ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގާފަރު ޗެމްޕިއަންކަން ހޯދައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ގާފަރު ހޯދައިފި އެވެ. ހަތަރު ޓީމުގެ މެދުގައި ކުޅެވުނު ލީގު ބުރުގެ އެއްވަނަ ހޯދި ގާފަރާއި ދެވަނަ ހޯދި ހިންމަފުށި ބައްދަލުކުރި ފައިނަލް މެޗު ކުޅެފައިވަނީ ރޭގަ އެވެ.

މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ހާފުގެ މެދަކާއި ހިސާބުން ފެށިގެން ރަނގަޅަށް ކުޅުނީ ގާފަރުން ނެވެ. އެޓޭކަށްވުރެ ބޮޑަށް ޑިފެންސަށް ސަމާލުކަން ދީގެން ކުޅެމުންދިޔަ ހިންމަފުށީގެ ގޯލް ހުޅުވާލުމަށް ގާފަރުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ އެތައް ފުރުސަތެއް ބޭނުން ނުކުރެވި ދިޔަ ފަހުން ނެވެ.

މެޗުގެ އަށްވަނަ މިނިޓްގައި ގާފަރަށް ލީޑު ނަގައިދިނީ އިބްރާހިމް ރިމާހް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ކައިރިން ލިބުނު ފުރުސަތެއްގައި އޭނާ ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން ނެވެ. ގާފަރުން ލަނޑު ޖަހައި ހަމަޖެހި ނުލެވިގެން އުޅެނިކޮށް ހިންމަފުށިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. ހިންމަފުށީގެ ކެޕްޓަން ހުސައިން ނާފިޒް މި ލަނޑު ޖަހާފައިވަނީ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ފުރުސަތެއްގަ އެވެ.

ދެވަނަ ފަހަރަށް ލީޑު ނެގުމަށް ގާފަރުން މަސައްކަތް ކުރިއިރު، ހިންމަފުށިން މަސައްކަތްކުރީ ޑިފެންސްކޮށްފައި ކައުންޓަރ އެޓޭކްގައި ލަނޑު ޖަހާށެވެ. ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ގާފަރުން ދެވަނަ ފަހަރަށް ލީޑު ނެގީ ޝަނާން ރަޝާދު ޖަހައިދިން ލަނޑުން ނެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ހިންމަފުށްޓަށް އެކަން ކާމިޔާބުނުވެ އުޅެނިކޮށް ގާފަރުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ސާމިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ގާފަރަށް މި ލަނޑު ޖަހައިދިނީ އައްޒާމް ނިޔާޒް އެވެ.

މިވެސް ކިޔާލަން:  އޭދަފުށި ޗެމްޕިއަންކަން ހޯދައިފި

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ގާފަރުން ނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހިންމަފުށްޓަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ނުކުރެވި ދިޔައިރު، އޭގެ އިރުކޮޅެއް ފަހުން ޝަނާން ރަޝާދު ވަނީ ގާފަރުގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. ޝަނާން މި ލަނޑު ޖަހާފައިވަނީ ރިމާހް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޑިފެންސް ކުރުމުގައި އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ހިންމަފުށީ ކޮޅަށް އޭގެ އިރުކޮޅެއް ފަހުން ގާފަރުން ފަސްވަނަ ލަނޑު ޖެހި އެވެ. ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އިބްރާހިމް ރިމާހް ގޯލްގެތެރެއަށް ފޮނުވާލީ ހުސްކޮށް ހުރެ އެވެ.

ހިންމަފުށިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 25 ވަނަ މިނިޓްގައި ހުސައިން ޝިޔާން އެވެ. ދެވަނަ ލަނޑުން ލިބުނު ހިތްވަރާއިއެކު ވަރަށް ބޮޑަށް ކުރިޔަށް އަރައި ކުޅުނު ހިންމަފުށިން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުކުރެވުނެވެ.

5-2 އިން މެޗު ކާމިޔާބުކޮށް ކ. އަތޮޅުގެ ޗެމްޕިއަންކަން ގާފަރު ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިބްރާހިމް ރިމާހް އެވެ.

އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ގާފަރު ޓީމުގެ ޝަނާން ރަޝާދު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ހިންމަފުށީ ޓީމުގެ ނިހާލް މުހައްމަދު، ގާފަރު ޓީމުގެ ފައްޔާޒު ފަޔާޒް، ގާފަރު ޓީމުގެ އައްޒާމް ނިޔާޒު، ހިންމަފުށީ ޓީމުގެ ހުސައިން ނާފިޒް އަދި ގާފަރު ޓީމުގެ ޝަނާން ރަޝާދު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ގާފަރު ޓީމުގެ އަހްމަދު ނިޝާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ގާފަރެވެ. އަދި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކީ ގާފަރު ޓީމުގެ ޝާމިން މުހައްމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގާފަރު ޓީމުގެ އިބްރާހިމް ރިމާހް އެވެ.

މިވެސް ކިޔާލަން:  ތިން މެޗުން މޮޅުވެ ނިލަންދޫ ފައިނަލަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top