ފަލަ ސުރުޚީއާއި ސަމާލުކަން
މެންދުރުވީއިރު، މި ޚަބަރު ހުރިހާ ދިމާލަކަށް ފެތުރި ނިމިއްޖެއެވެ. މާލޭގެ ކެފޭތަކާއި އޮފީސްތަކުގައި މި ވާހަކަ ދެކެވެމުން ދިޔައެވެ. ރަށްރަށުގައި، އާއިލީ ގްރޫޕްތަކުގައި އަންހެން ދަރިންނަށާއި، އަންހެން ކޮއްކޮމެންނަށާއި، ރައްޓެހިންނަށް އިންޒާރުދީ އެ ސްކްރީންޝޮޓްތައް ފޮނުވަމުން ދިޔައެވެ. ކުރިން، ރާއްޖޭން ބޭރަށް ޗުއްޓީއަށްދާ ކުދިންނަށް ހިތްވަރުދިން ބެލެނިވެރިން، މިހާރު ތިބީ އެކުދިން ތިބޭ ތަންތަނާއި، ބައްދަލުކުރާ މީހުންނާއި، އަދި އެކި ހަރަކާތްތައް އިންތިޒާމުކުރާ މީހުންނަކީ އިތުބާރުކުރެވޭ ބައެއްތޯ ސުވާލުކުރާށެވެ.
ކުރިން ބޭރު ޤައުމުތަކުގެ ރޭގަނޑުގެ މުނިފޫހިފިލުވުންތަކަކީ ވަރަށް “ގްލެމަރަސް” ކަމެއްގެ ގޮތުގައި ދެއްކި ސޯޝަލް މީޑިއާ އެކައުންޓްތަކުން، މިހާރު ދަނީ ބުއިމަށް އެއްޗެހި އެއްކުރުމާއި، ނޭނގޭ މާއްދާތަކުގެ ނުރައްކަލާއި، އަމިއްލަ ދަޢުވަތަކަށް ދާ ތަނަކީ ރައްކާތެރި ތަނެއް ކަމަށް ނިންމުމުގެ ނުރައްކާތެރިކަމާމެދު އިންޒާރު ދެމުންނެވެ.
ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، އެންމެ ފަރުވާކުޑަކޮށް އުޅުނު ދަތުރުވެރިން ވެސް ސަމާލުވެއްޖެއެވެ. އަދި ސްރީލަންކާގައި މިކަމުގެ އަސަރު ވަގުތުން ފެންނަން ފެށިއެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ފިހާރަތަކާއި، ކެފޭތަކާއި، ހޮސްޕިޓަލްތަކުގެ މަޑުކުރާ ތަންތަނާއި، އެޕާޓްމަންޓް އިމާރާތްތަކުގައި ތިބެ ތިނަދޫގެ ރިޕޯޓާ ގުޅޭގޮތުން ސިއްރުސިއްރުން ވާހަކަދައްކަން ފެށިއެވެ. އަންހެނުން އެމީހުންގެ ތަޖުރިބާތައް ހިއްސާކުރަމުން ދިޔައެވެ. ބުއިންތައް ބެލެހެއްޓުމެއް ނެތި ދޫކޮށްނުލުމަށް އެކަކު އަނެކަކަށް ހަނދާންކޮށްދެމުން ދިޔައެވެ. އާއިލާތަކުން އެކަނި ދަތުރުކުރާ ތިމާގެ މީހުންނަށް ގުޅައި ހާލުބަލަން ފެށިއެވެ.
ވަޝިއްޔާއަށް ކުރިމަތިވި ބިރުވެރި ރޭގެ ވާހަކަ، އޭނާ ދަންނަ ކުޑަ ދާއިރާއެއްގެ ތެރޭގައި އޮތީ ކުރިންވެސް މަޑުމަޑުން ފެތުރިފައެވެ. މިހާރު، ފެތުރެމުންދާ ޚަބަރުތަކާއެކު، އެ ސިއްރު ވާހަކަތަކަށް އައު ދިރުމެއް ލިބިއްޖެއެވެ.
ވަޝިއްޔާގެ ބުއިމަށް އެއްޗެއް އެއްކުރި ކަމަކަށް އެއްވެސް މީހަކު ފާޅަކު ނުބުނެއެވެ. އޭނާ ބަލިވި ސީދާ ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. އަދި ހެކި ނެތި އެކި ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. ނަމަވެސް، ނައިޓް ކްލަބެއްގައި އޭނާ ވަރަށް ބޮޑަށް ބަލިވިކަން މީހުންނަށް އެނގެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނުކަން ވެސް އެނގެއެވެ. އަދި އެތަނުގައި މިރުޒާ ގަފޫރު ހުރިކަން ވެސް އެންމެންނަށް އެނގެއެވެ.
އެންމެ ފަހުން ބުނި އެ ތަފްސީލަކީ އޭނާއަށް ސީދާ ނީވުނު ކަމުގައި ވިޔަސް، ދެކެވެމުންދިޔަ ހުރިހާ ވާހަކައެއްގެ މަރުކަޒެވެ. އެ ގްރޫޕަށް ކްލަބަށް ދައުވަތު ދިނީ ކާކު ހެއްޔެވެ؟ އެމީހުން ތިބޭނެ ތަން ހަމަޖެއްސީ ކާކު ހެއްޔެވެ؟ އެރޭ އެތަނަށް ދިޔަ މީހުން ދަންނަނީ ކާކު ހެއްޔެވެ؟ އަދި އެއްވެސް މައްސަލައެއް ނެތް ގޮތަކަށް ފެނުނު އަންހެނަކު، ކުއްލިއަކަށް އެހާ ބޮޑަށް ބަލިވީ ކީއްވެގެން ހެއްޔެވެ؟
އޭނާގެ ފަރާތުން އެއްވެސް ނުބައި އަމަލެއް ހިނގާފައިވާކަން ސާބިތުކޮށްދޭނެ ޖަވާބެއް އެކަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް، ސުވާލުތައް ދިޔައީ އުފެދެމުންނެވެ. އަދި އޭނާގެ ކަންތައްތަކާމެދު މީހުން ޝައުޤުވެރިވެ އޮޅުންފިލުވަން ފެށުމުން ނުކުމެދާނެ ނަތީޖާއަކަށް މިރުޒާ ވަރަށް ބޮޑަށް ސަމާލުވިއެވެ.
އޭނާގެ ވިޔަފާރި ބިނާކޮށްފައިވަނީ ސިއްރުވެރިކަމުގެ މައްޗަށެވެ. މިހާރު އެ ސިއްރުވެރިކަމަކީ މީހުން ޝައްކުކުރަން ފެށި ސަބަބަކަށް ވަނީއެވެ.
*****
ކަންތައްތަކެއް ބަދަލުވަމުންދާކަމުގެ ފުރަތަމަ ނިޝާން ފެނުނީ ޕްރޮޕަޓީ މެނޭޖަރެއްގެ ފަރާތުންނެވެ. މިރުޒާ އޭނާގެ އޮފީހުގައި އިންދާ އެމީހާ ގުޅާފައި ބުނީ، ކުއްޔަށް ދޫކޮށްފައިވާ ބައެއް ތަންތަނާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް ކަމާބެހޭ އިދާރާތަކުން އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ތަފްސީލާއި، އެޕާޓްމަންޓްތައް ބޭނުންކުރަމުންދާ އުސޫލުތައް ހިމެނެއެވެ.
އެއީ އެއްވެސް މީހަކަށް ކުރެވޭ ތުހުމަތެއް ނޫންކަން މެނޭޖަރު ސާފުކޮށްދިނެވެ. އޭނާ ބުނި ގޮތުގައި ކަމާބެހޭ ފަރާތްތަކުން ދަނީ ދިރިއުޅުމުގެ އިންތިޒާމުތައް މުރާޖައާކުރަމުންނެވެ. އަދި ބޭރުގެ ރައްޔިތުންނާއި، އަމިއްލަ އެއްވުންތަކާއި، އަދި ހިނގައިފާނެ ކުށްތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް މިހާރު އިތުރަށް ސަމާލުކަން ދެމުންދާ ކަމަށް ބުންޏެވެ.
މިރުޒާ އެއްވެސް އެއްޗެއް ނުބުނެ އަޑުއަހަން އިނެވެ.
“އެމީހުން އެދުނީ ކޮން އިރަކު؟”
“އިއްޔެ.”
“ދެން ކީކޭ ބުނީ؟”
“ބުނިން އެ ތަންތަން ހުންނަނީ ތަފާތު ގްރޫޕްތަކަށް ކުއްޔަށް ދީފައޭ. އެމީހުން އެދުނީ އޭގެ ރެކޯޑްތަކަށް.”
“ދެން އެ ރެކޯޑްތައް އެމީހުންނަށް ދީ.”
މެނޭޖަރު މަޑުޖެހިލިއެވެ.
“އެމީހުން އެ ޕާޓީތަކާ ބެހޭގޮތުން ވެސް ސުވާލުކުރި.”
މިރުޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ކޮން ޕާޓީތަކެއް؟”
“ބައެއް ތަންތަނުގައި ބާއްވާ އެއްވުންތައް. އެމީހުން ބޭނުންވަނީ އެކަންކަން އިންތިޒާމުކުރަނީ ކޮން ބައެއްތޯ އާއި، އެއްބަސްވެފައިވާ ގޮތާ ޚިލާފަށް އެ ތަންތަން ބޭނުންކުރަނީތޯ ބަލަން.”
ދެމީހުންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. ބިއްލޫރި ޖަހާފައިވާ ބައިގެ ތެރެއިން މިރުޒާ ބަލާލީ ޖެހިގެން އިން ކޮޓަރިއަށެވެ. އެތަނުގައި އޭނާގެ ދެ ބައިވެރިއަކު އެހެން ކަމަކާ ބެހޭގޮތުން ވާހަކަދައްކަން ތިއްބެވެ.
“އަމިއްލައަށް ހީވާ ހީވުންތަކުގެ މައްޗަށް އެމީހުންނަށް ޖަވާބު ނުދޭތި.” އޭނާ ބުންޏެވެ. “އެހި ސުވާލަކަށް ޖަވާބުދީ، އަދި އިތުރު ވާހަކަތައް ނުއުފައްދާ.”
ފޯނު ކޯލު ނިމުމުން އޭނާ އެތައް އިރަކު ހިމޭނުން އިނެވެ. ގެވެށި ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި، އަވަށްޓެރިންނާއި، އަދި ޕްރޮޕަޓީ މެނޭޖަރުންގެ ފަރާތުން ދޭތެރެއަކުން ސުވާލުތައް ކުރިމަތިވާނެކަން އޭނާއަށް ކުރިންވެސް އޮތީ އެނގިފައެވެ. އަޑުގަދަވުމުގެ ޝަކުވާތަކަކީ އާންމު ކަންކަމެވެ. އެޑްވާންސް ފައިސާގެ މައްސަލަތަކާއި، ހަލާކުވާ ފަރުނީޗަރާއި، އަދި މުއްދަތު ހަމަވުމުންވެސް ނުގޮސް ތިބޭ މީހުންގެ މައްސަލަތަކަކީ ވެސް ހަމަ އެފަދަ ކަންކަމެވެ. ނަމަވެސް މިފަހަރު ކަންތައް ތަފާތެވެ.
މިހާރު ކުރެވޭ ސުވާލުތަކަކީ ހަމައެކަނި ވަކި އެޕާޓްމަންޓަކާ ނުވަތަ ވަކި ރޭގަނޑެއްގެ ހަމަނުޖެހުމަކާ ގުޅޭ ސުވާލުތަކެއް ނޫނެވެ. އެއީ އެ ތަންތަނަށް ވަދެ ނުކުމެވާ މީހުންގެ ވިއުގައާއި، އެއްވުންތައް ރާވާ މީހުންގެ އައިޑެންޓިޓީއާއި، އަދި ސިއްރުވެރިކޮށް ހިނގާ ކަންކަމާ ގުޅޭ ސުވާލުތަކެކެވެ.
އެއް ސުވާލަކުން އަނެއް ސުވާލަކަށް މަގުފަހިވެދާނެއެވެ. އެކޮމޮޑޭޝަން ރެކޯޑަކުން މެހެމާނަކާ ބެހޭ ސުވާލެއް އުފެދިދާނެއެވެ. އެ މެހެމާނެއްގެ ފަރާތުން އެކަން އިންތިޒާމުކުރި މީހާ އެނގިދާނެއެވެ. އަދި އެ މީހެއްގެ މައުލޫމާތުން އެހެން ރިޕޯޓެއްގައި އޮތް ނަމަކާ ގުޅުމެއް އޮތްކަން ހާމަވެދާނެއެވެ.
ވަކިވަކިން ހުންނަ މައުލޫމާތުތައް އެއްވެގެން މުޅި މަންޒަރު ސާފުވާން ފަށާނީ ކިހާ އަވަހަކަށްކަން މިރުޒާއަށް އެނގެއެވެ. އޭނާ ވަނީ އެތައް އަހަރެއް ވަންދެން އެހެން މީހުންގެ ކަންކަން އެގޮތަށް ދިރާސާކޮށްފައެވެ. އޭނާގެ އަމިއްލަ މައްސަލައަކީ އެފަދަ ދިރާސާއެއްގެ މައުޟޫއަކަށް ވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.
އޭނާގެ ފޯނު ވައިބްރޭޓްވިއެވެ. ބައިވެރިއެއްގެ ފަރާތުން މެސެޖެއް ސްކްރީނަށް އަރާފައި އިނެވެ. “ކްލަބާ މުއާމަލާތްކޮށްފި. އެރޭގެ ކަންތައްތަކާ ބެހޭގޮތުން އެމީހުން ސުވާލުކުރަނީ.”
މިރުޒާ ދެފަހަރަކު އެ މެސެޖު ކިޔާލިއެވެ.
ދެން އަނެއްކާވެސް އިތުރު މެސެޖެއް އައެވެ. “މީހަކު ވާހަކަދައްކައިފި.”
އެދުވަހުގެ ހެނދުނު ފުރަތަމަ ފަހަރަށް އޭނާއަށް ހަޤީޤީ ބިރުވެރިކަމެއް އިޙުސާސްކުރެވުނެވެ. އެއީ ހާސްވުމެއް ނޫނެވެ. ހާސްވުމަކީ އެއްވެސް ބޭނުމެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް، އެއީ ކަންތައްތައް އޭނާގެ ބާރުގެ ދަށުން ނެއްޓެމުންދާކަން އިޙުސާސްވުމުން އުފެދުނު ފިނި ބިރުވެރިކަމެކެވެ.
*****
އިރުއޮއްސުނުއިރު، އޭނާގެ ވަށައިގެންވާ ދާއިރާ ހަނިވާން ފަށައިފިއެވެ. އެއްވެސް ސަބަބަކާ ނުލައި އިންތިޒާމުކުރާ ފަރާތަކުން ބައްދަލުވުމެއް ކެންސަލްކުރިއެވެ. ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާކުރުމަށް، އެތަނުގެ ވެރިފަރާތުން އަވަސް ބައްދަލުވުމަކަށް އެދުނެވެ. މީގެ ކުރިން މިރުޒާގެ އަމިއްލަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުހަނު ޝައުޤުވެރިކަން ފާޅުކުރި ދެ މީހަކަށް ގުޅޭގޮތް ނުވެ، ކުއްލިއަކަށް ޚަބަރެއް ނުވިއެވެ.
ދެން ތިންވަނަ ބައިވެރިޔަކު ގުޅައި ދިން ޚަބަރަކުން ހާލަތު އިތުރަށް ގޯސްވިއެވެ. “ކްލަބުން ފެނުނު އެކަކާ ސުވާލުކޮށްފި.”
“ކޮން ކަމަކާ؟”
“އެރޭ އޭނާ އުޅުނު ގޮތާ ބެހޭގޮތުން. ބައްދަލުވި މީހުންނާއި، އައީ ކާކާ އެކީގައިތޯ.”
“އޭނާ ހައްޔަރުކުރިތަ؟”
“އަހަންނަށް އެނގިފައެއް ނެތް.”
މިރުޒާ އޭނާގެ މޭޒުގެ ކައިރިފަށުގައި ބާރަށް ފިތާލިއެވެ.
“އެހެންވީމާ އޭނާ ހައްޔަރުކުރި ކަމަށް މީހުން ގާތު ނުބުނާތި.”
އެ ބައިވެރިޔާ ހިމޭންވިއެވެ.
“މިރުޒާ، އެ މީހުން މި ޕާޓީތަކާއި އެޕާޓްމަންޓްތަކާ ގުޅުވަން ފަށައިފިނަމަ..”
“ކަންކަން ގުޅުވަން ފަށައިފިނަމަ ވާނެ ގޮތް އަހަންނަށް އެނގޭ.”
އޭނާ ފޯނު ކަނޑާލިއެވެ.
ހެނދުނާ އަޅާބަލާއިރު، އެ ކޮޓަރި މިހާރު މާ ބޮޑަށް ހަނިވެފައިވާކަމުގެ އިޙުސާސް އޭނާއަށް ކުރެވުނެވެ.
އަހަރުތަކެއް ވަންދެން އޭނާ ޤަބޫލުކޮށްގެން ހުރީ، މީހުން އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި މަޝްޣޫލުވެފައި ތިބޭތީ، އޭނާގެ ކަންކަން އެހާ ގާތުން ބަލާނެ ވަގުތެއް ނޯންނާނެ ކަމަށެވެ. އަބަދުވެސް އެހެން ޕާޓީތަކާއި، އެހެން ވާހަކަތަކާއި، އަދި އެހެން މީހުންގެ އުޅުންތައް މީހުންގެ ސަމާލުކަމަށް އަންނާތީއެވެ.
(ނުނިމޭ)
