އިންޑިޔާގެ ނޯތު ކަރްނާޓަކާ ފިލްމު ޗެމްބަރު އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ “ނޯތު ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2026” ގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް، ދިވެހިރާއްޖޭގެ މަޝްހޫރު ވެޓަރަން އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) މިއަދު އިންޑިޔާއަށް ފުރައިފިއެވެ.
މި ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 22 އިން 23 ގެ ނިޔަލަށެވެ. ފެސްޓިވަލްގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓުގެ ދަރްވަދުގައި ހުންނަ ޑރ. އަލޫރް ވެންކަޓަ ރާއޯ ކަލްޗުރަލް ހޯލުގައެވެ.
“މި ދަތުރަކީ ދަޢުވަތަކީ ނޯތު ކަރްނާޓަކާ ފިލްމު ޗެމްބަރު އޮފް ކޮމާސްގެ ޕްރެސިޑެންޓްގެ ސްޕެޝަލް އިންވިޓޭނަކަށް މި ދަނީ. ދެން އެމީހުން ވަރަށް ބޮޑަށް ބޭނުންވޭ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިން އާޓްސް (އެމްއެސްޕީއޭ) އާއެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކުރުމަށް.” ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ މުނިއަވަސް އަށް މަޢުލޫމާތު ދެމުން ދަރާ ރަޝީދު ފާހަގަކުރިއެވެ.
ނޯތު ކަރްނާޓަކާ ފިލްމު ޗެމްބަރު އޮފް ކޮމާސްއިން ފުރަތަމަ ފަހަރަށް ބާއްވާ މި ފެސްޓިވަލްގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ދަރާ ރަޝީދަށް ދަޢުވަތު އަރުވާފައިވާއިރު، އޭނާގެ ދަތުރާއި ހުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ އެ ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުންނެވެ.
“މި ދަތުރު ތެރޭގަ ބައެއް އެހެން ކަންކަންވެސް އުޅޭނެ. އެގޮތުން ބައެއް މީހުންނާ މީޓްކުރުމާ ކަނެކްޝަން ބިލްޑްކުރުން ފަދަ ކަންތައްތަކެއް އުޅޭނެ.” ދަރާ ރަޝީދު އިތުރަށް ހާމަކުރިއެވެ.
ދިވެހި ފިލްމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ތަޖުރިބާކާރު އެކްޓަރު ދަރާ ރަޝީދަށް ބައިނަލްއަޤްވާމީ މިފަދަ ޕްލެޓްފޯމަކުން ލިބުނު މި ދަޢުވަތަކީ، ދިވެހި ފަންނާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބިގެންދިޔަ ބޮޑު ޝަރަފަކާއި ފަޚުރެކެވެ. މި ފެސްޓިވަލްގެ ސަބަބުން ސަރަޙައްދީ ފެންވަރުގައި ފިލްމީ ދާއިރާގެ ގުޅުންތައް އިތުރަށްބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
