ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިފައިންނާއި ޕޮލިސް ވޮލީބޯޅަ ޗެމްޕިއަންޝިޕަށް
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ޗެމްޕިއަންޝިފްގެ ދެ ޖާގަ ޕޮލިސް ކުލަބާއި ސިފައިންގެ ކުލަބް ހޯދައިފި އެވެ.

މިހާރު ކުރިޔަށްދާ ޤައުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަން 1 ގައި އެ ޓީމު ކުޅުނު ތިން މެޗުން މޮޅުވެ ލީގުގެ އެއްވަނައިގައި ޕޮލިސް ކުލަބް އޮތްއިރު، ސިފައިންގެ ކުލަބް ކުޅުނު ދެ މެޗުން މޮޅުވެ އެ ޓީމު އޮތީ ލީގުގެ ދެވަނައިގަ އެވެ. ލީގުގެ ދެ މެޗު އިއްޔެ އާއި ރޭ ކުޅެފައިވާއިރު، އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ބައްދަލުކުރީ ކުލަބް އެޗްޑީސީ އާއި ޕޮލިސް ކުލަބެވެ. ރޭ ކުޅެވުނު މެޗުގައި ބައްދަލުކުރީ ސިފައިންގެ ކުލަބާއި ކުލަބް އެމްޓީސީސީ އެވެ.

އިއްޔެ ހަވީރު ކުޅެވުނު މެޗަކީ ލީގުގެ ފަސްވަނަ މެޗެވެ. ކުރިން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި އޮތް ޕޮލިސް ކުލަބާއި، އެ ޓީމު ކުރިން ކުޅުނު މެޗު ކާމިޔާބުކޮށްފައިވާ ކުލަބް އެޗްޑީސީ ބައްދަލުކުރި މި މެޗަކީ ލީގުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި މެޗެވެ.

3 ސެޓް 2 ސެޓުން ޕޮލިސް ކުލަބް ކާމިޔާބުކުރި މި މެޗުގެ ފުރަތަމަ ސެޓް ވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނުއިރު 31-33 އިން ސެޓް ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ. ދެވަނަ ސެޓް ވެސް ފެނުނީ އެހާމެ ވާދަވެރިކޮށެވެ. ފަހު ވަގުތާއި ޖެހެންދެން ވެސް ސެޓް ގެންދާނީ ޕޮލިހުން ކަމަށް ބެލެވުނު މި ސެޓް ކުލަބް އެޗްޑީސީ ކާމިޔާބުކުރީ ފަހަތުން އަރައި 27-29 އިން ނެވެ.

މިވެސް ކިޔާލަން:  ބޮއިލިންގް ހެޑް ޗެމްޕިއަންކަން ހޯދައިފި

ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ތިންވަނަ ސެޓްގެ ފޯރި އިތުރަށް ގަދަވިއިރު، މި ސެޓްގައި އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނެގޭ ގޮތެއް ނުވި އެވެ. މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 23-25 އިންނެވެ. ހަތަރުވަނަ ސެޓްގައި ކުރިން ސެޓްތަކުގައި ދެއްކި ކުޅުން ޕޮލިސް ކުލަބަށް ދެއްކޭގޮތެއް ނުވި އެވެ. 25-19 އިން އެޗްޑީސީ ކާމިޔާބުކުރި މި ސެޓާއިއެކު ފަސްވަނަ ސެޓަށް މެޗު ދިޔައެވެ. ވާދަވެރި ފޯރިގަދަ ސެޓެއްގެ ގޮތުގައި ފެނުނު މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 9-15 އިން ނެވެ.

ރޭ ކުޅެވުނު މެޗަކީ ލީގުގެ ހަވަނަ މެޗެވެ. ސިފައިންގެ ކުލަބާއި ކުލަބް އެމްޓީސީސީ ބައްދަލުކުރި މި މެޗަކީ ކުލަބް އެމްޓީސީސީގެ ތިންވަނަ މެޗު ނަމަވެސް، ސިފައިންގެ ކުލަބްގެ ދެވަނަ މެޗެވެ. ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ކުލަބް އެމްޓީސީސީ މި މެޗަށް ނުކުތްއިރު ވެސް އޮތީ މޮޅެއް ހޯދަން މަޖުބޫރުވެފަ އެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗު ސިފައިން ކާމިޔާބުކޮށް ލީގުގެ ދެވަނައަށް ޖެހިލީ 3 ސެޓް 1 ސެޓުން ނެވެ. މި މެޗުގެ ފުރަތަމަ ސެޓް 25-20 އިން ސިފައިންގެ ކުލަބް ކާމިޔާބުކުރިއިރު މި ސެޓްގެ ކުރީކޮޅު ކުލަބް އެމްޓީސީސީއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވި އެވެ. ދެވަނަ ސެޓްގައި ކުލަބް އެމްޓީސީސީއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ފަސޭހަކަމާއިއެކު 25-16 އިން ސެޓް ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ސެޓްގައި މޮޅު ކުޅުމެއް ދެއްކި ކުލަބް އެމްޓީސީސީއަށް ތިންވަނަ ސެޓްގައި އެ ކުޅުން ތަކުރާރެއް ނުކުރެވުނެވެ. ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ފޯރިގަދަވި މި ސެޓް ސިފައިންގެ ކުލަބް ކާމިޔާބުކުރީ ކުލަބް އެމްޓީސީސީއަށް 18 ޕޮއިންޓް ދީފަ އެވެ. ހަތަރުވަނަ ސެޓް ހޯދައި މެޗު ކާމިޔާބުކުރަން ނުކުތް ސިފައިންގެ ކުލަބްއިން މި ސެޓްގައި ވެސް މޮޅު ކުޅުމެއް ދެއްކިއިރު، ކުލަބް އެމްޓީސީސީގެ ފަރާތުން ވަރުގަދަ ވާދަވެރިކަމެއް ނުފެނުނެވެ. މި ސެޓް ސިފައިންގެ ކުލަބް ކާމިޔާބުކުރީ 25-19 އިން ނެވެ.

މިވެސް ކިޔާލަން:  ސެމީ ފައިނަލް މިރެއާއި މާދަމާ ރޭ

މި ލީގުގެ ދެ މެޗު މިއަދު ވެސް އޮންނާނެ އެވެ. ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރާއިރު، ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކުލަބް އެޗްޑީސީ އާއި ލަޔަންސް ރެކްރިއޭޝަން ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top