ތެދަށް ބުނާނަމަ، އަޅުގަނޑަކީ ބިރުވެރި ފިލްމުތަކާއި ސީރީޒްތައް ބަލަން ވަރަށް ޖެހިލުންވާ މީހެކެވެ. ނަމަވެސް، ދިވެހި ފިލްމު “ދެވި” ބަލަން އަޅުގަނޑުގެ ޝައުޤުވެރިކަން އުފެދުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ބިރުވެރި މަންޒަރުތައް އަބަދުވެސް ދޫކޮށްލާ މީހަކަށް ވުމުން، މިއީ އަޅުގަނޑަށް މުޅިން ތަފާތު ތަޖުރިބާއަކަށް ވިއެވެ.
މި ފިލްމުން އެންމެ ބޮޑަށް ހިތްދަމައިގަތީ އައްޒަގެ ޑަބަލް ރޯލެވެ. “މާހީ” އަދި “މާޝީ” ގެ ކެރެކްޓަރަށް އޭނާ ބަދަލުވެގެން ދިޔަ ފުރިހަމަކަން ފެނި ހައިރާންވިއެވެ. ހާނަސް ބޭނުންކޮށްގެން ކުޅެންޖެހޭ މަންޒަރުތަކަކީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް، އައްޒަ އެ މަންޒަރުތައް ދައްކުވައިދިނީ އެއްވެސް އުނދަގުލެއް ނެތި ވަރަށް ފުރިހަމަކޮށެވެ. އޭނާގެ މޫނުމަތީގެ އިޙުސާސްތަކާއި ޑައިލޮގްތައް ގެނެސްދިން ގޮތުން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ތެދަށް ބުނާނަމަ މި ފިލްމު ބަލަން ބޭނުންވި މައިގަނޑު ސަބަބަކީވެސް އައްޒަގެ މި ޑަބަލް ރޯލެވެ.
މީގެ އިތުރުން ވީއެފްއެކްސް އާއި ފިލްމުގެ ލަވަތަކުންވެސް އަޅުގަނޑު ހައިރާންކޮށްލިއެވެ. ޚާއްސަކޮށް މުއާޒްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ “ޖަޒުބާތު” އަދި ފިލްމުގެ ޓައިޓަލް ލަވަ ވަރަށް ބޮޑަށް ކަމުދިޔައެވެ.
އެހެން ތަރިންގެ އެކްޓިންއަށް ބަލާލާއިރު، “ވިޔާން” ގެ ރޯލުން ފެނިގެންދިޔަ ޙަމްދާން ސަލީމް (އަންނަ) އަދި “ވިވާން” ގެ ރޯލުން ފެނިގެންދިޔަ ޝަރަފްގެ އެކްޓިން އަދި އިޙުސާސްތައް ވަރަށް ފުރިހަމައެވެ. ޚާއްސަކޮށް މިއީ ޙަމްދާން (އަންނަ) ގެ ފުރަތަމަ ފިލްމަށް ވުމާއެކު، އޭނާގެ އެކްޓިން ވަރަށް މޮޅެވެ. އޭނާގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދެމެވެ. ތަޖުރިބާކާރު ތަރިން ކަމަށްވާ މަނިކު އަދި ރިޝްމީ ފަދަ ތަރިންގެ އެކްޓިންއިންވެސް ގައިން ހީބިހި ނަގައެވެ. ޚާއްސަކޮށް މަނިކުގެ ފަހު މަންޒަރުތަކާއި ފިލްމު ފެށޭއިރު ރިޝްމީ ފެންނަ ފުރަތަމަ މަންޒަރު ވަރަށް ފާހަގަކޮށްލެވެއެވެ. ކުރުކޮށް ބުނާނަމަ ޔާރާ ސިސްޓާސް އާއި އެމީހުންގެ މަންމަ ކޮށްފައިވަނީ ވަރަށް ފުރިހަމަ އަދި އަގުހުރި މަސައްކަތެކެވެ.
ވީއެފްއެކްސް އަދި އޭއައި އިފެކްޓްސްތަކާ ބެހޭގޮތުން ބައެއް ރިވިއުތަކުގައި ލިޔެފައިވާ ވަރަށްވުރެ އެކަންކަން ދިޔައީ ރަނގަޅަށެވެ. ވީއެފްއެކްސް އަކީ ދިވެހި، ބޮލީވުޑް، ކޮރިއަން ނުވަތަ ކޮންމެ ސިނަމާއެއްގައިވެސް މިހާރު އާންމު ކަމެކެވެ. ފިލްމު ނިމުމަކާ ގާތްވަމުން ދިޔަވަރަކަށް ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ. އަދި ފިލްމު ނިމިގެންދިޔައީ ސަސްޕެންސް އުފައްދާ ކަހަލަ މަންޒަރަކުންނެވެ.
މިއީ އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަނަށް ވެފައި، މިހާ ވަރުގަދަ އަސަރެއް ކުރުވި ފުރަތަމަ ފިލްމަށް ވާތީ އޭނާއަށް ވަރަށް ބޮޑަށް ސާބަސް ޙައްޤެވެ. ޚުލާސާކޮށް ބުނާނަމަ، ހަމަ ރަނގަޅަށްވެސް “ދެވި ހިފައިފި” އެވެ!
