ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޗުމްބަކް” އާއެކު ކެރިއަރަށް އާ މިސްރާބެއް ލިބިއްޖެ: ހެލީ ޝާހް
ގޫގަލް

އިންޑިއާގެ ޓީވީ ޑްރާމާތަކުން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ބަތަލާ ހެލީ ޝާހްގެ އާ ޝޯވ “ޗުމްބަކް” އާއެކު އޭނާގެ އެކްޓިން ކެރިއަރަށް އާ މިސްރާބެއް ލިބިއްޖެ ކަމަށް އޭނާ ބުނެފިއެވެ.

މި ސީރީޒަކީ 14 އަހަރުގެ މެދުކެނޑުމަކަށްފަހު ޖޭޑީ މަޖެތިއާ އަދި އާތިޝް ކަޕާޑިއާ އާއެކު ހެލީ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ވެރައިޓީ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ހެލީ ބުނީ، މި ޝޯވގެ “ޓްވިންކަލް” ގެ ކެރެކްޓާއަށް އޭނާ އެކަށޭނަ ކަމަށް ޑައިރެކްޓަރުން ދުށުމުން އުފާކުރާ ކަމަށާއި، ފުރަތަމަ އެ ރޯލު ފުރިހަމައަށް އަދާކުރެވިދާނެކަމާމެދު އަމިއްލައަށް ޝައްކު އުފެދުނު ކަމަށެވެ. ނަމަވެސް، “ޗުމްބަކް” ގެ ސަބަބުން އެކްޓަރެއްގެ ގޮތުގައި އޭނާއަށް ކުރިއެރުން ލިބި، ކެރިއަރާމެދު އާ ގޮތަކަށް ވިސްނަން ފުރުސަތު ލިބިގެންދިޔަ ކަމަށް ހެލީ ފާހަގަކުރިއެވެ.

މިހާތަނަށް އާންމުކޮށް ސީރިއަސް އަދި “ގާލް-ނެކްސްޓް-ޑޯ” ގެ ރޯލުތަކުން ފެނިގެން ގޮސްފައިވާ ހެލީ ބުނީ، މިއީ އޭނާ ކޮމެޑީ ޖޯންރާއަށް ތައާރަފުވި ފުރަތަމަ ފަހަރު ކަމަށެވެ. އޭނާ ކުޅޭ “ޓްވިންކަލް” އަކީ ލޯކަލް ޑޯންއެއްގެ ދަރިއެކެވެ. އެ ކެރެކްޓާއަކީ ދުނިޔޭގައި ހުރި އެންމެ ވިސްނުންތޫނު އަދި ބުއްދިވެރި މީހަކީ އޭނާ ކަމަށް އަމިއްލައަށް ޤަބޫލުކޮށްގެން އުޅޭ މަޖާ ކެރެކްޓާއެކެވެ. ހެލީ ބުނި ގޮތުގައި އެ ކެރެކްޓާގެ އޮންނަ އުނދަގޫވާ ޒާތުގެ މައުސޫމުކަން، ސްކްރީނުން ބެލުންތެރިން ލޯބިވާ ފަދަ ގޮތަކަށް ދައްކުވައިދިނުމަކީ މި މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޓީވީ ޑެއިލީ ސޯޕްތަކާ ދުރުގައި ހުރުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހެލީ ބުނީ، ބޭނުންވާ ކަހަލަ މަސައްކަތެއް ނުލިބޭ ވަގުތުތަކުގައި އުންމީދު ކަނޑާލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި ޑެއިލީ ސޯޕްތައް މާ ގިނައިން ކުޅުމުގެ ސަބަބުން ބެލުންތެރިންނަށް އޭނާ އެއްގޮތަކަށް ފެނި ފޫހިވެދާނެތީ، ގަސްދުގައި އެފަދަ ޝޯވތަކާ ދުރުގައި ހުރީ ކުރިއަށް އޮތް ތަނުގައި ކުޅޭ ތަފާތު ކެރެކްޓާތަކަށް ބެލުންތެރިންގެ ތަރުހީބު ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ކަމަށް އޭނާ ބުންޏެވެ. ހެލީ ވަނީ މިފަދަ ރަނގަޅު ފުރުސަތެއް ލިބުމުން، އޭނާގެ ހުނަރު އެންމެ ރަނގަޅު މަރުހަލާއަށް ވާސިލުވަމުންދާކަމުގެ އިޙުސާސް ކުރެވޭ ކަމަށް ބުނެފައެވެ.

މިވެސް ކިޔާލަން:  ނެޓްފްލިކްސްގެ އާ ސީރީޒް "ޗުމްބަކް" ސެޕްޓެމްބަރުގައި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top