ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގައި ބުރު ސްޕޯރޓްސް ފުރަތަމަ މޮޅު ހޯދައިފި އެވެ. މި މޮޅާއިއެކު ބުރު ސްޕޯރޓްސް ވަނީ ލީގުގެ އަށްވަނައަށް ޖެހިލާފަ އެވެ.
އިއްޔެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ގައްދޫ ރެކްރިއޭޝަން ކުލަބާއި ބުރު ސްޕޯރޓްސް ކުލަބެވެ.
މި މެޗަށް ނުކުތްއިރު ގައްދޫ ވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. އަދި ބުރު ވަނީ އެ ޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބިފަ އެވެ.
ކުރިން ކުޅުނު މެޗުތަކަށްވުރެ ރަނގަޅު ކުޅުމެއް ގައްދޫން ދެއްކި މި މެޗުގައި ބުރު ސްޕޯރޓްސްއިން އުފެދި ހަމަލާތައް ހުއްޓުވުމުގައި ގައްދޫން ވަނީ ފުރަތަމަ ހާފު ނިމުމާއި ހަމައަށް ރަނގަޅު ކުޅުމެއް ދައްކައި ކާމިޔާބު ހޯދާފަ އެވެ.
ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ގައްދޫން ވަނީ ބުރު ސްޕޯރޓްސް ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ދެ ފުރުސަތެއް ހޯދާފަ އެވެ. ގާތްގާތުގައި ގައްދޫން އުފެއްދި ދެ ފުރުސަތުގައި އެ ޓީމުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ބުރު ސްޕޯރޓްސްގެ ކީޕަރު ދިފާއުކުރިއިރު، އެއް ފުރުސަތު އެ ޓީމުގެ އެހެން ކުޅުންތެރިއަކު ވެސް ހުއްޓުވި އެވެ.
ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ގައްދޫއަށް ނުކުރެވި ދިޔައިރު، މި ހާފުގައި ލިބުނު ފުރަތަމަ ފުރުސަތުގައި ބުރު ސްޕޯރޓްސްއިން ލީޑު ނެގި އެވެ. 50 ވަނަ މިނިޓްގައި ބުރު ސްޕޯރޓްސްއަށް މި ލަނޑު ޖަހައިދިނީ ހަލީލް ގަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖުއާން އެޑުއާރޑް ލެސްކާނޯ އެވެ.
ނަތީޖާ ހަމަހަމަކުރުމަށް ގައްދޫން ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި ދެން ވެސް ފެނުނީ ބުރު ސްޕޯރޓްސްގެ ލަނޑެކެވެ. 78 ވަނަ މިނިޓްގައި ބުރު ސްޕޯރޓްސްއަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް އުސާމާ ހަސަން މަޖީދު އެވެ. އޭރިޔާގެ އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަދެ ގޯލާއި ދިމާއަށް އުސާމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފަ އެވެ.
2-0 އިން ބުރު ސްޕޯރޓްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރު ސްޕޯރޓްސްގެ ދެވަނަ ލަނޑު ޖަހައިދިން އިބްރާހިމް އުސާމާ ހަސަން މަޖީދު އެވެ.
ލީގު މެޗެއް މިއަދު ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ވިކްޓަރީ ސްޕޯރޓްސް ކުލަބާއި ބިސްބުރު ސްޕޯރޓްސް ކުލަބެވެ.
