ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ، ރާއްޖޭގެ އެންމެ މަޝްހޫރު ތަރިންނަށްވުރެ ވެސް މަތީ ރޭޓިންގެއް ޒުވާން ބަތަލާ ޝިފާއަށް ދިން ސަބަބު އެނގޭނީ އޭނާގެ އާ ފިލްމު “މަޖުނޫން” ބަލައިލުމުން ކަމަށް ނަހުލާ ބުނެފިއެވެ.
ދާދިފަހުން ނަހުލާ ދިން އިންޓަވިއުއެއްގައި، ރާއްޖޭގެ އެންމެ މަގުބޫލު ތަރިންނަށްވުރެ ވެސް ބައި މާކްސް މަތިން ޝިފާއަށް ރޭޓިން ދީފައިވާތީ ބެލުންތެރިންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ނަހުލާއަކީ އަބަދުވެސް ވަރަށް ހަގީގަތާ އެއްގޮތަށް ވާހަކަދައްކާ މީހެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، މި ވާހަކަ ގަބޫލުކުރަން ދަތިވެފައި އެތައް ބަޔަކު ތިއްބެވެ. ނަމަވެސް ނަހުލާ ބުނީ “މަޖުނޫން” ފިލްމު ބަލައިލުމުން އޭނާ އެ ބުނި އެއްޗެއް ޔަގީންވެގެންދާނެ ކަމަށެވެ.
ފިލްމީ ދާއިރާގެ ގިނަ ތަރިންގެ ލޯތްބާއި އާންމުންގެ އިތުބާރު ހޯދާފައިވާ ނަހުލާ ހާމަކުރި ގޮތުގައި، ޝިފާއަށް ބައި މާކްސް އިތުރަށް ލިބުނު ވަރަށް މުހިންމު ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ މާ ބޮޑު ތަޖުރިބާއެއް ނެތި، ޝިފާ ކޮށްފައިވާ ފުރިހަމަ މަސައްކަތެވެ.
ޝިފާއާއެކު މި މަސައްކަތް ކުރިއިރު އޭނާއަކީ އެކްޓިންގެ މާ ބޮޑު ތަޖުރިބާއެއް ނެތް، ވަރަށް “ރޯ” ކޮށް ހުރި، އަދި ކެރިއަރުގެ ވަރަށް ކުރީކޮޅުގައި ހުރި ތަރިއެކެވެ. އެހެންނަމަވެސް، ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށާއި އެކްޓިން ކިޔައިދިނުމަށް ނަހުލާ އެންމެ ކުޑަ މަސައްކަތެއް (އެފަޓެއް) ކުރަންޖެހުނު ތަރިއަކީ ޝިފާއެވެ.
މީގެ މާނައަކީ ރާއްޖޭގައި ވޭތުވެދިޔަ ހުރިހާ ތަރިންނަށްވުރެ ޝިފާ ހާސްބައި މޮޅުވުމެއް ނޫން ކަމަށާއި، އެކަމަކު އޭގެ މާނައަކީ އެހެން ގިނަ ތަރިންނާއެކު އެކްޓިންގެ ދާއިރާއިން ކުރަންޖެހުނު ބުރަ މަސައްކަތް ޝިފާއާއެކު ކުރަން ނުޖެހުން ކަމަށް ނަހުލާ ފާހަގަކުރިއެވެ. އަދި
“މީގެ މާނައަކީ ރާއްޖޭގައި ތިބި ހުރިހާ ތަރިންނަށްވުރެ ޝިފާ ހާސް ބައި މޮޅޭ ބުނުމެއް ނޫން. އެބަތިބި ނިއުމާ، ޝިރާނީ، ނިޝާ، ޝީލާ ފަދަ އެކަކު އަނެކަކާ ވެސް އަޅާކިޔާނުލެވޭ، ދުވަހަކުވެސް ނަން ފަނޑުވުމެއް ނެތް ވަރުގެ މޮޅެތި ހުނަރުވެރި ތަރިން.
މީ އެއްވެސް ތަރިއަކާ އަޅާކިޔަނީކީ ނޫން. އެކަމަކު މި ބުނަނީ އަޅުގަނޑުގެ ތަޖުރިބާގަ، އެހެން ގިނަ ތަރިންނާ އެކީ ފުރަތަމަ ފަހަރަށް މަސައްކަތް ކުރި އިރާ ޝިފާއާ އެކީ ފުރަތަމަ ކުރެވުނު ތަޖުރިބާގެ އަލީގަ ބުނާ އެއްޗެއް. ޝިފާގެ ކިބައިގައި ގުދުރަތީ ގޮތުން ލިބިފައިވާ ‘ނެޗުރަލް’ ހުނަރު ވަރަށް ބޮޑަށް އެބަހުރި. އޭނާއަކީ އިސްލާހުކުރަން ޖެހޭ ކަންކަން (ކަރެކްޝަންސް) ވަރަށް މަދު ތަރިއެއް.” ނަހޫ އިތުރަށް ބުންޏެވެ.
“”މަޖުނޫން” އަކީ ޝިފާގެ އެކްޓިންގެ ތަފާތު ގިނަ ހުނަރު ފެންނަ ގޮތަށް ގިނަ އިހުސާސްތަކެއް ދައްކުވައިދޭނެ ފިލްމެއް. އަދި ފިލްމު ބަލައިލުމަށް ފަހު އެކަން ބެލުންތެރިންނަށް ވެސް ޔަގީންވާނެ.” މުނިއަވަސް އަށް މަޢުލޫމާތުދެމުން ނަހޫ ފާހަގަކުރިއެވެ.
26 އޮކްޓޫބަރު 2026 ގައި ރިލީޒްކުރާ މި ފިލްމުގެ ޓިކެޓް އޮލިމްޕަހުން ބާރު ސްޕީޑްގައި މިހާރު ވިކެމުންއެބަދެއެވެ. ފިލްމުގެ ޓިކެޓް ހޯދުމަށް އަދި ރަށްރަށުގައި ފިލްމު އެޅުވުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7844432 އަށެވެ.
މީގެއިތުރުން، ޝިފާއަކީ ނެށުމުގެ ހުނަރުވެސް ވަރަށް ބޮޑަށް ލިބިފައިވާ ފަންނާނެއްކަން ނަހުލާ ވަނީ ފާހަގަކޮށްފައެވެ. “މަޖުނޫން” ގައި ޝިފާ ދައްކުވައިދީފައިވާ ފުރިހަމަ އެކްޓިންގއަކީ އޭނާއަށް އެ މަތީ ރޭޓިން ހައްގުވާ މައިގަނޑު ސަބަބު ކަމަށް ނަހުލާ ވަނީ ޔަގީންކަމާއެކު ބުނެފައެވެ.
