ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މީހޭ މަށަށް ދިން މަޤާމް – 3
މުނިއަވަސް ގްރެފިކްސް

ސަނަމް މަޑުމަޑުން ބޯޖަހައިލިއެވެ. މަންމަ ތުވާލިން އަތް ފޮހެލިއެވެ.

“ކީއްވެ ތި ސުވާލު ތި އެހީ؟”

ސަނަމް ފަސްޖެހުނެވެ. “ކަމެއް ނުވޭ. ހަމަ ހިތަށްއެރީ.”

މަންމަ ވަގުތުން ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި، ކާ މޭޒު ދޮށުން ގޮނޑިއެއް ދަމައިލުމަށްފަހު އިށީނެވެ.

“ދަރިފުޅާ ސަނަމް، ކައިވެންޏަކީ ކޮންމެ މިނެޓަކު އުފާވެރިކަން އޮންނާނެ އެއްޗެއް ނޫން. އެކަމަކު ހަމައެކަނި ކައިވެނީގެ ސުލްޙަ ދަމަހައްޓަންވެގެން، އުފަލުގައި ހުރިކަމަށް ހެދިގެން އުޅޭކަށް ދުވަހަކުވެސް ނުޖެހޭނެ.”

ސަނަމްގެ އަރުބެދުނެވެ. “މަންމާ، ފިރިމީހާއަކީ ރަނގަޅު މީހަކަށް ވެފައި، އެކަމަކު އޭނާ އަޅާނުލާހެން ހީވަންޏާ ހަދާނީ ކިހިނެއް؟”

މަންމަގެ މޫނުމަތި މަޑުމޮޅިތިރިވިއެވެ. “އާހިލް ދަރިފުޅަށް އަޅާނުލަނީތަ؟”

“ނޭނގެ.”

“އޭނާ ދަރިފުޅަށް އަނިޔާއެއް ނުވަތަ ދެރައެއް ދިނީތަ؟”

“ބަޔާންކޮށްދޭން އެނގޭ ކަހަލަ ގޮތަކަށް ނޫން.”

މަންމަ މަޑުކޮށްލިއެވެ. ސަނަމް ތަޅުންގަނޑަށް ބަލަހައްޓައިގެން އިނެވެ.

“އޭނަ މިހާރަކު އަހަރެންގެ ދުވަސް ދިޔަ ގޮތަކާ ބެހޭގޮތުން ނާހާ. އަހަރެން ދެރަވެފައި ހުންނައިރު އެކަމެއް ފާހަގައެއް ނުވޭ. ވާހަކަދައްކަން އުޅުނީމާ ބުނަނީ އަހަރެން ކަންތައްތައް އުނދަގޫކުރަނީއޭ. އަހަރެން ބޭނުންވަނީ ހަމައެކަނި ކުޑަ ވަގުތުކޮޅެއް، އެކަމަކު އަހަންނަށް އިޙުސާސްވަނީ މާ ބޮޑު ކަމަކަށް އެދެވޭހެން.”

މަންމަ މަޑުމަޑުން ފުން ނޭވައެއް ދޫކޮށްލިއެވެ. “ދަރިފުޅު އޭނާ ގާތު ތިހެން ބުނިންތަ؟”

“އާނ.”

“ދެން އޭނާ ބުނީ ކީކޭ؟”

“ކައިވެނީގެ ކުރީކޮޅު އުޅުނުހެން އަބަދު ނޫޅެވޭނެޔޭ.”

މަންމަ އިރުކޮޅަކު ހިމޭނުން އިނެވެ. ދެން ބުންޏެވެ. “އެއް ގޮތަކުން އޭނާ އެ ބުނީ ތެދެއް. ކުރީކޮޅު އޮންނަ ގޮތަކަށް އަބަދު ދިރިއުޅުމެއް ނޯންނާނެ. އެކަމަކު އޭގެ މާނައަކީ އޯގާތެރިކަން ނެތިގެން ދިޔުމެއް ނޫން.”

ސަނަމްގެ ދެލޯ ކަރުނުން ފުރިގެން އައެވެ.

“އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދެނީ އޭނާ ވަރުބަލިވަނީއޭ. ބުރަކޮށް މަސައްކަތްކުރަނީއޭ. އަހަރެން މާ ބޮޑަށް ވިސްނަނީއޭ.”

“ވެދާނެ އޭނާ ވަރުބަލިވަނީ ކަމަށް. އަދި ދަރިފުޅު މާ ބޮޑަށް ހިތުގައި ޖެހެނީ ކަމަށްވެސް ވެދާނެ. ދެކަންތައްވެސް ވެދާނެ. އެކަމަކު އޭގެ މާނައަކީ ދަރިފުޅުގެ އިޙުސާސްތަކުގެ އަގެއް ނެތެކޭ ނޫން.”

ސަނަމް ތުން ފިއްތައިލިއެވެ. މަންމަ މޭޒުމަތިން އަތް ދިއްކޮށްލުމަށްފަހު ސަނަމްގެ އަތުގައި ހިފާލިއެވެ.

“ދަރިފުޅާ އަޑުއަހާ. ތިމާ ބޭނުންވާ ގޮތަށް ލޯބިވާން މީހަކަށް މަޖުބޫރެއް ނުކުރެވޭނެ. އެކަމަކު ތިމާއަށް ތަދުވާ ކަންކަން އޭނާއަށް ބުނެދެވިދާނެ. އޭނާއަށް ވިސްނައިގަންނަން ފުރުސަތު ދީ.”

“ނުވިސްނިއްޖެއްޔާ؟”

މަންމަ ސަނަމަށް ބަލައިލީ ފުން ހިތާމައަކާ އެކުގައެވެ. “އެހެން ވެއްޖިއްޔާ، އަމިއްލަ ނަފްސު ގެއްލިގެން ނުގޮސް އެ ރިހުމުގައި ކިހާ ދުވަހަކު އުޅެވޭނެތޯ ދަރިފުޅު އަމިއްލައަށް ނިންމަން ޖެހޭނެ.”

މިވެސް ކިޔާލަން:  ވީރާނާގެ ތެރެއިން ލޯބި - އަށްވަނަ ބައި

ސަނަމް ހަމަހިމޭންކަމާއެކު ރޮއިގަތެވެ. މަންމަ ހައްލެއް ހޯދައިދިނީތީކީ ނޫނެވެ. ނަމަވެސް އޭނާ ފޮރުވަން އުޅުނު ބޮޑު ހިތާމަ، އެހެން މީހަކަށް އެންމެ ފަހުން އިޙުސާސްވެ، ޤަބޫލުކޮށްދިނީތީއެވެ.

އެރޭ ގެއަށް އެނބުރި އައިއިރު، އާހިލް އިނީ ސޯފާގައެވެ.

އޭނާ އިސްއުފުލައި ބަލައިލިއެވެ. “އައީތަ؟”

“އާނ.”

“ކައިފިންތަ؟”

އެ ސުވާލުން ސަނަމްގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. “އާނ، މަންމަމެން ގެއިން ކައިފިން.”

“ރަނގަޅު.” އާހިލް އަނެއްކާވެސް ފޯނަށް ސަމާލުކަން ދިނެވެ.

ސަނަމް ދޮރުމަތީގައި އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް ހުރިހާ ވާހަކައެއް އާހިލްއަށް ކިޔައިދޭން އޭނާ ބޭނުންވިއެވެ. ދިރިއުޅުން ހިއްސާކުރަން ޝައުޤުވެރިކަމެއް ނެތް މީހެއްގެ ގާތަށް ގެއަށް އައުމަކީ ކިހާ ހިތްދަތި ކަމެއްކަން ބުނެދޭން އެދުނެވެ. އޭގެ ބަދަލުގައި، އޭނާ ބަދިގެއަށް ގޮސް، ފެންތަށްޓެއް އަޅައިގެން ލަސްލަހުން ބޮއިލިއެވެ.

އެކަނިވެރިކަމަކީ އަބަދު ކައިރީގައި މީހަކު ނެތުމުން ވާ އެއްޗެއް ނޫންކަން އޭނާއަށް މިހާރު ވިސްނެން ފަށައިފިއެވެ. އެއީ ބައެއް ފަހަރު، އެހެން މީހުންނަށް ތިމާ ނުފެންނަ ފަދަ ހާލަތެއްގައި ހުރުމެވެ.

*****

އެމީހުންގެ ކައިވެންޏަށް ތިން އަހަރު ފުރުނު ދުވަސް ދިމާވީ އާދީއްތަ ދުވަހަކާއެވެ. ސަނަމް އެ ދުވަހާމެދު ވިސްނަމުން އަންނަތާ އެތައް ހަފުތާއެއް ވެއްޖެއެވެ. އެ ދެމީހުންގެ ކައިވެނީގެ ދުވަސް އަދިވެސް އޭނާގެ ހަނދާނުގައި ހަރުލާފައި ހުރީ އިއްޔެ ވީ ކަމެއް ފަދައިންނެވެ. އާއިލީ ގެ ފުރިބާރުވެފައި އޮތް ގޮތާއި، ސިޓިންގރޫމުގައި ފަރުވާތެރިކަމާއެކު ޖަރީކޮށްފައި ހުރި މާތަކާއި، ކައިވެނީގެ ހެދުމުގައި އޭނާ ފުރަތަމަ ފެނުނު ވަގުތު އާހިލްގެ ދެލޮލުން ފެނުނު ހާސްކަމާއި އުފާވެރިކަމެވެ.

ކައިވެނީގެ ރަސްމިއްޔާތު ނިމުމުން، އާހިލް އޭނާއާ ދިމާއަށް ބަލައިލި ގޮތް ސަނަމް ހަނދާން އެބަހުއްޓެވެ.

“ދެން ތިއީ އަހަރެންގެ އަނބިމީހާ.” އާހިލް މަޑުމަޑުން ބުންޏެވެ.

ސަނަމް ހިނިތުންވެލިއެވެ. “އެހެން ބުނީމަ ތަންކޮޅެއް ބިރުވެރި ގޮތެއް އެބަހުރި.”

“ބިރުގަންނަން ވާނެ. ތި ކައިވެނި ކުރެވުނީ ވަރަށް އުނދަގޫ ބޮޑު މީހަކާވިއްޔާ.”

“އެކަން ޤަބޫލުކުރިކަންވެސް ރަނގަޅު.”

“އަހަރެން ވަރަށް ގިނަ ކަންކަން ޤަބޫލުކުރަން. މިސާލަކަށް، މި މާލޭގައި ހުރި އެންމެ ނަސީބުގަދަ ފިރިހެނަކީ އަހަރެންކަންވެސް ޤަބޫލުކުރަން.”

އެވަގުތު ސަނަމް ހީނގަތެވެ. އާހިލްވެސް އޭނާއާއެކު ހިނިތުންވެލިއެވެ.

އެ ހަނދާނަކީ ސަނަމްގެ ހިތުގައި އެހާވެސް އަލިގަދަކޮށް ފެންނަން އޮތް ތަސްވީރަކަށް ވާތީ، އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކާމެދު ފުންކޮށް ވިސްނާލަންވެސް އޭނާއަށް ކެތްވަނީކީ ނޫނެވެ.

އަހަރީ ދުވަހަށްޓަކައި، ކުޑަ ސަޕްރައިޒެއް ތައްޔާރުކުރުމަށް ސަނަމް ނިންމިއެވެ. އޭނާ ބޭކަރީއަކުން އާދައިގެ ކޭކެއް ގަނެ، ކާ މޭޒުމަތި މަދު މާކޮޅަކުން ޒީނަތްތެރިކޮށްލިއެވެ. އަދި ކައިވެނީގެ ފުރަތަމަ މަހުގައި ދެމީހުން އެކުގައި ކައި އުޅުނު ކާނާ ތައްޔާރުކޮށް، ކޭކު ކައިރީގައި ދެމީހުންގެ ކައިވެނީގެ ފޮޓޯ ބެހެއްޓިއެވެ. ސަނަމްގެ އުއްމީދަކީ އަގުބޮޑެތި ގަހަނާތަކެއް ނުވަތަ ބޮޑު ޕާޓީއެއް ނޫނެވެ. އޭނާ ބޭނުންވީ އެންމެ ރެއަކު ނަމަވެސް އާހިލް އޭނާއަށް ބަލައިލައި، އެ ހަނދާންތައް އާކޮށްލުމެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - އެގާރަވަނަ ބައި

އިރުއޮއްސި ހައެއް ޖެހިއިރު، އެއްދުވަހަކު އާހިލް އެ ހެދުމެއް ސަނަމްއާ ވަރަށް ގުޅޭކަމަށް ބުނެފައިވާ ނޫކުލައިގެ ހެދުމެއް ސަނަމް ލިއެވެ. އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. އަދި ލަދުވެތި ހިނިތުންވުމަކާއެކު އިސްތަށިގަނޑު ރީތިކޮށްލިއެވެ. ފަހަރެއްގައި އޭނާ މިރޭ އަވަހަށް ގެއަށް އަތުވެދާނެއެވެ. މާ ބޮނޑިއެއް ހިފައިގެން އަތުވެދާނެއެވެ. ނުވަތަ އެ ދުވަސް ހަނދާން ހުރެގެން އަމިއްލައަށް ކޮންމެވެސް ކަމެއް ރާވަނީ ކަމަށްވެސް ވެދާނެއެވެ.

ހަތެއް ޖެހިއިރު، ކޭކު ކައިރީގައި ހުރި ކުދި އުއްބައްތިތައް އޭނާ ރޯކޮށްލިއެވެ. އަށެއް ޖެހުމުން، ސަނަމް އާހިލްއަށް ގުޅިއެވެ. ފޯނު އެތައް ފަހަރަކު ރިންގުވި ފަހުން އާހިލް ނެގިއެވެ.

“ހަލޯ؟”

“އާހިލް، ކޮން އިރަކުން ގެއަށް އާދެވެނީ؟”

“އަހަރެން ބުނީމެއްނު އޮފީހުގެ މަސައްކަތެއް އެބައޮތޭ.”

“އެނގޭ، އެކަމަކު..”

“ސަނަމް، އަހަރެން މިހުރީ ވަރަށް މުހިންމު ކަމެއްގެ ތެރޭގައި.”

ސަނަމް ހިންދިރުވާލިއެވެ. “މިއަދަކީ ކޮން ދުވަހެއްކަން ހަނދާން އެބަހުރިތަ؟”

ހިމޭން ވަގުތުކޮޅެއް ފާއިތުވިއެވެ. “އާދީއްތަ؟”

ސަނަމް ދެލޯ މަރާލިއެވެ. “އަހަރެމެންގެ އެނިވަރސަރީ.”

މަޑުމައިތިރިކަން ވެރިވިއެވެ. އެއަށްފަހު އޭނާ ބުންޏެވެ. “އޯހް.”

އެންމެ ކުޑަކުޑަ ބަހެކެވެ. އެއީ އާދައިގެ ބަހަކަށް ވިޔަސް، އެ ބަހުގެ ފަހަތުން ކުޑަނަމަވެސް ދެރަވުމުގެ އިޙުސާސެއް ފާޅުވިނަމަ ސަނަމް މަޢާފުކުރީހެވެ.

“ވަރަށް ދެރަވެއްޖެ.” އާހިލް ކުރިއަށް ގެންދިޔައެވެ. “މަސައްކަތުގައި މާ ބޮޑަށް ބިޒީވީ. ދެން އަންނަ ހަފުތާ ބަންދުގައި އަހަރެމެން ކޮންމެވެސް ކަމެއް ކޮށްލާނީ.”

ސަނަމް ކޭކަށް ބަލައިލިއެވެ. ސީލިންގ ފަންކާގެ ވަޔާއެކު އުއްބައްތީގެ ހުޅުކޮޅުތައް ނަށަމުން ދިޔައެވެ.

“އެންމެ ރަނގަޅު.” ސަނަމް ބުންޏެވެ.

“ދެރަނުވޭ އިނގޭ؟ އަހަރެން ފަހުން ބަދަލުދޭނަން.”

“އޯކޭ.”

“ދެން ބާއްވަނީ.”

“އާހިލް؟”

“ކީކޭ؟”

“ކަމެއް ނުވޭ. ބަލައިގެން އުޅޭތި.” އޭނާ ފޯނު ކަނޑާލިއެވެ.

ސަނަމް މޭޒު ކައިރީގައި އިނެވެ. އުއްބައްތީގެ އުއްތައް ވިރި، ހުޅުކޮޅު ކުޑަވަމުން ގޮސް ނިވިގެންދާ މަންޒަރު އޭނާ ބަލަން އިނެވެ. އެންމެ ފަހުން އޭނާ އަމިއްލައަށް ފުމެލައި އެ ނިއްވާލިއެވެ. ކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. ކޭކުން ފޮއްޗެއް ކަފާލައި ތަށްޓަކަށް ލި ނަމަވެސް، އެ ކާކަށް އޭނާގެ ހިތެއް ނުރުހުނެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ފަންސަވީސްވަނަ ބައި

އޭގެ ބަދަލުގައި، އަލަމާރި ހުޅުވާލުމަށްފަހު ކައިވެނީގެ ފޮޓޯ އަލްބަމް ނެގިއެވެ. ސޯފާގައި އިށީނދެ، އެއް ގަނޑު ފަހަތުން އަނެއް ގަނޑު މަޑުމަޑުން އުކަން ފެށިއެވެ. އޭގައި އެވަނީ އޭނާގެ ކައިރީގައި ހިނިތުންވެފައި ހުރި އާހިލްއެވެ. އެންމެން ކެމެރާއަށް ބަލަން ތިބިއިރު، ސަނަމްއާ ދިމާއަށް ބަލަން ހުރި އާހިލްއެވެ. ސަނަމްގެ އާއިލާގެ އަތުގައި ހިފައި، އެމީހުންގެ ދަރިފުޅު ރަނގަޅަށް ބަލަހައްޓާނެ ކަމަށް ވަޢުދުވަމުން ދިޔަ އާހިލްއެވެ. އަދި ދުނިޔޭގެ އެންމެ އަމާން ރައްކާތެރި ތަނަކީ އެއީ ކަމަށް ދެކިގެން އާހިލްއާ ދިމާއަށް ބަލަހައްޓައިގެން އިން ސަނަމްއެވެ.

އޭނާ އެއް ފޮޓޯގަނޑުގެ ކަނުގައި އިނގިލި ޖައްސާލިއެވެ. “އަހަރެމެންނަށް މިވީ ކީއް؟” ސަނަމް ސުވާލުކޮށްލިއެވެ. އޭނާގެ އަތުގައި އެ ސުވާލުގެ ޖަވާބެއް ނެތެވެ.

ދަންވަރު ބާރަ ޖަހަން އުޅެނިކޮށް ބޭރު ދޮރު ހުޅުވުނެވެ. ވަރުބަލިވެފައި ހުރި އާހިލް އެތެރެއަށް ވަނެވެ. މޭޒުމަތީގައި ހުރި މާތަކާއި ކޭކު އޭނާއަށް ފެނުނެވެ. އެވަގުތު އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

“އޯހް، ސަނަމް.”

ސަނަމް އަލްބަމް ލައްޕާލިއެވެ. “ހެޕީ އެނިވަރސަރީ.” ސަނަމް ބުންޏެވެ.

އާހިލް ލަދުވެތިވެފައި ހުރި ފަދައަކުން ފެނުނެވެ. “ވަރަށް ބޮޑަށް ސޮރީ. ހަމަ ހަނދާންނެތުނީ.”

ސަނަމް ބޯޖަހާލިއެވެ. “އެނގޭ.”

“އަހަރެން ހަނދާން ހުންނަން ޖެހޭނެ.”

“އާނ.”

އާހިލް މޭޒު ކައިރީގައި މަޑުކޮށްލިއެވެ. “އަންނަ ވީކެންޑްގައި އަހަރެމެން ފާހަގަކުރާނީ. އަހަރެން ރީތި ތަނަކަށް ގެންދާނަން.”

ސަނަމް އޭނާއަށް ބަލައިލިއެވެ. “މިއަދު އަހަރެން ބޭނުންވީ ކޮން ކަމެއްކަން އާހިލްއަށް އެނގޭތަ؟”

“އެނިވަރސަރީ ފާހަގަކުރަން.”

“ނޫން.” ސަނަމް މަޑުޖެހިލިއެވެ. “އަހަރެން ހަނދާންކޮށްނުދެނީސް އާހިލްގެ އަމިއްލަ ހަނދާނުގައި މި ދުވަސް އޮތުން.”

އާހިލް އިސްދަށަށް ޖަހާލިއެވެ. “އެނގޭ.”

“މި ދުވަހަކީ އާހިލްއަށްވެސް މުހިންމު ދުވަހެއްކަން އިޙުސާސްވާން އަހަރެން ބޭނުންވީ.”

“ސަނަމް، އަހަރެން މަޢާފަށް އެދިއްޖައީމެއްނު.”

“އަޑުއިވިއްޖެ.”

“ދެން އިތުރަށް އަހަރެން ކީކޭ ބުނަންތަ ބޭނުންވަނީ؟”

ސަނަމް ހައިރާންވެފައި އޭނާއަށް ބަލަހައްޓައިގެން އިނެވެ. އެ ސުވާލަކީ ހަޅޭއްލަވައިގަނެފައި ކުރި ސުވާލެއް ނޫނެވެ. އާހިލްގެ ހިތްހަރުކަމެއް ވެސް ނޫނެވެ. އޭނާއަށް އެ ސުވާލު ކުރެވުނީ އޭނައަށް ނުވިސްނޭ ހިތާމައަކާ ކުރިމަތިލާން ޖެހުމުން އުނދަގޫވެގެން އުޅޭ ކަހަލަ ގޮތަކަށެވެ.

ސަނަމް ތެދުވެ، ތަށިތައް ނަގަން ފެށިއެވެ. “އެއްވެސް އެއްޗެކޭ ބުނާނެކަމެއް ނެތް، އާހިލް.”

އާހިލް މަޑުމަޑުން ސަނަމްގެ އަތުގެ ކުޑަހުޅުގައި ހިފަހައްޓައި، އިތުރު ތަށްޓެއް ނެގިޔަނުދީ ހުއްޓުވިއެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top