ޑާކް ރެއިން އެންޓަޓެއިންމެންޓުން، ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓާ ގުޅިގެން އުފައްދާފައިވާ އައު ދިވެހި ފިލްމު ”މަގޭ ބިޓުގެ ވެޑިން“ ގެ ރަސްމީ ޓްރެއިލަރ މިއަދުގެ ވަގުތެއްގައި އާންމުކޮށް ދައްކާލައިފިއެވެ.
މިއަދު އާންމުކުރި މި ޓްރެއިލަރުން ފިލްމުގެ މަޖާ އަދި ޝައުގުވެރި މިޒާޖު ވަރަށް ބޮޑަށް ފާހަގަވެގެންދާއިރު، ފިލްމުގައި ހިމެނޭ ތަރިންގެ މޮޅު އަދި ތަފާތު ހުނަރުތަކެއް ވަނީ މި ޓްރެއިލަރުން ދައްކުވައިދީފައެވެ. ކޮމެޑީ އަދި ރޮމޭންޓިކް ރަހަތަކެއް އެކުލެވޭ މި ފިލްމަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ ފިލްމެއް ކަމަށް ބެލެވެއެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ސިނަމާގެ މަގުބޫލު ތަރިން ކަމަށްވާ ޝަރަފް އަބްދުﷲ، ފާތިމަތު ރާޔާ އަބްދުﷲ، ޝާފިއު އިބްރާހީމް (ފުބޫ)، ޝީލާ ނަޖީބު އަދި އަހުމަދު ސައީދެވެ. މީގެ އިތުރުން ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން ވެސް މި ފިލްމުގެ މުހިންމު ބައިތަކަކުން ފެނިގެންދާނެއެވެ. ޝައުގުވެރި މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކޮށްފައިވަނީ ހުނަރުވެރި ޑައިރެކްޓަރު ޝަހުދާ މަހްމޫދެވެ.
ފިލްމުގެ ފަންނީ މަސައްކަތްތަކަށް ބަލާއިރު، ކެމެރާކޮށްފައިވަނީ އަހުމަދު ޒިފާފް (ޒިއްޕެ) އެވެ. އަދި ފިލްމު އެޑިޓްކޮށްފައިވަނީ ރާއްޖޭގެ ފުންނާބުއުސް، މަޝްހޫރު ޑައިރެކްޓަރު އަދި އެޑިޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.
މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު އަދި ކައިލީން މުހައްމަދު އަލީ ޕްރޮޑިއުސްކޮށްފައިވާ ”މަގޭ ބިޓުގެ ވެޑިން“ އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި ފިލްމުގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ކައުންޓަރުން ވިއްކަން ފަށާފައިވާއިރު، ޕްރޮޑަކްޝަންގެ ހޮޓްލައިން ނަންބަރު 9911229 އަށް ގުޅައިގެން ޓިކެޓް ބުކް ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
