުވާނެކަމެއް އޭނާއަށް އޭރު އިޙުސާސެއް ނުކުރެވެއެވެ.

“ދިވެހި ފިރިހެނުންނަށް ކަމުދަނީ ހިކި ކުދިން.”

އަނެއް ކުއްޖަކު އޭނާއަށް ތާއީދު ކުރިއެވެ.

“އިސްކޮޅުން ދިގު، ހިކި، ރީތި ކުދިން.”

ކިޔާރާވެސް އެކުދިންނާއެކު ހޭން ފެށިއެވެ. އޭނާ ކުރާނީވެސް ވަކި ކީއް ހެއްޔެވެ؟ އޭނާއަށް އެކަންކަން މުހިންމު ނޫންކަމަށް ހެދިގެން ހުއްޓެވެ. ފިރިހެން ކުދިންނަށް ޝައުޤުވެރިކަމެއް ނެތްކަމަށް ބުނެ ހިނިތުންވެލިއެވެ. ނަމަވެސް އެ ދުވަހު ގެއަށް ގޮސް އޭނާ ލޯގަނޑު ކުރިމަތީގައި ގިނައިރުތަކެއް ވަންދެން އަމިއްލަ ސޫރައަށް ބަލަން ހުއްޓެވެ. އޭނާއަކީ އިސްކޮޅުން ދިގު، ހަށިގަނޑު ބޮޑު ކުއްޖެކެވެ. ތަފާތު ކުއްޖެކެވެ. ދިވެހި މުޖުތަމައު ޤަބޫލުކުރާ “ރީތި އަންހެން ކުއްޖާ” ގެ ތަަސްވީރަށް އޭނާ ނުފެތޭކަން އޭނާއަށް އޭރުވެސް އޮތީ ވިސްނިފައެވެ.

އަހަރުތަކެއް ފަހުން، މިއަދު އެނދުގައި އޮވެ، ފިރިހެނަކު ފޮނުވި އާދައިގެ “ގުޑް މޯނިން” މެސެޖަކަށް ބަލަން އިންއިރު، އެ މާޒީގެ ހަނދާންތައް އާވީ މިއަދުވެސް އެ ހިތަށް ތަދުވާ ފަދަ ގޮތަކަށެވެ. އޭނާ ބޯ ހޫރާލިއެވެ.

“ނޫން، އެހެން ނުވިސްނާ.” އޭނާ އަމިއްލަ ނަފުސަށް މަޑުމަޑުން ބުންޏެވެ. “އެއީ މާ ކުރީގެ ކަމެއް.”

އޭނާ އަނެއްކާވެސް މެސެޖަށް ބަލާލިއެވެ. އަދި މާ ބޮޑަށް ނުވިސްނާ، މެސެޖެއް ލިޔެލިއެވެ.

“ގުޑް މޯނިން.”

އޭނާ އެ ލިޔުނު ބަސްތަކަށް ބަލަން އިނެވެ. އަދި ފޮހެލިއެވެ. ދެން އަލުން ލިޔުނެވެ.

“ބާއްޖަވެރި ހެނދުނެއް، ޒިމާން.”

އޭނާ ފޮނުވަން ފަސްޖެހުނެވެ. ނަމަވެސް، އެންމެ ފަހުން ފޮނުވާލިއެވެ. މެސެޖު ފޮނުވުނު ވަގުތު، ހީވީ ނުރައްކާތެރި އެއްޗެއް އަތުގައި އޮތްހެންނެވެ. އޭނާ އަވަހަށް ފޯނު އެނދުމައްޗަށް އެއްލާލިއެވެ.

“ޔާ ﷲ! އަހަންނަށް މިވަނީ ކީއް؟”

އޭނާ ދެއަތުން މޫނު ނިވާކޮށްލިއެވެ. އޭނާ މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކީ ބޮޑުވެފައި ހުރި އަންހެނެކެވެ. ނަރުހެކެވެ. ޒިންމާދާރު މީހެކެވެ. މެސެޖެއްގެ އިންތިޒާރުގައި އުޅޭ ތީނޭޖް ކުއްޖެއް ނޫނެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓް ވިއެވެ. އޭނާ ވަގުތުން ފޯނު ނެގިއެވެ. އަދި ހުއްޓުން އެރިއެވެ.

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 26

“ނޫން.”

އޭނާ ފަހަކާ ހަމައަށް ގުނާލިއެވެ. ދެން ފޯނު ބަލާލިއެވެ. ޒިމާންގެ ޖަވާބު ވަރަށް ކުރުވެފައި ސާދާއެވެ.

“އުފާވެރި ދުވަހަކަށް އެދެން.”

އެއީ އެންމެ ފަހު ބަހެވެ. ކިޔާރާ ބަލަހައްޓައިގެން އިނެވެ. އަދި އަނެއްކާވެސް ހިނިތުންވެލިއެވެ. އެ ކުޑަކުޑަ ދެތިން ބަހުން މުޅި ދުވަހުގެ ތާޒާކަން އޭނާއަށް ލިބިގެން ދިޔައެވެ. އޭނާ ވަޒީފާއަށް ދާން ތައްޔާރުވީ އާދައިގެ ދުވަސްތަކަށްވުރެ ބޮޑަށް ސަމާލުކަން ދީގެންނެވެ. މާ ބޮޑު ފޭރާމެއް ނޫނެވެ. ނަމަވެސް އާދައިގެ ދުވަސްތަކުގައި އަޅާނުލާ ކަންކަމަށް މިއަދު އޭނާ ސަމާލުކަން ދިނެވެ. އިސްތަށިގަނޑު ރީތިކޮށްލިއެވެ. ކުޑަ ލިޕްބާމް ކޮޅެއް އުނގުޅާލިއެވެ. ގެއިން ނުކުންނަން އުޅެނިކޮށް، ލޯގަނޑު ކައިރީގައި އޮތް މުތީއާއި ފިނިފެންމަލުގެ ބައްޓަމަށް ހުރި ދަތި ފެނުނެވެ. އޭނާ އޭގައި އަތްލިއެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ވަގުތުން ބޯ ހޫރާލިއެވެ.

“މިއަދަކު ނޫން.”

އޭނާ އެ ބޭއްވިއެވެ. އަދި ގެއިން ނުކުތެވެ.

އެދުވަހު ހެނދުނު ބަސް އޮތީ ވަރަށް ފުރިފައެވެ. ކިޔާރާ ކުޑަދޮރު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. ހެނދުނުގެ ބާރު ޓްރެފިކްގެ ތެރޭގައި ބަސް ދަތުރުކުރަމުން ދިޔައިރު، އޭނާ އިނީ ދަބަސް އުނގުމަތީގައި ބާއްވައިގެންނެވެ. އަދިވެސް އޭނާގެ ހިތުގައި އޮތީ އެ މެސެޖެވެ. ނުވިސްނަން އުޅުނަސް، އެކަން ކާމިޔާބެއް ނުވިއެވެ. ކޮންމެ ފަސް މިނެޓަކުން ކަހަލަ ގޮތަކަށް އޭނާއަށް ފޯނަށް ބަލާލެވެއެވެ. އެއްވެސް އައު މެސެޖެއް ނެތެވެ. އޭނާ އަމިއްލަ ނަފުސަށް މަލާމާތްކުރަމުން ދަނިކޮށް، ބާރުބޮޑު މަގަކަށް ބަސް މަޑުކޮށްލިއެވެ.

އެވަގުތު ޑެލިވަރީ ކުރާ ޒުވާނަކު ބަހަށް އެރިއެވެ. އޭނާ ވަށައިގެން ބަލާލިއެވެ. އަދި ކިޔާރާއާ ދިމާލަށް ބަލާލިއެވެ.

“މިސް ކިޔާރާ؟”

ކިޔާރާ ދެލޯ ބޮޑުކޮށްލިއެވެ.

“އާނ، އަހަރެން.”

އެ ޒުވާނާ އޭނާއާ ދިމާލަށް އައީ ވަރަށް ބޮޑު މާބޮނޑިއެއް ހިފައިގެންނެވެ.

ކިޔާރާ ހައިރާންވެފައި ބަލަން އިނެވެ. އެ މާބޮނޑި ނުހަނު ފުރިހަމައެވެ. ހުދު ކުލައިގެ ލިލީ އާއި، ގަދަ ރަތްކުލައިގެ ފިނިފެންމަލެވެ. އޭގެ ދޭތެރެއިން ފެންނަން ހުރި ކުދިކުދި ހުދު މާތަކުން އެ މާބޮނޑީގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ފެހިކަން ގަދަ ފަތްތަކުން މާތައް ވަނީ ވަށާލެވިފައެވެ. އެއީ އަތަށް މަހާލައިގެން އިންނަންވެސް އުނދަގޫވާހާ ބޮޑު މާބޮނޑިއެކެވެ.

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 4

ޑެލިވަރީ ކުރަން އައި މީހާ ހިނިތުންވެލިއެވެ.

“މިއީ ކަމަނާއަށް ފޮނުވާފައިވާ އެއްޗެއް.”

ކިޔާރާ ފަހަތަށް ބަލާލިއެވެ. ބަހުގައި އޭނާ ނޫން އެހެން ކިޔާރާއެއް އިނީބާއޭ ހިތަށް އެރިއެވެ. ނަމަވެސް އެހެން މީހަކު ނެތެވެ.

“އަހަންނަށް؟”

“އާނ.”

އޭނާ އެ މާބޮނޑި ކިޔާރާގެ އަތަށް ދިނެވެ. ކިޔާރާއަށް އެ މާބޮނޑީގައި ހިފުނީ ބޭއިޚްތިޔާރުގައެވެ. މުޅި ބަސް ތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. ބަހުގައި ތިބި އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަން ކިޔާރާއަށް އިޙުސާސްކުރެވުނެވެ. ފަހަތުގައި އިން މީހަކު ސިއްރުސިއްރުން އެއްޗެކޭ ބުންޏެވެ. އަންހެނަކު ހިނިތުންވެލިއެވެ. ދެ ޒުވާނަކު އެކަކު އަނެކަކަށް ބަލާލާފައި އެއްޗެކޭ ބުނެލިއެވެ. ބަސް ދުއްވަން އިން މީހާވެސް ލޯގަނޑުން އޭނާއަށް ބަލާލިއެވެ.

ޑެލިވަރީ ކުރި މީހާ ހިނިތުންވެލުމަށްފަހު ޖެހިގެން އައި ބަސް ހުއްޓިއަށް ފައިބައިގެން ހިނގައްޖެއެވެ. ކިޔާރާ އިނީ ގަނޑުވެފައެވެ. އެ މާބޮނޑި އޭނާގެ އުނގުމަތީގައި އޮތީ، މުޅި މީސްތަކުންގެ ކުރިމަތީގައި އޭނާއަށް ކުރި އިޢުލާނެއް ފަދައިންނެވެ. އޭނާގެ ކޯތާފަތް ރަތްވެ، މޫނުން ދިލަނަގަން ފެށިއެވެ. އޭނާ ބޭނުންވީ އެތަނުން ގެއްލޭށެވެ. ނަމަވެސް، އޭނާގެ މުޅި ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް، އޭނާއަށް ފިލައެއް ނުހުރެވުނެވެ.

ފާރެއްގެ ފުރަގަހަށް ވަދެ ނިވާވެވޭކަށް ނެތެވެ. އަމިއްލަ ނަފުސު ކުޑަކޮށްލެވޭކަށްވެސް ނެތެވެ. އޭނާ އެ އިނީ މީހުން ފުރިފައި އޮތް ބަހެއްގައި، ބޮޑު މާބޮނޑިއެއް ހިފައިގެންނެވެ. އަދި ވަށައިގެން ތިބި އެންމެންނަށް އެކަން އެނގެއެވެ.

އެވަގުތު ފޯނު ވައިބްރޭޓް ވިއެވެ. އޭނާ ތިރި ބަލާލިއެވެ. މެސެޖެކެވެ.

“ލިބިއްޖެތަ؟”

އޭނާ ބަލަހައްޓައިގެން އިނެވެ. ދެން އަނެއް މެސެޖު އައެވެ.

“އުންމީދު ކުރަން ކަމުދާނެ ކަމަށް.”

ކިޔާރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ ލިޔުނެވެ.

“މި ބަހަށް ފޮނުވީ؟”

އެ މެސެޖު ފޮނުވާލުމުގެ ކުރިން ފޯނަށް ކޯލެއް އައެވެ. ސްކްރީނަށް އެރި ނަމަކީ “ޒިމާން” އެވެ. އޭނާ ހިންދިރުވާލިއެވެ. ބަސް ތެރެއަށް ބަލާލުމަށްފަހު ފޯނު ނެގިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top