މޯލްޑިވިއަން އައިޑޮލްއިން ވިދާލި ކުޅަދާނަ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝަލަބީ އިބްރާހިމް އާއި އައިމިނަތު ސައިނާ ރަޝީދުގެ ޝޯއެއް މިރޭ ބަރިސްތާގައި މިވަގުތު ކުރިއަށް އެބަދެއެވެ.
މިއީ ޝަލަބީއާއެކު ސައިނާ ޕާފޯމްކުރާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަން އައިޑޮލް ނިމުނުފަހުން ސައިނާ ޕަބްލިކް ފާފޯމަންސް އެއް ދެމުން މިހާރު އެގެންދަނީ ފުރަތަމަ ފަހަރަށެވެ.
ޝަލަބީއަކީ އައިޑޮލްގެ ފުރަތަަމަ ސީޒަންގެ ރަނަރަޕް އެވެ. އަދި ސައިނާއަކީ އެންމެފަހު ސީޒަންގެ ރަނަރަޕް އެވެ.
މިރޭ މި ފަންނާނުން ކުރިއަށްގެންދާ ޝޯ އަކީ ކޮންމެ އަހަރަކުވެސް ބަރިސްތާއިން ބާއްވާ ފެންޓަސީ ލީގުގެ މި އަހަރުގެ ލީގު ލޯންޗުކުރުމަށް ބާއްވާ ޝޯއެކެވެ. މިދިޔަ އަހަރުގެ ލީގުގައި ބައިވެރިވެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރުންވެސް މިރޭގެ ހަފްލާގައި އޮންނާނެ އެވެ.
ރާއްޖޭގެ އެންމެ މަގުބޫލު މިއުޒިކް ސްޓްރީމިން އެޕް، ލަވަފޮއްޓާއި ގުޅިގެން ބަރިސްތާއިން އެމީހުންގެ ޕްލޭލިސްޓެއް ވެސް ނެރުން މިރޭ އޮންނާނެ އެވެ. ދިވެހި އާޓިސްޓުންނަށް ޚާއްސަ އިސްކަމެއްދޭ ބަރިސްތާއިން، މިރެއަށްފަހު އެ މީހުންގެ އައުޓްލެޓުތަކުގައި ޖަހާނީ ހަމައެކަނި ދިވެހި އާޓިސްޓުންގެ ލަވަތަކެވެ. މިކަން ކުރާނީ ބަރިސްތާ، ލަވަފޮށި އަދި ހައުސް އޮފް މިއުޒިކް ގުޅިގެންނެވެ.
