އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލް، ސްޓާ ޕްލަސްއިން މަޝްހޫރު ދެ ތަރިން ކަމަށްވާ ގޯރަވް ކަންނާ އަދި ޝްރައްދާ އާރްޔާ އެކުގައި ފެނިގެންދާނެ އައު ފިކްޝަން ޑްރާމާ ސީރީޒެއްގެ ޕްރޮމޯޝަނަލް ޓީޒާ ދައްކާލައިފިއެވެ.
މި ޕްރޮޖެކްޓަކީ އިންޑިއާގެ ފާހަގަކޮށްލެވޭ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސްއިން އުފައްދާ ސީރީޒެކެވެ. މިއީ މި ދެ ތަރިން އެކުގައި ބާލާޖީ ޓެލެފިލްމްސްގެ ޕްރޮޖެކްޓަކުން ފެނިގެންދާނެކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ.
ދާދިފަހުން ދައްކާލި މި ޓީޒާގައި ޑްރާމާގެ ނަމާއި، އޭގެ ވާހަކަ ބިނާވެފައިވާ ގޮތް ނުވަތަ މި ޝޯ ދައްކަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސްޓާ ޕްލަސްއިން ބުނެފައިވަނީ މި ޑްރާމާއާ ގުޅޭ އިތުރު ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
މި އައު ޑްރާމާއަކީ ކާމިޔާބު އެތައް ސީރީޒްތަކަކުން ފެނިފައިވާ ގޯރަވް ކަންނާ އަލުން ކޮންމެ ދުވަހަކު ދައްކާ ފިކްޝަން ޓީވީ ސީރީޒަކަށް އެނބުރި އަންނަ އައުމެވެ. އަދި މަޤުބޫލު ޑްރާމާ “ކުންޑަލީ ބާގިޔާ” ގައި ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ރޯލެއް އަދާކުރުމަށްފަހު، ޝްރައްދާ އާރްޔާ އަނެއްކާވެސް ލީޑް ރޯލަކުން މި ޕްރޮޖެކްޓުން ފެނިގެންދާނެތީ އޭނާގެ ސަޕޯޓަރުން އަންނަނީ މި ޝޯވއަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.
