ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 27
މުނިއަވަސް ގްރެފިކްސް

ހިތުގެ ޝައުޤުވެރިކަމާއި ބުއްދީގެ ހަމަތައް

މިރުޒާއަށް ގޭޓު ކައިރީގައި ހުރި ވަޝިއްޔާ ފެނުމާއެކު، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަޖުބޫރުވިއެވެ. އޭނާ ހީކޮށްގެން ހުރީ ފެންނާނީ ވަރުބަލިވެފައިވާ، މާޔޫސްކަންމަތީ ހުރި ގެއިން ބޭރަށް ނިކުމެލަން ކޮންމެހެން ބޭނުންވެފައިވާ އަންހެނެއް ކަމަށެވެ. ހާސްކަމާއި ނުތަނަވަސްކަން އަމިއްލައަށް ކޮންޓްރޯލް ނުކުރެވިގެން އުޅޭ މީހަކު ފެންނާނެ ކަމަށެވެ. އަދި މިރުޒާ ހުރީ ކެތްތެރިކަމާއެކު އޭނާގެ ވާހަކަތައް އަޑުއަހައި، ހިމޭން މާހައުލަކަށް ގެންގޮސްދީ، ދިމާވި ހިތްދަތި ހާދިސާގެ ހަނދާންތަކާ ދުރަށް ޖެހިލުމުގެ ފުރުސަތު ދިނުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް، އޭނާގެ ކުރިމަތިން މިހާރު ފެންނަން ހުރި މަންޒަރަށް މިރުޒާ އެއްގޮތަކަށްވެސް ތައްޔާރެއް ނޫނެވެ.

ގޭޓު ކައިރީގައި ހުރި ސެކިއުރިޓީ ބޮކީގެ އަލީގެ ދަށުގައި ވަޝިއްޔާ ހުއްޓެވެ. ލައިގެން ހުރީ އާދަޔަށްވުރެ ބޮޑު ކަޅު ކުލައިގެ ހޫޑީއަކާއި ޖޮގިން ޕޭންޓެކެވެ. ދިގު އިސްތަށިގަނޑު އޮތީ މޫނުމައްޗަށް ނުފައިބާނޭހެން ނުހަނު އާދައިގެ ގޮތަކަށް އައްސާލާފައެވެ. އެއްވެސް މޭކަޕެއް ނެތެވެ. ރީތިވާން މަސައްކަތް ކޮށްފައެއް ނުވެއެވެ. އޭނާ ފެންނަ ފެނުމަށް ހީވަނީ ފުރަތަމަ އަތުގައި ޖެހުނު ފަސޭހަ ހެދުމެއް ލައިގެން ނުކުމެ ހުރިހެންނެވެ. އެހެނަސް، އޭނާގެ އެ އާދައިގެ ސާދާކަން އިންތިހާއަށް ފުރިހަމައެވެ.

މިރުޒާ ކާރުގެ ދުވެލި މަޑުކޮށްލިއެވެ. އިރުކޮޅަކަށް ކާރުގެ ބިއްލޫރިގަނޑުގެ ތެރެއިން އޭނާއަށް ބަލަހައްޓައިގެން އިނެވެ.

މީގެ ކުރިން އޭނާ އެކި އަންހެން ކުދިންނާ ރައްޓެހިވިއެވެ. ދަންވަރު ވަގުތުތަކުގައި އެކި ކުދިން ގޮވައިގެން ބޭރަށް ގޮސް، ވަގުތު ހޭދަކޮށް، ވާހަކަ ދައްކައި އުޅުނެވެ. އެއީ އޭނާއަށް އާ ކަންކަމެއް ނޫނެވެ. އޭނާއަކީ ޝައުޤުވެރިކަމާއި ލޯބީގެ ތަފާތު ވަކިކުރަން ނޭނގޭވަރުގެ ޅަ ޒުވާނެއް ނޫނެވެ.

ނަމަވެސް، މިއީ ވަޝިއްޔާއެވެ. އާދައިގެ ވާހަކައެއްވެސް ދުވަސްތަކެއް ވަންދެން ހަނދާން ހުންނަ ފަދަ ގޮތަކަށް ބަދަލުކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ އަންހެނެކެވެ. އޭނާގެ ބުއްދިވެރިކަމާއި، ހުޝިޔާރުކަމާއި، މިރުޒާ ހައިރާންކޮށްލާ ފަދަ ސަމާސާ މިޒާޖަކީ އޭނާގެ ޚާއްސަ ސިފަތަކެވެ. ބައެއް ފަހަރު އޭނާ ކުރާ ސުވާލުތަކުން، މިރުޒާ މީހުންނަށް ދައްކަން އުޅޭ ފަރުދާގެ ފުރަގަސް ވަޝިއްޔާއަށް ފެންނަކަމުގެ އިޙުސާސް ކުރެވެއެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 29

އެއްވެސް މަސައްކަތަކާ ނުލައި މީހުންގެ ސަމާލުކަން ހޯދުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ. އޭނާއަކީ މީހުންގެ މެދުގައި ވާދަވެރިކަން އުފައްދާ ނުވަތަ މީހުންގެ ތައުރީފު ހޯދަން އުޅޭ މީހެއް ނޫނެވެ. އޭނާގެ ހިމޭން ސާބިތުކަމަކީ އޭނާގެ ރީތިކަމެވެ. އަދި މިރޭވެސް، އެއްވެސް މަސައްކަތަކާ ނުލައި އޭނާ މިރުޒާގެ ހިތް ނުތަނަވަސްކޮށްލައިފިއެވެ.

މިރުޒާ ކާރުގެ އިންޖީނު ނިވާލުމަށްފަހު ބޭރަށް ނުކުތެވެ. ކުއްލިއަކަށް އޭނާއަށް އަމިއްލަ ސޫރައަށް ސަމާލުކަން ދެވުނެވެ. ކަޅު ކުލައިގެ ސޯޓަކާއި، މަތީ ގޮށްތައް ނައްޓާލާފައިވާ ގަމީހެކެވެ. އަތްކުރި އޮތީ އުޅަނބޮށްޓާ ހަމައަށް އޮޅާލެވިފައެވެ. އޭނާގެ އަތުގައިވާ ޓެޓޫތައް ހުރީ ފެންނާށެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލި ވަގުތު، ބޮކީގެ އަލި އެ އިސްތަށިގަނޑަށް އެޅިގެން ދިޔައެވެ.

މިރުޒާ ގެއިން ނުކުތީ މާ ބޮޑު ތައްޔާރުވުމެއް ނެތިއެވެ. އެހެނަސް، ވަޝިއްޔާ އޭނާއަށް ބަލައިލި ވަގުތު، އޭނާގެ ލޮލުގެ ކަޅި މިރުޒާއަށް ހުއްޓިފައި ހުރިކަން ފާހަގަކުރެވުނެވެ.

މިރުޒާ ހިނިތުންވެލިއެވެ. “ތައްޔާރުތަ؟”

އޭނާ ބޯ ޖަހާލިއެވެ. އެހިސާބުން އެ ރޭގެ ވަގުތުތައް ފެށުނެވެ.

*****

ވަޝިއްޔާ ހުރީ ގޭޓު ކައިރީގައި މިރުޒާގެ ކާރު އަންނަ މަންޒަރު ބަލާށެވެ. ކާރު މަޑުކުރުމުގެ ކުރިންވެސް އެއީ މިރުޒާގެ ކާރުކަން އޭނާއަށް އެނގުނެވެ. މިރުޒާ ކާރުން ފޭބި ވަގުތު، ވަޝިއްޔާގެ ހިތް ބާރަށް ތެޅިލިއެވެ.

އޭނާ ފެންނަ ފެނުމަށް ހީވަނީ ފިލްމީ މަންޒަރަކުން ނުކުމެގެން އައި މީހެއްހެންނެވެ. އެހެނަސް އޭނާގެ ކިބައިގައި ހުރި ތަފާތު ސިފަތަކުގެ ސަބަބުން އެ އަޅާކިޔުން ނުތަނަވަސްކަމަކަށް ބަދަލުވިއެވެ. އޭނާއަކީ ރީތި މީހެކެވެ. ނަމަވެސް އެއީ އާދައިގެ ރީތިކަމެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރި ސާބިތުކަމާއި، އަތުގައިވާ ޓެޓޫތަކާއި، އުޅުމުގައި ހުރި މިނިވަންކަމުގެ ސަބަބުން އޭނާގެ ކިބައިން ފެންނަނީ ވަރުގަދަ މިޒާޖެކެވެ.

އޭނާ ހަނދާންކޮށްދެނީ ފިލްމުތަކުގައި ފެންނަ، އެއްފަހަރާ ބަތަލެއްގެ ސިފައާއި ވިލަންއެއްގެ ނުރައްކާތެރި ސިފަތައް އެކުލެވިގެންވާ ކެރެކްޓަރެއްގެ މަތިންނެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 5

އޭނާއަށް މިރުޒާދެކެ އެހާ ގަޔާ ވެވެނީ ކީއްވެގެން ބާވައޭ ހިތަށް އެރިއެވެ. މިރުޒާއަކީ މީހެއްގެ ފިރިއެއްކަން އޭނާއަށް އެނގެއެވެ. އޭނާގެ އާއިލާއެއް އޮންނަކަންވެސް އެނގެއެވެ. އަދި މިރުޒާއަކީ އާދައިގެ މާޒީއެއް އޮތް މީހެއް ނޫންކަންވެސް އޭނާއަށް އިޙުސާސް ކުރެވެއެވެ.

މިރުޒާގެ ބައެއް ކަންކަމަކީ ވަޝިއްޔާއަށް އޮޅުން ފިލާފައިވާ ކަންކަމެއް ނޫނެވެ. އެއީ އޭނާއާ ދުރުގައި ހުރުމަށް ފުދޭވަރުގެ ސަބަބެކެވެ. ނަމަވެސް، ހިތުގެ ޝައުޤުވެރިކަމަކީ ބުއްދީގެ ހަމަތަކަށް ތަބާވާ އެއްޗެއް ނޫނެވެ.

މިރުޒާއާއެކު ވަގުތު ހޭދަކުރަން އޭނާ ހުރީ ބޭނުންވެފައެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގައި ނުތަނަވަސްކަން އުފެދުނީ، އޭގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތައް އެނގޭތީއެވެ.

މިއީ ގޯސް ނިންމުމަކަށް ވެދާނެއެވެ. ފަހަރެއްގައި މިއީ ރީތި، އެހެނަސް ނުރައްކާތެރި ގޯހަކަށް ވެދާނެއެވެ. އެހެންވިޔަސް، މިރުޒާ އޭނާއަށް ކާރުގެ ދޮރު ހުޅުވައިދިނުމުން، ވަޝިއްޔާ ކާރަށް އެރިއެވެ. ފުރަތަމަ ފަހަރަށް އޭނާ އިނީ މިރުޒާގެ ކައިރީގައި، ކުރީ ސީޓުގައެވެ.

*****

“ކޮންތާކަށް؟” ކާރު ދުއްވަން އިށީނދެލަމުން މިރުޒާ އެހިއެވެ.

“ހަމަހިމޭން، ރީތި ތަނަކަށް.”

މިރުޒާ އޭނާއަށް ބަލައިލިއެވެ. “ތިޔައީ ވަރަށް ސާފު އިރުޝާދެއް.”

ވަޝިއްޔާ ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“ބާރު މިއުޒިކާއި، ދިއްލިފައިވާ ބޮކިތަކާއި، އަދި ނުދަންނަ މީހުންނާ ވާހަކަދައްކަން އުޅޭ މީހުން ނޫޅޭ ކަހަލަ ތަނަކަށް.”

“އިތުރު ކަމެއް؟”

“އާނ. ސައި ބޮއިލައިގެން ކުޑަކޮށް އެއްޗެއް ކާލަން ބޭނުން.”

މިރުޒާއަށް ހެވުނެވެ.

“ސަޔާއި ކާ އެއްޗެހި؟ ކާ އެއްޗެހި ހޯދަން ދާހިތުންތަ މިޔޮށް ލަސްވީމަ އަހަންނަށް ތި ގުޅީ؟”

“އަހަރެން ގުޅީ ބޭރަށް ނިކުންނަން ބޭނުންވެގެން. ސަޔާއި ކާ އެއްޗެހި އެއީ އިތުރު ކަމެއް.”

“އެނގިއްޖެ.”

“އަދި ތާޒާ ވައި ލިބޭ ތަނަކަށް ވާންވާނެ.”

“މަޑުމައިތިރި، ހަމަހިމޭން، ތާޒާ ވައި، ސަޔާއި ކާ އެއްޗެހި. މެޑަމް، އިތުރު ކަމެއް އެބައޮތްތަ؟”

ވަޝިއްޔާ މިރުޒާއާ ދިމާލަށް އެނބުރުނެވެ. “އަހަންނަށް މަލާމާތް ނުކުރޭ.”

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 4

“މަލާމާތެއް ނުކުރަން. އަހަރެން މިކަމާ ވަރަށް ސީރިއަސް.”

ވަޝިއްޔާއަށް ހެވުނެވެ. އެއީ މަޑުމަޑު ހިނިތުންވުމެއް ނަމަވެސް، އެ އަޑު އިވުމުން މިރުޒާއަށް ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެއް ލިބުނެވެ.

މިރުޒާ ކާރު ދުއްވާލިއެވެ.

“އެހެންވީމާ، ގެންދާނެ ސީދާ ތަނެއް އަހަންނަށް އެނގިއްޖެ.”

އެ ވަގުތު މުޅި ސަހަރު އޮތީ އަމާންކޮށެވެ. ފިހާރަތައް ބަންދުކޮށް، މަގުމަތީގެ ބާރުބޮޑުކަން ކުޑަވެ، މަދުން ނަމަވެސް ޓެކްސީތަކާއި ލަސްވެގެން ގެއަށްދާ މީހުން ފެންނަން އޮތެވެ. ވިޔަފާރި ސަރަހައްދުތަކުގެ އަލިގަދަ މަގުތައް ފަސްދީ، ހަމަހިމޭން މަގުތަކަކަށް ކާރު ވަދެގެން ދިޔައެވެ.

ފުރަތަމަ ކޮޅު ދެމީހުން ކުރެ އެކަކުވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. ވަޝިއްޔާ ކުޑަދޮރުން ބޭރު ބަލަމުން ދިޔައެވެ. ބަންދުކޮށްފައިވާ ފިހާރަތަކުގެ ދޮރުތަކާއި، ކުޑަ ބޭކަރީއެއްގެ މަތީގައި ދިއްލިފައި ހުރި ބޮކިތަކާއި، މަގު ހުރަސްކުރި ކުއްތާއަކާއި، އަދި މަގުމަތީ ފިހާރައެއްގެ ބޭރުގައި ގޮނޑިތައް އަތުރަން ހުރި މީހަކު އޭނާއަށް ފެނުނެވެ.

މި އާދައިގެ މަންޒަރުތަކުން ވަޝިއްޔާއަށް ހިތްހަމަޖެހުން ލިބުނެވެ. ދުނިޔެ އެއްވެސް ކަމަކަށް އޭނާގެ ކިބައިން ނޭދި، އޭގެ އަމިއްލަ ހަލުވިމިނުގައި ހިނގަމުންދާ މަންޒަރު ބަލަން ހުރުމަކީ ހިތަށް ލިބުނު ފަރުވާއެކެވެ.

ދޭތެރެއަކުން މިރުޒާ އޭނާއަށް ބަލައިލައެވެ. “އޯކޭތަ؟ ރަނގަޅުތަ؟”

“ކުޑަކޮށް.”

“އެންމެ ރަނގަޅު.”

އޭނާ މިރުޒާއަށް ބަލައިލިއެވެ.

“އައީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.”

“ޝުކުރު އަދާކުރާކަށް ނުޖެހޭނެ.”

“އެނގޭ. އެކަމަކު އަހަރެން ބޭނުންވީ ޝުކުރު އަދާކުރަން.”

މިރުޒާ އިސްޖަހާލައިގެން އިނދެ މަގަށް ސަމާލުކަން ދިނެވެ.

ނުތަނަވަސްވެ ހާސްވެ، ބޭނުންވި ކޮންމެ ވަގުތަކު ވަޝިއްޔާއަށް ގުޅިދާނެ ކަމަށް ބުނަން މިރުޒާ ބޭނުންވިއެވެ. އެއްވެސް ހުރަހެއް ނެތް ހުސްހަށިބައި މީހަކު ފަދައިން އޭނާއަށް އެހީތެރިވުމަށް ހުންނަން ބޭނުންވިއެވެ. ނަމަވެސް އޭނާއަކީ އެފަދަ މީހެއް ނޫނެވެ. އަދި ވަޝިއްޔާގެ ދިރިއުޅުމުގައި ހުރި އުނދަގޫ ހުރަސްތަކާމެދު އެއްވެސް ވިސްނުމެއް ނެތި، އޭނާގެ ގުޅުމަށް އިޖާބަދެވުނުކަމީ މިރުޒާގެ ހިތަށް ނުތަނަވަސްކަން ގެނުވި ކަމެކެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top