ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ނެޓްފްލިކްސް ސީރީޒް “ސްކުއިޑް ގޭމް” ގެ ޑައިރެކްޓަރު ހުވާންގް ޑޮންގް-ހިޔުކް އަދި އެ ސީރީޒްގައި “ފްރަންޓް މޭން” ގެ ރޯލު އަދާކުރި މަޝްހޫރު އެކްޓަރު ލީ ބިޔުންގް-ހުން އާ ސައިންސް-ފިކްޝަން ތުރިލާ ފިލްމަކަށް އަނެއްކާވެސް އެކުގައި މަސައްކަތްކުރަން ތައްޔާރުވެއްޖެއެވެ.
“ކޭ.އޯ. ކްލަބް” ގެ ނަމުގައި އުފައްދާ މި ފިލްމަކީ ގާތްގަނޑަކަށް 10 އަހަރަށް ފަހު ޑައިރެކްޓަރު ހުވާންގް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމުގެ ކާސްޓިން ހަމަޖެހިފައިވާކަން ޑައިރެކްޓަރު ހުވާންގް އާއި ޕްރޮޑިއުސަރު ކިމް ޖީ-ޔޮން ހިންގާ ޕްރޮޑަކްޝަން ކުންފުނި “ފަސްޓްމޭން ސްޓޫޑިއޯ” އިން މިހާރު ވަނީ ވެރައިޓީ މެގަޒިނަށް ކަށަވަރުކޮށްދީފައެވެ.
މި ފިލްމުގައި “ސްކުއިޑް ގޭމް” ގައި ފެނިގެންދިޔަ އެކްޓަރު ޕާކް ހޭ-ސޫ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން އޯ ޖުންގް-ސޭ، ކިމް ސޯ-ޖިން އަދި ޗޯ ޔޯ-ޖޮންގް ފަދަ ހުނަރުވެރި ތަރިން މި ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.
“ކޭ.އޯ. ކްލަބް” ގެ ވާހަކަ ބިނާކޮށްފައިވަނީ މުސްތަޤުބަލުގެ ދުނިޔެއެއްގެ މައްޗަށެވެ. އެގޮތުން ފައިސާ ހުރި މީހުންނަށް އުމުރުން ދުވަސްވިޔަނުދީ ޒުވާންކަން ގަނެވޭނެ ގޮތް ހަމަޖެހިފައިވާ ޒަމާނެއްގައި، ބާރާއި މުއްސަނދިކަން އަތްދަށުލައިގެން ތިބި ދުވަސްވީ މުއްސަނދިންނާއި، މި ހުރިހާ ފުރުސަތަކުން މަހުރޫމްވެފައިވާ ޒުވާން ޖީލާ ދެމެދު އުފެދޭ ބޮޑު ފަރަގާއި ކުރިމަތިލުންތައް މި ފިލްމުން ދައްކުވައިދޭނެއެވެ.
މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
ޑައިރެކްޓަރު ހުވާންގް އެންމެ ފަހުން ސިނަމާތަކަށް ފިލްމެއް ގެނެސްދީފައިވަނީ 2017 ވަނަ އަހަރު ނެރުނު ތާރީޚީ ޑްރާމާ “ދަ ފޯޓްރެސް” އިންނެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓްކުރި “ސްކުއިޑް ގޭމް” އިން އޭނާ ވަނީ ބޭރު ބަހެއްގެ ސީރީޒަކުން އެމީ އެވޯޑުގެ ބެސްޓް ޑައިރެކްޓަރުގެ އެވޯޑު ހޯދި ފުރަތަމަ އޭޝިއާގެ ޑައިރެކްޓަރުގެ ޝަރަފު ހޯދައި ތާރީޚުގެ ތެރެއަށް ވަދެފައެވެ.
ލީ ބިޔުންގް-ހުން ވެސް މި ދުވަސްވަރު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ޕާކް ޗަން-ވޫކްގެ “ނޯ އަދާ ޗޮއިސް” އަދި ގޯ ގޭމްގެ މައްޗަށް ބިނާކޮށް އުފައްދާ ޑްރާމާ “ދަ މެޗް” ހިމެނެއެވެ.
