ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ކޮމެޑީ ޝޯވ “ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯވ” ގެ ފަސްވަނަ ސީޒަން ނެޓްފްލިކްސް މެދުވެރިކޮށް ދެއްކުމަށް ތައްޔާރުވެއްޖެއެވެ.
މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ ހުށަހަޅައިދޭ މި ޝޯވގެ އާ ސީޒަން ޕްރީމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ސީޒަނުގައި ވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކާސްޓުން ކަމަށްވާ ސުނިލް ގްރޯވަރ، ކީކޫ ޝަރްދާ އަދި ކްރުޝްނާ އަބީޝެކް ފެނިގެންދާނެއެވެ. މީގެ އިތުރުން ޝޯވގެ ޖަޖުންގެ ގޮތުގައި އަރްޗަނާ ޕުރާން ސިންގް އާއި ނަވްޖޯތު ސިންގް ސިދޫ ވެސް މި ސީޒަނުން އަލުން ފެނިގެންދާނެއެވެ.
ނެޓްފްލިކްސްއިން ވަނީ މި އާ ސީޒަނަށް ޚާއްސަކޮށް “ހަސީ ކާ ތިޔޯހާރް” (ހިނިތުންވުމުގެ އީދު) ގެ ނަމުގައި 1:47 މިނެޓުގެ ޓީޒާ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ޕްރޮމޯގައި ކަޕިލް ޝަރުމާ ވަނީ ދިވާލީ، ނަވަރާތުރީ އަދި ކްރިސްމަސް ފަދަ އެކި މުނާސަބަތުތަކާ ގުޅުވައިގެން ފަސްވަނަ ސީޒަން ފެށޭކަން އިޢުލާނުކޮށްފައެވެ. އަދި ސިދޫ ވަނީ މިއީ ހިނިތުންވުމާއި މަޖަލުގެ ބޮޑު ފެސްޓިވަލެއްގެ ރަސްމީ ފެށުން ކަމަށް ބުނެފައެވެ. ޕްރޮމޯ ނިންމާލާފައިވަނީ “ދޯލް، ނަގާޑާ ސަބް ބަޖޭގާ، ކިޔުންކޭ ހަސީ ކާ ތިޔޯހާރް އަބް ނެޓްފްލިކްސް ޕޭ ސަޖޭގާ!” މި މެސެޖާއެކުގައެވެ.
މި ޝޯވގެ ހަތަރުވަނަ ސީޒަން ކުރިއަށް ދިޔައީ ޑިސެމްބަރު 2025 އިން މާރިޗް 2026 އަށެވެ. އެ ސީޒަނުގައި ބޮލީވުޑާއި ކުޅިވަރު ދާއިރާގެ ގިނަ މަޝްހޫރު ތަރިންތަކެއް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިން ކަމަށްވާ ހަރްމަންޕްރީތު ކޯރް އަދި ޖެމީމާ ރޮޑްރިގޭޒްގެ އިތުރުން ކާތިކް އާރިޔަން، އަނަންޔާ ޕާންޑޭ، މާދުރީ ޑިކްޝިޓު އަދި ޖެކީ ޝްރޮފް ހިމެނެއެވެ.
“ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯވ” އެންމެ ފުރަތަމަ ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފެށީ 30 މާރިޗް 2024 ގައެވެ. އޭގެ ފަހުން ދެވަނަ ސީޒަން އެ އަހަރުގެ ސެޕްޓެމްބަރު 21 ގައި ގެނެސްދިންއިރު، ތިންވަނަ ސީޒަން ދައްކާފައިވަނީ 21 ޖޫން 2025 އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. މަޖާ ހަރަކާތްތަކާއި މަޝްހޫރު ފަންނާނުންގެ އިންޓަވިއުތަކާއެކު މި ޝޯވ ވެގެން ގޮސްފައިވަނީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެއް ޝޯވށެވެ.
