ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ދިވެހި ފުޓްބޯޅަ ކުޅުންތެރިންނާއި، ޓީމުތައް އަދި އެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެކަށީގެންވާ ހަރަކާތެއް ނުހިންގާތާ އަށް އަހަރަށްފަހު، އެވޯޑް ހަފުލާ ބާއްވައިފި އެވެ.
ރޭ ބޭއްވި މި ހަފުލާގައި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ މޮޅު ކޯޗު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ގޯލް، ރަންބޫޓު، ބެލެންތެރިންގެ އެންމެ މަޤުބޫލު ކުޅުންތެރިޔާ، އަހަރުގެ އެންމެ މޮޅު ރެފްރީ އަދި އަހަރުގެ އެންމެ މޮޅު ޓީމު ވަނީ ހޮވާފަ އެވެ.
އަށް އަހަރަށްފަހު މި އަހަރު ބޭއްވި ޕްރެޒިޑެންޓްސް އެވޯޑް ޚާއްސަކޮށްފައިވަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިއްސާވި ތިން ޝަޚުސިއްޔަތުން ކަމަށްވާ، މަރުޙޫމް މުޙައްމަދު އާރިފް (ބަކާ) އާއި ކޯޗު މަރުޙޫމް އިހްސާން އަބްދުލްޣަނީ (ސާންތީ) އާއި ކީޕަރު މަރުޙޫމް އިބްރާހިމް އިފްރާހު އަރީފް އަށެވެ. މި ފަރާތްތަކުން ދިވެހި ފުޓްބޯޅައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު މި ހަފުލާގައި ވަނީ ފާހަގަކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލުކުރީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންގެ އަޙްމަދު އައިހަމް (ފަތޯ) އެވެ. ދެވަނަ މަގާމް ހޯދީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްގެ އަލީ ފާސިރު (ސެންޓޭ) އެވެ. ތިންވަނަ މަގާމް ހޯދީ މިއަހަރު ވިކްޓަރީއަށް ބަދަލުވި ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ އޮޑި ސްޕޯރޓްސް އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފާތިމަތު ސާލިޔާ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާން (އިއްމި) އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ކާމިޔާބު ކުރިއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑް ހާސިލްކުރީ ނިއުރޭޑިއަންޓްގެ ގޯލް ކީޕަރު މުޙައްމަދު ފައިސަލް އެވެ.
މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންގެ މުޙައްމަދު އިލާން އިމްރާން އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ނިއުރޭޑިއަންޓްގެ ގޯމޭޒް ޑަ ސިލްވާރ ހާސިލް ކުރިއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދީ ވިކްޓަރީ ސްޕޯރޓްސް ކުލަބްގެ ހުސައިން ނިޔާޒް މުޙައްމަދު (ބޮކުރީ) އެވެ.
ތިންވަނަ ފަހަރަށް އަލީ ފާސިރު (ސެންޓޭ) ރަންބޫޓު ކާމިޔާބު ކުރިއިރު، ބެލުންތެރިންގެ އެންމެ މަޤުބޫލު ކުޅުންތެރިޔާގެ މަގާމް ހޯދީ ވިކްޓަރީގެ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.
އެންމެ މޮޅު ރެފްރީގެ އެވޯޑް ހުސައިން ސިނާން ކާމިޔާބުކުރިއިރު، ނިމުނު ސީޒަންގެ އެންމެ ކާމިޔާބު ކުލަބްގެ އެވޯޑް ހޯދީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެވެ.
