“ތީ ހަމަ އަސްލު ވެސް ނިފާރު ރައްޓެހިވެގެން އުޅޭ ޔަޒީދާތަ؟ ހާދަ ހީނުވެޔޭ. އެހެން ނޫނަސް ތިހާ ގަމާރު އަންހެނަކާ ނިފާރު ގާތްވާނެއެކޭ މަގޭ ހިތެއް ނުބުނޭ.. އޮޅުވާލަން އުޅެނިކޮށް އަތަށް ގޮވާފައެއްނު ތިއޮތީ. ތިއީ ކާކުކަން އޮޅިގެން އަހަރެން ނޫޅެން. މީހުންގެ ފިރިން ފަހަތުން ދުވުން ހުއްޓާލާފައި އެހެން ކޮންމެވެސް ކަމަކާ އުޅެންވީނު. އިތުރަށް ދައްކާނެ ވާހަކައެއް އެބައޮތްތަ؟” އެއީ ސުނޭހާކަން އެނގުނު ހިސާބުން ހައިފާގެ ވިސްނުން ބަދަލުވި އެވެ. އޭނާއަށް ސުނޭހާ ބޭނުންހާ ގޮތެއް ނުހެދޭނެ އެނގޭވަރު ކޮށްލަން ބޭނުންވި އެވެ.
ހައިފާއަށް ރައްދުދޭކަށް ސުނޭހާ ނޫޅެ އެވެ. އަވަސްއަވަހަށް ފޯނު ކަނޑާލި އެވެ.
ސުނޭހާ ކަންތައްކުރި ގޮތުން ހައިފާ ގާތަށް އިތުރަށް ފޯރިއެރި ކަހަލަ އެވެ. ސުނޭހާ ފޯނު ކަނޑާލުމާއިއެކު އަނެއްކާ ވެސް ގުޅި އެވެ. ދެ ފަހަރަކު ރިންގުވެލުމާއިއެކު ފޯނު ބިޒީކޮށްލި އެވެ. ދެން ގުޅާލިއިރު ފޯނު އޮތީ ނިވާލާފަ އެވެ.
ޔަޒީދާ ރާއްޖޭން ބޭރަށް ދިޔައީ ނިފާރާއިއެކު ކަމެއް އޭނާގެ ގޭ މީހުނާއި ނިފާރު ފިޔަވާ އެހެން ބަޔަކަށް ނޭނގެ އެވެ.
ރާއްޖެ އާދެވުމާއިއެކު ޔަޒީދާ ވަޒީފާއަށް ނުކުންނަން ފެށި ނަމަވެސް ނިފާރު ނުނިކުމެ އެވެ. ނިފާރާއި ގުޅޭތޯ ޔަޒީދާ ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ފޯނު އޮންނަނީ ނިވާލާފަ އެވެ. އޭނާ ދިރިއުޅެމުންދާ ތަނެއް ޔަޒީދާއަކަށް ނޭނގެ އެވެ. އެ މަޢުލޫމާތު ހޯދަން އޮފީސް މީހަކާއި ސުވާލު ކުރާކަށް ވެސް ނުކެރުނެވެ.
ނިފާރުގެ ޚަބަރެއް ނުވެ ދުވަސްތައް މާޒީއާއި އެކުވަމުން ދާވަރަކަށް ހައިފާގެ މާޔޫސްކަން އިތުރުވަމުން ދިޔަ އެވެ. މިޒާޖަށް އައި ބަދަލާއިއެކު އެތައް ކަމެއްގެ ތަރުތީބާއި ހަމަތައް ގެއްލުނެވެ. ކެއިން ބުއިމާއި ދުރުވަމުން ދިޔައިރު އެކަނި ހޭދަކުރާ ވަގުތުތައް ގިނަވާން ފެށި އެވެ. އޭނާ ހަމައަކަށް އެޅުވުމަށް އޭނާގެ މައިންބަފައިން ކުރަމުންދިޔަ މަސައްކަތް އިތުރުކުރަން ޖެހުނެވެ.
ބާޒާރުން އެއްޗެއް ގަނެލައިގެން ކޮޓަރިއާއި ދިމާއަށް އައި ވަލީދަށް ނިފާރު ފެނުނީ ގެއަކަށް ވަންނަނިކޮށެވެ. އެއީ ނިފާރުކަން ޔަގީންވުމާއިއެކު ވަލީދުގެ ފިޔަވަޅުތައް ބާރުކޮށްލި އެވެ. އަވަސްއަވަހަށް އެދިމާއަށް ހިނގައިގަންނަމުން ނިފާރަށް ގޮވާލި ވެސްމެ އެވެ. ކޮންމެ ގޮތަކުން ނަމަވެސް ނިފާރާއި ވާހަކަދައްކާލަން ވަލީދު ބޭނުންވި އެވެ.
ވަލީދު ގޮވާލުމާއިއެކު ނިފާރު ހުއްޓެމުން ފަހަތަށް ބަލާލި އެވެ. ވަލީދު ފެނުމުން ނިފާރަށް ލިބުނީ ހައިރާންކަމެވެ. ސުވާލުތަކުން ފުރިފައިވާ ފަދައަކުން ވަލީދަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އެހެން ކަމެއް ނިފާރަކަށް ނުކުރެވުނެވެ.
ކުޑަ ވާހަކައެއް ދައްކާލަން ބޭނުންކަމަށް ބުނަމުން ވަލީދު އެދުނީ އޭނާއަށް ވަގުތުކޮޅެއް ދިނުމަށެވެ. އަޑާއި ހަރަކާތުން ފާޅުވީ އާދޭހުގެ އަސަރުތަކެވެ. އެކަމަށް އޭނާ އެދިއެދި ހުރިވަރެވެ.
“މި ދުވަސްކޮޅު މި އުޅެނީ ވަރަށް ބިޒީކޮށް.. ހަފުތާއެއްހާ ދުވަސްފަހުން އަހަރެން ދާނަން ބޭބެމެން ކައިރިއަށް. އިހަށް އަހަރެންނަށް ވަގުތުކޮޅެއް ދީ. ބޭބެމެންގެ މަތިން އަހަރެން ހަނދާނެއް ނުނެތޭ. ނުވެސް ނެތޭނެ.” ނިފާރުގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. ވަލީދު އައިސް އެފަދައިން އާދޭސްކުރުން ވެގެން ދިޔައީ އޭނާގެ ހިތަށް ނުހަނު އަސަރުކުރި ކަމަކަށެވެ.
އިސްޖަހާލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތް ނިފާރަށް ބަލަހައްޓައިގެން ހުރުން ނޫން އެހެންކަމެއް ވަލީދަކަށް ނުކުރެވުނެވެ.
ކޮޓަރިއާއި ހަމައަށް ވަލީދަށް ދެވުނުއިރު ހައިފާގެ ދެމައިން އުޅެނީ ފުރަން ތައްޔާރުވެ އެވެ. ވަލީދު އައިސް ކޮޓަރިއަށް ވަނުމާއިއެކު ހައިފާ ވާހަކަ ދައްކަން ފެށި އެވެ.
“ބައްޕާ! އެލީޒާމެން މާދަމާ އެބަ އާދޭ. ފަނަރަ ރޫމް ބޭނުންވެޔޯ.. އަވަހަށް ހިނގާ ރަށަށް ދާން. ކޮންމެ ގޮތަކުން ނަމަވެސް އޭނާއަށް ބަލަންވާނެ. މިދިޔަ އަހަރު ވެސް އެންމެ ގިނަ މީހުން ފޮނުވީ އޭނަ. އަނެއްކާ އޭނާ އަންނަ ކޮންމެ ފަހަރަކު ރަނގަޅު އެއްޗެއް ލިބޭނެ. މުވައްޒަފުންނަށް ވެސް އެހާ ރަނގަޅުވާނެ.” ހައިފާގެ ކިބައިން ފެނުނު އުފާވެރިކަމާއި ހިތްހަމަޖެހުން ވަލީދުގެ ހިތަށް ހަމަޖެހުން ގެނުވި އެވެ.
އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލަމުން ވަލީދު ވެސް އަވަސްވެގަތީ ދަތުރަށް ތައްޔާރުވާށެވެ.
ރާއްޖެ އާދެވުމާއިއެކު ސިލްވިޔާ ބޭނުންވީ ނިފާރު ހޯދާށެވެ. އޭނާ ރާއްޖެ އައި އެންމެ ބޮޑު ބޭނުމަކީ ވެސް އެއީ އެވެ.
“މަގޭ ހިތަށް މި އަރަނީ ދޮންމަންމަ ކީއްވެބާއޭ މިފަހަރު މި ގޭގަ ހުންނަން ބޭނުންވީ. މީގެ ކުރިން ދުވަހަކު ވެސް މި ގޭގައި ނިދާ އުޅޭ މީހެއް ނޫން ދޮންމަންމައަކީ.” ނާއިމް ވާހަކަ ދެއްކީ ސުނޭހާއާ އެވެ.
“އަހަންނަކަށް ނޭނގެ.” ހިތްހަމަނުޖެހުމާއިއެކު ޖަވާބު ދިން ސުނޭހާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ނާއިމްގެ އެ ވާހަކަތައް އޭނާއަކަށް މުހިންމެއް ނުވި އެވެ.
ނިފާރާއި ކައިވެނިކުރަން ޔަޒީދާ ނިންމި ނިންމުން ބަލައިގަތް ހިސާބުން ސުނޭހާއަށް އައިސްފައިވާ ބަދަލު ކިތަންމެ ރަނގަޅަކަށް ވެސް ނާއިމަށް އެނގެ އެވެ. މިއީ އިއްޔެއަކު މިއަދަކު ހިނގި ކަމެއް ނޫނެވެ. އެދުވަހުގެ ފަހުން ފާއިތުވި ކޮންމެ ދުވަހަކު ކަން ހިނގަމުން އަންނަ ގޮތެވެ.
އޮއްސުނު އިރާއިއެކު ވެރިވެގެންދިޔަ އަނދިރިކަމުގެ ތެރެއަށް ހަމަހިމޭންކަން ވެރިވެގަތެވެ. ކޮންމެވެސް ވަރަކަށް މަގުތަކުން މީހުން ފެނުނު ނަމަވެސް އާންމު ހާލަތަށްވުރެ މާބޮޑަށް ވެސް މަދެވެ.
ހަތެއް ޖަހާކަންހާއިރެވެ. ނިފާރު ގާތު ސިލްވިޔާ ބުނި ފަދައިން އޭނާ ނިފާރަށް ފޯނުކުރި އެވެ. ބައްދަލުކުރަން ބޭނުންކަމަށް ބުނަމުން ބައްދަލުކުރާނެ ތަނާއި ގަޑި ވެސް ހަމަޖެއްސި އެވެ.
ސިލްވިޔާގެ ވާހަކަތަކާއި ޢަމަލުތަކުން ކިތަންމެ އޯގާތެރިކަމާއި އަޅާލުން ފެނުނު ނަމަވެސް އޭނާއާމެދު ނިފާރު ވިސްނާގޮތް ތަފާތެވެ. ސިލްވިޔާގެ ފަރާތުން ފެންނަމުންދާ ކަންތައްތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އޮވެދާނެކަމުގައި އަބަދު ވެސް އޭނާގެ ހިތް ބުނެ އެވެ. ކޮންމެ ކަމެއް ވެސް ކުރަމުން ދިޔައީ އޭނާ ބޭނުންވާގޮތަށް އިސްކަންދީގެން ކަމަށްވާތީ މިފަހަރު ވެސް ނިފާރު އެކަމަށް ވިސްނި އެވެ.
ސިލްވިޔާ ބުނިތަނަށް ނިފާރު ދިޔައީ ޓެކްސީއެއްގަ އެވެ. ޓެކްސީ މަޑުކޮށް އެތަނަށް ފޭބުމުގެ ބަދަލުގައި ސިލްވިޔާ ގޮވައިގެން ނިފާރު ދިޔައީ އޭނާ ބޭނުންވި ތަނަށެވެ.
މުޅި ހިސާބަށް ފެތުރިފައިވަނީ އަނދިރިކަމާއި ހަމަހިމޭންކަމެވެ. މާ ދުރުނޫން ހިސާބެއްގައި ދިއްލާފައިވާ ތަކެތީގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަލިކަމެއް އެހިސާބަށް ފޯރާފައިވީ ނަމަވެސް އެތަނުގައި ތިބި މީހުންގެ ގޮތް އެނގޭވަރެއް ނުވެ އެވެ. ވަގުތުގެ ގޮތުން ކަމަށް ވެސް ވެދާނެ އެވެ. އެ ސަރަހައްދުގައި މީހުން ވެސް ވަރަށް މަދެވެ.
ސިލްވިޔާ އާއި ނިފާރުގެ މެދުގައި ދެކެވުނު ވާހަކައެއް ދެކެވުނީ ހެދިގޮނޑުދޮށް ސަރަހައްދުގަ އެވެ. ފަސްވަރަކަށް މިނިޓަށް ދެމިގެންދިޔަ އެ ބައްދަލުވުން ނިމުނުއިރު ދެމީހުން ވެސް ތިބީ ނުހަނު ހިތްހަމަޖެހިފަ އެވެ.
ބައްދަލުވުން ނިމުމާއިއެކު ޓެކްސީއަކަށް އަރައި ނިފާރު ނައްޓާލި އެވެ. ސިލްވިޔާ ވެސް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
މެންދަމުން އަލިވެ އެކެއް ޖަހާކަންހާއިރެވެ. ފެންބޮވައިގަނެގެން ކޮޓަރިން ނުކުތް ރާނިޔާގެ މިސްރާބު ބަދަލުވީ ކުއްލިއަކަށެވެ.
ޔަޒީދާގެ ކޮޓަރި ހުރީ ތަޅުނުލަ އެވެ. ކޮޓަރިތެރޭން ޔަޒީދާ ފެންނަން ނެތުމުން ފާޚާނާ ބައި ބެލިއިރު އެތަނުގައި ވެސް ޔަޒީދާއެއް ނެތެވެ. ލިބުނު ހައިރާންކަމާއިއެކު އުފެދުނު ސުވާލުތައް ވެސް ގިނަވި އެވެ. ކާގެ އާއި ތަންތަން ބަލާލިއިރު އެއިން ތާކު ވެސް އޭނާއެއް ނެތެވެ. ކޮޓަރިއަށް ގޮސް ޔަޒީދާއަށް ގުޅާލިއިރު އޭނާގެ ފޯނު އޮތީ ނިވާލާފަ އެވެ. އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް އެނޫން ޖަވާބެއް ނުލިބުނެވެ.
ހާސްކަމާއި ކަންބޮޑުވުމާއިއެކު ކޮޓަރިން ނުކުތް ރާނިޔާ އަވަސްއަވަހަށް ގޮސް ނާއިމަށް ގޮވައި އެ ޚަބަރު ދިނެވެ. ފާއިދަށް ގޮވައި އޭނާއަށް ވެސް އެ ޚަބަރު ދިނެވެ.
ރާނިޔާ ދިން ޚަބަރާއިއެކު އެންމެނަށް ލިބުނީ ކުއްލި ސިހުމެކެވެ. ސުވާލުތަކުން ފުރިފައިވާ ފަދައަކުން އެކަކު އަނެކަކަށް ބަލާލި އެވެ. ދެން ހަދާނީ ކިހިނެއްބާއޭ އަހާލި ކަހަލަ އެވެ.
ވާހަކަތަކާއި މަޝްވަރާތައް ކުރިޔަށް ދިޔައީ ސިޓިންގްރޫމްގަ އެވެ.
“ރީތި ވެއްޖެއެއްނު.. ކިތައް ފަހަރު ނާއިމް ކައިރީ އަހަރެން ބުނިން އެ ނިފާރަކީ ރަނގަޅު މީހެއް ނޫނޭ.. އޭނާ އެ އުޅެނީ ޔަޒީދާ ބޭނުންކޮށްގެން މި ތަނަވަސްކަމުގެ ތެރެއަށް ވަދެގަންނާށޭ. ޔަޒީދާއަށް ވިސްނައިދޭށޭ.. އަހަރެން މީ އެއްވެސް މީހެއް ނޫންވިއްޔަ. ދެން ކީއްކުރަން ކޮންމެހެން އަހަރެން ދައްކާ ވާހަކަ އަޑުއަހަނީ.” ހިތްހަމަނުޖެހިފައިހުރި ސުނޭހާ ފުރުސަތު ލިބުމާއިއެކު ވަގުތުގެ ބޭނުން ހިފުމަށް އަވަސްވެގަތެވެ.
“ދެން ކިހިނެއް ހަދާނީ؟ ޔަޒީދާގެ ފޯނު ވެސް އޮންނަނީ ނިވާލާފަ.” ރާނިޔާއަށް ބުނެވުނީ އެހިސާބަށެވެ. ދެލޮލުން ފާއްދާލި ކަރުނައާއިއެކު އަޑުވީއްލައި ރޮއިގަނެވިއްޖެ އެވެ.
ރާނިޔާ ހަމައަކަށް އެޅުވުމަށް ސުނޭހާ އަވަސްވެގަތެވެ.
“ވަރަށް ވިސްނައިގެން ކަންތައް ކުރަން ވާނީ. ހެދޭ ކުޑަކުޑަ ގޯހެއްގެ ސަބަބުން ޢާއިލާގެ އަގު ވެއްޓިދާނެކަމަށް ވެސް ބަލަން ޖެހޭނެ. އެކަހަލަ ފުރުސަތަކަށް ބަލާލަ ބަލާލަ ތިބޭ މީހުން މަދެއް ނުވާނެ.” ސިލްވިޔާ ފާޅުކުރީ އޭނާގެ ޚިޔާލެވެ.
ސިލްވިޔާގެ އެ ޚިޔާލު އެންމެނަށް ވެސް ކަމުދިޔަ އެވެ. ޢާއިލާގެ އަގުވެއްޓި ބަދުނާމުވާކަށް އެކަކު ވެސް ބޭނުމެއް ނުވެ އެވެ.
ހަދާނެ ގޮތަކާއިމެދު ވިސްނާ ފިކުރުކުރަން އިން ފާއިދު ސިއްސައިގެން ދިޔައީ ފޯން ރިންގްވާން ފެށުމުން ނެވެ.
“ހައި ޑޭޑް.. ވަލީ ހޯދަން މީހުން ފޮނުވަންވީތަ؟ ޔަޒީދާ މިހާރު ރަންވެސް ކިޔައިފި. ޑޭޑް ހަމަ އޯކޭ ދިނީ ނިމުނީ. މާދަމާ ވެސް ފޯމު ލެވިދާނެ.” އިވުނު އަޑާއިމެދު ފާއިދަށް ވިސްނާލެވުނެވެ.
ފާއިދަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އަނެއްކާ ވެސް އެކޮޅުން ވާހަކަ ދައްކަން ފެށި އެވެ.
“މިހާ އަވަހަށް އަހަރެން މަތިން ހަނދާން ނެތުނީ؟ ރާއްޖެ އައިސް ވަލީދޭ ވާހަކަ ބުނިހެން ހީވާތީ ސީރިޔާއަށް ނުގޮސް މިއައީ. ކިހިނެއް ހަދަންވީ؟ ވަގުތެއް ނެތޭ. އަވަސްކޮށްބަލަ.” އެއީ ނިފާރުގެ އަޑުހެން ހީވި ނަމަވެސް ފާއިދަށް ޔަގީނެއް ނޫނެވެ.
އެކޮޅުން ވާހަކަ ދައްކަނީ ނިފާރު ކަމަށް ނިންމައި ފޯނުން ވާހަކަ ދައްކަމުން ފާއިދު ދުރަށް ޖެހިލި އެވެ. އޭނާ އާއި ނިފާރުގެ މެދުގައި ދެކެވޭ އެއްވެސް ވާހަކައެއް އެހެން މީހުނަށް އަޑުއިއްވުން އޭނާއަކަށް މުހިންމެއް ނޫނެވެ.
“އޭތް! ކަލޭ މޮޔަވީތަ؟ ހަމަ މިހާރު ޔަޒީދާ ގެއަށް ގެނޭ. އެހެން ނޫނީ ހުރިތަނެއް ބުނޭ.. ޕޮލިހުން މެދުވެރިކޮށްގެން ކަލޭ ހޯދަން ވެއްޖެނަމަ ނަތީޖާ މާކަ ރަނގަޅެއް ނުވާނެ. ތިޔަ ކަހަލަ ހަޔާތްކުޑަ ކާޅަކަށް މަ ދޭނެ ވަލީއެއް ވެސް އެހެން އެއްޗެއް ވެސް ނޯންްނާނެ. ކަލޭ ފެންވަރު އޮޅިގެން ނޫޅެއްޗޭ. ތިޔަ ކަހަލަ މީހުންނާއި ކުރިމަތިލާނެ ގޮތް ވަރަށް ރަނގަޅަށް އަހަރެންނަށް އެނގޭ. އަހަރެންގެ ވިސްނުން ބަދަލުވުމުގެ ކުރިން ކަލޭ ސަލާމަތްވޭ. އެހެން ނޫނީ ނަތީޖާ ވަރަށް ހިތިވާނެ.” ފާއިދުގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.
(ނުނިމޭ)
