“އަހަރެންގެ މިލްކެއް.”
ލައިލާ އަނގަމަތީގައި އަތް އެޅިއެވެ. ނިޝާ އެ އަކުރުތަކަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ފާރުގެ އެތެރެއިން ވައި އަޑަކުން ބުނި އަޑު އިވުނެވެ. “އަލުން މަރުޙަބާ.”
*****
އެދުވަހުގެ މެންދުރުފަހު، ނިޝާގެ ކުޑަ ނޫކުލައިގެ ކާރުން އޭނާ މަރުގެ ތުންފަތްމައްޗަށް ގެންދިޔައެވެ. އޭނާ އިނީ އިޔާން ކުރީ ސީޓުގައި ބައިންދައިގެން ކްލިނިކަށް ދިޔުމުގެ މަގުމަތީގައެވެ. ކުއްލިއަކަށް ހުންގާނު ކަނާތްފަރާތަށް ވާންވެގެން ދިޔައެވެ. ކާރު މަގުގެ އަނެއް ފަރާތަށް ކަހާލައިގެން ދިޔައެވެ. އިދިކޮޅުން އައި ސައިކަލެއް އެމީހުންގެ ގައިގައި ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. ނިޝާ ބުރަކީގައި ފައިން އެޅި ނަމަވެސް، ފައިދަށުން ޕެޑަލް ހީވަނީ ހަރު ގަލެއްހެންނެވެ.
“މަންމާ!”
“އިޔާން، ބާރަށް ހިފަހައްޓާ!”
ކާރު މަގުގެ އަރިމައްޗަށް އަރައި، ތިރި ފާރުބުރިއެއްގައި ޖެހި، ކާރުގެ ކުރީކޮޅު ކާނުގަނޑުގެ މައްޗަށް އެލިފައި ހުއްޓުނެވެ.
އިރުކޮޅަކަށް ދެމައިންނަށްވެސް ހަރަކާތެއް ނުކުރެވުނެވެ. ދެން އިޔާން ބިރުން ތުރުތުރުއަޅަން ފެށިއެވެ. “އަހަރެމެން މަރުވަނީތަ؟”
ނިޝާ އޭނާ މޭގައި ޖައްސައި ބައްދައިލިއެވެ. “ނޫން، ނޫން ދަރިފުޅާ. އަހަރެމެން ސަލާމަތުން މިތިބީ.”
ނަމަވެސް ހުންގާނަށް ބަލައިލި ވަގުތު، ނިޝާގެ ހިތް ބިރުން ތެޅިގަތެވެ. އޭނާގެ ދެއަތް ހުރީ ގަދަކަމުން ހުންގާނުން ދުރުކޮށްލެވިފައެވެ. އެ އިޙުސާސް އޭނާގެ ހަނދާނުގައި ސާފުކޮށް އެބަހުއްޓެވެ. ކޮންމެވެސް ނުފެންނަ ބާރަކުން އޭނާގެ އަތްތިލައިގައި ވަށައިލުމަށްފަހު، އެއްފަރާތަކަށް ދަމައި ކޮއްޕާލީއެވެ.
އެރޭ ލައިލާ ބާރުއެޅީ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށެވެ.
“އޭނާގެ ނަމަކީ ޑރ. އަޙްމަދު ވަޙީދު. އޭނާ މަސައްކަތް ކުރަނީ އައްޑޫ ސިޓީގެ ހޮސްޕިޓަލުގައި. އަހަރެންގެ ދެބެންގެދެދަރި ކޮއްކޮގެ ފިރިމީހާ މަރުވުމުންވެސް ވަރަށް ބޮޑަށް އެހީތެރިވި ޑޮކްޓަރެއް އެއީ.” ލައިލާ ބުންޏެވެ.
“އަހަރެން މޮޔައެއް ނުވޭ.”
“ނިޝާ މޮޔަވިއެކޭ އަހަރެން ނުބުނަން.”
“އަންހެނަކު އަމިއްލައަށް ކިޔައިދޭން ނޭނގޭ ކަމެއް ވެގެން އުޅޭ ވާހަކަ ބުނާއިރަށް އެންމެންވެސް ހީކުރާނީ އެހެން.”
ލައިލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ނިޝާ، އަހަރެންގެ ގޭތެރޭގައި ހިނގި ކަންތައްތައް އަހަރެންގެ އަމިއްލަ ލޮލުން ދުށިން. އެއީ ކޮން އެއްޗެއް ކަމެއް އަހަންނަކަށް ނޭނގެ. އެކަމަކު މިވާގޮތް ދެނެގަތުމަށް ނިޝާއަށް މިވަގުތު މީހެއްގެ އެހީތެރިކަން ބޭނުންވޭ.”
ހިތާ ދެކޮޅަށް ނަމަވެސް، ނިޝާ އެއްބަސްވިއެވެ.
ދެ ދުވަސް ފަހުން، އޭނާ އިނީ އައްޑޫ ހޮސްޕިޓަލުގެ ކުޑަ ކޮންސަލްޓޭޝަން ރޫމެއްގައި ޑރ. ވަޙީދުގެ ކުރިމަތީގައެވެ. ޑޮކްޓަރަކީ އުމުރުން ސާޅީހުގެ ފަހުކޮޅުގެ، ތުނބުޅި ރީތިކޮށް ކޮށާފައިވާ، މަޑުމައިތިރި ލޮލަކާއި އާދައިގެ ވާހަކަދެއްކުމަކަށްވުރެ އަޑު އުފުލައި ނުހަދާ ބޭފުޅެކެވެ.
އޭނާ ދިމާވި ހަމަލާތަކުގެ ވާހަކަ ކިޔައިދެމުން ދިޔައިރު ޑޮކްޓަރު އަޑުއެހިއެވެ. ނުފެންނަ ހަމަލާދިން ފަރާތުގެ ވާހަކަ ކިޔައިދިންއިރު އޭނާ ހުރަހެއް ނާޅައެވެ. އަދި އަމިއްލައަށް ހަރަކާތްތެރިވި ފަރުނީޗަރުތަކާއި، ކޮޓަރީގެ ފާރުގައި ލިޔެފައިވާ ބަހުގެ ވާހަކަ ބުނުމުން މަލާމާތަކަށް ހީނވެސް ނުލައެވެ.
ނިޝާ ވާހަކަ ދައްކައި ނިމުމުން، ޑޮކްޓަރު ދެއަތް ޖޯޑުކޮށްލިއެވެ.
“މީގެ ކުރިން މިފަދަ އެއްވެސް ކަމެއް ތަޖުރިބާ ކުރެވުނުތަ؟”
“ނޫން.”
“ނިދި ރަނގަޅަށް ލިބޭތަ؟”
“ހަމައަކަށް ނުނިދޭ.”
“ބިރުވެރި ހުވަފެން ފެނޭތަ؟”
“އާނ.”
“ނިދެމުންދާއިރު ނުވަތަ ހޭލެވޭ ވަގުތު އަޑުތައް އިވޭތަ؟”
“ބައެއް ފަހަރު. އެކަމަކު މިއީ ހުވަފެނެއް ނޫން.”
ޑޮކްޓަރު ބޯޖަހައިލިއެވެ. “ނިޝާ، މާ ބޮޑަށް ހާސްވެ، ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބިފައިވާނަމަ، ބައެއް ފަހަރު ވަރަށް ހަޤީޤީ ގޮތަކަށް މިފަދަ ކަންކަން ތަޖުރިބާ ކުރެވިދާނެ. އަދި ނިދި ނުލިބުމަކީ މި ބިރުވެރިކަން އިތުރަށް ގަދަކޮށްދޭ ކަމެއް.”
“އެހެންވީމާ ތި ބުނަނީ އަހަރެން ހީކުރާ ހީކުރުމެކޭތަ؟”
“އަހަރެން މި ބުނަނީ އަހަރެމެން ބަލައި ދިރާސާކުރަންޖެހޭ އެތައް ކަމެއް އެބަހުއްޓޭ.”
ނިޝާ އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. “އަދި އަހަރެންގެ ގޭތެރޭގައި ކޮންމެވެސް އެއްޗެއް އެބައުޅެޔޭ ބުނެފިއްޔާ؟”
“އަހަރެން އަޑުއަހާނަން.”
“އަހަރެން ދައްކާ ވާހަކަ ޤަބޫލު ނުކުރެވުނަސް؟”
“ނިޝާގެ ތަޖުރިބާ ރަނގަޅަށް ދެނެގަތުމުގެ ކުރިން ވަކި ގޮތެއް ނިންމާކަށް އަހަންނަކަށް ނުޖެހޭނެ.”
އެއީ އޭނާއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ގެނެސްދިން ފުރަތަމަ ޖަވާބެވެ. އިތުރު ސެޝަންތަކަށް އައުމަށް ނިޝާ އެއްބަސްވިއެވެ.
ޖެހިގެން އައި ހަފުތާގެ ތެރޭގައި، އޭނާ މީގެ ކުރިން ދުވަހަކުވެސް ދައްކާފައި ނުވާފަދަ ހިތްދަތި ހަނދާންތައް ހިއްސާކުރިއެވެ. ކުޑައިރު އާއިލާގެ ދޮށީ މީހެއްގެ ފަރާތުން ލިބުނު ޖިންސީ ގޯނާގެ ވާހަކައެވެ. ސަތާރަ އަހަރުގައި ބަލިވެއިނދެ، ހަޤީޤަތް ނޭނގޭ މީހުންގެ ހިތްދަތި ފުރައްސާރަތަކާ ކުރިމަތިލާން ޖެހުނު ގޮތެވެ. އަދި އަހަރުތަކަކަށްފަހު، ޙަސަންގެ ކުއްލި މަރާއެކު ދެ ކުދިން ގޮވައިގެން އެކަނިވެރިވެ، ދުވަހަކުވެސް ހިތުން ފިލައިގެން ނުދިޔަ ފުން ހިތާމަތަކުގެ ވާހަކައެވެ.
ޑރ. ވަޙީދު އަޑުއެހީ ވަރަށް ބޮޑު އޯގާތެރިކަމާއެކުގައެވެ.
“މިއީ އެކަނި އުފުލަން ވަރަށް ބަރު ކަންކަން.” ޑޮކްޓަރު ބުންޏެވެ.
“އަހަރެން އެ ހުރިހާ ކަމަކުން ސަލާމަތްވިން.”
“ކަމަކުން ސަލާމަތްވުމަކީ އޭގެ ތަދު ކެނޑުމެއް ނޫން.”
ނިޝާ އޭނާގެ ދެއަތަށް ބަލައިލިއެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް އެރިއެވެ. ގޭތެރޭގައި އުޅޭ އެ ބިރުވެރިކަމަކީ، އޭނާގެ އަމިއްލަ ހަށިގަނޑާއި ހިތުގެ ތެރޭގައި އެތައް އަހަރެއް ވަންދެން ފޮރުވިފައި އޮތް ބިރުވެރިކަމާ ގުޅިފައިވާ އެއްޗެއް ބާވައެވެ؟
ނަމަވެސް އެވަގުތު ލައިލާގެ ބަދިގޭގައި ވައިގެ ތެރޭގައި އުދުހުނު ބިއްލޫރި ތަށި މަތިން ހަނދާންވިއެވެ. އަދި ނުފެންނަ އަތްތަކުން ކާރުގެ ހުންގާނު އަނބުރައިލި ހަނދާނެވެ.
“ނޫން.” އޭނާ ސިއްރުސިއްރުން ބުންޏެވެ. “އަހަންނަށް މި ދިމާވާ ކަންތައްތަކަކީ ހަމަ ހަޤީޤަތެއް.”
ޑރ. ވަޙީދު އެކަމާ ޒުވާބެއް ނުކުރެއެވެ. “އެހެންވިއްޔާ، އަހަރެމެން މިކަމުގެ ސަބަބު ހޯދަން މަސައްކަތް ކުރަމާ.”
އެވަގުތު ކޮޓަރީގެ ބޭރުގައި ހުރި އަނދިރި ކޮރިޑޯގެ ތެރެއިން، އެމީހުން ދެއްކި ހުރިހާ ވާހަކައެއް ކަނުލައި އަޑުއަހަން އެއްޗެއް ހުރިކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. އެ އެއްޗަކަށް މިހާރު ވަނީ އެ ޑޮކްޓަރުގެ ނަން އެނގިފައެވެ. އަދި އޭނާ އެ ކޮޓަރިން ނުކުންނާނެ ވަގުތަކަށް އެ އެތި ދިޔައީ އިންތިޒާރު ކުރަމުންނެވެ.
*****
ދެން އެ އެތި ހަމަލާދިނީ ފާޚާނާގެ ތެރޭގައެވެ. ނިޝާ ނިދަން ތައްޔާރުވަމުން މޫނު ދޮންނަން ހުއްޓައި، އިސްކުރުން އަންނަން ފެށީ މުށިކުލައިގެ ފެނެވެ. އޭނާ ނިތްކުރި އަރުވައިލަމުން އިސްކުރު ބާރުކޮށް ބަންދުކޮށްލިއެވެ. ނަމަވެސް ފެން އައުމެއް ނުހުއްޓުނެވެ. ތުނިކޮށް، ދަވަ ޒާތަކަށް، ކުޅީގެ އަޑީގައި ހުންނަ ކިސަޑު ވަސް ދުވާ މުށިކުލައިގެ ފެންތައް އޮހެމުން ދިޔައެވެ.
އެވަގުތު މޫނުބަލާ ލޯގަނޑު ދުމުން ފުސްވާން ފެށިއެވެ. ނިޝާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ލޯގަނޑުގެ މަތީގައި، ނުފެންނަ އިނގިއްޔަކުން އަކުރުތަކެއް ލިޔެވެމުން ދިޔައެވެ.
“ކަލޭ އޭނާއަށް ކިޔައިދީފީމު.”
ނިޝާގެ ހިތް ބާރަށް ތެޅިގަތެވެ. އަތުގައި އޮތް ތުވާލިން ލޯގަނޑު ފޮހެލި ނަމަވެސް، އޭނާގެ އަތްދަށުން އަނެއްކާވެސް އެ ލަފުޒުތައް ފާޅުވިއެވެ.
“ކަލޭ އޭނާއަށް ކިޔައިދީފީމު.”
ކުއްލިއަކަށް ފާޚާނާގެ ދޮރުގައި ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑު އިވުނެވެ. ނިޝާ ބިރުން ހަޅޭއްލަވައިގަންނަމުން ދޮރުގެ ތަޅުގައި ހިފިއެވެ. އެކަމަކު ތަޅެއް ނޭނބުރުނެވެ. ފަހަތުން ކޮންމެވެސް އެއްޗެއް އޭނާގެ ގައިގައި އޮޅުލައިގަތެވެ. ކަރާ ދިމާލުން ތޫނު ދަތްއެޅުމެއް އިޙުސާސްވި ހިނދު، ކޮނޑަށްވެސް އަނެއް ހަމަލާ އެރިއެވެ. އޭނާގެ ހަށިގަނޑު ފާރުގައި ބާރަށް ޖެހުނެވެ. އަދި އަރިކަށި ފިތިގެންދާ ފަދަ ބާރުގަދަ ޕްރެޝަރެއް ކުރިމަތިވިއެވެ. ކަރުބުޑުން ދިލަނަގަންދެން ނިޝާ ތެޅިގަނެ، ހަޅޭއްލަވައި، އަތުންފައިން ގަދަހެދިއެވެ.
ކުއްލިއަކަށް އެ ބާރުގަނޑު ކެނޑިގެން ދިޔައެވެ. ދޮރުގެ ތަޅު ހުޅުވި، އެނބުރިގަތެވެ. ނިޝާ ކޮރިޑޯއަށް ވެއްޓިގަތެވެ.
އިޔާން ދުވެފައި އައެވެ. “މަންމާ!”
އޭނާ ނިޝާ ނަގައި ސޯފާގައި ބޭންދިއެވެ. ނިޝާގެ އަތުގައި ނޫފައިގެންފައިވާ ތަންތަނާއި ކޮނޑުގައި ހުރި ދަތްއަޅާފައިވާ ފަދަ ނިޝާންތައް ފެނުމުން އިޔާންގެ މޫނު މުޅިން ހުދުވިއެވެ. “މިހެން ހެދީ ކާކު؟”
ނިޝާއަށް ވާހަކަ ދެއްކުނީ ކިރިޔާއެވެ. “އެތާކު އެކަކުވެސް ނެތް.”
“ދެން ކާކު މިހެން ހެދީ؟”
ނިޝާ އިޔާން ގަޔާ ކައިރިކޮށްލިއެވެ. “ނޭނގެ މަންމައަކަށް.”
އަނެއް ދުވަހުގެ ހެނދުނު، އޭނާ ޑރ. ވަހީދަށް މި ޒަޚަމްތައް ދެއްކިއެވެ. ޑޮކްޓަރު ފަރުވާތެރިކަމާއެކު އެ ނިޝާންތައް ބެއްޔެވެ. ބައެއް ނިޝާންތައް ހުރީ ބުރަކަށީގެ މަތީގައި، ދެކޮނޑުހުޅު ދެމެދުގައެވެ. އަނެއްބައި ތަންތަން ހުރީ އަމިއްލަ އަތުން އަނިޔާކުރަން އުނދަގޫވާނެ ފަދަ ގޮތަކަށް، އިނގިލިތަކެއްގެ ބައްޓަމަށެވެ. ޑޮކްޓަރުގެ މޫނުމަތިން ކަންބޮޑުވުން ފެނުނު ނަމަވެސް، ޕްރޮފެޝަނަލް ސިފަ ދޫކޮށެއް ނުލައެވެ.
“ހަނދާން ނެތޭ ހާލަތެއްގައި އަމިއްލައަށް މިފަދަ އަނިޔާއެއް ދެވިދާނެކަމާމެދު ވިސްނައިލިންތަ؟”
ނިޝާ ބަލަހައްޓައިގެން އިނެވެ. “ކަލޭ ތި ބުނަނީ އަހަރެން އަމިއްލައަށް ހެދި ގޮތެކޭތަ؟”
“އަހަރެމެން ހުރިހާ ފުރުސަތަކަށް ވިސްނަންވާނެ.”
“މަގޭ ބުރަކަށީގެ ނިޝާންތަކަށް ބަލާބަލަ!”
“އަހަރެން މި ބަލަނީ.”
“ދެން ބުނެބަލަ އަހަރެން އަމިއްލައަށް އެހެން ހަދާނީ ކިހިނެއް؟” ޑޮކްޓަރަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
އެޕޮއިންޓްމަންޓަށްފަހު، ޑރ. ވަޙީދު ނިޝާ ގެއަށް ގެންގޮސްދިނެވެ. ސިޓިންގރޫމުގައި އިން އިޔާން އާއި ޝައުފާއާ އޭނާ ބައްދަލުވިއެވެ. ސްކޫލުން ވެއްޓި އިޔާންގެ އަތުގައި ރިއްސާތީ އޮތީ ބެންޑޭޖް އަޅާފައެވެ. ކުދިންނާ އޯގާތެރިކަމާއެކު ވާހަކަ ދެއްކުމަށްފަހު، ޙަސަންގެ މަރުގެ ސަބަބުން އާއިލާއަށް ކުރި އަސަރުތަކާ ބެހޭގޮތުން ޑޮކްޓަރު ނިޝާއާ ވާހަކަދެއްކިއެވެ.
“ތި ކަންބޮޑުވާ ސަބަބު އަހަންނަށް ވިސްނޭ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ ފަރުވާ ކުރިއަށް ގެންދިއުން. އަދި ހާލަތު ދެނެގަންނަންދެން ކުދިން ރައްކާތެރި ތަނަކަށް ބަދަލުކުރުމަށް އަހަރެން ލަފާދެން.” ޑޮކްޓަރު ބުންޏެވެ.
“ރައްކާތެރި ތަނަކަށޭ؟ އަހަންނާ ދުރަށް ފޮނުވާލާ ވާހަކަތަ؟” ނިޝާ އަހައިލިއެވެ.
“ނޫން. މިކަންކަން ހިނގަނީ މި ގޭގައި ކަމަށްވާނަމަ، މި ގެއާ ދުރަށް.”
އިތުރު ވާހަކައެއް ނުދެއްކެނީސް، ގޭގެ ބޮކިތައް ނިވިދިއްލެން ފެށިއެވެ. މޭޒުމަތީގައި ހުރި ފެންތަށި ތަޅުވަން ފެށިއެވެ. ޑރ. ވަޙީދު އެއަށް ބަލަހައްޓައިގެން އިނެވެ. ތަށި ވައިގެ ތެރެއަށް ދެ ސެންޓިމީޓަރު އުފުލުނެވެ. ހަރަކާތެއް ނެތި ހިނދުކޮޅަކު ހުއްޓިފައި ހުރުމަށްފަހު، ކުއްލިއަކަށް ތިރިއަށް ވެއްޓުނެވެ. މޭޒުމައްޗަށް ފެންތައް ބުރައިގެން ދިޔައެވެ. އެކަކުވެސް ބަހެއް ނުބުނެއެވެ.
ޑރ. ވަޙީދު މަޑުމަޑުން ތެދުވިއެވެ. “ކަރަންޓުގެ މައްސަލައަކަށް ވެދާނެ.”
ނިޝާ ހިތި ހިނިގަނޑެއް ޖަހައިލިއެވެ. “އާނ، ހަމަ ޔަޤީން.”
“ނިޝާ..” ޑޮކްޓަރު ބަލައިލިއެވެ.
“ދާން އުޅޭ! ޕްލީޒް.”
އޭނާ ކުޑަކޮށް ޖެހިލުންވެފައި ދަބަސް ނެގިއެވެ. ދޮރާ ހަމައިން އެނބުރި ބުންޏެވެ. “މާދަމާ ގުޅާނަން.”
“ނުގުޅާތި!”
އޭނާ ނުކުތުމުން ނިޝާ ދޮރު ތަޅުލިއެވެ. އެވަގުތު އަމިއްލައަށް ޓީވީ ހުޅުވުނެވެ. ސްކްރީނުން ފެންނަނީ ހުދު އަޅިކުލައިގެ ރާޅުތަކެކެވެ. ޓީވީގެ ސްޕީކަރުން ކުޑަކުއްޖެއްގެ އަޑު އިވުނެވެ.
“މަންމާ؟”
ނިޝާ ހުއްޓުން އެރިއެވެ. އެއީ ހަމަ ޝައުފާގެ އަޑެވެ. އެކަމަކު ޝައުފާ ހުރީ ނިޝާގެ އަތުގައި ހިފަހައްޓައިގެން ގާތުގައެވެ.
އަނެއްކާވެސް އެ އަޑު އިވުނެވެ. “މަންމާ، އަހަރެން ހޯދަން އާދެބަލަ.” އަޑު އައީ ސީދާ ޓީވީގެ ތެރެއިންނެވެ.
ދެން ސްކްރީން މުޅިން ކަޅުވިއެވެ. ޖައްވުގެ ތެރޭގައި ގަދަ އަޑުފަށްގަނޑެއް ގުގުމައިގަތެވެ. ނޫ އަދި ހުދު ކުލައިގެ ވިދުވަރެއް ފަދަ ކަރަންޓު އިޔާންގެ ހަށިގަނޑުގައި ދައުރުވެ، އޭނާ ސޯފާއިން ވިއްސައިގެން ގޮސް ބިންމައްޗަށް ޖެހުނެވެ. އިޔާން ވޭނީ އަޑަކުން ހަޅޭއްލަވައިގަތެވެ.
“އިޔާން!” ނިޝާ ދުވެފައި ގޮސް އޭނާ ކައިރިއަށް ތިރިވިއެވެ. އެކުއްޖާގެ އަތްތިލަ އޮތީ ނުއަތަށް އެނބުރިފައެވެ. ތަދުން މޫނު ވަނީ ހުދުވެފައެވެ. ޝައުފާ އެހީއަށް އެދި ރޯން ފެށިއެވެ.
އެވަގުތު ޓީވީގެ ތެރެއިން ފުން، ބިރުވެރި ހުނުމެއްގެ އަޑު އިވުނެވެ. ނިޝާ އިސްއުފުލައި ބަލައިލިއެވެ. ކަޅު ސްކްރީނުން މޫނެއް ފާޅުވަމުން ދިޔައެވެ. ދިގު، ދޮން، ހިނިތުންވެފައިވާ މޫނެކެވެ. ދެން ކަރަންޓު ކެނޑި، އެ ސޫރަ ގެއްލުނެވެ. ނަމަވެސް ނިޝާއަށް އެއް ހަޤީޤަތް ސާފުވިއެވެ. އެ އެތި ހަމައެކަނި ފަހަތުން އައީކީ ނޫނެވެ. އޭނާ އެހީއަށް އެދުނީތީ އަދަބު ދެނީއެވެ.
(ނުނިމޭ)
