ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ 25 ވަނަ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ކުލަބް އީގަލްސް އާއި އޮޑި ސްޕޯރޓްސް ކުލަބެވެ.
މި މެޗާއި ހަމައަށް އީގަލްސްއިން ހަތަރު މެޗު ކުޅެފައިވާއިރު، އޭގެތެރެއިން ތިން މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު މެޗު އެއްވަރުވެ 10 ޕޮއިންޓާއި ފައިދާ 7 ގޯލާއިއެކު އެ ޓީމު އޮތީ ލީގުގެ ދެވަނައިގަ އެވެ. މި މެޗަކީ އޮޑީގެ ވެސް ފަސްވަނަ މެޗެވެ. މި މެޗުގެ ކުރިން އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރިއިރު، އެއް މެޗުން ބަލިވެ އެއް މެޗު އެއްވަރުކޮށްފައި ވެސް ވެއެވެ. 7 ޕޮއިންޓާއިއެކު އޮޑި އޮތީ ލީގުގެ ފަސްވަނައިގަ އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު، މި މެޗުގެ ބޮޑުބައި ބޯ ވިއްސާރައިގައި ކުޅެން ޖެހުމުން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވަނީ އެންމެ އެދެވޭ ކުޅުން ދެއްކޭގޮތް ނުވެފަ އެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުކުރެވުނު މި މެޗުގައި އޮޑިން ފޮނުވާލީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އީގަލްސްގެ ކީޕަރު ހަނީފް ސާގިބް ދިފާއުކުރި އެވެ. އަދި ނިމުނު ސީޒަންގައި އީގަލްސްގެ ގޯލު ބެލެހެއްޓި، މިހާރު އޮޑީގެ ގޯލު ބަލަހައްޓަމުންދާ މުޙައްމަދު އަޝްވާން ކައިރިން ގޯލެއް ޖެހުމަށް އީގަލްސްއިން ކުރި މަސައްކަތް ހުއްޓުވުމުގައި އޭނާ ވެސް ވަނީ ކާމިޔާބު ހޯދާފަ އެވެ.
ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އީގަލްސްގެ ގޯލްކީޕަރު ހަނީފް ސާގިބް އެވެ.
މި މެޗުން ލިބުނު ޕޮއިންޓާއިއެކު 11 ޕޮއިންޓް ހަމަކޮށް ފައިދާ ހަތް ލަނޑާއިއެކު އީގަލްސްއިން ލީގުގެ ދެވަނައިގައި ހަމަޖެހިލިއިރު އޮޑިން ވަނީ އަށް ޕޮއިންޓް ހަމަކޮށް ނިއުރޭޑިއަންޓާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ. މި ވަގުތު އޮޑި ހަތަރުވަނައިގައި އޮތީ ފައިދާ ލަނޑުގެ ތަފާތުން ނެވެ.
ލީގުގެ މެޗެއް މިރޭ ވެސް އޮންނާނެ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ބުރު ސްޕޯރޓްސް ކުލަބެވެ.
