ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެއްވަދޫ ގއ. ގެ ޗެމްޕިއަންކަން ހޯދައިފި 
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ދެއްވަދޫ ހޯދައިފި އެވެ. ހަތަރު ޓީމުގެ މެދުގައި ކުރިޔަށް ދިޔަ މި އަތޮޅު މުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައިވަނީ ލީގު ބުރުގެ އެއްވަނަ ހޯދި ދެއްވަދޫ އާއި ދެވަނަ ހޯދި ވިލިނގިއްޔެވެ.

ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ ދެއްވަދޫ އެވެ. ލީގު ބުރުގައި ދެއްވަދޫ ކުޅުނު ތިން މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ރޭ ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެޓޭކް ކުރުމަށް މަސައްކަތްކުރި ވަރަށް ޑިފެންސް ކުރުމަށް ވެސް ދެ ޓީމުން ވަނީ މަސައްކަތްކޮށްފަ އެވެ.

ރޭ ކުޅެވުނު ފައިނަލް މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދެއްވަދޫ އެވެ. މެޗުގެ ލީޑު ހޯދުމަށް ދެ ޓީމުން ކުރަމުން އައި މަސައްކަތް ދެއްވަދޫން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ކާމިޔާބުކޮށްފަ އެވެ. މި ލަނޑު ދެއްވަދޫއަށް ޖަހައިދިނީ މީޝަން މުޖީބު އަންވަރު އެވެ.

ދެވަނަ ހާފުގައި ދެއްވަދޫން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި އިތުރު ތިން ލަނޑު ޖަހާފަ އެވެ. ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި މީޝަން މުޖީބު އަންވަރު އޭނާގެ އަދި ދެއްވަދޫގެ ވެސް ދެވަނަ ލަނޑު ޖެހި އެވެ. ނަތީޖާ ހަމަހަމަކުރުމަށް ވިލިނގިލިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ސަމާލުކަންދިން ދެއްވަދޫގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

މިވެސް ކިޔާލަން:  ސްޓެލްކޯ އާއި އެޗްޑީސީއަށް ފަސޭހަ މޮޅެއް

ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ދެން ވެސް ފެނުނީ ދެއްވަދޫގެ ލަނޑެކެވެ. މެޗުގެ 33 ވަނަ މިނިޓްގައި ދެއްވަދޫގެ ތިންވަނަ ލަނޑު ޖަހައިދިނީ އަލީ ޚޮދަދާއި އެވެ. ތިންވަނަ ލަނޑަށް މިނިޓެއް ނުވަނީސް ދެއްވަދޫން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަޙްމަދު ރާހިލް ރަޝީދު އެވެ.

4-0 އިން މެޗު ކާމިޔާބުކޮށް ގއ. އަތޮޅުގެ ޗެމްޕިއަންކަން ދެއްވަދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު ރާހިލް ރަޝީދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top