ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނެޓްފްލިކްސް އެމެރިކާގެ އެންމެ މަޤުބޫލު ފިލްމަކަށް “ދަ ވިސްޕަރ މޭން”
މުނިއަވަސް ގްރެފިކްސް

ނެޓްފްލިކްސް އިން އަލަށް ނެރުނު ކްރައިމް ތުރިލާ “ދަ ވިސްޕަރ މޭން” މިދިޔަ އޯގަސްޓް 28 ގައި ރިލީޒްކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެމެރިކާގައި އެ ޕްލެޓްފޯމުން އެންމެ ގިނަ މީހުން ބަލާ ފިލްމުތަކުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.

ޖޭމްސް އޭޝްކްރޮފްޓް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ރޮބަޓް ޑި ނީރޯ، އެޑަމް ސްކޮޓް އަދި މިޝޭލް މޮނަގަން އެވެ. މީގެ އިތުރުން މައިކަލް ކީޓަން، ހެމިޝް ލިންކްލޭޓަރ އަދި އޯވެން ޓީގް ވެސް މި ފިލްމުގައި ހިމެނެއެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ނެރުނު އެލެކްސް ނޯތުގެ މަޤުބޫލު ނޮވެލް “ދަ ވިސްޕަރ މޭން” ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަނބިމީހާ ނިޔާވެފައިވާ ކްރައިމް ރައިޓަރެއް ކަމަށްވާ ޓޮމް ކެނެޑީ (އެޑަމް ސްކޮޓް) އާއި، އޭނާގެ އަށް އަހަރުގެ ދަރިފުޅު ޖޭކް ވަގަށް ނެގުމުން ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ. ދަރިފުޅު ހޯދުމަށް ކުރާ މަސައްކަތުގައި ޓޮމް އެހީއަށް އެދެނީ، އޭނާއާ ގުޅުން ކެނޑިފައިވާ ބައްޕަ އަދި ކުރީގެ ޑިޓެކްޓިވް ޕީޓް ވިލިސް (ޑި ނީރޯ) ގެ ކިބައިންނެވެ. ޕީޓްއަކީ މީގެ އަހަރުތަކެއް ކުރިން “ވިސްޕަރ މޭން” ގެ ނަމުން މަޝްހޫރުވި ނުރައްކާތެރި ޤާތިލަކު އަތުލައިގަތް މީހާއެވެ.

ޖޭކް ގެއްލުނު ގޮތާއި ކުރީގެ ޤާތިލު ކަންތައް ކުރި ގޮތާ އެއްގޮތްކަމެއް ހުރުމުން، ބަައްޕައާއި ދަރިފުޅަށް މަޖުބޫރުވަނީ ނުރައްކާތެރި މާޒީއަކާ ކުރިމަތިލުމަށާއި އެމީހުންގެ މެދުގައި އޮތް ހީނަރުވެފައިވާ ގުޅުން އިސްލާހުކުރުމަށެވެ. ޖަލުގައި ހުރި ޤާތިލު ފްރޭންކް ކާޓާގެ ރޯލުން ފެންނަނީ މައިކަލް ކީޓަން އެވެ.

މިވެސް ކިޔާލަން:  ޑީޖޭ ކައްޗޭގެ "ހުވަފެން" 14 ފެބްރުއަރީގައި

ފިލްމުގެ ވާހަކަ ދާގޮތާއި އުފައްދާފައިވާ ގޮތާމެދު ފާޑުކިޔުންތެރިންގެ މެދުގައި ތަފާތު ޚިޔާލުތަކެއް ހުރި ނަމަވެސް، ފިލްމުގެ ކާސްޓުންނާއި، ބިރުވެރި މާހައުލެއް ދައްކުވައިދޭ ގޮތުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ.

ފާޑުކިޔުންތެރިންގެ ފަރާތުން އެކި ކަހަލަ ޚިޔާލުތައް ލިބުނު ކަމުގައިވިޔަސް، “ދަ ވިސްޕަރ މޭން” ކުރު މުއްދަތެއްގެ ތެރޭގައި އެއްވަނައަށް އެރުމުން ހާމަވަނީ، މިއީ މިވަގުތު ނެޓްފްލިކްސް ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އެއް ފިލްމު ކަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top