ގިނަ ބައެއްގެ އިންތިޒާރަށް ނިމުމެއް ގެނެސް، ދިވެހި ފިލްމު “މަޖުނޫން“ގެ އޮފިޝަލް ޓްރެއިލާ އަދި އޯޑިއޯ އަލްބަމް ލޯންޗުކުރުމުގެ ކުލަގަދަ ހަފުލާ މި ސެޕްޓެންބަރު މަހުގެ 22 ވާ އާދީއްތަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ބާއްވަން ނިންމައިފިއެވެ.
މި ޚާއްޞަ އިވެންޓުގައި ފިލްމުގެ ޓްރެއިލާ އާއި ލަވަތައް އިފްތިތާޙު ކުރުމުގެ އިތުރުން، ފޯރިގަދަ ލައިވް ސްޓޭޖް ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެއެވެ.
“މަޖުނޫން“ގެ ޓީމުން މަޢުލޫމާތު ދޭ ގޮތުގައި، މި އުފާވެރި ރޭ ފާހަގަކުރުމަށްޓަކައި ފިލްމުގެ ސަޕޯޓަރުންގެ ތެރެއިން ނަސީބުވެރި 150 ފަރާތަކަށް މި އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އިވެންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ފަރާތެއްގެ ފޯނު ނަންބަރާއި، ބައިވެރިވާ މީހުންގެ އަދަދު އެނގޭނެހެން “މަޖުނޫން“ގެ ފޭސްބްކް ޕޭޖަށް ނުވަަތަ ހޮޓްލައިން 7844422 އަށް މެސެޖު ކުރުމަށް ވަނީ އެދިފައެވެ. ކޮންމެ ފޯނު ނަންބަރަކަށް ގިނަވެގެން ބުކް ކުރެވޭނީ 2 މީހުންގެ ޖާގައެވެ.
މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑު 21:00 ގައެވެ. އަދި ރެޑް ކާޕެޓްގެ ހަރަކާތްތައް އެރޭ 20:30 ގައި ފެށިގެންދާނެއެވެ.
މި ހަފުލާގެ ޑްރެސް ކޯޑެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “80 ގެ ވައިބްސް” ނުވަތަ 80 ގެ އަހަރުތަކުގެ ފެޝަނެވެ. ނޫން ނަމަ އަތުގައި އޮތް އެންމެ އަލިގަދަ އަދި ކުލަގަދަ ހެދުމެއްގައި ބައިވެރިވުމަށް ވެސް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.
“މަޖުނޫން“ގެ ޓީމުން ވަނީ ފިލްމަށް އާންމުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އެއްބާރުލުމަށް ޝުކުރު އަދާކޮށް، 80ގެ އަހަރުތަކުގެ މާޒީއަށް ދަތުރުކޮށްލުމަށްޓަކައި މި ޚާއްޞަ އިވެންޓުގައި ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ. ވީހާވެސް ގިނަ ސަޕޯޓަރުންނަށް ފުރުޞަތުދިނުމުގެ ގޮތުން 150 ޓިކެޓް ހިލޭ ދޫކޮށްލާގޮތަށް ނިންމާފައި ވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުންޏެވެ. އެހެންކަމުން، ވީހާވެސް އަވަހަށް ނަން ނޯޓު ކުރުމަށް އެ ޓީމުން އިލްތިމާސްކުރެއެވެ.
