“ކަލޭ ތި ސަމުސާ ތިތަނުގައި ބޭއްވީ ކީއްވެ؟”
މި ކުޑަކުޑަ ސުވާލާއެކު، ކުއްލިއަކަށް މުޅި ގުޅުމުގެ މާޒީއާ ބެހޭގޮތުން ބަހުސްކުރަން ފެށެއެވެ.
ދެމަފިރިއެއްގެ ދިރިއުޅުމަކީ މިއީއެވެ. އޮޅިގެން ބޭއްވޭ ސަމުސަލެއްގެ މައްސަލަ ކޯޓު މައްސަލައަކަށް ބަދަލުވެ، ހަނދާންނެތިގެން ޖަވާބު ނުދެވި އޮތް މެސެޖެއްގެ ސަބަބުން ތަހުޤީޤެއް ހިންގަން ޖެހިދެއެވެ. އަދި “އެންމެ ރަނގަޅު، ބޭނުން ގޮތެއް ހަދާ” އޭ ބުނުމަކީ، ހަޤީޤަތުގައި ބޭނުން ގޮތެއް ހަދަން ދޭ ހުއްދައަކަށް ވަނީ ވަރަށް މަދު ފަހަރަކުއެވެ.
ބައެއް ފަހަރު ދެމަފިރިންގެ މެދުގައި މައްސަލަ ޖެހެނީކީ ތަށި ދޮވުމާ ބެހޭގޮތަކުން ނޫނެވެ. ފޯނާ ބެހޭގޮތުން ނުވަތަ ލަހުން ޖަވާބު ދިނުމާ ބެހޭގޮތުން ނޫނީ ކިރު ގަންނަން ހަނދާން ނެތުމާ ބެހޭގޮތަކުން ވެސް ނޫނެވެ.
އެމީހުން ބަހުސް ކުރަނީ އެ ކުދިކުދި ކަންތައްތަކުން ރަމްޒުކޮށްދޭ މާނައާ މެދުގައެވެ.
“ކީއްވެ އަހަންނަށް މެސެޖު ނުކުރީ؟” އޭ ބުނުމުގެ މާނައަކީ ހަމައެކަނި މެސެޖެއް ބޭނުންވުމެއް ނޫނެވެ. އޭގެ އަސްލު މާނައަކީ “އަހަރެން ބޭނުންވަނީ އަހަންނަކީ ކަލެއަށް މުހިންމު މީހެއްކަން އިޙުސާސް ކުރަން” މިއެވެ.
“ކަލޭ އަބަދު ތިއޮންނަނީ ފޯނަށް ގެއްލިފައި” އޭ ބުނުމަކީ ހަމައެކަނި ފޯނާ ބެހޭ ޝަކުވާއެއް ނޫނެވެ. އޭގެ މާނައަކީ “ކަލޭގެ ސަމާލުކަން ނުލިބޭތީ އަހަރެން ދެރަވޭ” މިއެވެ.
“ކަލޭ ދުވަހަކުވެސް ގޭތެރޭގެ ކަމެއްގައި އެހީއެއް ނުވަން” އޭ ބުނަނީ ހަމައެކަނި ސިންކުގައި އޮތް ތަށްޓެއްގެ ސަބަބުންނެއް ނޫނެވެ. އޭގެ މާނައަކީ “އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެއްޖެ. އަދި އަހަރެމެންގެ ދިރިއުޅުމުގެ ޒިންމާތައް ހަމަހަމައަށް އުފުލޭހެން އަހަންނަށް އިޙުސާސެއް ނުކުރެވޭ” މިއެވެ.
އަދި “ކަލޭ އަހަރެން ދައްކާ ވާހަކައެއް އަޑެއް ނާހާ” އޭ ބުނުމަކީ ކަންފަތުގެ މައްސަލައެއް އުޅެނީއެއް ނޫނެވެ. އޭގެ މާނައަކީ “އަހަރެން ބޭނުންވަނީ އަހަރެންގެ ވާހަކަތައް ޤަބޫލުކޮށް، އަހަރެން ބުނާ އެއްޗެއް ދެނެގަތުން” މިއެވެ.
އަދި ބައެއް ފަހަރު، ސަމުސަލަކީ ހަމަ ހަޤީޤަތުގައި ވެސް ސަމުސަލެކެވެ.
ބައެއް ފަހަރު މީހަކަށް އޮޅިގެން 47 ވަނަ ފަހަރަށް އިސްޓާކީނު ތަޅުންގަނޑު މައްޗަށް ދޫކޮށްލެވިދާނެއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ނަފްސާނީ އެއްވެސް މާނައެއް ނޯވެދާނެއެވެ. އެއީ ހަމަ އިސްޓާކީނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެ އިސްޓާކީނަކީ ގުޅުމުގެ ތެރެއަށް ވަދެފައިވާ ތިންވަނަ މީހެއް ފަދަ އެއްޗަކަށް ވެދެއެވެ.
ދިގު މުއްދަތުގެ ގުޅުންތަކުގައި ފާހަގަކުރެވޭ ޝައުޤުވެރިކަމަކީ، ކުދިކުދި އުނދަގޫތަކަކީ މާ ބޮޑެތި އިޙުސާސްތަކެއް ރައްކާކުރެވިފައިވާ ކަންތައްތަކަށް ވުމެވެ.
ބައިވެރިޔާ ފޯނު ނުކޮށް ލަހުން ގެއަށް އައުމުން، ބަހުސް ފެށެނީ ވަގުތާ ބެހޭގޮތުންނެވެ. ނަމަވެސް އޭގެ އަޑީގައި ވަނީ ކަންބޮޑުވުމެވެ. ނުވަތަ މާޔޫސްވުމެވެ. ނުވަތަ އަޅާނުލާ ކަމުގެ އިޙުސާސެވެ.
މެސެޖު ފެނިފައިވެސް ޖަވާބު ނުދީ އޮތުމުން، ބަހުސް ފެށެނީ “ބްލޫ ޓިކް” އާ ބެހޭގޮތުންނެވެ. އެކަމަކު އޭގެ ފަހަތުގައި ވަނީ ނުތަނަވަސްކަމާއި، އެކަނިވެރިކަމާއި، ނުވަތަ ބައިވެރިޔާގެ ލޯބި ބޭނުންވެފައި ހުރުމެވެ.
އެއް ބައިވެރިއަކު ބޭނުންވަނީ ވަގުތުން ވާހަކަދައްކާށެވެ. އަނެއް ބައިވެރިޔާ ބޭނުންވަނީ ކުޑަ ވަގުތުކޮޅަކަށް އެކަނި ހުންނާށެވެ. މިހިސާބުން އެކަކީ “މާ ބޮޑަށް ޖަޒުބާތީ މީހެއް” ކަމަށް ބެލެވި، އަނެކަކީ “އަޅާނުލާ މީހެއް” ކަމަށް ތުހުމަތު ކުރެވެއެވެ.
ދެން ކުއްލިއަކަކަށް އަސްލު މައްސަލަ މަތިން ހަނދާން ނެތި، 2019 ވަނަ އަހަރާ ހަމައަށް ހުރި ހުރިހާ ހެކިތަކެއް ދައްކައި، ގުޅުމުގެ މުޅި މާޒީ ކޮންނަން ފެށެއެވެ.
“އަދި ތިން އަހަރު ކުރިން ކަލޭ ކުރި ކަންތައް..”
މިހިސާބުން އަހަރެމެންނަށް މާޒީގެ އަރުޝީފަށް ވަދެވިއްޖެއެވެ.
މިއީ މުއާމަލާތް ކުރުން މުހިންމުވާ ހިސާބެވެ. ސަބަބަކީ ބައިވެރިޔާގެ އަމަލުތަކަށް ހަމަލާދިނުމުގެ ބަދަލުގައި، އޭގެ ފަހަތުގައިވާ އިޙުސާސްތައް ކިޔައިދިނުމުން ނަތީޖާ ރަނގަޅުވާތީއެވެ.
“ކަލޭ އަހަންނާމެދު ދުވަހަކުވެސް އަޅައެއް ނުލާ” އޭ ބުނުމުގެ ބަދަލުގައި “ކަލޭ އަހަރެންގެ ހާލު ބަލާނުލީމާ، އަހަންނަކީ މުހިންމު މީހެއް ނޫންހެން އިޙުސާސް ކުރެވޭ” އޭ ބުނެވިދާނެއެވެ.
“ކަލޭ އަބަދު އަހަރެން ބާކީ ކުރަނީ” އޭ ބުނުމުގެ ބަދަލުގައި “އަހަރެން ބޭނުންވަނީ ކަލެއާ ގާތްކަމެއް ބާއްވަން” އޭ ބުނެވިދާނެއެވެ.
“ކަލޭ ދުވަހަކުވެސް އެހީއެއް ނުވޭ” އޭ ބުނުމުގެ ބަދަލުގައި “އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެއްޖެ. އަހަރެން ބޭނުންވަނީ މި ޒިންމާތަކުގައި ކަލޭ ބައިވެރިވާން” އޭ ބުނެވިދާނެއެވެ.
މިއީ ކުޑަ ބަދަލެއްހެން ހީވި ނަމަވެސް، މުޅި ވާހަކަ ދާ ގޮތް ބަދަލުކޮށްލާ ކަމެކެވެ. އެއް ޖުމްލައަކުން މީހާ ދިފާއީ މަގަކަށް ގެންދާއިރު، އަނެއް ޖުމްލައިން އެކަކު އަނެކަކަށް ދެނެގަތުމަށް މަގުފަހިކޮށްދެއެވެ.
މީގެ މާނައަކީ ކޮންމެ މައްސަލައެއްގައި ދެމަފިރިންނަކީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ފަދައިން، ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަދައްކަން ޖެހޭ ބައެކޭ ނޫނެވެ.
އަހަރެމެންނަކީ އިންސާނުންނެވެ. ބައެއް ފަހަރު ވަރުބަލިވެއެވެ. ބައެއް ފަހަރު ބަނޑުހައިވެއެވެ. ބައެއް ފަހަރު ދުވަސް ދަނީ ވަރަށް ގޯސްކޮށެވެ. އެފަދަ ވަގުތެއްގައި އެންމެ ފަހުން ބޭނުންވާނީ ކައިރީގައި ހުރެގެން މީހަކު ބާރަށް އެއްޗެހި ކިޔާ އަޑު އަހާކަށް ނޫނެވެ.
ނަމަވެސް، ޚިޔާލު ތަފާތުވުމާއި، ކުދިކުދި ކަންތައްތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާ ދެމެދު ތަފާތެއްވެއެވެ.
ދުޅަހެޔޮ ގުޅުމެއް އޮންނަ ދެމަފިރިންނަކީ އެކަކު އަނެކަކަށް ދެކެ ރުޅިއައި ނަމަވެސް، ދުޝްމަނުންނަށް ނުވާ މީހުންނެވެ. އެމީހުން ޚިޔާލު ތަފާތުވީ ނަމަވެސް، އެކަކު އަނެކަކު ލަދުގަންނުވައެއް ނުލާނެއެވެ. “އެކަމުން އަހަންނަށް ދެރަވި” އޭ ބުނާއިރު، އެއީ “ކަލެއަކީ ވަރަށް ނުބައި މީހެއް” ކަމަށް ބަދަލެއް ނުކުރާނެއެވެ.
އަދި އެންމެ މުހިންމު ކަމަކީ، މިއީ ހަޤީޤަތުގައި ވެސް ސަމުސަލާ ބެހޭ ބަހުސެއްތޯ ނުވަތަ އެހެން ކަމަކާ ބެހޭ ބަހުސެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ދަސްކުރުމެވެ.
ސަބަބަކީ ބައެއް ފަހަރު އަސްލު މައްސަލައަކީ މީގެ ފަސް މިނެޓު ކުރިން ހިނގި ކަމެއް ނޫނެވެ. އެއީ އެތައް މަހެއް ވަންދެން ހިތުގައި އުފެދެމުން އައި ރިހުމެކެވެ. އަދި ހައްލަކީ ބަހުސުން މޮޅުވުމެއް ނޫނެވެ. އެ ރުޅީގެ ފަހަތުގައި އަނެކާ ބުނަން އުޅުނު ވާހަކަ ދެނެގަތުމެވެ.
ވީމާ، ދެން އަންނަ ފަހަރަކު ބައިވެރިޔާ “ކީއްވެ ތި ތުވާލި ތިތަނުގައި ބޭއްވީ؟” އޭ ބުނާއިރު، ދިފާއީ ބަޔާން ތައްޔާރުކުރުމުގެ ކުރިން، އޭނާ ހަމައެކަނި އެ ތުވާލި އޮތް ގޮތުން ރުޅިއައީ ކަމަށް ވެދާނެ ކަމަށް ވިސްނާށެވެ.
ނަމަވެސް، އެ ބަހުސް ނިމޭއިރު “މިހާރަކަށް އައިސް ކަލޭ އުޅޭގޮތް ވަރަށް ތަފާތު” އޭ ބުނެފިނަމަ.. މަރުހަބާއެވެ. ތިޔަ ދެމީހުންނަށް މިހާރު ތިޔަ އާދެވުނީ އަސްލު މައްސަލައާ ހަމައަށެވެ. އަދި މިއީ ލޯބީގެ އެންމެ އާދަޔާ ޚިލާފު، މަޖާ، އަދި އިންސާނީ އެއް ސިފައެވެ. އަހަރެމެންނަށް އަބަދަކު ހިތުގައި އޮންނަ އަސްލު އެއްޗެއް ދުލަކުން ބުނާކަށް ނޭނގެއެވެ.
ބައެއް ފަހަރު ތަށިދޮވުމާ ބެހޭގޮތުން ބަހުސް ކުރާއިރު، ހަޤީޤަތުގައި އެދެވެނީ އަގުވަޒަން ކުރުމަށެވެ. ފޯނާ ބެހޭގޮތުން ޝަކުވާ ކުރާއިރު، ހަޤީޤަތުގައި އެދެވެނީ ސަމާލުކަމަށެވެ. ލަސްވާތީ ރުޅިއަންނައިރު، ހަޤީޤަތުގައި އެދެވެނީ ތިމާއަށް އިސްކަންދޭކަން އިޙުސާސް ކުރުމަށެވެ.
އަދި ބައެއް ފަހަރު “އެންމެ ރަނގަޅު” އޭ ބުނާއިރު، ހިތުގެ އަޑިން ބުނަން ބޭނުންވަނީ. “އާދޭސްކޮށްފައި ބުނަން، އަހަރެމެން ރުޅިވެފައި ތިބެ ނިދަން ނުދަމާ ހިނގާ” މިހެންނެވެ.
ސަބަބަކީ ބޮޑާ ހާކާ ކުދިކުދި ގިނަ ބަހުސްތަކެއްގެ ފަހަތުގައި ވަނީ ވަރަށް ސީރިއަސް އިންސާނީ ބޭނުމެކެވެ. އެއީ ތިމާއަކީ ބަލައިގަންނަ، އަޑުއަހާ، ޤަދަރުކުރާ އަދި ލޯބިވާ މީހެއްކަން އިޙުސާސް ކުރުމެވެ. އަދި ބައެއް ފަހަރު.. ހަމަ ހަޤީޤަތުގައި ވެސް އެ ތަށިތައް އެހެން މީހަކު ދޮވެލަދޭން ބޭނުންވަނީއެވެ.
