ޢުމުރުން 60 އަހަރުގެ ފިރިހެނުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ޕްރޮސްޓޭޓް ބޮޑުވުމުގެ މައްސަލަ ތަހައްމަލު ކުރަމުންދާ މީހުންނެވެ. ނަމަވެސް، ގިނަ މީހުންނަށް ގަބޫލުކުރެވެނީ މިއީ އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ އާދައިގެ ކަމެއްގެ ގޮތުގައެވެ.
ކްލީވްލޭންޑް ކްލިނިކުން ހާމަކުރާ ގޮތުގައި، އުމުރުން 60 އަހަރުވާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ފިރިހެނުންގެ ކިބައިން ‘ބެނައިން ޕްރޮސްޓެޓިކް ހައިޕަޕްލޭޝިއާ’ (ބީ.ޕީ.އެޗް) ނުވަތަ ޕްރޮސްޓޭޓް ދުޅަވުމުގެ އަލާމާތްތައް ފެންނަން ފަށައެވެ. އަދި އުމުރުން 85 އަހަރަށް ދާއިރު މި އަދަދު 90 އިންސައްތައަށް އުފުލެއެވެ. ޕްރޮސްޓޭޓަކީ މަސާނާގެ ތިރީގައި، ކުޑަކަމުދާ ހޮޅި ވަށައިގެން އިންނަ ގުނަވަނެކެވެ.
ޕްރޮސްޓޭޓް ބޮޑުވަމުންދާ ވަރަކަށް، ކުޑަކަމުދާ ހޮޅިއަށް ފިތި، އޭގެ ސަބަބުން ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތަކެއް އާދެއެވެ. ބީ.ޕީ.އެޗް އަކީ ކެންސަރެއް ނޫނެވެ. އަދި މިއީ ޕްރޮސްޓޭޓް ކެންސަރާ ތަފާތު ބައްޔެކެވެ. މިއީ ވަރަށް އާންމު، ފަރުވާ ކުރެވޭ އަދި ކުރީކޮޅު ދެނެގަނެވިއްޖެނަމަ ނުރައްކާތެރިކަން ކުޑަ ބައްޔެކެވެ.
މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވަރަށް ލަސްލަހުން ކަމަށްވުމާއި، އެކި އަލާމާތްތަކަކީ އެކަތި އަނެކައްޗާ ގުޅުމެއް ނެތް ކަންތައްތަކެއް ކަމަށް އިހުސާސްވުމުގެ ސަބަބުން، މިއީ މުސްކުޅިވުމުން ވާގޮތް ކަމަށް ނިންމާލުން ފަސޭހަވެއެވެ. ތިރީގައި މިވަނީ އާދައިގެ މުސްކުޅިވުމުގެ ބަދަލުގައި، ޕްރޮސްޓޭޓް ބޮޑުވުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް އަތުވެދާނެ 7 ބަދަލެކެވެ.
ކުޑަކަމުދާއިރު ބާރު ދަށްވުން ނުވަތަ މެދުކެނޑުން
ކުޑަކަމުދާއިރު ފޮނުވާ ބާރު ދަށްވުން، ލަސްވުން ނުވަތަ ދޭތެރެއަކުން މެދުކެނޑުމަކީ ބީ.ޕީ.އެޗްގެ އެންމެ އާންމު އެއް އަލާމާތެވެ. ކުޑަކަމުދާ ހޮޅި ހަނިވުމުގެ ސަބަބުން، އާދައިގެ ޕްރެޝަރުގައި ކުޑަކަމުދާ ތަކެތި ބޭރުކޮށްދިނުމަށް ހުރަސްއެޅެއެވެ.
ކުޑަކަމުދާން ފަށަން އުނދަގޫވުން
ކުޑަކަމުދާން ބޭނުންވުމުން ވަގުތުން އެކަން ނުކުރެވި ލަސްވުމަކީ މަސާނާގެ ތިރިން ހޮޅި ބެދިފައި ހުރުމުގެ ނިޝާނެކެވެ. މިއީ އެހެން އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިންވެސް ފެންނަން ފަށާފާނެ ކަމެކެވެ.
ރޭގަނޑު ކުޑަކަމުދާން ހޭލަންޖެހުން
ރޭގަނޑު ނިދާފައި އޮންނައިރު އެއްފަހަރަށްވުރެ ގިނައިން ކުޑަކަމުދާން ހޭލަންޖެހުމަކީ (ނޮކްޗޫރިއާ) މި ބަލީގެ ކުރީކޮޅުގެ އަލާމާތެކެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި ޑޮކްޓަރަކަށް ދައްކައި މަޝްވަރާކުރަންޖެހޭ ކަމެކެވެ.
ކުއްލިއަކަށް ކުޑަކަމުދާން ޖެހުން
ކުއްލިއަކަށް ކުޑަކަމުދާން ބޭނުންވެ، ކޮންޓްރޯލް ނުކުރެވޭ ފަދަ އިހުސާސެއް ވުމަކީ މަސާނާއަށް ބާރުބޮޑުވެ އުނދަގޫވާކަމުގެ ހެއްކެކެވެ. މީގެ ސަބަބުން ދުވާލު ގަޑީގައި ގިނައިން ފާޚާނާއަށް ދާންޖެހުމާއި، ފާޚާނާއާ ހަމައަށް ނުދެވެނީސް ކުޑަކަމުދާ ތަކެތި ބޭރުވުން ފަދަ ކަންކަން ދިމާވެއެވެ.
މަސާނާ އެއްކޮށް ހުސްނުވާ ކަމުގެ އިހުސާސްވުން
ކުޑަކަގޮސް ނިމުމުންވެސް މަސާނާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ކުޑަކަމުދާ ތަކެތި ހުރި ކަމުގެ އިހުސާސްވުމަކީ ބީ.ޕީ.އެޗްގެ މުހިންމު އަލާމާތެކެވެ. މިއީ ބޮޑުވެފައިވާ ޕްރޮސްޓޭޓްގެ ސަބަބުން މަސާނާ އެއްކޮށް ހުސްކޮށްނުލެވޭތީ ވާގޮތެކެވެ. މަސާނާގައި މިގޮތަށް ކުޑަކަމުދާ ތަކެތި ހުރުމަކީ އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.
ކުޑަކަމުގޮސް ނިމުމުން ތިކިޖެހުން
ކުޑަކަމުގޮސް ނިމުމަށްފަހު އިރުކޮޅެއް ފަހުން ތިކިޖެހުމާއި، ކޮންމެވެސް ވަރަކަށް ކުޑަކަމުދާ ތަކެތި ބޭރުވުމަކީ ޕްރޮސްޓޭޓް ބޮޑުވުމުން ދިމާވާ ކަމެކެވެ.
ކުޑަކަމުނުދެވުން ނުވަތަ ކުޑަކަމުދާ ތަކެތީގައި ލޭ ހުރުން
މިއީ އެންމެ ނުރައްކާތެރި އަލާމާތްތަކެވެ. ކުޑަކަމު އެއްގޮތަކަށްވެސް ނުދެވުން ނުވަތަ ކުޑަކަމުދާ ތަކެތީގައި ލޭ ހުރިނަމަ ލަސްނުކޮށް ކުއްލި ފަރުވާ ހޯދަންޖެހޭނެއެވެ. މިއީ މަސާނާ އެއްކޮށް ބެދިފައި ހުރުން ނުވަތަ އިންފެކްޝަނެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ.
ފަރުވާ ލަސްކުރުމުގެ ނުރައްކާ
ޕްރޮސްޓޭޓް ބޮޑުވުމަށް ފަރުވާ ނުކޮށް ގިނަދުވަސް ވެއްޖެނަމަ، ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން ޖެހުން، މަސާނާގައި ހިލަ އުފެދުން، ކުޑަކަމުދާ ތަކެތީގައި ލޭ ހުރުން އަދި ކިޑްނީއަށް ގެއްލުންވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެދާނެއެވެ. ބައެއް ހާލަތްތަކުގައި މަސާނާގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން ކިޑްނީ ދުޅަވެ، އޭގެ މަސައްކަތަށް ބުރޫއަރައެވެ.
ފަރުވާގެ މާނައަކީ ހަމައެކަނި އޮޕަރޭޝަން ކުރުމެއް ނޫން
މި ބައްޔަށް ދެވޭ ފަރުވާގެ ތެރޭގައި ހާލަތު ބަލަމުން ގެންދިއުމާއި، ބޭސް ބޭނުންކުރުން އަދި އެކި ކަހަލަ ޕްރޮސީޖާތައް ހިމެނެއެވެ. ފުރަތަމަ ފިޔަވަހީގައި އާންމުކޮށް ދެނީ ‘ޓަމްސުލޯސިން’ ނުވަތަ ‘ފިނާސްޓެރައިޑް’ ފަދަ ބޭސްތަކެވެ. އަދި މިހާރަކަށް އައިސް އޮޕަރޭޝަން ނުކޮށް ކުރެވޭ ތަފާތު ޒަމާނީ ފަރުވާތައް ވެސް ވަނީ ތައާރަފުވެފައެވެ.
މަތީގައި ބަޔާންކުރެވުނު 7 އަލާމާތުގެ ތެރެއިން ކަމެއް ފާހަގަކުރެވޭނަމަ، ޚާއްސަކޮށް ކުޑަކަމުދާން އުނދަގޫވުން، ލޭ ހުރުން ނުވަތަ ތަކުރާރުކޮށް އިންފެކްޝަން ޖެހޭނަމަ ލަސްނުކޮށް ޔޫރޮލޮޖިސްޓަކަށް ނުވަތަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ. އެއްގޮތަކަށްވެސް ކުޑަކަމުނުދެވުން ނުވަތަ ލޭ ފެނުން ފަދަ ކަންކަމުގައި ކުއްލި ފަރުވާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
