އިންޑިއާގެ މަދުރާއީގައި ހުންނަ އަރަވިންދު އައި ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް، 16 އަހަރުގެ ފިރިހެން ކުއްޖެއްގެ ވާތު ލޮލުގެ މަތީ މަސްގަނޑުގެ ތެރޭގައި ފުރިހަމައަށް އުފެދިފައިވާ ދަތެއް ހުއްޓާ ފެނިގެން ހައިރާންކަން ލިބިއްޖެއެވެ. މިއީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ދިމާނުވާ ފަދަ ނާދިރު މެޑިކަލް ކޭސްއެކެވެ.
މި ހާދިސާގެ ރިޕޯޓް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު މެޑިކަލް ޖާނަލްގައި ޝާއިޢުކޮށްފައިވެއެވެ. މި ރިޕޯޓުތައް ބުނާގޮތުން، އެ ކުއްޖާ ޑޮކްޓަރަށް ދެއްކީ ލޮލުގެ މަތީ ބޮނޑިގަނޑު ކައިރީގައި ދުޅަވެފައި ހުންނަތާ މަހެއްހާ ދުވަސްވީއިރުވެސް އެއްވެސް ތަދުވުމެއް ނުވާތީއެވެ. ޑޮކްޓަރުން ބެލިބެލުމުން، އެ ކުއްޖާގެ ލޮލުގެ މަތީ ބޮނޑިގަނޑާއި ބުމައާ ދެމެދު ހުދުކުލައިގެ ހަރު ދެ އެތިކޮޅެއް ފެންނަން ހުއްޓެވެ. މިއާއެކު ޑޮކްޓަރުން ވަނީ އިތުރު ތަހުލީލުތަކެއް ކުރުމަށް ނިންމާފައެވެ.
ސީޓީ ސްކޭނުން ދެއްކި ގޮތުގައި، ލޮލުގެ ކަށިގަނޑުގެ މަތީބައިގައި، މަތީ ދަތްޕިލައިގެ ދަތެއް (ކެނައިން ޓޫތު) އޭގެ މުލާއި ތޮށިގަނޑާއެކު ފުރިހަމައަށް އުފެދިފައި ހުއްޓެވެ. މިއީ “އެކްޓޮޕިކް ޓޫތު” އެއްގެ ގޮތުގައި މާހިރުން ކަނޑައަޅާފައިވެއެވެ. މިއީ އާންމުކޮށް ދަތް ފަޅާ ދަތްޕިލައިން ބޭރުގައި ދަތް ފެޅުމަށް ކިޔާ ނަމެކެވެ.
މީގެ އިތުރުން، މި ދަތަކީ ދަތާއި އެހެނިހެން ޓިޝޫތައް ހިމެނޭ ފަދަ ޓިއުމަރެއް ކަމަށްވާ “ޓެރަޓޯމާ” އެއްތޯ ބެލުމަށް ޑޮކްޓަރުން ތަހުލީލުކުރިއެވެ. ނަމަވެސް، އޮޕަރޭޝަންކޮށްގެން ނެގި ދަތް ބެލިބެލުމުން އެފަދަ ޓިއުމަރެއްގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. ޑޮކްޓަރުން ވަނީ ކާމިޔާބުކަމާއެކު އެ ދަތް ނަގާފައެވެ. ނަމަވެސް އެތަނުގައި އެފަދަ ގޮތަކަށް ދަތް އުފެދެން މެދުވެރިވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.
ސިއްޙީ ދާއިރާގެ މަޖައްލާއެއް ކަމަށްވާ “އޮފްތަލްމޮލޮޖީ” ގައި މި ހާދިސާ ޝާއިއުކޮށްފައިވާއިރު، މިއީ ލޮލުގެ މަތީ ކަށިގަނޑުގެ ތެރެއިން މިފަދަ ދަތެއް ފެނުނު ކަމަށް ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރެވެ.
މި ހައިރާންކުރުވަނި ހޯދުމުން އެނގިގެންދަނީ، ނާދިރު ބަލިތައް ދެނެގަތުމުގައި މެޑިކަލް އިމޭޖިންގްގެ މުހިންމުކަމެވެ. އަދި ލޮލުގެ ވަށައިގެން އާދަޔާ ޚިލާފަށް ދުޅަވުން ފަދަ ކަންކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްނުލައި، ޑޮކްޓަރީ އެހީތެރިކަން ހޯދަންޖެހޭ ކަމެއްކަން މި ހާދިސާއިން ހަނދާންކޮށްދެއެވެ.
