ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ފަތިހު 3:07 – 1
މުނިއަވަސް ގްރެފިކްސް

ފަތިހު 3:07 އެހާއިރު، އަހަރެންގެ އެއްމާބަނޑު ކޮއްކޮ އަހަންނަށް ގުޅީ ރޮމުންނެވެ. އެއީ ފިރިމީހާއާ ދެބަސްވުމަކަށްފަހު އަންނަ ކަހަލަ ރުއިމެއް ނޫނީ އެހެން މީހަކަށް ފެނުމުގެ ކުރިން އަންހެނުން ސިއްރުން ފޮހެލާ ކަހަލަ ކަރުނައެއްވެސް ނޫނެވެ. އެއީ ސަލާމަތްވާނެ އެއްވެސް މަގެއް ނެތި، އުއްމީދު ކެނޑިފައިވާ މީހަކު ރޯނެ ފަދަ ރުއިމެކެވެ.

“މަރިޔަމް.. އާދޭ، އާދޭސްކޮށްފަ ބުނަން.” އޭނާގެ އަޑު ނުކުންނަނީ ކިރިޔަ ކިރިޔާއެވެ. “ނާޝިދު އަހަރެން މަރާލަފާނެ.”

އަހަރެން އެނދުން ތެދުވެ ސީދާވެލީމެވެ. އިރުކޮޅަކަށް އަހަރެންގެ ހިތުގެ ތެޅުމުގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ.

“ކޮންތާކު ތިހުރީ؟”

“ގޭގަ.”

“ކޮޓަރިއަކަށް ވަދެ ތަޅުލާ.”

“ނުލެވޭނެ.”

“ކީއްވެ؟”

“ތަޅުދަނޑި އޮތީ އޭނާ އަތުގަ.”

އެއްޗެއް ތެޅުނު ބާރު އަޑެއް އިވުނެވެ. އަހަރެންގެ ކޮއްކޮ ހަޅޭއްލަވައިގަތެވެ.

“މަރިޔަމް..” ފޯނު ކެނޑުނެވެ.

އަހަރެން ފޯނަށް ބަލަހައްޓައިގެން ހުރީމެވެ. ގަޑިން 3:09 އެވެ.

ލައިގެން ހުރި އެއްޗެހި މަތިން އަބާޔާގަނޑު މަހާލަމުން އިމަޖެންސީ ނަންބަރަށް ގުޅީމެވެ.

“ގެވެށި އަނިޔާގެ މައްސަލައެއް.” އަހަރެން ބުނީމެވެ. “އަންހެނަކަށް ނުރައްކާވެފައި. ވިލިނގިލީގައި.”

އަހަރެން އެމީހުންނަށް އެޑްރެސް ދިނީމެވެ. އެއަށްފަހު އަހަރެންގެ މަސައްކަތު ބައިވެރިޔާއަށް ގުޅީމެވެ.

“ފާއިޒު؟”

އަހަރެންގެ އެކުވެރިޔާ ފޯނަށް ޖަވާބުދިނީ ނިދި އަޑަކުންނެވެ. “މިދަނީ.”

“ސުވާލު ނުކުރޭ. އަހަރެން މި ފޮނުވާ އެޑްރެހަށް ޕެޓްރޯލް ޓީމަކާއި އެމްބިއުލާންސެއް ފޮނުވާ.”

“ކިހިނެއްވީ؟”

“އަހަރެންގެ ކޮއްކޮ.”

އިރުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. އެއަށްފަހު އޭނާގެ އަޑު ބަދަލުވިއެވެ. “މިދަނީ.”

އަހަރެން ކާރުގެ ތަޅުދަނޑި ހިފައިގެން ނުކުތީމެވެ. ސިޑިން ފައިބައިގެން ދުވިއިރު، އަހަރެންގެ ހިތަށް އަރަމުން ދިޔައީ އެންމެ އެއްޗެކެވެ. އަހަރެންގެ ހީ ނުބައިވުމަށް އެދި ދުޢާ ކުރެވުނެވެ.

އަހަރެން ފުލުހުންގެ ދާއިރާގައި މަސައްކަތްކުރާތާ ފަނަރަ އަހަރު ވެއްޖެއެވެ. ދޮގު ހަދާއިރު ހިނިތުންވެފައި ތިބޭ ފިރިހެނުން އަހަރެން ދުށީމެވެ. ނުބައި ކަންތައްތައް ކުރާ ދަރިން ސަލާމަތްކުރަން އުޅޭ މައިން އަހަރެން ދުށީމެވެ. “އާއިލާގެ ނަން ހަޑިނުކުރުމާއި”، “ދެމަފިރިންގެ މައްސަލައެއްގެ” ނަމުގައި އަނިޔާތައް ފޮރުވާ އާއިލާތައް އަހަރެން ދުށީމެވެ.

މިވެސް ކިޔާލަން:  އެ ހިޔަނި - ނަހާސްކީރާއްޖެ

މާރާމާރީގެ މައްސަލަތައް އަހަރެން ތަހުޤީޤު ކުރީމެވެ. އިންޒާރުތަކާއި، ވަޅިން ހަމަލާދިނުމާއި، ގެއްލިގެން ހޯދާ މީހުންގެ މައްސަލަތައް ބެލީމެވެ.
ދަރިންނަށްޓަކައި މައިން ރޯ އަޑުއަހަމުން ގޭގޭގެ ބޭރުގައި އަހަރެން ހުރީމެވެ. ބިރުގެންފައި ތިބޭ އަންހެނުންނަށް، އެމީހުން އެކަނި ނޫންކަމުގެ ޔަގީންކަން ދިނީމެވެ.

ނަމަވެސް، އަހަރެންގެ އަމިއްލަ އެއްމާބަނޑު ކޮއްކޮގެ ދުލުން މިފަދަ ބަސްތަކެއް އަޑުއަހަން ޖެހިދާނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރަމެވެ.

“އާދޭ އަހަރެން ބަލާ.”

އަހަރެންގެ ކޮއްކޮ މަރިޔަމްއާއި އަހަރެން އުފަންވީ ހަތް މިނެޓުގެ ތަފާތަކާއެކުގައެވެ. މުޅި އުމުރުދުވަހު އަހަރެން އޭނާގެ ދައްތައެއްގެ ގޮތުގައި އުޅެނީ އެ ހަތް މިނެޓުގެ ސަބަބުން ކަމަށް ބުނެ މަންމަ އަބަދުވެސް ސަމާސާ ކުރެއެވެ.

އަހަރެމެން ބޮޑުވީ އެންމެން އެންމެން ދަންނަ ކުޑަ ރަށެއްގައެވެ. މީހަކު ކިނބިއްސެއް އެޅިޔަސް، ރޭގަނޑު ކެއުމުގެ ކުރިން މުޅި ރަށަށް އެކަން އެނގޭނެއެވެ. މީހަކު އާ ސޯފާއެއް ގަތަސް، އޭގެ ކުލައާއި އަގު އިރުއޮއްސުމުގެ ކުރިން އެންމެންނަށް އެނގޭނެއެވެ. ކައިވެންޏެއްގައި ރޫޅުމެއް އުޅޭނަމަ، އެ ޚަބަރު ފެތުރޭލެއް މާ އަވަހެވެ.

މަރިޔަމްއާއި އަހަރެން ހުރިހާ ކަމެއް ހިއްސާކުރީމެވެ. ފޮތްތަކާއި، ހެދުންތަކާއި، ސިއްރުތަކެވެ. ބައްޕަ ނިޔާވުމުން، ޖަނާޒާގެ ވަގުތުގައި މަރިޔަމް އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރިލެއް ބޮޑުކަމުން، އެތައް ގަޑިއިރެއް ވަންދެން އަހަރެންގެ އިނގިލިތަކުގައި ރިއްސިއެވެ.

އަހަރެން ފުލުހުންގެ ވަޒީފާއަށް ވަން ދުވަހު، އާއިލާގައި އެންމެ އުފާވީ އޭނާއެވެ. އަހަރެންގެ ޔުނީފޯމް އިސްތިރިކޮށްދީ، ބޫޓު ޕޮލިޝްކޮށްދިނީ އޭނާއެވެ. އަދި ފުރަތަމަ ވަޒީފާއަށް ނުކުތް ދުވަހު، އަހަރެންގެ ގައިގައި ބައްދާލާފައި އޭނާ ބުންޏެވެ.

“މިހާރު އަހަރެންގެ ދައްތައަކީ ޕޮލިހެއް. ދެން އެކަކަށްވެސް އަހަންނަށް އުނދަގުލެއް ނުކުރެވޭނެ.”

އަހަރެން ހީނލާފައި ބުނީމެވެ. “މީހަކު އުނދަގުލެއް ކޮށްފިއްޔާ އަހަންނަށް ގުޅާ.”

އޭނާ ހިނިތުންވެލާފައި ބުންޏެވެ. “އެނގޭ.”

އަހަރުތަކަކަށްފަހު އޭނާ ނާޝިދާ ކައިވެނި ކުރިއެވެ. ނާޝިދަކީ އަޚްލާޤު ރަނގަޅު، ކިޔަވައިގެން ހުރި، ތަނަވަސް މީހެކެވެ. މީހުން ބުނާ ގޮތުގައި އެއީ “ލިބޭނެ އެންމެ ރަނގަޅު މީހާ” އެވެ. އޭނާގެ އާއިލާއަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ، ނުފޫޒުގަދަ ބައެކެވެ. ކައިވެނީގެ ހަފުލާގައި، މަރިޔަމްގެ އަތުގައި ހިފައިގެން ހުރެ، އޭނާ ރައްކާތެރިކުރާނެ ކަމަށް ނާޝިދު ވަޢުދުވިއެވެ. އަހަރެން އެމީހުންގެ ކައިރީގައި ހުރީމެވެ. ފޮޓޯތަކަށް ހިނިތުންވީމެވެ. އަހަރެން އޭނާއަށް އިތުބާރު ކުރީމެވެ.

މިވެސް ކިޔާލަން:  ލޯބިވެވުމުން

އެއީ ފަހުން އަހަރެންގެ އަމިއްލަ ނަފުސަށް މާފުކުރަން އުނދަގޫވި ކަންތަކެވެ. ކަންތައްތައް ވީގޮތުގެ ޒިންމާ އަހަރެން އުފުލަން ޖެހޭތީއެއް ނޫނެވެ. ނަމަވެސް ބައެއް ކަންތައްތައް އަހަންނަށް ފެނި، އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ނިންމުނީތީއެވެ.

މަރިޔަމް އާއިލީ ބައްދަލުވުންތަކަށް އައުން ހުއްޓާލިއެވެ. އޭނާ ބުނަނީ ވަރުބަލިވަނީ ކަމަށެވެ. ވީޑިއޯ ކޯލްތަކަށް ޖަވާބުދިނުން ހުއްޓާލިއެވެ. އޭނާ ބުނަނީ އިންޓަނެޓް ދެރައީ ކަމަށެވެ. އެއްފަހަރަކު އަހަރެން އޭނާގެ ގެއަށް ދިޔައިރު، ގަދަ ހޫނުގައިވެސް އޭނާ ހުރީ ދިގު އަތްލީ ހެދުމެއްލައިގެންނެވެ. އޭނާގެ އަތުކުރީގައި ނޫފައިގެންފައި ހުރި ތަނެއް އަހަންނަށް ފެނުނެވެ.

“ކިހިނެއްވީ؟”

އޭނާ ހީނލާފައި ބުންޏެވެ. “އަލަމާރީގައި ޖެހުނީ.”

އަދި އެހެން ފަހަރަކު، އެހެން ކޮޓަރިއެއްގައި ހުރެ ނާޝިދު ބާރަށް އެއްޗެކޭ ބުނުމުން މަރިޔަމް ސިހިގެން ދިޔަތަން އަހަންނަށް ފެނުނެވެ. އަހަރެން އޭނާއަށް ބަލާލުމުން އޭނާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުން އަހަންނަށް ހުރިހާ ކަމެއް އެނގެން ޖެހެއެވެ. ނަމަވެސް އަހަރެން އެކަން ޤަބޫލުކުރީމެވެ. ސަބަބަކީ ބައެއް ފަހަރު އަހަރެމެން ލޯބިވާ މީހުން، އެމީހުންގެ ތަދު ފޮރުވަން ވަރަށް ކުޅަދާނަވާނެއެވެ. އަދި އަހަރެމެންނަށްވެސް، ހަޤީޤަތް ޤަބޫލުކުރަން ބިރުގަންނާތީ، އެމީހުން ދައްކާ ބަހަނާތައް ޤަބޫލުކުރަން ފަސޭހަވަނީއެވެ.

އަހަރެން ވިލިނގިއްޔަށް ދިޔައިރު، މަގުތައް އޮތީ ހިމޭންވެފައެވެ. ނާޝިދުގެ ގެ ހުންނަނީ ހަނި ގޯޅިއެއްގެ ކޮޅުގައެވެ. ގޭގެ ބޭރު ދޮރު ހުރީ ހުޅުވިފައެވެ. ބޭރުގައި ހުރި ބައްތިއެއް ހުރީ ތަޅައިގެން ގޮސްފައެވެ. އަހަރެން މަޑުކޮށްލީމެވެ. އަހަރެންގެ ހިތަށް އެހެން އިޙުސާސެއް ކުރެވުނެވެ. މިއީ މިހާރު ހަމައެކަނި އަހަރެންގެ ކޮއްކޮގެ ގެއެއް ނޫނެވެ. މިއީ ކުށުގެ މައިދާނެކެވެ.

އަހަރެން ފާއިޒަށް ގުޅީމެވެ.

“އަހަރެން މިހުރީ މިތާ ބޭރުގައި.”   އަހަރެން ބުނީމެވެ.

“އަދި އެތެރެއަށް ނުވަންނާތި.” އޭނާ ބުންޏެވެ.

މިވެސް ކިޔާލަން:  އެ ފަންނު – ނަހާސްކީރާއްޖެ

“އެނގޭ.”

ނަމަވެސް އޭނާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް، ގޭގެ ދޮރު ހުޅުވުނެވެ. ނާޝިދު ބޭރަށް ނުކުތެވެ. އޭނާ ހުރީ ހުސްފަޔާއެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ކަރުގެ އެއްފަރާތުގައި ކުޑަ ކީހުމެއް ހުއްޓެވެ. އޭނާ ފެންނަނީ ހައިރާންވާހާ މަޑުމައިތިރިކޮށެވެ.

“މަރިޔަމް ބަލިވެ އުޅެނީ.” އޭނާ ބުންޏެވެ.

“އޭނާ ކޮބާ؟”

“އޭނާއަށް އަނެއްކާވެސް އެކަހަލަ ގޮތެއްވީ.”

“ކޮން ގޮތެއް؟”

އޭނާ ފުން ނޭވާއެއްލިއެވެ. “އޭނާއަށް ވާގޮތް ދައްތައަށްވެސް އެނގެއެއްނު.”

އަހަރެން އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރީމެވެ. “އަހަރެންގެ ކޮއްކޮ ކޮބައިހޭ؟”

“މިއީ އާއިލީ ކަމެއް.”

އެއީ އެ ބަސްތަކެވެ. “އާއިލީ ކަމެއް”. މި ބަސްތަކަކީ ޖީލުތަކެއް ވަންދެން އަނިޔާވެރިކަން ހިމޭންކުރުމަށް ބޭނުންކުރަމުން އަންނަ ބަސްތަކެވެ. އަނިޔާގެ ނިޝާންތައް ފޮރުވުމަށާއި، ހަޅޭކުގެ އަޑު ސިއްރުކުރުމަށާއި، އެހީއަށް އެދޭ އަންހެނުންނަކީ ކުށްވެރިން ކަމަށް އިޙުސާސްކޮށްދިނުމަށް ބޭނުންކުރާ ބަސްތަކެވެ.

އަހަރެން ކުރިއަށް ފިޔަވަޅެއް އެޅީމެވެ. “އޭނާ ހަޅޭއްލެވި އަޑު އަހަރެން އެހިން.”

“އަހަރެމެން ދެބަސްވީ އަޑު އެއީ.”

“އޭނާ އަހަންނަށް ގުޅި.”

“އޭނާ ހުރީ މޮޔަވެފައި.”

“އެއްފަރާތްވޭ.”

އޭނާ ގުޑައެއް ނުލިއެވެ. “ދައްތަ މިތަނަށް ތިއައީ ފުލުހެއްގެ ގޮތުގައެއް ނޫން.”

“އަހަރެން މިއައީ އޭނާގެ ދައްތަގެ ގޮތުގައި.”

“އޭގެ މާނައަކީ އަހަރެންގެ ގެއަށް ވަނުމުގެ ޙައްޤެއް ދައްތައަކަށް ނެތޭ.”

އެވަގުތު މަތީ ފަންގިފިލާއިން އަޑެއް އިވުނެވެ. ވަރަށް ބަލި އަޑެކެވެ.

“މަރިޔަމް..”

އެއީ އަހަރެންގެ ކޮއްކޮއެވެ. އަހަރެން އޭނާ ކޮއްޕާލާފައި އެތެރެއަށް ވަނީމެވެ. އޭނާ އަހަރެންގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އެވަގުތު އަހަރެންގެ ފުލުހުންގެ ތަމްރީނުތަކުގެ ބޭނުން ހިފީމެވެ. އަތް ނައްޓުވާލުމަށްފަހު ފަހަތަށް ޖެހިލީމެވެ.

“މީގެ ފަހުން އަހަރެންގެ ގައިގައި އަތްލައިފިއްޔާ، ކަލެއަށް މާ ބޮޑު މައްސަލައަކާ ކުރިމަތިލާން ޖެހިދާނެ.”

އޭނާގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ. “ކަލޭ މީގެ ހިތި ނަތީޖާ ދެކޭނެ.”

“އަހަރެން މިހާރުވެސް ދެރަވަނީ މާ ކުރިން މިތަނަށް ނާދެވުނީތީ.”

އަހަރެން ދުވެފައި މައްޗަށް އެރީމެވެ. “މަރިޔަމް!”

ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އަހަރެން ދޮރު ކޮއްޕާލީމެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top