ލޭގައި ހުންނަ އިތުރު ހަކުރު ކަރަންޓުގެ އެހީގައި ހަށިގަނޑުން ބޭރުކޮށްދޭ، ޔޫއެސްބީ ޑްރައިވެއްގެ ސައިޒުގެ އިލެކްޓްރޯނިކް އިމްޕްލާންޓެއް ސައިންސްވެރިން ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ.
ސްވިޒަލެންޑުގެ ދިރާސާ ޓީމަކުން ހެދި މި ދިރާސާ ޝާއިޢުކޮށްފައިވަނީ މަޝްހޫރު ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ “ސައިންސް” ގައެވެ. ހަކުރު ބަލި (ޑައެބެޓީސް) ޖެހިފައިވާ މީދާތަކެއް ބޭނުންކޮށްގެން ހެދި މި ޓެސްޓުތަކުން ދައްކާ ގޮތުގައި، މި ޑިވައިސްގެ ސަބަބުން އެންމެ ގަޑިއިރެއްހާއިރުގެ ތެރޭގައި ލޭގައި ހަކުރު ހުރި މިންވަރު އާދައިގެ މިންވަރަކަށް ދަށްކޮށްދީ، މީދާތަކުގެ ބަރުދަން ވެސް ލުއިކޮށްދީފައިވެއެވެ.
“އެކޯ” (އިލެކްޓްރޯކެޓަލިޓިކް ކްލޯޒްޑް-ލޫޕް ހެލްތު އޮޕްޓިމައިޒޭޝަން)ގެ ނަން ދީފައިވާ މި ކުޑަ ޑިވައިސްއަކީ ހަންގަނޑުގެ ދަށުގައި އިންދާ ގޮތަށް ފަރުމާކޮށްފައިވާ ވަޔަލެސް ޑިވައިސްއެކެވެ. މިއީ އިންސިއުލިން ނުވަތަ އެހެންވެސް ބޭހަކާ ނުލައި، ކުޑަ ކަރަންޓު ކޮޅެއް (0.75 ވޯލްޓް އަދި 10 މިލިއެމްޕްސް) ބޭނުންކޮށްގެން ލޭގައި ހުންނަ ގްލޫކޯޒް “ގްލޫކޮނޭޓް” އަށް ބަދަލުކޮށްދޭ އެއްޗެކެވެ. ގްލޫކޮނޭޓަކީ ކިޑްނީ މެދުވެރިކޮށް ކުޑަކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ފަސޭހައިން ބޭރުކޮށްލެވޭ މާއްދާއެކެވެ.
މި ޑިވައިސް މަސައްކަތް ކުރަނީ ކޮންޓިނިއުއަސް ގްލޫކޯޒް މޮނިޓަރ (ސީޖީއެމް) އަކާ ގުޅިގެން “ކްލޯޒްޑް-ލޫޕް” ނިޒާމަކަށެވެ. އެގޮތުން ލޭގައި ހަކުރު މަތިވާ ވަގުތު އޮޓޮމެޓިކުން މި ޑިވައިސް މަސައްކަތް ފަށާއިރު، ސްމާޓްފޯނު މެދުވެރިކޮށް ވެސް މީގެ ކަންކަން ކޮންޓްރޯލް ކުރެވެއެވެ. ހަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި، މާބޮޑަށް ހަކުރު ދަށްވުމުގެ މައްސަލައެއް އަދި ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މީގެއިތުރުން، ހަކުރުގެ ބަދަލުގައި ހަށިގަނޑުގައި ޖަމާވެފައި ހުންނަ ސަރުބީ ވިރުވައިދިނުމަށް ވެސް މި ޑިވައިސް މަގުފަހިކޮށްދެއެވެ.
ޓައިޕް 2 ޑައެބެޓީސް އަދި ފަލަބަލި (އޮބީސިޓީ) އަކީ ދުނިޔޭގެ 2.5 ބިލިއަނަށް ވުރެ ގިނަ މީހުންނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ލެންސެޓް މަޖައްލާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި 828 މިލިއަން މީހުން ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރެއިން %59 މީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުލިބެއެވެ. އެހެންކަމުން، އިންސިއުލިން އިންޖެކްޝަންތަކާއި ބޭސްތަކަށް ބަރޯސާނުވެ ހަކުރު ކޮންޓްރޯލް ކުރެވޭނެ އާ ގޮތްތައް ހޯދުމަކީ މުހިންމު ކަމެކެވެ.
ނަމަވެސް، ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މި ޑިވައިސް އަދި ޓެސްޓުކޮށްފައިވަނީ ހަމައެކަނި މީދަލުގައެވެ. އިންސާނުންގެ ހަށިގަނޑުގައި މި ޑިވައިސް ބޭނުންކުރުމުގެ ރައްކާތެރިކަމާއި ފައިދާ ކަށަވަރުކުރުމަށް އަދި އެތައް އަހަރެއްގެ އިތުރު ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ބޭނުންވާނެއެވެ. އަދި މުސްތަޤުބަލުގައި މިފަދަ ޓެކްނޮލޮޖީއެއް ތަޢާރަފުވި ނަމަވެސް، ބަލި ދެނެގަތުމާއި އަދި އަސާސީ ފަރުވާގެ ބަދަލުގައި މިއީ ހަމައެކަނި އިތުރު އެހީއެއްގެ ގޮތުގައި ބެލުމަށް ދިރާސާވެރިން އިލްތިމާސްކުރެއެވެ.
