ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްދޫ ބަލިކޮށް ޓީސީ ހަތްވަނައަށް
ދިވެހި ޕްރިމިއާ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ 23 ވަނަ މެޗުން މޮޅުވެ ލީގުގެ ހަތްވަނައަށް ޓީސީ ސްޕޯރޓްސް ކުލަބް ޖެހިލައިފި އެވެ.

މިއަދު ހަވީރު ދިއްދޫ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ދިއްދޫ ސްޕޯރޓްސް އާއި ޓީސީ ސްޕޯރޓްސް ކުލަބެވެ. މި މެޗަށް ނުކުތްއިރު ހަތަރު މެޗު ކުޅެފައިވާ ޓީސީ ސްޕޯރޓްސްއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ. އަނެއް ތިން މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ޓީސީ ސްޕޯރޓްސް އާއި ވާދަކުރި ދިއްދޫ ސްޕޯރޓްސް ކުޅެފައިވާ ފަސް މެޗުގެ ތެރެއިން އެއް މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވާއިރު ދެ މެޗު އެއްވަރު ވެސް ކޮށްފައިވެ އެވެ. އަނެއް ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ހޯދީ ވެސް ދިއްދޫ ސްޕޯރޓްސް އެވެ. ރަށު ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓާއިއެކު މޮޅު ކުޅުމެއް ދެއްކި ދިއްދޫއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ޓީސީ ސްޕޯރޓްސްއިން ލީޑު ނެގި އެވެ. ޓީސީ ސްޕޯރޓްސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރ މެގްސަން ޑޮއުރާޑޯ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޓީސީ ސްޕޯރޓްސް ކުޅުންތެރިއަކު ކުރިޔަށް ފޮނުވާލި ބޯޅައެއް ދިފާއުކުރަން މަސައްކަތްކުރި ދިއްދޫ ސްޕޯރޓްސް ޑިފެންޑަރ ކަވޫ ކޮޓަޑާއި ފައިދަށުން ދޫވި ވަގުތު، ބޯޅަ ހިފައިގެން ގޮސް ދިއްދޫ އޭރިޔާގެ އަރިމަތިން ވަދެ ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ.

މިވެސް ކިޔާލަން:  އެފްއޭ ކަޕްގެ 13 ވަނަ ތަށްޓާއިއެކު ނިއުރޭޑިއަންޓުން 50 ތަށި ހަމަކޮށްފި!

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ދިއްދޫ ސްޕޯރޓްސްއިން ވަނީ އިތުރު ހިތްވަރެއްލައި ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ދިއްދޫ ސްޕޯރޓްސްގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދި ޓީސީ ސްޕޯރޓްސްގެ ފަރާތުން ދެވަނަ ހާފުގައި ފެނުނީ ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ޑިފެންސަށް އިސްކަންދީފައިވާ ފަދަ ކުޅުމެކެވެ. އަދި ލިބޭ ފުރުސަތެއްގައި ގިނަ ކުޅުންތެރިން ކުރިޔަށް ޖެހި އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރި ތަނެވެ.

މި މެޗުގެ ދެވަނަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ. ދިއްދޫ ދަނޑުގައި ދިއްދޫ ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު ބަލިވި ފުރަތަމަ މެޗަކީ މި މެޗެވެ.

1-0 އިން ޓީސީ ސްޕޯރޓްސް ކާމިޔާބު ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީ ސްޕޯރޓްސްގެ މެގްސަން ޑޮއުރާޑޯ އެވެ.

ލީގުގެ މެޗެއް މިރޭ ވެސް އޮންނާނެ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ބިސްބުރު ސްޕޯރޓްސް ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top