އިންޑިއާގެ މަޤުބޫލު ވެބް ސީރީޒް “ދަ ފެމިލީ މޭން” ފިލްމެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ ވިސްނުން އެ ސީރީޒް އުފެއްދި ޓީމުން ގެންގުޅޭކަމަށް ޚަބަރުތައް ބުނެފިއެވެ. ނަމަވެސް، މި ވަގުތު އެ ޓީމުން އެންމެ ބޮޑު އިސްކަމެއް ދެނީ ސީރީޒްގެ ހަތަރުވަނަ ސީޒަން ނިންމުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ސީރީޒް ފިލްމަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ފިލްމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން ސީޒަން 4 ގެ މަސައްކަތްތައް ނިންމަން ޓީމުން ވަނީ ނިންމާފައެވެ. އެގޮތުން، ސީރީޒްގެ ހަތަރުވަނަ ސީޒަންގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
މަޝްހޫރު އެކްޓަރު މަނޯޖް ބަޖްޕާއީ މުހިންމު ރޯލަކުން ފެނިގެންދާ މި ސީރީޒަކީ އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ ސްރީކާންތު ތިވާރީގެ ނުރައްކާތެރި ވަޒީފާއާއި، އޭނާގެ އާއިލީ ދިރިއުޅުން އެއްހަމައެއްގައި ހިފެހެއްޓުމަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ ތުރިލާ ސީރީޒެކެވެ. މަނޯޖްގެ އިތުރުން، މި ސީރީޒްގައި ޕްރިޔާމަނީ އަދި ސަމަންތާ ރޫތު ޕްރަބޫ ފަދަ ކުޅަދާނަ ތަރިން މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައިވެއެވެ.
ޝައުޤުވެރި ވާހަކައަކާއި ތަރިންގެ ފުރިހަމަ އެކްޓިންގގެ ސަބަބުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ “ދަ ފެމިލީ މޭން” އަކީ މިހާރުވެސް އިންޑިއާގެ ސްޓްރީމިންގ ޕްލެޓްފޯމްތަކުގައި އެންމެ ކާމިޔާބު އެއް ޝޯވއެވެ.
މިވާހަކަތައް އަނެއްކާވެސް ފެންމަތިވެފައި މިވަނީ ކުރިން ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދީ ބޮޑު މަޤުބޫލުކަމެއް ހޯދި “މިރްޒާޕޫރް” ގެ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ.
