– ނަޖުމާ ޙުސައިން (ނަޖުމާއްތަ) އަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ކޮށްދެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމަށް
ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތުގައި ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ޢާންމުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ނަޖުމާ ޙުސައިން (ނަޖުމާއްތަ) އަށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ސަރުކާރުން އަރުވައިފިއެވެ. މިއީ ޤައުމަށްޓަކައި އޭނާ ކޮށްދެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ޤައުމުން އޭނާއަށް އަދާކުރި މަތިވެރި ޝުކުރެކެވެ.
ނަޖުމާއްތަ ރޭޑިއޯ މޯލްޑިވްސްގެ ޚިދުމަތާ ގުޅިވަޑައިގަތީ 1970 ޖުލައި 8 ގައެވެ. އެނައުންސަރެއްގެ ގޮތުގައި ޚިދުމަތް ފައްޓަވައި، ސީނިއަރ އެނައުންސަރުކަމާއި، ޕްރެޒެންޓަރ-ޕްރޮޑިއުސަރުކަމާއި، ޕްރޮގްރާމް އޯގަނައިޒަރުކަމާއި، ސީނިއަރ ޕްރޮގްރާމް އޯގަނައިޒަރުކަމުގެ މަޤާމު ފުރުއްވުމަށްފަހު، އެންމެ ފަހުން ޑިރެކްޓަރުގެ މަޤާމާ ހަމައަށް އޭނާ ވާސިލުވެވަޑައިގެންނެވިއެވެ. 1 އެޕްރީލް 2009 ގައި ރިޓަޔަރ ކުރެއްވިއިރު، ނަޖުމާއްތަ ވަނީ ދައުލަތުގެ ބްރޯޑްކާސްޓިންގ ޚިދުމަތުގައި 39 އަހަރެއްހާ ދުވަސް ހޭދަކުރައްވާފައެވެ. ނަމަވެސް، ރިޓަޔަރ ކުރެއްވުމަކުން އެ އަޑަކަށް ހުއްޓުމެއް ނައެވެ؛ އޭގެ ފަހުންވެސް ޕްރައިވެޓް ރޭޑިއޯ ސްޓޭޝަންތަކުން އެ މަޢުލޫމާތު މުއްސަނދި، އަސަރުގަދަ އަޑު އިވެމުންދިޔައެވެ.

ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރެއްވި މަޝްހޫރު ބައެއް ބޭފުޅުން / ފޮޓޯ: ދިވެހިރާއްޖޭގެ އަޑު
އަދާކުރެއްވި މަޤާމުތަކަށްވުރެ ބޮޑަށް، ނަޖުމާއްތަގެ ޚިދުމަތް ދިވެހި ތާރީޚުގައި ފެވިގެންދިޔައީ އޭނާ ދެއްކެވި ހުނަރުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ. އޭނާއަކީ ޚަބަރު ކިޔުންތެރިއެކެވެ. ތަފާތު އެކި ޕްރޮގްރާމްތައް ލިޔެ، ހުށަހަޅައި، ޕްރޮޑިއުސްކުރެއްވި ބޭފުޅެކެވެ. އަދި ބްރޯޑްކާސްޓަރުންގެ އައު ޖީލެއް ބިނާކޮށް ތަމްރީނުކުރެއްވި ކުޅަދާނަ މެންޓަރެކެވެ.
@unmadayRecording with Najumaaatha♬ original sound – unmaday
ނަޖުމާއްތަގެ ޕްރޮގްރާމްތައް އަމާޒުކުރެވިފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާތަކަކަށެވެ. އެގޮތުން ޤައުމިއްޔަތާއި، އިސްލާމީ ތާރީޚާއި، މަސްވެރިކަމާއި، ޞިއްޙަތާއި، ޢާއިލީ ދިރިއުޅުމާއި، ޒުވާނުންނާއި، ތިމާވެށި އަދި ދިވެހިބަހާއި އަދަބިއްޔާތުގެ މައްޗަށް ގިނަގުނަ އަގުހުރި މަސައްކަތްތަކެއް އޭނާ ކުރެއްވިއެވެ. ގިނަ ގޮތްގޮތުން ބަލާއިރު، ނަޖުމާއްތަގެ މަސައްކަތްތަކަކީ ތަރައްޤީވަމުން އައި ތުއްތު ޤައުމެއް އަމިއްލަ ނަފްސާ މުޚާޠަބުކޮށް ވާހަކަދެއްކި ގޮތުގެ ދިރިހުރި ތާރީޚެކެވެ.
ޚިދުމަތުގެ ދިގު މުއްދަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނުތައް ހޯއްދަވައި، އެ ހޯއްދެވި ތަޖުރިބާއާއި މަޢުލޫމާތު ފަހުގެ ޖީލުތަކަށް އުނގަންނައިދެއްވުމުގައި އޭނާ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރެއްވިއެވެ. އަޑަކުން ޕްރޮގްރާމެއް ހުށަހަޅައިދެވިދާނެއެވެ. ނަމަވެސް އެދުރެއްގެ ގޮތުގައި މަސައްކަތްކޮށް އެތައް އަޑުތަކެއް އުފެއްދުމަކީ ނަޖުމާއްތަ ފަދަ މަދު ބޭފުޅަކަށް މެނުވީ ނުކުރެއްވޭނެ އަގުހުރި ޚިދުމަތެކެވެ. ނަޖުމާއްތަ ޤައުމަށް ޚިދުމަތްކުރެއްވީ އެއްވެސް އިރުވަރެއްގައި ސަނާއާއި ތަޢުރީފު ހޯއްދެވުމަކަށް ނޫންކަމަށް ނަޖުމާއްތަގެ ލިޔުންތެރި ދަރިފުޅު މަހްދީ އަޙްމަދު އޭނާގެ ބްލޮގްގައި ބުނެފައިވެއެވެ.
“އޭނާގެ ޖީލުގެ ގިނަ ބޭފުޅުންނެކޭ އެއްފަދައިން، އޭނާ ޤަބޫލުކުރެއްވީ ޙަވާލުކުރެވުނު އަމާނާތް ފުރިހަމައަށް އަދާކުރުމަކީ ވާޖިބެއް ކަމުގަ.” މަހްދީ އަހްމަދު
އެތައް ޖީލެއްގެ ދިވެހިންނަށް ނަޖުމާއްތައަކީ އެންމެ ފަރިތަ، އެންމެ އިތުބާރުކުރެވުނު އަޑެވެ. އެ އަޑުން ރައްޔިތުންނަށް މަޢުލޫމާތު ގެނެސްދިނެވެ. ކަންކަން އުނގަންނައިދިނެވެ. އަދި އެކަނިވެރިކަމުގައި ބައިވެރިއަކަށްވިއެވެ. ވަކިން ޚާއްޞަކޮށް، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި، މުޅި ޤައުމު ބިރުވެރިކަމެއްގެ ތެރޭގައި ވަނިކޮށް، ގޭގެއަށް ރޭޑިއޯގެ ޒަރީޢާއިން އިވިގެންދިޔަ ނަޖުމާއްތަގެ އަޑަކީ ޤައުމު ސަލާމަތްވެއްޖެކަމުގެ އުފާވެރި ޚަބަރާއި، ޢާއިލާތަކުގެ އަމާންކަން ޔަޤީންކޮށްދިން ހިތްވަރުގެ އަޑެވެ.
މިއަދު ލިބިގެންދިޔަ މި ޝަރަފުވެރިކަމުގެ ޤައުމީ އިނާމަކީ ނަޖުމާއްތަގެ ޤަދަރު އަލުން އުފެއްދި އެއްޗެއް ނޫނެވެ. މިއީ އަބަދުވެސް އޭނާގެ ކިބައިގައި ހުރި ޤައުމީ ޚިދުމަތްތެރިކަމުގެ އަގު ރަސްމީކޮށް ވަޒަންކޮށްދިން ކަމުގެ ރަމްޒެކެވެ. މުޅި ޤައުމު މިއަދު ނަޖުމާއްތައަށްޓަކައި ފަޚުރުވެރިވާ ހިނދު، އެންމެހާ ދިވެހިންގެ ފަރާތުން ނަޖުމާއްތައަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަމެވެ.
