“ޑޭޒް އޮފް ތަންޑަރ” ގެ ދެވަނަ ބައިގައި ޓޮމް ކްރޫޒްއާއެކު އޭން ހެތަވޭ ފެނިގެންދާނެކަން “ދަ ހޮލީވުޑް ރިޕޯޓަރ” އިން ކަށަވަރުކޮށްދީފިއެވެ. 1990 ވަނަ އަހަރު ނެރުނު މަޝްހޫރު ފިލްމުގެ މި ސީކުއެލް ސިނަމާތަކަށް ނެރުމަށް ޕެރަމައުންޓުން ތާވަލުކޮށްފައިވަނީ 2 ޖޫން 2028 އަށެވެ. މި ފިލްމު އައިމެކްސް، ޑޮލްބީ ސިނަމާ، 4DX އަދި ޕްރީމިއަމް ލާޖް ފޯމެޓްތަކުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ޓޮމް ކްރޫޒް އަލުން ފެނިގެންދާނީ ނޭސްކާ ރޭސަރު ކޯލް ޓްރިކަލްގެ ރޯލުންނެވެ. އޭން ހެތަވޭ އަދާކުރާނީ ޓީމެއްގެ ވެރިއެއް އަދި އިންޖިނިއަރެއްގެ ރޯލެވެ. ފިލްމުގެ ވާހަކައިގެ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. “ޓޮޕް ގަން” ގެ ތަރި ކްރޫޒް މި ފިލްމު ޕްރޮޑިއުސްކުރާނީ ޖެރީ ބްރަކްހައިމާ އަދި ޓޮމީ ހާޕަރއާ ގުޅިގެންނެވެ.
މިދިޔަ ޖުލައި މަހު “ދަ ހޮލީވުޑް ރިޕޯޓަރ” އިން އެކްސްކްލޫސިވްކޮށް ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޮނަތަން ލެވިން ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔާނީ ވިލް ސްޓޭޕަލްސްއެވެ. ސްޓޭޕަލްސް އަކީ މީގެ ކުރިން “ކޯލް އޮފް ޑިއުޓީ 3: މޮޑަން ވޯފެއަރ” ފަދަ ވީޑިއޯ ގޭމްތަކާއި، މައިކަލް ބީ. ޖޯޑަންގެ އެކްޝަން ފިލްމު “ވިތައުޓް ރިމޯސް” ލިޔުމުގައި ބައިވެރިވެފައިވާ ފަރާތެކެވެ.
“ޑޭޒް އޮފް ތަންޑަރ” އަކީ ކްރޫޒްއާއި “ޓޮޕް ގަން” ގެ ޑައިރެކްޓަރު ޓޯނީ ސްކޮޓް އަލުން ގުޅިގެން މަސައްކަތްކުރި، އަދި ކްރޫޒްގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ ރޮބަޓް ޑުވާލް ކުޅެފައިވާ ރޭސިން ލެޖެންޑެއްގެ އިރުޝާދުގެ ދަށުން، ކޯލް އަލަށް އުފެއްދި ނޭސްކާ ޓީމަކާ ގުޅޭގޮތެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނިކޯލް ކިޑްމަން، ކެރީ އެލްވެސް އަދި ރެންޑީ ކުއެއިޑް ހިމެނެއެވެ.
“ޓޮޕް ގަން”، “ޓޮޕް ގަން: މެވެރިކް”، “ރިސްކީ ބިޒްނަސް”، “ޖެރީ މެގުއަޔަރ” އަދި “މިޝަން: އިމްޕޮސިބަލް” ފަދަ ފިލްމުތަކާއެކު، ކްރޫޒް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 13 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ހޯދައި، ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ތަރިއަށް ވެފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އޮކްޓޯބަރު 2 ގައި ރިލީޒްކުރާ، އަލެހަންދްރޯ ޖީ. އިނާރިޓޫ ޑައިރެކްޓްކުރާ “ޑިގަރ” އިންނެވެ.
އޭން ހެތަވޭގެ މަސައްކަތްތަކަށް ބަލާއިރު، މި އަހަރަކީ އޭނާގެ ގިނަ ފިލްމުތަކެއް ފެނިގެންދާނެ އަހަރެކެވެ. އޭގެ ތެރޭގައި “ދަ ޑެވިލް ވެއާސް ޕްރާޑާ 2″، “ދަ އޮޑިސީ” އަދި “ދަ އެންޑް އޮފް އޯކް ސްޓްރީޓް” ހިމެނެއެވެ. އޮސްކާ ކާމިޔާބުކޮށްފައިވާ ހެތަވޭ ދެން އެންމެ އަވަހަށް ފެންނާނީ ކޮލީން ހޫވާގެ މަޝްހޫރު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ “ވެރިޓީ” އިންނެވެ. މި ފިލްމުވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 2 ގައެވެ.
