ހަކުރު މިންވަރަށްވުރެ ގިނައިން ބޭނުންކުރުމަކީ ހަމައެކަނި ބަރުދަން އިތުރުވާ ކަމެއް ނޫނެވެ. ބަރުދަން އިތުރުވުމާއި މެޓަބޮލިކް ބަލިތަކާ ހަކުރާ ހުރި ގުޅުން ސާބިތުވެފައިވާއިރު، ހަކުރު ގިނަ ކާނާގެ ސަބަބުން ގޮހޮރުގެ ބެކްޓީރިއާއަށާއި، ހަށިގަނޑު ދުޅަވުމަށާއި މުސްކުޅިވުމާ ގުޅުންހުރި ސެލްތަކުގެ މަސައްކަތްތަކަށް ކުރާ އަސަރުތައް ދިރާސާވެރިން ދަނީ ބަލަމުންނެވެ.
މިންގަނޑެއްގެ ތެރޭގައި ހަކުރު ބޭނުންކުރުމަކީ ޒާތުގައި ގެއްލުންހުރި ކަމެއް ނޫން ނަމަވެސް، ޤަވާއިދުން ގިނަ އަދަދަކަށް ހަކުރު ބޭނުންކުރުމަކީ ސިއްޙީ ގޮތުން ދިގުމުއްދަތުގެ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ޚާއްސަކޮށް، ފައިދާހުރި ކާނާގެ ބަދަލުގައި ހަކުރު ގިނަ ކާނާއާއި ބުއިންތައް އިޚްތިޔާރުކުރުމަކީ މި ނުރައްކާ ބޮޑުވާ ކަމެކެވެ.
ބަރުދަން އިތުރުވުމުގެ އިތުރަށް
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2015 މާރިޗު 4 ގައި ޖެނީވާގައި ނެރުނު އިރުޝާދުތަކުގައިވާ ގޮތުން، ދުވާލަކު ބޭނުންކުރާ ހަކުރުގެ މިންވަރު މުޅި ދުވަހުގެ ކެލޮރީގެ 10 އިންސައްތައަށްވުރެ މަދުކުރަން ޖެހެއެވެ. އަދި މިއަށްވުރެ ބޮޑަށް، އެބައި 5 އިންސައްތައަށް ތިރިކުރުމުން އިތުރު ފައިދާތައް ލިބިދާނެއެވެ. ދުވާލަކު 2،000 ކެލޮރީ ބޭނުންކުރާ މީހަކަށް 10 އިންސައްތައަކީ ގާތްގަނޑަކަށް 50 ގްރާމްގެ ހަކުރެވެ.
ހަކުރު ގިނައިން އެކުލެވޭ ތަކެތީގެ ތެރޭގައި ފޮނި ބުއިންތަކާއި، ހަކުރު އެޅި ސައި ނުވަތަ ކޮފީއާއި، ޕެކެޓްކުރި ޖޫހާއި، ކޭކާއި، ބިސްކޯދު އަދި މީރުކުރި ތަފާތު ކާނާ ހިމެނެއެވެ. މިފަދަ ތަކެތި ގިނައިން ބޭނުންކުރުމަކީ މާބޮޑަށް ފަލަވުމާއި، އިންސިއުލިން ރެސިސްޓެންސްއާއި، ޓައިޕް 2 ހަކުރުބަލި އަދި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.
ހަށިގަނޑުގެ އެތެރެއަށް ވަނީ ކިހިނެއް؟
އިތުރުކޮށްފައި ހުންނަ ހަކުރާއި ގޮހޮރުގެ މައިކްރޯބަޔޯމްއާ ނުވަތަ ހަޖަމުކުރާ ނިޒާމުގައި ދިރިއުޅޭ ކުދި ދިރުންތަކާ ހުރި ގުޅުން ސައިންސްވެރިން ދަނީ އިތުރަށް ދިރާސާކުރަމުންނެވެ.
ޔަންބޯ ޒޭންގް، ރަޔަން ޑަބްލިއު. ވޯކާ، ރޮބަޓް ސީ. ކެޕްލަން އަދި ކިބިން ކީ ތައްޔާރުކުރައްވާފައިވާ “އެޑެޑް ޝުގާސް، ގަޓް މައިކްރޯބަޔޯޓާ، އެންޑް ހޯސްޓް ހެލްތު” ނަމަކަށް ކިޔާ ސައިންޓިފިކް ރިވިއުއެއް 2025 ޑިސެމްބަރު 1 ގައި “ގަޓް މައިކްރޯބްސް” ޖާނަލްގައި ޝާއިޢުކޮށްފައިވެއެވެ. ނިއުޔޯކާއި ސިއެޓްލްގެ މުއައްސަސާތަކަށް ނިސްބަތްވާ މި ދިރާސާވެރިން ފާހަގަކުރި ގޮތުގައި، ހަކުރު ގިނައިން ބޭނުންކުރުމުން ގޮހޮރުގެ ބެކްޓީރިއާއަށް ބަދަލު އައިސް، ގޮހޮރުގެ ދުޅަހެޔޮކަމާއި ދިފާއީ ނިޒާމަށް ބޭނުންވާ މާއްދާތަކަށް އަސަރުކުރެއެވެ.
މި ދިރާސާގައި މި ބަދަލުތަކާއި، ގޮހޮރުގެ ފާރުގެ ރައްކާތެރިކަމާއި، ދުޅަވުމާއި އަދި މެޓަބޮލިކް ދުޅަހެޔޮކަމާ ހުރި ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް، އެކި ދިރާސާތަކުން ނުކުންނަ ނަތީޖާ ތަފާތުވުމާއެކު، މީގެ ދިގުމުއްދަތުގެ އަސަރުތައް ދެނެގަތުމަށްޓަކައި އިންސާނުންގެ މައްޗަށް ކުރެވޭ އިތުރު ދިރާސާތައް ބޭނުންވެއެވެ.
ގިނައިން ހަކުރު ބޭނުންކުރުމަކީ ހަށިގަނޑު ދުޅަވުމާ ގުޅުންހުރި މެޓަބޮލިކް މައްސަލަތަކަށް މަގުފަހިވާ ކަމެއް ނަމަވެސް، ކޮންމެ ފޮނި ކެއުމަކީ ސީދާ މުޅި ހަށިގަނޑަށް ގެއްލުންހުރި ދުޅަވުމެއް މެދުވެރިކުރުވާ ކަމެކޭ ބުނުމަކީ ކަން އޮތްގޮތް އޮޅިދާނެ ކަމެކެވެ.
ހަކުރުގެ ސަބަބުން މުސްކުޅިވުން އަވަސްވޭތަ؟
ހަކުރާއި ޕްރޮޓީން ނުވަތަ ފެޓް އެކުވެގެން އުފެދޭ “އެޑްވާންސްޑް ގްލައިކޭޝަން އެންޑް ޕްރޮޑަކްޓްސް” އާ ބެހޭގޮތުން ދިރާސާވެރިން ދަނީ ދިރާސާކުރަމުންނެވެ. މި މާއްދާތަކަކީ އޮކްސިޑޭޓިވް ސްޓްރެސްއާއި، ހަށިގަނޑުގެ ޓިޝޫތަކަށް އަންނަ ބަދަލުތަކާއި އަދި އުމުރާ ގުޅުންހުރި ބަލިތަކާ ގުޅުންހުރި އެއްޗެކެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމަކީ، ޚާއްސަކޮށް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގެ ގުނަވަންތަކަށް ލިބޭ ގެއްލުންތައް އިތުރުވާ ކަމެކެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި ހަކުރު ކެއުމުން ފެންނަ މުސްކުޅިވުން އަވަސްކޮށްދޭ ސީދާ ސަބަބުކަމަށް ބުނެވޭކަށް ނެތެވެ. މީހާގެ ޖީންސްއާއި، އަވީގައި އުޅުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ނިދުމާއި އަދި މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ވެސް މުސްކުޅިވުމުގެ މަރުހަލާއަށް އަސަރުކުރާ ކަންކަމެވެ.
ހަކުރާއި ކެންސަރާ ބެހޭ ހަޤީޤަތް
ހަކުރަކީ ސީދާ ކެންސަރު ޖައްސާ އެއްޗެއް ކަމަށް ނުވަތަ ހަކުރު ކެއުން ހުއްޓާލުމުން ކެންސަރުގެ ގަނޑުތައް ބަނޑަށްޖެހި މަރުވާނެ ކަމަށް ބުނާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ. ކެންސަރު ސެލްތަކުން ހަކުރު (ގްލޫކޯޒް) ހަކަތައިގެ ގޮތުގައި ބޭނުންކުރި ނަމަވެސް، ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ވެސް ގްލޫކޯޒް ބޭނުންވެއެވެ. އަދި މީހަކު ހަކުރު ކެއުން ހުއްޓާލިޔަސް ހަށިގަނޑުން ގްލޫކޯޒް ފޯރުކޮށްދެމުން ގެންދާނެއެވެ.
މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ނުސީދާ ނުރައްކަލެވެ. ހަކުރު ގިނަ ކާނާ ބޭނުންކުރުމުން ބަރުދަން އިތުރުވެ، ހަށިގަނޑުގެ މަސައްކަތްތަކަށް ބުރޫއަރައެވެ. ހަށިގަނޑުގައި ސަރުބީ ގިނަވުމަކީ އެތައް ބައިވަރު ކެންސަރެއް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ. ކެންސަރުގެ ފަރުވާ ހޯދަމުންދާ މީހުން، ޑޮކްޓަރެއްގެ އިރުޝާދެއް ނެތި، ކެންސަރު ގަނޑުތައް ބަނޑަށް ޖެއްސުމުގެ ބޭނުމުގައި ވަކި ބާވަތްތަކުގެ ކެއުންތަކަށް ބަދަލުވެގެން ނުވާނެއެވެ.
ކުދި ބަދަލުތަކުން ދާއިމީ ފައިދާ
ސިއްޙީ މާހިރުން އިރުޝާދު ދެއްވަނީ ހަކުރު އެޅި ބުއިންތައް މަދުކުރުމަށާއި، ކާނާގެ ލޭބަލްތައް ބެލުމަށާއި، ސައި ނުވަތަ ކޮފީގައި ބޭނުންކުރާ ހަކުރުގެ މިންވަރު މަދުކުރުމަށެވެ. އަދި ހަކުރު އެޅި ޖޫހުގެ ބަދަލުގައި މޭވާ އެ ގޮތުގައި ކެއުމަށް އިސްކަންދިނުން މުހިންމެވެ.
ދިވެހިރާއްޖެ ފަދަ، ފޮނި ބުއިންތަކާއި ޕެކެޓްކުރި ތަކެތި އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހިމެނިފައިވާ މުޖުތަމައުތަކަށް، މިފަދަ އަމަލީ އަދި ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުމަކީ ދުޅަހެޔޮ އާދަތަކެއް އަށަގެންނެވުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
ހަކުރަކީ ވިހައެއް ކަމަށް ބަލައި ނުވަތަ ކޮންމެ ބައްޔެއްގެ ޒިންމާ ހަކުރުގެ ބޮލުގައި އެޅުވުމަށް ހެކިތަކެއް ނެތެވެ. އެހެންނަމަވެސް، އިތުރުކޮށްފައި ހުންނަ ހަކުރުގެ މިންވަރު މަދުކުރުމަކީ ބަރުދަން އިތުރުވުމާއި، ހަކުރުބަލި އަދި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ގޮހޮރުގެ ބެކްޓީރިއާ އާއި، ހަށިގަނޑު ދުޅަވުމާއި އަދި ސެލްތައް މުސްކުޅިވުމާ ގުޅޭގޮތުން ކުރެވޭ ދިރާސާތަކުން އުންމީދީ ކަންތައްތަކެއް ފެންނަން ހުރި ނަމަވެސް، މި ހޯދުންތަކަކީ އަދި ކަނޑައެޅިގެން ސާބިތުވެފައިވާ ކަންތައްތަކެއްގެ ގޮތުގައި މާ ބޮޑުކޮށްގެން ދައްކައިގެން ނުވާނެއެވެ.
އެންމެ ފަހު ނަތީޖާއަކީ، ކޮންމެ ހަކުރު ސަމްސަލަކަށް ބިރުގަތުމުގެ ބަދަލުގައި، އާންމު ދިރިއުޅުމުގައި ކާބޯތަކެތީގެ އާދަތައް ބައްޓަންކުރާ ގޮތުން ދިގުމުއްދަތުގެ ސިއްޙަތަށް ކުރާ އަސަރުތައް ދެނެގަތުމެވެ.
