އެންމެ ފަހުގެ ނަބިއްޔާ
އަޅުގަނޑުމެންގެ ކުރިން ފޮނުއްވުނު ހުރިހާ ނަބިއްޔުންނާއި ރަސޫލުންނަކީ ވެސް، މީސްތަކުންނަށް ޙައްޤުދީނަށް މަގުދެއްކެވުމަށްޓަކައި ﷲ ފޮނުއްވި ބޭކަލުންނެވެ. އެ ބޭކަލުންގެ މަސްއޫލިއްޔަތަކީ އެއްކައުވަންތަ ﷲ އަށް އަޅުކަންކުރާނެ ގޮތާއި، ތަޤުވާވެރި ދިރިއުޅުމެއް އުޅޭނެ ގޮތް މީސްތަކުންނަށް އުނގަންނައިދިނުމެވެ. އެބޭކަލުންގެ ކޮންމެ ޢަމަލަކުން އިޚްލާޞްތެރިކަމާއި ތެދުވެރިކަން ދެއްކެވުމުގެ ސަބަބުން، ދުޝްމަނުންވެސް އެބޭކަލުންނަކީ އަމާނާތްތެރި، ތެދުވެރި ބޭކަލުންގެ ގޮތުގައި ބަލައިގަތެވެ. ﷲ އެބޭކަލުންގެ ކިބައިގައި ލެއްވި މިފަދަ މަތިވެރި ސިފަތަކަކީ، ޣައިބުގެ ޚަބަރުތަކާ ބެހޭގޮތުން އެބޭކަލުން ކުރައްވާ ދަޢުވާތަކުގެ ވަރުގަދަ ހެކިތަކެކެވެ. މީގެ އިތުރުން، އެބޭކަލުންނަކީ ﷲ ފޮނުއްވި ރަސޫލުންކަމާ މެދު އުފެދޭ އެންމެހައި ޝައްކުތައް ފިލުއްވުމަށްޓަކައި، މުޢުޖިޒާތްތައް އެބޭކަލުންނަށް މިންވަރުކުރެއްވިއެވެ. މިފަދަ ގިނަ މުޢުޖިޒާތްތަކެއް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު، އެއީ ޙަޤީޤަތުގައިވެސް ހިނގާފައިވާ ކަންކަން ކަމަށް އީމާންވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެކެވެ. ތިރީގައި މިވަނީ ނަބިއްޔާ ﷺ ގެ މުހިންމު ބައެއް މުޢުޖިޒާތްތަކެވެ.
ރަސޫލުﷲ ﷺ އަކީ ﷲ ގެ އެހީތެރިކަމާ ނުލައި އެއްވެސް އިންސާނަކަށް ނުކުރެވޭނެ ފަދަ މުޢުޖިޒާތްތައް ދެއްކެވި ބޭކަލެކެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުގައި ގިނަގުނަ މުޢުޖިޒާތްތަކެއް ފެނިގެން ގޮސްފައިވެއެވެ. މި ލިޔުމުގައި މި ބަލާލަނީ ތިޔަބޭފުޅުންނަށް ފަހަރުގައި އެނގިވަޑައިގެންފައި ނުވާނެ ބައެއް މުޢުޖިޒާތްތައް ހިމެނޭނެހެން ހަ މުޢުޖިޒާތަކަށެވެ.
- ހަނދު ފަޅިވުމުގެ މުޢުޖިޒާތް
މައްކާގެ މުޝްރިކުން ނަބިއްޔާ ﷺ ގެ ކިބައިން މުޢުޖިޒާތަކަށް އެދުމުން، އެކަލޭގެފާނު ހަނދާ ދިމާލަށް އިޝާރާތްކުރެއްވިއެވެ. އެހިނދު ﷲ ގެ އިރާދަފުޅާއެކު ހަނދު ދެފަޅިވެގެން ދިޔައެވެ.
“މައްކާގެ އަހުލުވެރިން ﷲ ގެ ރަސޫލާ ﷺ ގެ ކިބައިން މުޢުޖިޒާތަކަށް އެދުމުން، އެކަލޭގެފާނު އެބައިމީހުންނަށް ހަނދު ފަޅިވުމުގެ މުޢުޖިޒާތް ދެއްކެވިއެވެ.” (ޞަޙީޙުލް ބުޚާރީ)
ކުޑަވަގުތުކޮޅަކަށް އެގޮތުގައި ހުރުމަށްފަހު، ހަނދު އަލުން އޭގެ އަސްލު ޙާލަތަށް ރުޖޫޢަވިއެވެ. މުޝްރިކުންގެ ކުރިމަތީގައި މިކަން މިހާ ސާފުކޮށް ފެންނަން އޮތް ނަމަވެސް، އެބައިމީހުން އެކަލޭގެފާނަށް ސިޙުރުވެރިއެކޭ ކިޔައި ދޮގުކުރިއެވެ.
- އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު
މިއީ ޖިބްރީލްގެފާނާއެކު ރަސޫލުﷲ ﷺ ރޭގަނޑުގެ ވަގުތެއްގައި ކުރެއްވި މުޢުޖިޒާތުން ފުރިގެންވާ ދަތުރުފުޅެކެވެ. އެކަލޭގެފާނު މައްކާގެ މަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ މަސްޖިދުލް އަޤްޞާއަށް ވަޑައިގެން، އެތަނުން އުޑުތަކަށް އަރާވަޑައިގެން ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލުކުރެއްވިއެވެ. އެކަލޭގެފާނު މައްކާއަށް އެނބުރި ވަޑައިގަތްއިރުވެސް ރޭގަނޑުގެ ވަގުތު ފާއިތެއް ނުވެއެވެ. - ގަސްގަނޑު ރޮއިހޭރުން
ކީރިތި ރަސޫލާ ﷺ ޚުޠުބާ ދެއްވާއިރު ހިކިފައިވާ ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން ހުންނަވައެވެ. ނަމަވެސް، އެކަލޭގެފާނަށް ޚުޠުބާ ދެއްވުމަށް އަށްޓެއް (މިންބަރެއް) ތައްޔާރުކުރެވުމުން، އެއަށްޓަށް އަރާވަޑައިގެންނެވި ވަގުތު، ޖަމަލެއް ރޮއިހޭރޭ ކަހަލަ އަޑެއް އެ ކަދުރު ގަސްގަނޑުން އިވުނެވެ. އެހިނދު އެކަލޭގެފާނު މިންބަރުން ފައިބާވަޑައިގެން، ގަސްގަނޑުގައި އަތްޕުޅު ބާއްވަވައި ފިރުމާލެއްވުމުން އެ އަޑު ކެނޑުނެވެ.
“ނަބިއްޔާ ﷺ (ޚުޠުބާ ދެއްވާއިރު) ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން ހުންނަވައެވެ. އެކަލޭގެފާނަށްޓަކައި މިންބަރު ބެހެއްޓުމުން، މާބަނޑު އަންހެން ޖަމަލެއް ރޮއިހޭރޭ ފަދަ އަޑެއް އެ ގަސްގަނޑުން އިވުނެވެ. އެއީ ނަބިއްޔާ ﷺ މިންބަރުން ފައިބާވަޑައިގެން އޭގައި އަތްޕުޅު ބާއްވަވަންދެނެވެ.” (ޞަޙީޙުލް ބުޚާރީ)
- އިނގިލިފުޅުތަކުގެ ދެމެދުން ފެން އުފެދުން
ޙުދައިބިއްޔާގެ ދުވަހު މީސްތަކުން ވަރަށް ބޮޑަށް ފެނަށް ޖެހުނެވެ. ރަސޫލުﷲ ﷺ ވުޟޫކުރައްވައި ނިމުމުން، މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަތެވެ. ވީ ކީއްތޯ އެކަލޭގެފާނު ސުވާލުކުރެއްވުމުން، ވުޟޫކުރާނެ އަދި ބޯނެ ފެން ނެތްކަމަށާއި، އޮތީ އެކަލޭގެފާނުގެ ކުރިމަތީގައި ހުރި ކުޑަ ފެންފޮދެއް އެކަނި ކަމަށް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު އެ ފެން އެތީގެ ތެރެއަށް އަތްޕުޅު ލެއްވުމުން، އާރުތަކަކުން ފެން އަންނަ ފަދައިން އެކަލޭގެފާނުގެ އިނގިލިފުޅުތަކުގެ ދެމެދުން ފެން އުފެދިގެން އައެވެ. އެދުވަހު ހުރިހާ އެންމެން އެ ފެނުން ބޮއި، ވުޟޫކުރިއެވެ.
ޖާބިރުގެފާނާ ސުވާލުކުރެވުނެވެ. “ތިޔަބޭފުޅުންގެ ޢަދަދަކީ ކޮބައިތޯއެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “އަޅުގަނޑުމެން އެއްލައްކަ މީހުން ތިބި ނަމަވެސް އެ ފެނުން ފުދުނީހެވެ. އެކަމަކު އެދުވަހު އަޅުގަނޑުމެން ތިބީ ފަނަރަސަތޭކަ މީހުންނެވެ.” (ޞަޙީޙުލް ބުޚާރީ)
- ކައިވެނީގެ ވަލީމާގެ މުޢުޖިޒާތް
ރަސޫލުﷲ ﷺ، ޒައިނަބު ބިންތި ޖަޙުޝް رضي الله عنها އާ ކައިވެނި ބެއްލެވި ދުވަހު، އަނަސްގެފާނުގެ މަންމަ އުއްމު ސުލައިމް ‘ޙައިޞް’ (ކަދުރު ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއެއް) ތައްޔާރުކުރެއްވީ ހަމައެކަނި ނަބިއްޔާ ﷺ އަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ފުދޭވަރަށެވެ. ނަމަވެސް، އަނަސްގެފާނު އެ ކާތަށި ހިއްޕަވައިގެން ވަޑައިގަތުމުން، ގިނަ އަދަދެއްގެ ޞަޙާބީންނަށް ދަޢުވަތު އެރުވުމަށް ނަބިއްޔާ ﷺ އެންގެވިއެވެ. އެދުވަހު ގާތްގަނޑަކަށް 300 އެއްހާ ޞަޙާބީން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހުރިހާ ބޭކަލުންނަށް ފުރިހަމައަށް ކާންދެއްވިއެވެ. އެންމެން ކައި ނިމުމުން، ތަށި ނެގުމަށް އަނަސްގެފާނަށް އެންގެވިއެވެ. އަނަސްގެފާނު ވިދާޅުވި ގޮތުގައި، އެ ތަށި ނެންގެވި އިރު، ފުރަތަމަ ގެނައި އިރަށްވުރެ ކާނާ އިތުރުވެފައި ހުރިހެންވެސް ހީވިއެވެ.
“އަނަސްގެފާނާ ސުވާލުކުރެވުނެވެ: ‘އެބޭކަލުންގެ ޢަދަދަކީ ކޮބައިތޯއެވެ؟’ އެކަލޭގެފާނު ވިދާޅުވިއެވެ: ‘ގާތްގަނޑަކަށް ތިންސަތޭކައެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: “ދިހަ މީހުންގެ ގްރޫޕުތަކަކަށް ބެހިގެން ކާތަށި ކައިރީގައި އިށީނދެ، ކޮންމެ މީހަކުވެސް އެމީހަކާ އެންމެ ކައިރިން ކާށެވެ.” އެބޭކަލުން ބަނޑުފުރެންދެން ފަރިއްކުޅުއްވިއެވެ… އަހުރެން އެ ތަށި ނެގިއިރު، އެންމެ ފުރަތަމަ ބެހެއްޓި އިރަށްވުރެ ގިނައީ ކޮން އިރަކު ކަމެއް ނޭނގެއެވެ.'” (ސުނަނުއް ނަސާއީ)
- އެންމެ ބޮޑު މުޢުޖިޒާތް: ކީރިތި ޤުރުއާން
މަތީގައި ބަޔާންކުރެވުނު މުޢުޖިޒާތްތަކަކީ އާދަޔާޚިލާފު ކަންތައްތަކެއް ނަމަވެސް، އެންމެ މަތިވެރި މުޢުޖިޒާތަކީ ކީރިތި ޤުރުއާނެވެ. އެންމެ ފަހުގެ ރަސޫލާ ﷺ އަށް ބާވައިލެއްވުނު މި ފޮތަކީ އެކަލޭގެފާނުގެ އެންމެ ބޮޑު މުޢުޖިޒާތް ކަމާ މެދު އެއްވެސް މުސްލިމަކު ޚިލާފެއް ނުވާނެއެވެ. ޤުރުއާނުގެ މުޢުޖިޒާތްކަން ތާރީޚީ ޙަޤީޤަތްތަކާއި، ބަހުގެ ފުރިހަމަކަމާއި، އޭގައިވާ މުޢުޖިޒާތީ ޚަބަރުތަކުން ސާބިތުވެއެވެ. މިއީ މުޅި އިންސާނިއްޔަތަށްޓަކައި ބާވައިލެއްވުނު، ދުނިޔެ ނިމެންދެން އެއްވެސް ބަދަލެއްނައިސް ދެމިއޮންނާނެ ފޮތެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނާ އެއްފަދަ ފޮތެއް ނުވަތަ އެ ފޮތުގައިވާފަދަ އެންމެ ސޫރަތެއް ނުވަތަ އެންމެ އާޔަތެއް ނެރުމަށް މުޅި އިންސާނިއްޔަތަށް ޤުރުއާން ގޮންޖަހާފައިވެއެވެ. ވޭތުވެދިޔަ 14 ގަރުނުގެ ތެރޭގައި އެއްވެސް ފަރާތަކަށް މި ގޮންޖެހުމާ ކުރިމަތިލެވިފައެއް ނުވެއެވެ. ކީރިތި ޤުރުއާނަކީ ނަބިއްޔާ ﷺ ގެ އެންމެ މަތިވެރި މުޢުޖިޒާތަށް ވަނީ މި ސަބަބަށްޓަކައެވެ.”ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.” (ސޫރަތުލް އިސްރާ: 88)ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ރަސޫލުﷲ ﷺ ގެ މަތިވެރި ނަމޫނާގައި ހިފަހައްޓައި، އެކަލޭގެފާނުގެ އުނގަންނައިދެއްވުންތަކަށް ތަބާވާ ބައެއް ކަމުގައިލައްވާށި! އާމީން.
