“ވަލީ ހޯދަން އައި މީހާ ކޮބާ؟” ފާއިދު ހޯދަން ބޭނުންވީ އޭނާގެ ހިތުގައިވާ ސުވާލުގެ ޖަވާބެވެ.
ހޮޓަލުން ބޭރަށް ނުކުތް ޔަޒީދާ ދެވަނަ ފަހަރަށް ވަތްއިރު އޭނާގެ ފަހަތުން ޒުވާން ފުރައިގެ ފިރިހެނަކު ވަނެވެ.
“މުހު.. މުހުތާރު..” ޔަޒީދާގެ ފަހަތުން އައިސް ވަތް ނިފާރު ފެނިފައި ފާއިދު ދިޔައީ ސިއްސައިގެން ނެވެ. ނިފާރު ފެނުމުން އޭނާއަށް އެހެން ވެދާނެކަން ނިފާރަށް އެނގެ އެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދިނީ ގަސްދުގަ އެވެ.
“ބައްޕާ! ކިހިނެއްވީ؟ ނިފާރު ދަންނަންތަ؟” ފާއިދަށް ވީގޮތް ފެނުމުން ޔަޒީދާއަކަށް ހިމޭނަކުން ނުހުރެވުނެވެ.
“ނޫން.. ނުދަންނަން. ދާންވީނު ދަބަސްތައް ބަހައްޓާފައި އެއްޗެއް ކާލައިގެން އަރާމް ކޮށްލަން.” ލޯތްބާއި އޯގާތެރިކަމާއިއެކު ޔަޒީދާގެ ކޮނޑުގައި ފިރުމާލަމުން ފާއިދު ދެއްކީ ދާންވީ ދިމާ އެވެ.
ޔަޒީދާ އާއި ފާއިދު ބައްދަލުވީ އަހަރެއްހާ ދުވަސް ފަހުން ނެވެ. ދެބަފައިންނަށް ވެސް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ނުހަނު ބޮޑެވެ. ކޮޓަރި ހަމަޖެއްސުމުގައި ފާއިދު އިސްކަން ދިނީ ޔަޒީދާގެ ހުށަހެޅުމަށެވެ. އަތިރިމައްޗަށް ކުރިމަތިވާގޮތަށް ހުރި ކޮޓަރިތަކުން ދެ ކޮޓަރީގެ ޢާއިލީ ކޮޓަރިއެއް ޔަޒީދާއަށް ކަމުދިޔަ އެވެ. އެތަނުގައި ޕްރައިވެޓް ޕޫލަކާއި ކުޑަވަރެއްގެ ބަދިގެއެއް ހުރިއިރު ކޮފީ ބުއިމަށް ބޭނުންވާ ހުރިހާ ސާމާނެއް ހުއްޓެވެ.
ނިފާރާއި ޔަޒީދާ ގޮވައިގެން ފާއިދު ކާން ދިޔައީ އެތަނުގެ އެންމެ މަތީގައިހުރި ކޮފީޝޮޕެއް ކަހަލަ ތަނަކަށެވެ. ބޭނުން އެއްޗަކަށް އޯޑަރު ދިނުމުން ތައްޔާރުކޮށްދޭ އެތަނުގައި ފަންސާހަކަށް މީހުންގެ ޖާގަ އޮތް ނަމަވެސް މިވަގުތު މީހުން ވަރަށް މަދެވެ.
ވައިބާއިން ރައްޓެއްސަކާއި ވާހަކަ ދައްކަން އޮތް ސުނޭހާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ފޯނު ރިންގްވާން ފެށުމުން ނެވެ. ގުޅަނީ ނުވެސް ދަންނަ ނަންބަރަކުން ނަމަވެސް ފޯނަށް ޖަވާބު ދިނުމަށް ސުނޭހާ އިސްކަން ދިނެވެ.
“ހައި ލޯބީ. ހާލު ކިހިނެއް؟ ނަންބަރު ބަދަލު ކުރިޔަސް ސިއްރު ކުރިޔަސް ހޯދަން ބޭނުން މީހަކު ހޯދާނެއެއްނު. އަހަރެންނާއި ޔަޒީދާ ދުރުކުރަން ކުރި ހުރިހާ މަސައްކަތެއް ބޭކާރެއްނު ތިވީ.. އެވަރަށް ބުނީމަ ވެސް ޤަބޫލެއް ނުކުރި ދޯ؟ ހަހަ.. މަ ނަމަވެސް ކަޑަވާނެ. ވަރަށް އަސަރުކޮށްފި ދޯ މަ ކަހަލަ ރާއްޖެތެރޭ ކަޑަ ގޮލާގަނޑެއް ތި މުއްސަނދިކަމުގެ ތެރެއަށް ވައްޓާލާތީ. އެކަމު ކީއްކުރާނީ؟ އޭނާއަށް މަ ނޫން މީހަކު ކަމަކު ނުދިޔަ ވިއްޔަ. ވަލީ ހޯދަން ދާއިރު ދޮންބެދައްތަ ގެންދަން ބުނީމަ ވެސް ނުލައި ދޯ އެ އައީ. އަހަރެން ކައިރީ ބުނެލި ނަމައެއްނު. ޔަގީނުން ވެސް ނުލައި ނުދާނަން.. ނުބުންޏަސް އެނގެއެއްނު އަހަރެން ދާތާކަށް ލޯބި ގެންދާނެކަން. އެކަމު.. ނުބައި ގޯޅިއަކުން ދާން ވިއްޔަ ތި އުޅުނީ. ޖިހާދުބެއަށް ވެސް ކޮންމެ ފަހަރަކު ކާމިޔާބެއް ނުލިބޭނެއެއްނު. ދަރީގެ މައިދައިތަ ފަހަތުން ދުވެދުވެ އޮއްވަ ދެ ބަފައިންގެ ރޭވުން ވެސް ފަނުފުލުންދޯ މި ދިޔައީ. ހަނދާން ކުރާތި.. ކަލޭގެ ބަފާ ގާތު ވެސް ބުނާތި.. އަހަރެން އަތުން ސުނޭހާ ދަމައިގަތް ގޮތަށް ޔަޒީދާއެއް ދަމައެއް ނުގަނެވޭނެއޭ. ދެން ހަދާނީ މަ ބޭނުން އެއްޗެއް.. އަދި މި ފެށެނީ.” ކަންފަތުގައި އަޑު ޖެހުމާއިއެކު ވެސް އެއީ ނިފާރުގެ އަޑުކަން ސުނޭހާއަށް ޔަގީންވި އެވެ.
“ކަލޭ މާ ހަޔާތް ކުޑަވެގެން ނުތެޅި..” ސުނޭހާ ދައްކަންފެށި ވާހަކަ ނުނިމެނީސް ނިފާރު ފޯނު ކަނޑާލި އެވެ. ސުނޭހާ ދައްކާ ވާހަކަ އަޑުއެހުން އޭނާއަކަށް މުހިންމެއް ނުވި އެވެ.
ނިފާރުގެ ވާހަކަތަކާއި ޢަމަލުތައް ހުރިގޮތުން ސުނޭހާ ރުޅިގަދަވި އެވެ. އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްނުލައި އޭނާއަށް ރައްދު ދިނުމުގެ މަސައްކަތް ފެށި އެވެ. ނިފާރު ބޭނުންހާ ގޮތެއް އޭނާއަށް ނުހެދޭނެކަން މިހާރުން މިހާރަށް ނިފާރަށް އަންގަން ސުނޭހާ ބޭނުންވި އެވެ.
ޔަޒީދާއަށް ފޯނު ކުރިއިރު އޭނާގެ ފޯނު އޮތީ ނިއްވާލާފަ އެވެ. ދެތިން ފަހަރަށް މަސައްކަތްކޮށްގެން ވެސް އެ ނޫން ޖަވާބެއް ނުލިބުނެވެ. ވައިބާރ އާއި ވަޓްސްއަޕް ފަދަ ހުރިހާ ޚިދުމަތެއް ވަނީ ދެ ދުވަހެއް ކުރިން ކަނޑާލާފަ އެވެ. ގުޅޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ރުޅިގަދަވެފައި ހުރި ސުނޭހާ އެހާ ހިސާބުން ވެސް މަސައްކަތް ހުއްޓާލާކަށް ގަސްދެއް ނުކުރި އެވެ.
ޑިއުޓީ ގަޑީގައި އަމިއްލަ ފޯނަށް ޖަވާބު ދިނުމަކީ ނާއިމް އެއްވެސް އިރެއްގައި ކޮށްއުޅޭ ކަމެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ސުނޭހާ އެވެ. ރުޅިގަދަވެފައި ހުރިވަރުން އެކަމަށް ސަމާލުކަން ދޭކަށް ހަނދާނެއް ނެތެވެ. އެއް ފަހަރު ގުޅައިގެން ޖަވާބު ނުދިނުމުން އަނެއްކާ ވެސް ގުޅި އެވެ.
ޑިއުޓީގައި ހުއްޓައި ވަރަށް މުހިންމު ކަމެއް ދިމާވެގެން ނޫނީ ސުނޭހާ ނުގުޅާނެކަން ނާއިމަށް އެނގެ އެވެ. އޮފީސް ނަންބަރަށް ގުޅުމުން ނާއިމަށް ޖެހުނީ ޖަވާބު ދޭށެވެ.
“އޭރު ވެސް މަ ބުނީމެއްނު އެ ނިފާރު ޔަޒީދާއަށް ލަނޑެއް ދޭނެއޭ. ޔަޒީދާ ލަންކާއަށް ދާން އެ އުޅެނީ އެކަންޏެއް ނޫނޭ. ދެންމެ އަހަރެންގެ ރައްޓެއްސެއް ގުޅާފަ އެބުނީ ނިފާރާއި ޔަޒީދާއާ ލަންކާ އެއަރޕޯޓުން ދިމާވި ވާހަކަ. ލަންކާ މަގުން އެހެން ކޮންމެވެސް ޤައުމަކަށް ނައްޓާލަން އުޅެނީ ކަމަށް ވެސް ބުނި. ޔަޒީދާގެ ފޯނު އޮތީ ނިވާލާފަ. ވަޓްސްއަޕާއި ވައިބާފަދަ ހުރިހާ ޚިދުމަތެއް ހުރީ ޑިއެކްޓިވޭޓް ކޮށްލާފަ. ނާއިމަށް އެވަރު ނުވިސްނުނުތާނގައި އަހަރެން އެވާހަކަ ދެއްކީމަ ވެސް ނޭނގުނު ދޯ ބަލާލާކަށް.” ނާއިމް ފޯނަށް ޖަވާބު ދިނުމާއެކު ސުނޭހާ އޭނާގެ ޝަކުވާތައް ބަންޑުން ކޮށްލި އެވެ.
“ހަމަޖެހިބަލަ.. ޔަޒީދާ ވެސް އެއީ މިހާރު ކުޑަކުއްޖެއް ނޫނޭ. އުޅެންވާ ގޮތާއި ކުރަންވާ ކަންކަން އޭނާއަށް ވެސް ރަނގަޅަށް އެނގޭނެ. އެކަހަލަ ކަންކަމާ އެހާ ވަރަށް ވިސްނާ އެއްޗެއް ނޫން.. ވެދާނެއެއްނު ވަލީ ހޯދަން ބައްޕަ ކައިރިއަށް ދިޔައީ ކަމަށް ވެސް.” ނާއިމްގެ ކިބައިން އިވުނީ ސުނޭހާ އުންމީދުކުރި ފަދަ ވާހަކަތަކެއް ނޫނެވެ.
ސުނޭހާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލަ އެވެ. ވާހަކަ ދެއްކުމުގެ ބަދަލުގައި ވަގުތުން ފޯނު ކަނޑާލި އެވެ.
ނިފާރާއި ގުޅޭތޯ ސުނޭހާ ކުރި މަސައްކަތްވީ ބޭކާރެވެ. ނިފާރު އޭނާއަށް ގުޅި ނަންބަރަކަށް މިހާރު ނުގުޅެ އެވެ. ނިފާރުގެ އަސްލު ނަންބަރަށް ގުޅިއިރު އެ ނަންބަރު ވެސް އޮތީ ނިވާލާފަ އެވެ.
ހަތިޔާރު ބެހެއްޓުމުގެ ބަދަލުގައި އެހެން ކޮންމެ ވެސް ގޮތެއް ފެނޭތޯ ވިސްނަމުންދިޔަ ސުނޭހާގެ ރާޑަރަށް މައިދައިތަ އެރީ ކުޑައިރުކޮޅެއް ފަހުން ނެވެ.
ފޯނު ރިންގުވާން ފެށުމާއިއެކު ފާއިދު ބަލާލީ ޔަޒީދާއަށެވެ. ޔަޒީދާއަށް ހިނިތުންވެލަމުން ފޯނު ނެގި ނަމަވެސް ވާހަކަ ދައްކަމުން ދައްކަމުން ފާއިދު ދުރަށް ޖެހިލި އެވެ. އެ ދެމެދުގައި ދައްކާ ވާހަކަ ޔަޒީދާއަށް އިއްވަން ބޭނުން ނުވާ ކަހަލަ އެވެ.
ފޯނުން ވާހަކަ ދައްކަމުން ދައްކަމުން ދުރަށް ޖެހިލި ފާއިދު އައީ ފަނަރަ ވަރަކަށް މިނިޓް ފަހުން ނެވެ. އޭރު ވެސް ނިފާރު ހުރީ ފޯނާއި ކުޅެލަކުޅެލަ ތަންކޮޅެއް ދުރުގަ އެވެ.
“ދަރިފުޅަށް ދެރަގޮތެއް ވެއްޖެނަމަ ބައްޕަ ވަރަށް ދެރަވާނެ. ތަކުރާރުކޮށް މިވާހަކަ ނުދެއްކިޔަސް ދަރިފުޅަށް ވެސް އެވަރު އެނގޭނެކަމަށް ބައްޕަ މި ބަލަނީ.. ދަރިފުޅަށް ޔަގީންތަ ނިފާރު އެއުޅެނީ ދަރިފުޅުދެކެ ލޯބިންކަން.” ޔަޒީދާ ކައިރީ އިށީންނަމުން ފާއިދު އަހާލި އެވެ.
“ކީއްވެ ތިހެން ތި އެހީ؟” ޔަޒީދާއަށް ލިބުނީ ހައިރާންކަމެވެ.
“ފެންނަ ފެނުމަށް ބަލައިގެން މީހަކާއިމެދު ގޮތް ނިންމާކަށް ނުވާނެ. މިޒަމާނުގަ ގިނަވާނީ ލޯބިވާ މީހުނަށްވުރެ ލޯބިވާކަމަށް ހެދިގެން އުޅޭ މީހުން. ތަނަވަސްކަމަށް ނޭދޭނެ އެކަކު ވެސް ނޫޅޭނެ. ދަރިފުޅުމެން ދެބެއިން އަތުންފައިން އެއްކަމެއް ނުކޮށް ތިއްބަސް ގޭ ކުލިން ދަރިފުޅުމެން ބޭނުން ވަރަކަށް ޚަރަދުކުރަން ފައިސާ ލިބޭނެ.. ތިޔަ ގެ ފެނުނަސް ދަރިފުޅާއި އިންނާނެ މީހުން ބައިވަރު ވާނެ. ތިޔަ ކަހަލަ ރީތި ތަނަވަސް ގެއެއްގަ އުޅެލަން ބޭނުން ނުވާނީ ކާކު؟ މަންމައާ ދޮންބެ ބުނީ ކީކޭ؟ ދޮންބެދައްތަ ކައިރީ ވެސް އަހާލަންވާނެ.. ބައްޕައަށް ފެންނަނީ އަދިވެސް ވިސްނާލަން.. އެކަކު އަނެކަކަށް ދަސްވެލަން ވެސް ދުވަސްކޮޅެއް ބޭނުންވާނެއެއްނު.” ފާއިދު މަސައްކަތްކުރީ ޔަޒީދާއަށް ވިސްނައިދޭށެވެ.
ހިތްހަމަނުޖެހުމާއިއެކު ކޮޅަށް ތެދުވި ޔަޒީދާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. އޭނާ ހުއްޓުވަން ފާއިދު މަސައްކަތްކުރި ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދިނެވެ. ނިފާރަށް ގޮވާލަމުން އަންނާށޭ ބުންޏެވެ.
ރެސްޓޯރެންޓުން ނުކުންނަން ދިޔަ ނިފާރުގެ ކުރިމައްޗަށް އެރި މެދުއުމުރުގެ އަންހެންމީހާއަށް ނިފާރު ފެނުމާއިއެކު ވީގޮތް ނިފާރަށް ފާހަގަވި އެވެ. އަވަސްއަވަހަށް ހުއްޓިލަމުން އެކަމަށް ސަމާލުކަން ދިނެވެ.
“ކަލޭ.. ކަލޭ.. މުހުތާރުގެ ދަރިފުޅު. މިތާ ކީއްކުރަނީ؟ ފާއިދުއަށް ކަލޭ ފެންނަނީ ބޮޑު މައްސަލަ އަންނަނީ.” ނިފާރު އަތު ހިފައިގެން އަވަސްއަވަހަށް އެއްކައިރިއަށް ޖެހިލަމުން އެމީހާ ވާހަކަ ދެއްކި އެވެ. އަޑާއި ހަރަކާތުން ފާޅުވީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ.
ދިވެހި ބަހުން ވާހަކަ ދެއްކި ނަމަވެސް އެމީހާއަކީ ދިވެއްސެއް ނޫންކަން ނިފާރަށް ޔަގީނެވެ.
“އެ ކީއްވެ؟” ސަބަބު ހޯދަން ނިފާރު ބޭނުންވި އެވެ.
“ގިނަ ވާހަކަ ދައްކަން ބޭނުން ނެތީ. އަވަސް ދޭ.” ނިފާރުގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އެމީހާ އަވަސްވެގަތީ ކޮފީޝޮޕަށް ވަންނާށެވެ.
“ނިފާރު! އާދޭ.” ނިފާރުގެ ޚަބަރެއް ނުވުމުން އަނެއްކާ ވެސް މައްޗަށް އަރަމުން ޔަޒީދާ ގޮވާލި އަޑު އިވުނެވެ.
ކަންބޮޑުވެފައިވާ ފަދައަކުން ކޮފީޝޮޕް ތެރޭގައި ހިނގާލަހިނގާލަ ހުރި ފާއިދަށް ސިލްވިޔާ ފެނުމުން އޭނާއަށް ދިމާއަށް އައެވެ. ކަމެއް ދިމާވެގެން އުޅޭކަން އަންގަން ބޭނުންނުވާ ފަދައަކުން ހިނިތުންވެލި އެވެ.
“ޔަޒީދާއާ ދިމާވިތަ؟” ސިލްވިޔާއަށްވުރެ ކުރިން ފާއިދު ވާހަކަ ދެއްކި އެވެ.
“ނޯ.. ކޮންއިރަކު އައީ؟ ކީއްކުރަން އައީ؟ އެކަނިތަ އައީ؟” ސިލްވިޔާއަށް ލިބުނީ ހައިރާންކަމެވެ.
ޔަޒީދާ ހޯދުމަށްޓަކައި ފާއިދު ކޮފީޝޮޕުން ނުކުތްއިރު އޭނާގެ ފަހަތުން ސިލްވިޔާ ވެސް ނުކުތެވެ.
ޔަޒީދާމެން ތިބުމަށްޓަކައި ފާއިދު ހަމަޖައްސައިދިން އާއިލީ ކޮޓަރިން ފެނުނު މަންޒަރާއިއެކު ފާއިދުގެ ހަރަކާތްތަކަށް ހުއްޓުން އައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނެވެ. އެހެން ހަމަ ބުނެލާއިރަށް ޔަޒީދާ އެތަނުން ނުކުމެގެން ހިނގައިދާނެ ކަމަކަށް ފާއިދު ކުޑަކޮށް ވެސް ހިޔެއް ނުކުރެ އެވެ.
“ކިހިނެއްވީ؟ އޭނާ އެކަނިތަ އައީ؟” އަވަސްއަވަހަށް ތަންތަން ހޯދަމުން ސިލްވިޔާ ސުވާލުކުރި އެވެ.
“ނޯ.. ކައިވެނީގެ ކަންތަކުގަ ވާހަކަ ދައްކަން ބޯއީފްރެންޑް ގޮވައިގެން އައީ. ރިސެޕްޝަނަށް ގުޅާފަ މަޑުކުރުވަން ބުނޭ. އެ ބޯއީ ޔަޒީދާ ގޮވައިގެން ފިލައިގެން ހިނގައި ވެސް ދާނެ.” ފާއިދުގެ ކިބައިން ފާޅުވީ ނުތަނަވަސްކަމެވެ.
ކައިވެނީގެ ކަންތަކުގައި ވާހަކަ ދައްކަން ޔަޒީދާ ގޮވައިގެން އައި ބޯއީފްރެންޑަކީ މުހުތާރުގެ ދަރިފުޅުބާ އެވެ. އެ ފިރިހެން ކުއްޖާއަކީ ކާކުކަން ފާއިދަށް އެނގޭބާ އެވެ. އެ ފިރިހެން ކުއްޖާ އެ އުޅެނީ ޔަޒީދާދެކެ ލޯބިވެގެންބާ އެވެ. ފާއިދުއަކީ ކާކުކަން އޭނާއަށް އެނގޭބާ އެވެ. ކުއްލިއަކަށް ޔަޒީދާމެން އެތަނުން ނުކުމެގެން އެ ދިޔައީ ކީއްވެބާ އެވެ. އެމީހުން ދާނީ ކޮންތާކަށްބާ އެވެ.
(ނުނިމޭ)
