ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޕްރޮސެސްކޮށްފައިވާ ކާނާ ކެއުން ހުއްޓާލުމުން ހަށިގަނޑަށް އަންނަ ބަދަލުތައް

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެން.އައި.އެޗް) އިން ކުރިއަށް ގެންދިޔަ ފާހަގަކޮށްލެވޭ ދިރާސާއެއްގައި، 20 ބޮޑު މީހަކު ދެ ހަފުތާ ވަންދެން “އަލްޓްރާ-ޕްރޮސެސްޑް” ނުވަތަ މާބޮޑަށް ތައްޔާރުކޮށްފައިވާ ކާނާ ބޭނުންކުރުމުން، ދުވާލަކު އިތުރު 500 ކެލޮރީ ހަށިގަނޑަށް އެތެރެވެ، ބަރުދަނުގައި ގާތްގަނޑަކަށް 2 ފައުންޑް އިތުރުވިއެވެ. ނަމަވެސް، ހަމަ އެ މީހުން ޕްރޮސެސްނުކުރާ ކާނާއަށް ބަދަލުވުމުން، މަދުން ކެއުމަށް އެދުމަކާ ނުލައި، އެ މިންވަރަށް ބަރުދަން ލުއިވިއެވެ.

2019 ވަނަ އަހަރުގެ މެއި މަހު “ސެލް މެޓަބޮލިޒަމް” މަޖައްލާގައި ޝާއިޢުކުރި މި ދިރާސާއަކީ، މާބޮޑަށް ޕްރޮސެސްކޮށްފައިވާ ކާނާގެ ސަބަބުން ކެލޮރީ ބޭނުންކުރެވޭ މިންވަރާއި ބަރުދަނަށް އަންނަ ސީދާ އަސަރު ދެނެގަތުމަށް ހިންގުނު ފުރަތަމަ ކޮންޓްރޯލްޑް ޓްރަޔަލްއެވެ. ދިރާސާގައި ބޭނުންކުރި ދެ ބާވަތުގެ ކެއުމުގައިވެސް ކެލޮރީ، ހަކުރު، ފައިބަރ، ފެޓް އަދި ސޯޑިއަމް ހުރީ އެއް މިންވަރަކަށެވެ.

އެންމެ ފުރަތަމަ އަންނަ ބަދަލަކީ ކާހިތްވުން
މާބޮޑަށް ޕްރޮސެސްކޮށްފައިވާ ކާނާ ކެއުން ހުއްޓާލުމުން، ބަނޑުހައިވުމުގެ އިހުސާސްތަކަށް ބަދަލު އަންނަން ފަށައެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ޕްރޮސެސްނުކުރާ ކާނާ ބޭނުންކުރި ދުވަސްވަރު، ކާހިތްވުން ކުޑަކޮށްދޭ ހޯރމޯން “ޕެޕްޓައިޑް ވައިވައި” އިތުރުވެ، ބަނޑުހައިކަން އިހުސާސްކޮށްދޭ ހޯރމޯން “ގްރެލިން” ދަށްވިއެވެ. ހާވަރޑް ހެލްތުން ފާހަގަކުރި ގޮތުގައި، ޕްރޮސެސްކުރި ކާނާ ބޭނުންކުރިއިރު ކަންތައްވީ މީގެ އިދިކޮޅަށެވެ.

މީގެ އިތުރުން، މާބޮޑަށް ޕްރޮސެސްކޮށްފައިވާ ކާނާ ކެއުމުގައި މީހުން އަވަސް އަރުވާލައިގެން ކާކަން ފާހަގަކުރެވުނެވެ. އެން.އައި.އެޗްގެ ރިޕޯޓުގައިވާ ގޮތުން، މިފަދަ ކާނާ ކެއުމުގެ ސަބަބުން ދުވާލަކު 500 ކެލޮރީ އިތުރަށް ބޭނުންކުރެވި، ބަރުދަން އިތުރުވިއެވެ. ނަމަވެސް، މަދުން ކެއުމަށް އެއްވެސް މަޖުބޫރުކަމެއް ނެތިވެސް، ޕްރޮސެސްނުކުރާ ކާނާ ބޭނުންކުރި މީހުންގެ ބަރުދަން ލުއިވިއެވެ.

މިވެސް ކިޔާލަން:  ހަކުރާއި ސަރުބީ ގިނަ ކާނާ ކެއުމުގެ ސަބަބުން ހަނދާން ބަލިވުމުގެ ނުރައްކާ އޮތްކަން ހާމަވެއްޖެ

ބައެއް މީހުންނަށް ކުރިމަތިވާ އުނދަގޫތައް
ކެއުމަށް ގެންނަ މި ބަދަލުގެ ރަނގަޅު އަސަރު ވަގުތުން އިހުސާސް ނުކުރެވިދާނެއެވެ. މިކަމާ ގުޅޭގޮތުން ތަޖުރިބާކާރުން ބުނާ ގޮތުގައި، ޕްރޮސެސްކޮށްފައިވާ ކާނާ ހުއްޓާލުމުން، މަސްތުވާ އެއްޗެއް ހުއްޓާލުމުން ފެންނަ ފަދަ “ވިތުޑްރޯވަލް” އަލާމާތްތައް ފެނިދާނެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ސިއްހަތަށް ފައިދާހުރި ކާނާއަށް ބަދަލުވުމުން، ވަރުބަލިކަމާއި، ރުޅިގަދަވުމާއި، އެއްޗެހި ކާހިތްވުމުގެ އިހުސާސް ގަދަވެ، ހަށިގަނޑަށް ކުރިއަށްވުރެ ބޮޑަށް އުނދަގޫވެއެވެ.

އެގޮތުން، މާބޮޑަށް ޕްރޮސެސްކޮށްފައިވާ ކާނާއަކީ އާދައިގެ މޭވާއަކަށްވުރެ ބޮޑަށް ސިނގިރޭޓަކާ އެއްގޮތް އެއްޗެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.

މާބޮޑަށް ޕްރޮސެސްކޮށްފައިވާ ކާނާއަކީ ކޮބައި؟
ކާނާ ޕްރޮސެސްކޮށްފައިވާ މިންވަރު ބެލުމަށް ބޭނުންކުރާ “ނޯވާ” މިންގަނޑުގައި، “އަލްޓްރާ-ޕްރޮސެސްޑް” ކާނާއަކީ އާދައިގެ ބަދިގެއެއްގައި ބޭނުންނުކުރާ ފަދަ ކެމިކަލްތަކާއި، ހައި-ފްރަކްޓޯޒް ކޯން ސިރަޕް ފަދަ މާއްދާތައް ބޭނުންކޮށްގެން ސިނާޢީ ގޮތުން ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. ނޯވާ ކްލެސިފިކޭޝަނަކީ، ކާބޯތަކެތި ސިނާޢީ ގޮތުން ތައްޔާރުކޮށްފައިވާ މިންވަރަށާއި އެ ތަކެތި އުފެއްދި މަޤްޞަދަށް ބަލައި، ހަތަރު ގިންތިއަކަށް ބަހާލުމަށް ބޭނުންކުރާ ނިޒާމެކެވެ.

މިފަދަ ކާނާ ދެނެގަތުމަށް އޮތް ފަސޭހަ ގޮތަކީ، ފިހާރައެއްގައި ހުންނައިރު އަތުގައި އޮތް އެއްޗަކީ ކޮތަޅުގައި ބަންދުކޮށްފައިވާ ނުވަތަ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ފަދަ އެއްޗެއް ނަމަ، އެއީ ޕްރޮސެސްކޮށްފައިވާ ކާނާއެއް ކަމަށް ބެލުމެވެ.

މީގެ ތެރޭގައި ސޮފްޓް ޑްރިންކްސް، ޗިޕްސް، ޗިކަން ނަގެޓްސް އަދި ބަންދުކުރި ސޮސެޖް ފަދަ ތަކެތި ހިމެނެއެވެ. ނަމަވެސް، ތާޒާ މޭވާއާއި ތަރުކާރީ، ރޯމަހާއި އެއްގަމުމަސް، އަދި މުގުގެ ބާވަތްތަކަކީ މި ގިންތީގައި ހިމެނޭ ތަކެއްޗެއް ނޫނެވެ.

މިވެސް ކިޔާލަން:  އަންހެނުން އެހާ ފަސޭހައިން މާޔޫސްވަނީ ކީއްވެ؟

ދެ ހަފުތާގެ ކުރު މުއްދަތެއްގެ ތެރޭގައިވެސް، ޚާއްޞަ ޑައެޓެއް ކުރުމަކާ ނުލައި، ކެއުމަށް ގެންނަ މިފަދަ ބަދަލުތަކުން ހަށިގަނޑުގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top