ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޔާމީ ގޯތަމް ދާރް މުހިންމު ރޯލަކުން ފެނިގެންދާ އާ ފެންޓަސީ ފެމިލީ އެންޓަޓެއިނަރ ފިލްމު “ނައީ ނަވޭލީ” މިއަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިއްޖެއެވެ. މި ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފައިވަނީ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.
ފިލްމު ރިލީޒްކުރާ ތާރީޚާއެކު މި ފިލްމުގެ މޯޝަން ޕޯސްޓަރުވެސް މިހާރު ވަނީ އާންމުކޮށްފައެވެ. މި ޕޯސްޓަރުން ފެންނަނީ ކައިވެނީގެ ހެދުމުގައި ހުރި ޔާމީ، ފޮތިގަނޑެއް ބޭނުންކޮށްގެން ސިހުރުވެރި ސިފައެއްގައިވާ މަޚްލޫޤެއްގެ ކަރުގައި ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާގެ މީރުޓްގެ މައްސަލަތައް ގިނަ އާއިލާއަކާ ކައިވެނިކޮށްގެން ގުޅޭ އާ އަންހެން ކުއްޖެއްގެ މައްޗަށެވެ. އޭނާ އެ އާއިލާއަށް އައުމާއެކު އުފާވެރިކަމާއި ހަމަޖެހުން ގެނެސްދިން ނަމަވެސް، އޭނާގެ ފިރިމީހާގެ ކޮއްކޮއަށް، އެ ފުރިހަމަ ފަހަރިއަކީ ސިހުރު ހަދާ މީހެއް ކަމަށް ޝައްކުކުރެވެން ފެށުމުން ވާހަކައިގެ މިސްރާބު ބަދަލުވެގެންދެއެވެ.
މި ފިލްމަކީ ބާލާޖީ މޯހަން ޑައިރެކްޓްކޮށް، ހިމާންޝޫ ޝަރުމާ އާއި ދިވްޔާ ނިދީ ޝަރުމާ ލިޔެފައިވާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ކަލަރ ޔެލޯ ޕްރޮޑަކްޝަންސްގެ ދަށުން އާނަންދު އެލް ރާއީ އާއި ހިމާންޝޫ ޝަރުމާއެވެ.
މި ފިލްމާ ގުޅޭގޮތުން ޕްރައިމް ވީޑިއޯ އިންޑިއާ އަދި އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްގެ އިސްވެރިއެއް ކަމަށްވާ ނިކިލް މަދޯކް ވިދާޅުވީ، ފިލްމުގެ މަސައްކަތްތައް ނިމުމަކާ ހަމައަށް ދިޔައިރު، މިއީ އޮކްޓޫބަރު މަހު އަޅުވަން އެންމެ އެކަށީގެންވާ ފިލްމުކަން އެންމެންނަށްވެސް ޤަބޫލުކުރެވުނު ކަމަށާއި، މި ފިލްމަށް އެހެން އެއްވެސް ތާރީޚަކުން އިންސާފު ނުލިބޭނެ ކަމަށެވެ.
ޔާމީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ “ދުރަންދަރް: ދަ ރިވެންޖް” ގެ ޚާއްސަ ފެނިލުމަކުންނެވެ. އަދި ފަހަކަށް އައިސް އޭނާ ވަނީ “ހައްޤު” އަދި “އާޓިކަލް 370” ފަދަ ކާމިޔާބު ފިލްމުތަކުގައި ލީޑް ރޯލު އަދާކޮށްފައެވެ.
