ސުނޭހާ ގޮވައިގެން ނާއިމް އުޅެމުންދާ ލޯބިވެތި ގައިގޯޅި އުޅުމުގެ ސަބަބުން ނިފާރުގެ ހިތަށް ވަރަށް އަސަރުކުރި އެވެ. ހިތާމައިގެ މައްޗަށް ހިތްހަމަނުޖެހުން ވެރިވަމުން ދިޔައިރު ބައެއް ފަހަރު ރުޅިވެސް އަންނަން ފެށި އެވެ. އެ މަންޒަރު ނުބަލާންވެގެން އެތައް ފަހަރަކު މޫނު އަނބުރާލިވެސްމެ އެވެ.
ސުނޭހާއާ ބައްދަލުކޮށްލާނެ ކުޑަނަމަވެސް ފުރުސަތެއް ލިބޭތޯ ނިފާރު ބަލަމުން ދިޔަ އެވެ. ނާއިމްއާއެކު ސުނޭހާ އުޅެމުންދާ ގޮތުގެ ސަބަބުން ހިތަށް ކުރަމުންދާ އަސަރުތައް ކިޔައިދީ ޝަކުވާ ކުރުމަށް އޭނާގެ ހިތް ބުނަމުން ދިޔަ އެވެ.
ހަވީރުގެ ތެތްފިނިކަމުން ރޭގަނޑުގެ އަނދިރިކަމާއި ދިމާއަށް ވަގުތު ދަތުރުކުރަމުން ދިޔަ އެވެ. ޒުވާންފުރައިގެ ގިނަ ކުދިން އުޅުނީ ކޮންމެވެސް ކުޅިވަރެއް ކުޅުމާއިގެން ކުޅިވަރު ދަނޑުތަކުގަ އެވެ. ފިރިހެންވެރިން ފުޓްބޯޅަ ނުވަތަ ވޮލީ ކުޅުމާއިގެން އުޅުނުއިރު އަންހެންވެރިން އުޅުނީ ނެޓްބޯޅަ ނުވަތަ ހޭންޑްބޯލް ކުޅުމާއިގެން ނެވެ. ކަސްރަތަށް ކަމަށް ބުނެ ތިންމުގޯލި ނުވަތަ ބަށި ކުޅުމާއިގެން އުޅުނު މެދުއުމުރުގެ އަންހެން ވެރިން ވެސް މަދެއް ނޫނެވެ.
“ނިފާރު.” ކޮންމެވެސް އަންހެން ކުއްޖަކު ނިފާރަށް ގޮވާލި އަޑު އެންމެނަށް ވެސް އިވުނެވެ. މީހުން ތިބި ގޮތުންނާއި އަޑު އައި ދިމާއަށް ވިސްނާލުމުން އެއީ އެތަނުން ކުއްޖެއް ނޫންކަން އެންމެނަށް ވެސް އެނގެ އެވެ.
ހިތްގައިމު މިއުޒިކެއް ކަންފަތްދޮށުގައި ކުޅެލިހެން ހީވި އެ އަޑާއިއެކު ނިފާރުގެ ފިޔަވަޅުތަކަށް ހުއްޓުން އައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި ހުރި ނިފާރަށް ފަސްއެނބުރި ބަލާލެވުނީ އެހެން މީހުނަށްވުރެ ތަންކޮޅެއް ފަހުން ނެވެ.
ހެދިހުރި އަންހެންވަންތަ ފުރިހަމަ ހަށިގަނޑެކެވެ. ވަނާތަކާއި ބައްޓަން ހިމަތޮޅި ލޫޅާފަތި އެ ހަށިގަނޑާއި އެހާމެ ގުޅެ އެވެ. ގައިގެ ކުލަ އަލިވެފައި މޫނުމަތިން އުޖާލާކަން ފެންނަން ހުއްޓެވެ. ކޮށްފައިވާ މޭކަޕާއި ލައިގެން ހުރި ޒަމާނީ ހެދުމުގެ ސަބަބުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވަ އެވެ. އަޅައިގެން ހުރި ކަޅު ބުރުގާގެ ތެރެއިން ދޮންދޮން އެ މޫނު ފެންނައިރު ކަޅު ވިލާގަނޑެއްގެ ތެރެއިން ސާދަވިލޭރޭގެ ހަނދު ފެންނަ ކަހަލަ އެވެ.
ނިފާރާއި ދިމާއަށް އައި އެ އަންހެންކުއްޖާއަށް ބަލަހައްޓައިގެން ހުރި ސުނޭހާގެ ކިބައިން ފާޅުވީ ހިތްހަމަނުޖެހުމެވެ. ސުނޭހާއާ ދިމާއަށް މީހަކު ބަލާލިނަމަ އެކަން އެނގުން ވެސް އެކަށީގެންވާހާ ބޮޑަށް އޭނާގެ ކިބައިން އެކަން ފެންނަން ހުއްޓެވެ.
ހުއްޓުން އަރާފައި ހުރި ނިފާރު ސިއްސައިގެން ދިޔައީ ސަލާންކޮށްލަން އަތް ދިއްކޮށްލަމުން އެ އަންހެންކުއްޖާ ވާހަކަ ދެއްކުމުން ނެވެ.
“ހައިފާ..”
“ހައިފާ. ދަންނަ ނަމަކާ ވަރަށް ވައްތަރު. ކޮންމެވެސް ތާކުން ދިމާވި ކަންނޭނގެ. ކޮންތާކުން ކަމެއް ހަނދާނެއް ނެތް.” ނިފާރަކަށް ހައިފާއެއް ނޭނގުނެވެ.
“އާނ.. މިހާރު ދެން ނޭނގޭނެ. އަންހެނުން ރުޅި އައިސްދާނެތީ ކަންބޮޑުވީތަ؟” ހައިފާ ސަމާސާކޮށްލުމުން ނިފާރު ގާތަށް ވެސް ހިނިއައެވެ.
“އަނތްބެއް ހުރިނަމަތާ ރުޅި އައިސްދާނެތީ ކަންބޮޑުވާނީ. ސީރިއަސްކޮށް މިބުނީ އަދި ނަގައެއް ނުގަނެވުނު.” ނިފާރުގެ ކިބައިން ފެނުނީ ސީރިއަސްކަމެވެ.
“އެކަމު ބުނި ދުވަހަކު ވެސް އަހަރެން މަތިން ހަނދާނެއް ނުނެތޭނެއޭ. އަހަރެންނަކީ ނިފާރަށް ލިބުނު ބޮޑު ކާމިޔާބެކޭ. ކުރިޔަށް ދިއުމަށް ލިބުނު ބޮޑު ހިތްވަރެކޭ. ހާދަ އަވަހަށް ތި ހަނދާން ނައްތާލީ. އަދި މިވީ ތިން އަހަރެއްހާ ދުވަސް. ވަރަށް ދެރަ..” ހައިފާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ އެތަނުން މީހަކު ނިފާރަށް ގޮވާލުމުން ނެވެ.
“އަހަރުން މި ނައްޓާލީ. މާ ފޮޅުވާ ނިމުނީމަ އާދޭ. މާ ލަސްނުވާތި. ނިޔާސާ ރޯން ފަށާފާނެ.” ނާއިމްގެ ޖުމްލައާއެކު އެންމެން ހީނގަތެވެ.
“ހައިފާ.. ކޮލެޖް ސްޕޯރޓްސްމީޓް.. ޔެސް. ހަނދާންވެއްޖެ. ފައި ފުރޮޅިގެން ތެޔޮ ދަމައިދިން ކުއްޖާ ދޯ؟ ވަރަށް ބޮޑަށް ސޮރީ. ހަމަ ނަގައިނުގަނެވުނީ.” ދުރަށް ބަލަހައްޓައިގެން ހުރި ނިފާރު ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ބުނެލި އެވެ.
ނިފާރަށް ހައިފާ އެނގުމާއިއެކު ވާހަކަ ދައްކަމުން ދައްކަމުން ހިނގައިގަތެވެ. މަގުމަތީގައި ހަރަކާތްތެރިވަމުންދިޔަ ބައެއް މީހުންގެ ލޯތައް އެމީހުނަށް އަމާޒުވި ނަމަވެސް ހައިފާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
ހައިފާ ބޭނުންވި ފަދައިން އޭނާގެ ގެއަށް ދިއުމަށް ނިފާރު އެއްބަސްވި އެވެ.
ތާސްކުޅެން ފެންޑާތެރޭގައި ނާއިމްމެން ތިބިއިރު އަންހެންވެރިން އުޅުނީ ރޭގަނޑަށް ކައްކާށެވެ.
ފިހާރައަށް ދާންކަމަށް ބުނެ ބޭރަށް ނުކުންނަން ހިނގައިގަތް ނިފާރު ހުއްޓުނީ ސުނޭހާ ގޮވާލުމުން ނެވެ.
“ނިފާރު! ވަރަށް ގިނައިރު ވާނެތަ؟ އަހަރެން ވެސް ބޭނުން އެއްޗެއް ގަނެލާން ދާން.” ނިފާރާއިއެކު ދިއުމަށް ބޭނުންކަން ހާމަކުރަމުން ސުނޭހާ ބަލާލީ ނާއިމަށެވެ.
“ސުނޭހާ ތިހެދީ ރަނގަޅަށް. ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެ މަންޖެ ކައިރިއަށް ދާން އެއުޅެނީ.” ނިފާރާއި ސުނޭހާއަށް ބަލާލަމުން ސިޔާހް ދިމާކޮށްލި އެވެ.
“ނިޔާސާ.. ކަލޭގެ ދުވަސް ހިނގައްޖެ. ނިފާރު މިއޮއް ދަނީ ސުނޭހާ ގޮވައިގެން ޝޮޕިންއަށް.” ނިޔާސާއަށް ގޮވާލަމުން ދިމާކުރާ ޒާތަކަށް ގިޔާސް ބުންޏެވެ. އޭނާގެ މަޤުސަދަކީ ކޮބައިކަން އެންމެނަށް ވެސް އެނގެ އެވެ.
ނިފާރުމެން ތިބުމަށް ހަމަޖައްސާފައިވާ ގެއަކީ ރަށު މީހުން ދިރިއުޅެމުންދާ ސަރަހައްދާއި ތަންކޮޅެއް ދުރުގައި ހުރި ގެއަކަށް ވާތީ އެ ސަރަހައްދުން މީހުން ފެނުން ވަރަށް މަދެވެ. ރޭގަނޑުގެ އަނދިރިކަމާއެކު މުޅި ސަރަހައްދަށް ހަމަހިމޭންކަމާއި ފަޅުކަން ފެތުރިގެން ދިޔަ އެވެ.
ބޭނުންވި ފުރުސަތު ލިބުމާއިއެކު ނިފާރާއި ސުނޭހާގެ ކިބައިން ފާޅުވީ އުފަލާއި ހިތްހަމަޖެހުމެވެ. އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލި އެވެ. ސުނޭހާގެ އަތުގައި ހިފާ ގަޔާއި ކައިރިއަށް ނިފާރު ދަމާލުމާއިއެކު ސުނޭހާ ގާތަށް ޖެހިލި އެވެ. ނިފާރު ބޭނުންވި ފަދައިން ނިފާރުގެ އަތަށް ހަށިގަނޑު ދޫކޮށްލި އެވެ.
މަންޒަރު ބަދަލުވާން ހޭދަވީ ދެތިން ސިކުންތެވެ. ފެންފޮދެއް ނުލިބިފައި ތިބި ބަޔަކަށް ފެންފޮދެއް ލިބުނު ފަދަ އެވެ. އަތާއިއަތް ގުޅި ލާމެހުނު ފަދައިން ދެ ހަށިގަނޑު ޖެހި ފިތި ބާރުވެގެން ދިޔައިރު އެއް ހަށިގަނޑެއް ފަދަ އެވެ.
ވަގުތުތައް ފާއިތުވަމުން ދިޔަގޮތެއް ދެ މީހުންކުރެ މީހަކަށް ނޭނގެ އެވެ. ޖީބުގައި އޮތް ފޯނު ރިންގުވާންފެށި އަޑަށް ސުނޭހާ ދިޔައީ ސިއްސައިގެން ނެވެ.
“ނާއިމް! ކަލޭގެ ހިތްވަރަށް ހަމަ ސާބަސް.” ގޭތެރެއަށް ވަދެގެން އައި ނިފާރު ބަލާލީ ނާއިމަށެވެ.
“ކިހިނެއްވީ؟” ނާއިމަށް ލިބުނީ ހައިރާންކަމެވެ.
“ހިތްޕުޅު ހަމަޖެހޭ ބުރޭންޑެއް ނުފެނިގެން މި ހުރިހާއިރެއް މި ދިޔައީ.” ނިފާރު ބަލާލުމާއިއެކު ސުނޭހާ ހިނިތުންވެލި އެވެ. މަޤުސަދު ކިތަންމެހާ ވެސް ކާމިޔާބެވެ.
ނިފާރު ހޯދަން ހައިފާ އައީ ނުވައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ހައިފާ ގުޅާލުމުން ނިފާރު ބޭރަށް ނުކުތްއިރު މަގުމަތީގައި ހައިފާ ހުއްޓެވެ. އެކަނިމާއެކަނި މިފަދަ ވަގުތެއްގައި މި ހިސާބުން ހައިފާ ފެނުމުން ނިފާރު ކަންބޮޑުވި އެވެ.
“އެކަނިތަ ތި އައީ؟ ބިރެއް ވެސް ނުގަނޭ؟ ކޮބާ ފިރިމީހާ؟ އޭނާ ވެސް ގޮވައިގެން އައިނަމައެއްނު.” ނިފާރުގެ ކިބައިން ފެނުނީ ކަންބޮޑުވުމެވެ.
“ހިހި.. ތިޔަ ބުނާ ކަހަލަ ފިރިއެއް ލިބޭތޯއެއްނު މި އުޅެނީ.” ފިރިމީހާގެ ވާހަކަ ބުނުމުން ހައިފާ ގާތަށް ހިނިއައެވެ.
“އެހެންވެތަ އަހަރެން ހޯދަން ތިއައީ؟” ހައިފާގެ ވާހަކައިގައި ބައިވެރިވަމުން ނިފާރު ވެސް ހީނލި އެވެ.
ނިފާރާއި ހައިފާ ވާހަކަ ދައްކަމުން ދައްކަމުން ހައިފާގެ ގެއާ ދިމާއަށް މިސްރާބު ޖެހި އެވެ. މަގުތަކުގައި މީހުން އެހާ ގިނައެއް ނޫނެވެ. ދިމާވި ބައެއް މީހުން ހައިފާއާ ވާހަކަދެއްކިއިރު ހިތްހަމަނުޖެހިގެން ފާޑަކަށް ނިފާރަށް ބެލި ދެ ޒުވާނަކާއި ވެސް ދިމާވި އެވެ.
“އެހެން ބަލާނެ. އަޅާލާނެ ކަމެއްނެތް. އެއީ މާބޮޑު ކަމެއް ނޫން.” ނިފާރުގެ މޫނުމައްޗަށް އެރި ކުލަވަރަށް ބަލަން ހުރި ހައިފާ މަޑުމަޑުން ބުނެލި އެވެ.
ހައިފާގެ ފަހަތުން ގޯތިތެރެއަށް ވަތް ނިފާރުގެ ނަޒަރު ހުއްޓުނީ ގެއަށެވެ. ޒަމާނަށް އެކަށީގެންވާ ޖާގައިގެ ގޮތުން ތަނަވަސް ބޮޑު ގެއެކެވެ. ގެއާއި ގޯތިތެރެއިން ފެންނަމުންދަނީ ތަނަވަސްކަމާއި ސާފުތާހިރުކަމެވެ.
“އާދޭ.” ގޭތެރެއަށް ވަންނަމުން ހައިފާ ގޮވާލުމާއިއެކު ނިފާރު އައިސް ގޭތެރެއަށް ވަނެވެ.
“ދަރިފުޅާ! ތީ ކޮންކުއްޖެއް؟” ފެންޑާތެރޭ ސޯފާގައި އޮށޯވެލައިގެން އޮތް މެދުއުމުރުގެ ފިރިހެން މީހާއަށް ނިފާރު ފެނުމާއެކު ހައިފާއަށް ގޮވާލަމުން އަހާލި އެވެ.
“ނިފާރު. ކޮލެޖް ދުވަސްވަރުގެ ރައްޓެއްސެއް. ދަތުރުވަރެއްގަ މިކޮޅަށް އައިސް އުޅެނީ.” ނިފާރު ގޮވައިގެން އޭނާގެ ބައްޕައާ ދިމާއަށް ހިނގައިގަންނަމުން ހައިފާ ވާހަކަ ދެއްކި އެވެ.
ނިފާރު ގޮސް ސޯފާ ކައިރިއަށް ހުއްޓުމާއިއެކު ހައިފާގެ ބައްޕަ ވަލީދަށް އައި ބަދަލު ހައިފާގެ އިތުރުން ނިފާރަށް ވެސް ފާހަގަ ކުރެވުނެވެ. އަވަސްއަވަހަށް ތެދުވަން މަސައްކަތްކުރިއިރު ހައިރާންކަމާއި ނުތަނަވަސްކަން އޭނާގެ ކިބައިން ފާޅުވި އެވެ.
“މުހު.. މުހުތާރު..” ވަލީދުގެ މަގަތުން އިށީނދެ ހައިފާ އެހީތެރިވި އެވެ. ކޮންމެވެސް ވަރަކަށް ބޯ ހިއްލާލަމުން ބޯދަށަށް އިތުރު ބާލީހެއް ލައްވާލި އެވެ.
ލިބުނު ހައިރާންކަމާއިއެކު އެތައް ސުވާލެއް އުފެދި ހުއްޓުން އަރާފައި ހުރި ނިފާރު ސިއްސައިގެން ދިޔައީ ހައިފާ ވާހަކަ ދެއްކުމުން ނެވެ. ހައިފާ ގެނެސްދިން ގޮނޑީގައި ނިފާރު އިށީނެވެ.
“މުހުތާރު.. އަހަރެން ބައްޕަގެ ވާހަކަތަ އެބުނީ؟” ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަ ގޮތަކަށް އިން ނިފާރަށް މަޑުމަޑުން އަހާލެވުނެވެ. އެވަގުތު އޭނާގެ ލޮލުން ފޭދިގެންދިޔަ ކަރުނަ ހައިފާއަށް ކިތަންމެ ރަނގަޅަކަށް ވެސް ފެނުނެވެ.
“ބައްޕަ ތިޔަ ދައްކަނީ ކޮން މުހުތާރެއްގެ ވާހަކައެއްތަ؟” ވަލީދުގެ މަގަތުން އިށީންނަމުން، ލޯތްބާއި އޯގާތެރިކަމާއިއެކު އޭނާގެ ބޮލުގައި ހައިފާ ފިރުމާލި އެވެ.
ވަލީދު އެދުމުން އޭނާގެ ކައިރިއަށް ނިފާރު ޖެހިލި އެވެ. ނިފާރުގެ އަތުގައި ހިފަމުން ވަލީދު ބަލާލީ އޭނާގެ މޫނަށެވެ. އެއްވެސް އެއްޗެއް ނުބުނެ ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް އެތައް އިރަކު އޮތެވެ.
“ތީ ށ. ފޭދޫ މުހުތާރުއާ ސާބިގާގެ ދަރިއެއް ދޯ؟” ނިފާރުގެ އަތުން ދޫކޮށްލަމުން ވަލީދު ކޮށްލި ސުވާލަށް އާނއެކޭ ބުނާ ފަދައަކުން ނިފާރު ބޯ ޖަހާލި އެވެ.
(ނުނިމޭ)
