ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސައިފް އަލީ ޚާން އަދި ކިއާރާ އަދްވާނީ، މަޝްހޫރު ސްކްރީންރައިޓަރު ކަނިކާ ދިލަން އަލަށް ޑައިރެކްޓްކުރާ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ސައިފް އަދި ކިއާރާ އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ އާދަޔާ ޚިލާފު ސުޕަނެޗުރަލް ކަންތައްތަކެއް އެކުލެވިގެންވާ ވަރުގަދަ ތުރިލާ ފިލްމެކެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަދެއްކި މަސްދަރަކުން ހާމަކުރި ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓް ލިޔަމުންދަނީ ސައިފް އަދި ކިއާރާގެ ހުނަރަށް ޚާއްސަކޮށްގެންނެވެ. އަދި ކަނިކާ އާއި އެކްސެލް އެންޓަޓެއިންމަންޓްގެ ޓީމުން މި ވާހަކަ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކަނިކާ ދިލަން އަކީ ހިންދީ ސިނަމާގައި ފާހަގަކޮށްލެވޭ މޮޅު ސްކްރީންރައިޓަރެކެވެ. އޭނާ ލިޔެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “މަންމަރުޒިޔާން”، “ކޭދާރުނާތު”، “ޖަޖްމެންޓަލް ހޭ ކިޔާ”، “ހަސީން ދިލްރުބާ”، “ރަޝްމީ ރޮކެޓް” އަދި ޝާހްރުކް ޚާންގެ “ޑަންކީ” ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ޕްރޮޑަކްޝަން ހައުސް “ކައްތާ ޕިކްޗާސް” ގެ ދަށުން އޭނާ ވަނީ “ދޯ ޕައްތީ” ކިޔާ ފިލްމެއްވެސް ޕްރޮޑިއުސްކޮށްފައެވެ.
މި ފިލްމުގެ ވާހަކައިގެ މައިގަނޑު ތަފްސީލުތައް އަދި ސިއްރުކޮށްފައި ވީނަމަވެސް، މި ފަހަރު ސައިފް އާއި ކިއާރާ އެކުގައި ފެނިގެންދާ ތަފާތު ޖޯޑުގެ ސަބަބުން ބެލުންތެރިންނަށް އާ އަދި ޝައުޤުވެރި ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މިހާރު ސްކްރިޕްޓްގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމަށް ތައްޔާރުވަމުން އަންނަ މި ފިލްމުގެ ޝޫޓިންގ މިއަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
