ބްލެކްމެއިލް ކުރުމާއި ސެކްސްޓޯޝަން އަކީ ރާއްޖޭގައި ވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ވަކި ނުކުރެވޭ މި ދެމައްސަލައަށް ދިވެހިން ހޭލުންތެރިކުރުވުމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އެޓަރނަލް ޕިކްޗަރސް އާއި ގުޅިގެން ތައްޔާރުކޮށްފައި ވަރަށް ޢިބްރަތްތެރި ވީޑިއޯ ސްޕޮޓެއް މިވަނީ ދާދިފަހުން ޢާއްމުކޮށްފަ އެވެ.

 

ޕަބްލިކް ސަރވިސް އެނައުންސްމެންޓެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ މި ވީޑިއޯ ސްޕޮޓުން ފެނިގެން ދަނީ އަހަރެމެންގެ ނަފުސުތައް ބްލެކްމެއިލް ކުރުމަށް އަނެކުންނަށް ފުރުޞަތު ނުދިނުމާއި ސެކްސްޓޯޝަން (މީހެއްގެ ބަރަހަނާ ފޮޓޯ ނުވަތަ މީހަކު ދައްކާފައިވާ އެފަދަ ވާހަކަތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން) ފަދަ ކަންކަން ކުރުމަށް އެހެން މީހަކަށް ފުރުޞަތު ނުދިނުމުގެ މުހިންމު ކަމުގެ މައްޗަށެވެ. މީގެ އިތުރުން އެފަދަ ކަމެއް ކުރިމަތިވިޔަސް އެކަމާ ކުރިމަތިލާނެ ގޮތް ބުނެދީފައި ވެއެވެ.

 

މާބޮޑަށް ލަސްވުމުގެ ކުރިން ބްލެކްމެއިލް ކުރާމީހުންނާއި ސެކްސްޓޯޝަން ކުރާ މީހުން ހުއްޓުވައި ނޫނެކޭ ބުނަން ހަމަ ކޮންމެ މީހަކުވެސް ހިތްވަރު ލިބިގަންނަން އެބަޖެހެއެވެ. “ހަނު ހުރުމަކީ ހައްލެއް ނޫން” މި ވީޑިއޯ އަކީ ހަމަ ކޮންމެ މީހަކުވެސް ބަލައިލާ އެއިން ޢިބްރަތް ޙާޞިލް ކުރުމަށް ވަރަށް ރަނގަޅު ވީޑިއޯ އެކެވެ.

ވީޑިއޯ ސްޕޮޓްގެ ކޮންސެޕްޓަކީ މަޝްހޫރު ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ) ގެ ކޮންސެޕްޓެކެވެ. ޑައިރެކްޓް ކޮށް އެޑިޓް ކޮށްފައި ވަނީވެސް ޓެޑްރީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.